ރާއްޖެއިން ބޭރުގައި ޢުމުރުގެ ކޮންމެވެސް ދުވަސްކޮޅެއް ހޭދަކޮށްލުމުގެ ނަޞީބު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑު ދުވަސްތައް ހޭދަކުރި އެއް ޤައުމެއްގައި، އަވަހަށް މުއްސަނދިވުމުގެ އުއްމީދުގައި އުޅޭ މީހުން ގަންނަނީ ލޮޓަރީ ޓިކެޓެވެ. ނަޞީބު ރަނގަޅު މީހުންނަށް ލޮޓަރީ ދިމާވެގެން މުއްސަދިކަން ލިބެއެވެ. އަޅުގަނޑު ދުވަސްކޮޅެއް ހޭދަކުރި އަނެއް ޤައުމުގައި ސަރުކާރާއެކު މަސައްކަތްކޮށްގެން ރެޔަކާއި ދުވާލުން ބައެއް މީހުން މިލިއަނަރުންނަށް ވެއެވެ. މިދެ ޤައުމުންކުރެ އެއްވެސް ޤައުމެއްގައި އަވަހަށް މުއްސަދިވުމުގެ އުޞޫލަކީ އަޅުގަނޑުގެ ޙަޔާތުގެ ބާކީ އޮތްބައި ހޭދަކުރުމަށް ނިޔަތް ގަނެގެން ހުރި މި ކުޑަކުޑަ ދިވެހިރާއްޖޭގައި ގެންގުޅެން އަޅުގަނޑު އެދޭނެ ގޮތެއް ނޫނެވެ
.
ރާއްޖޭގައި ގިނަ ޕާރޓީތައް އެކުލެވޭ ޑިމޮކްރެޓިން ނިޒާމެއް ހިނގަން ފެށިފަހުން ފެނިގެން މިދަނީ ރައްޔިތުންގެ މަޖިލީހަށް އެތެރެވާ ކޮންމެ ސިޔާސީ މީހަކުވެސް ގަދަބާރުއަޅައިގެން ބަލަމުން ގެންދަނީ ސަރުކާރު ފަޅިއަށް ކޮޅެއް އެޅޭނީ ކިހިނެއްތޯއެވެ. އެއީ އެކިއެކި ޑީލްތަކުގައި ބައިވެރިވުމަށްޓަކައެވެ. ނަމަވެސް އަޅުގަނޑުމެނަށް ދައްކަމުންދާ މިސާލުތަކުން، އަޅުގަނޑުމެންގެ ދަރިންނަށް މިދަސްކޮށްދެނީ، ކަމެއް ޙާޞިލްކުރެވޭނެ، އަދި ބަޔަކު އެ ކަމަކަށް އިޙްތިރާމްކުރާނެ ހަމަ އެކަނި ގޮތަކީ ޑީލެއްގެ ތެރޭން ކަމެއް ކުރީމާ ކަމަށެވެ.
އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން މަތީތަޢުލީމު ހާޞިލުކުރަން ޔުނިވަރސިޓީތަކުގައި ކިޔަވަމުން އަންނަ ޒުވާން ކުދިން ކޮފީއަށް ކެފޭތަކަށް ގޮސް، އެކިކަހަލަ ޑީލްތައް ހެދުމުގެ މަޝްވަރާތަކުގައި ތިބޭ ސަބަބަކީ މިއީއެވެ. މިއީ، އަޅުގަޑުމެން ފުށުން ފެންނަ ނަމޫނާގެ ނަތީޖާއެވެ.
ކޮރަޕްޝަން ހެއްވާ ކަމަކަށް މިހާރު ވެފައި މިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކޮންމެ ރައީސަކުވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ވިދާޅުވާ އެއްވާހަކައަކީ ސަރުކާރުގެ އިސްފަރާތްތަކުން ކޮރަޕްޝަނަށް އަރައިގެންފިނަމަ އެމީހަކު އެކަމަށް ފުރިހަމައަށް ޒިންމާ އުފުލަންޖެހޭނެ ކަމަށް ވިދާޅުވާ ވާހަކައެވެ. ނަމަވެސް ކޮރަޕްޓްވެގެން އެކަމާ ޒިންމާ އުފުލަންޖެހުނު، ނުވަތަ ޖަވާބުދާރީ ކުރެވި، އެމީހަކާމެދު ޝަރީއަތް ކުރެވުނު އެއްވެސް ސިޔާސީ އިސް މީހަކު، އަދި މިހާތަނަށް އަޅުގަނޑަކަށް ނުފެނެއެވެ. ފައިސާއަށް ޚިޔާނާތްތެރިވެގެން ކުށްސާބިތުކުރެވުނު އެއްވެސް ސިޔާސީ މީހަކު ނެތޭ ބުނުމަކީ މުޅިއަކުން ދޮގެއް ނޫނެވެ. ކުރީގެ ނާއިބު ރައީސް އަދީބުގެ ކޮރަޕްޝަން މައްސަލައެއް ގޮތުގައި ނެގުނީ ވެރިކަމަށް އަންނަން ބޭނުންވެގެން ރައީސް ޔާމިނާ ދެމެދު ހިނގި ކޯޅުންގަނޑެވެ. އަދީބު ވެރިކަމަށް އައުމަށް ރައީސްގެ ގޮނޑި ހެލުވުމުގެ ކުރީގައި އަދީބުގެ ފަސާދައިގެ މައްސަލައެއް ސަރުކާރުން ނުނަގައެވެ.
މިއަދު އަދީބު އެހުންނެވީ ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުވެފައެވެ. މިއާއެކުވެސް ބަޔަކު ގޮވަމުން ދަނީ އަދީބު މިނިވަން ކުރުމަށެވެ. އަޅުގަނޑުގެ ސުވާލަކީ ޤައުމުގެ ފެންވަރުގައި ކޮރަޕްޝަން ބަލައިގަންނަން އަދިވެސް އަޅުގަޑުމެން ތައްޔާރު ނުވަނީ ތޯއެވެ. ތެދު ޙަޤީޤަތް ބަލައިގަންނަން އަދިވެސް ތައްޔާރު ނުވަނީތޯއެވެ. ނިމިދިޔަ ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް ހިމެނިގެން ހިންގުނު މަޝްރޫއުތައް ހަމަ އެންމެ ރަނގަޅުކަމަކަށް ވެގެން މިހާރު ވާހަކަ ދައްކަމުން އެބަދެއެވެ. މިޤައުމުގައި ކޮރަޕްޝަނާބެހޭ ގޮތުން މަޝްވަރާކުރަން ފެށޭނީ ކޮރަޕްޝަން ހިމެނިގެން ކުރެވޭ ކަންކަން އެއީ ކޮރަޕްޝަންކަން ބަލައިގަންނަން ތައްޔާރުވާ ހިދުން ފެށިގެންނެވެ.
މި ޤައުމުގައި، ކޮރަޕްޝަނަށް ބަލާއިރު އަޅުގަނޑުމެން ހުރިހާ އެންމެންވެސް ހިމެނޭ ގޮތުން، ގާތްގަޑަކަށް ހުރިހާ ސިޔާސީ މީހުން އިސް ސަފުގައި ހިމެނޭނެއެވެ. މުބާރާތަކަށް ނިސްބަތްކުރާކަމަށް ވަނީނަމަ އަޅުގަނޑު ދަންނަވާނީ ރައްޔިތުން މަޖްލިސް އެއީ ޕްރިމިއާ ލީގު ކަމަށެވެ.
އަޅުގަނޑަށް މިހެން ދަންވަން ކެރެނީ، އަޅުގަޑުމެން އެންމެންނަކީވެސް ކޮރަޕްޓް މީހުންކަމަށްވާތީއެވެ. އަޅުގަޑުމެން އޮޅުވާލަށް މިއުޅެނީ ކާކަށްހެއްޔެވެ؟ ކޮރަޕްޝަނަކީ އަޅުގަނޑުމެންގެ ތެރޭގައި ޒަމާންތަކެއް ކުރިން ފެށިގެންވެސް ހިންގަމުން ގެންދާ ޢަމަލެކެވެ. ތާރީޚްގެ ފަތްފޮތްތަކުން މިކަން ފެންނަން އެބަހުއްޓެވެ. މިއީ، ސާބިތު ހިފޭގޮތަށް، 19ވަނަ ޤަރުނުން ފެށިގެން ވެރިންގެ ފުށުން ފެންނަށް ހުރި ކަންކަމެވެ.
ވަކި ބަޔަކަށް ވަޒިފާ ފުރުޞަތު ދިނުމާއި ކުރިއެރުން ދިނުމުގައި އިސްކުރުމުގެ ކަންތަކަށް ނިކަން ބައްލަވާލައްވާށެވެ. އަޅުގަޑުމެންގެ އޮފީސްތަކަށާއި ކުންފުނިތަކުން ޖާގަލިބެނީ އަޅުގަނޑުމެންގެ ރައްޓެހިންނާއި ޢާއިލާގެ މީހުންނަށެވެ. އަޅުގަނޑުމެން ކަންކަން ނިންމުމުގައި ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކަށް ފަހިވާގޮތަށް ކަންކަން ހިންގައެވެ. ބުރަ މަސައްކަތުން ރަނގަޅު ނަތީޖާ ޙާޞިލްކުރާ ކުއްޖާގެ މަސައްކަތް އެކަށީގެންވާ ގޮތަށް ފާހަގަކުރުމުގެ ގޮތުން އެނާއަށް ފުރުޞަތު ދެވޭތޯއެވެ.
އަޅުގަނޑުމެން ކޮރަޕްޝަނާ ފުރިހަމަޔަށް ކުރިމަތިލައި އެމަސްއަލަ ޙައްލުކުރަން ތައްޔާރުތޯ ޙަޤީޤަތުގަވެސް ސުވާލު އުފެދެއެވެ.
އައު އަހަރުގެ މުނާސަބަތުގައި މޭލޭޝިޔާގެ ޕްރައިމިނިސްޓަރ ޑރ. މަހާތިރު މިއަހަރު ވިދާޅުވީ އައު އަހަރުގައި އޭނާގެ އުންމީދަކީ މެލޭޝިއާއިން ކޮރަޕްޝަން ފޮހެލުންކަމަށެވެ. ހަތްމަސް ދުވަސްވީ ކޯލިޝަންގެ މަޤްޞަދަކީ ޤައުމު ކޮރަޕްޝަނުން ސާފުކުރުމެވެ. ކުރީ ސަރުކާރު ވެއްޓެން ދިމާވި އެންމެ ބޮޑު ސަބަބަކީ ކޮރަޕްޝަނާއި ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުމެވެ.
އަޅުގަނޑުމެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަމޭ ބުނާއިރު، ހަމަ އެކަނި ދަށް މަގާމުތަކުގައި ތިބޭ ފަރާތްތައް ހައްޔަރުކުރުމަކުން އަދި ވަށާޖެހޭ މަސައްކަތެއް ނުކުރެވެއެވެ. އަޅުގަނޑުމެންގެ މިނިވަން މުއްސަސާތައް މިނިވަންކަމާއެކު ހިންގޭނެ މަގު އެބަ ތަނަވަސްކޮށްދޭން ޖެހެއެވެ. ކޮރަޕްޝަނާ ހަގުރާމަކުރަން އަޅުގަނޑުމެން ހަގީގަތުގައިވެސް ސީރިއަސްނަމަ، އެ މުއައްސަސާތަކުގައި ވެސް ދަތްޕިލައެއް ހަރުކޮށްދޭންޖެހެއެވެ. އެހެންނޫނީ މިޔަރު ޖެހިލުމެއް ނުވާނެއެވެ. މިހާރު އޮތްގޮތުން މިޔަރެއް ފެންނައިރަށް އަޅުގަނޑުމެންގެ މިނިވަން މުއައްސާތައް މިޔަރު ޙިމާޔަތްކޮށްދޭން ފަށައެވެ.
މިޤައުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ފަރުދީ ޒިންމާ އުފުލާ ފަރާތަކަށް ވުމެވެ. ނަމަވެސް އެކަން ކުރަން އަޅުގަނޑުމެން އަދިވެސް ތައްޔާރެއް ނޫނެވެ.
ﷲގެ ތަނަވަސް ރަޙުމަތްފުޅުން އަޅުގަޑުމެންނަށް ދުނިޔޭގައި މި އުޅެވެނީ ހަތްދިހަ ވަރަކަށް އަހަރުކަން އަޅުގަޑުމެން ދަންނަން އެބަޖެހެއެވެ. އޭގެ ފަހުން ﷲ ގެ ޙަޟުރަތަށް ރޫޖޫޢު މިވަނީ އެއްކުރި މުއްސަދިކަމާ މުދާ ދޫކޮށްފައިކަން އެނގެން އެބަޖެހެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ކޮންޓްރެކްޓެއްވެސް މި ލިބެނީ ވަކި މީހަކާ ގުޅުން ހުރި ފަރާތްތަކަށެވެ. އެ މީހާ ދަނީ ދުވަހެއް ދުވަހަކަށް މުއްސަނދިވަމުންނެވެ. ތަނަވަސްވަމުންނެވެ. ސަރުކާރަށް ހޯދައި ޚިދުމަތެއް ނުވަތަ މުދަލެއްގެ އަގުވެސް ލިބެނޭ ކޮންމެވެސް މީހަކަށް "ކަޓެއް" ދީގެންނެވެ.
މަޖިލީހަށް ރައްޔިތުންނާއި ސީދާ ގުޅުން ހުރި ކިތައް ބިލު ހުށަހެޅޭތޯއެވެ؟ ރައްޔިތުންނަށް މަންފާއެއް ނުކުރާގޮތަށް ނުވަތަ ރައްޔިތުންނަށް ފައިދާހުރި ގޮތަށް ފާސްވެ، ތައްޖެހިގެން ދަނީ ކިތައް ބިލްތޯއެވެ؟ ބައެއް ބިލުތަކުގެ މައިގަނޑު ބޭނުންވެސް ސާފެއް ނުވެއެވެ. މިހެން މިކަން ހިނގަމުންދަނީ ވެސް ހަމަ ކޮރަޕްޝަންގެ ސަބަބުންނެވެ.
އަޅުގަނޑު ދެރަވެ، ހިތާމަކުރަމެވެ. މި ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހިތާމަ ކުރަންޖެހޭނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ވަޒީފާ ނުލިބިފައި އެބަތިއްބެއް ނޫންތޯއެވެ. މިފަދަ ޒުވާނުންނަށް ވަޒީފާ ހޯދޭނެ ގޮތްތައް ބެލުމުގެ ބަދަލުގައި އަޅުގަނޑުމެން އަވަދިނެތި މި އުޅެނީ ޑީލްތައް ހެދުމުގައެވެ. ބޭރުގެ ފަރާތްތަކާ އެކުވެސް މިފަދަ ދީލްތައް ވަނީ ހާދަފައެވެ.
މި ޤައުމުގެ ވިޔަފާރިތަކަށް ބަލާއިރު، ކުރިއަރަމުންދާ ވިޔަފާރިއެއްނަމަ ރަނގަޅަށް ބަލާއިރު އެތަނަކީ ބޭރުގެ ބަޔަކު ހިނގާ ތަނަކަށް ވެފައި އޮވެއެވެ. މިހެން މިވަނީ ކީއްވެތޯ؟ މިހެން މި ވަނީ އަޅުގަނޑުމެން ކަނު ބަނދެގެން އުޅޭތީއެވެ. އަޅުގަނޑު މެންނަކަށް ހުޅުވެމުންދާ ފުރުޞަތުތަކެއް ނުފެނެއެވެ. ހުރިހާ ރެސްޓޯރަންޓްތައް، ނޫނީ ހުރިހާ ފްރެންޗައިޒްތައް މިހާރު ހިންގަމުން ގެންދަނީ ބޭރުގެ ފަރާތްތަކުންނެވެ. ރާއްޖޭގެ ޝިޕިން ކޮންޓްރޯލްކުރަނީ ކޮންބައެއްތޯ؟ އަދި ކުޑަމިނުން ރާއްޖެ އަންނަ ބޯޓެއް ބަލަހައްޓަނީވެސް މިފަދަ ކުންފުނިތަކުންނެވެ. އެމީހުންނަށް މަދަދުދެނީ ސިޔާސީ ނުފޫޒު ހުރި ކޮންމެވެސް ފަރާތްތަކެވެ. ޒުވާނުން ވިޔަފާރީގައި ކުރިއަރައި ދިއުމަށް މިހުންނަނީ ހުސް ހުރަސްތަކެވެ.
އަޅުގަނޑުމެންގެ ވަށައިގެންވާ ފުރުޞަތުތައް ބޭނުންކޮށްގެން ޙައްޤު، ޙަލާލު ގޮތުގައި ދިރިއުޅުމުގެ ކަންތައްތައް ކުރިއެރުވިދާނެކަމުގެ ފިލާވަޅު، އަޅުގަނޑުމެންގެ ޒުވާނުންނަށް ދޭނީ ކޮންއިރަކުންތޯ މިއީ އަޅުގަނޑުގެ ސުވާލުކެވެ.
ބޭރުގެ އިންވެސްޓަރުންނަށް ޤަވާޢިދާ ޚިލާފަށް ލިބިދީފައިވާ ފުރުޞަތުތައް ބަންދުކުރުމަށް މިއަދު ކަންތައްތަކެއް ކުރެވެން އެބަޖެހެއެވެ. އިންވެސްޓަރުން އަޅުގަނޑުމެންގެ އިޤްތިޞާދަށް މުހިއްމުކަން އަޅުގަނޑަށް އެނގެއެވެ. އެހެންނަމަވެސް މި ޤައުމުގައި އަޅުގަނޑުމެންނަށްވެސް ހުރި ފުރުޞަތުތަކަށް އަޅުގަނޑުމެންގެ ލޯ ހުޅުވައިދިނުމަށްޓަކައި މިކަންކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ އިޤްތިޞާދުއަށް އަންނަ ލޮޅުމަކުން މިޤައުމުގެ ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތައް އެހެން ތާކަށް ގެންދާނެ ކަމަކަށް ނުބެލެވެއެވެ.
މިގައުމުގައި، ވަކި މީހަކަށް ވީތީ ނުވަތަ ވަކި މީހަކާ ގުޅުން ހުރި މީހަކަށް ވީތީ ކަންތައް ކޮށްދެވޭ، ނުވަތަ ކޮށްނުދެވޭ އުޞޫލު ބަދަލުކުރަން ބޭނުންނަމަ ޚާއްޞަ ޢިނާޔަތުގެ ދަށުން ކަންކަން ކޮށްދިނުން ހުއްޓެން އެބަޖެހެއެވެ. ކުށެއް ކޮށްފިނަމަ، އެއީ ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް އެ މީހެއްގެ މައްޗަށް ޤާނޫނުގެ ފުރިހަމަ ޙުކޫމަތު ހިނގަން ޖެހޭނެއެވެ. އެފަދަ ދުވަހެއް އައުމުން މެނުވީ މި ޤައުމުގައި ކޮރަޕްޝަން ހުއްޓުމަކަށް ނާންނާނެއެވެ. އެހެން ނޫނީ ކޮރަޕްޝަނަކީ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން އެކަމާ ބެހޭގޮތުން ހަމައެކަނި ވާހަކަ ދައްކާލަ ދައްކާލަ ތިބޭނެ މައުޟޫއަކަށް ނޫނީ ނުވާނެއެވެ. ދެން ޤައުމުގެ ކޮރަޕްޝަން އިންޑެކްސް މައްޗަށްދާތީ ކަންބޮޑުވެޔޭ ބަޔަކު ބުނެލާނެއެވެ.
އަޅުގަނޑުމެން އެންމެންވެސް މިއަދު މިވަނީ މިކަމުގައި ބަލިކަށިވެފައިއެވެ. ޚުދު މަޖިލީހުގެ ތެރެއިންވެސް އަޅުނގަމެނަށް ފެނިގެން ދިޔައީ މިފަދަ މަންޒަރުތަކެވެ. ބިލްތައް ހުށައަޅާއިރު، ސަރުކާރު ފަޅިން ހުށަހަޅާ ގިނަ ބިލުތައް/ ޤާނޫނުތައް ފަރުމާކުރެވިފައި ހުރީ ފައިސާއަށް ޚިޔާނާތްތެރިވެވޭ ގޮތަށް ބާރުތައް އުފެއްދުމަށެވެ. މަޖިލީހަށް ވަންނަ ބިލުތައް ރަނގަޅަށް ކޮމިޓީ މަރުޙަލާގައި ދިރާސާނުކޮށް، މަޖިލީހުގެ ތަޅުމުގައި އެދެވޭ މިންވަރަށް މަޝްވަރާނުކޮށް ބިލު ފާސްކުރުމަކީވެސް ކޮރަޕްޝަނެވެ.
ކޮރަޕްޝަން މި ޤައުމުގައި އަށަގެންފައިވާ މިންވަރުން، ކޮރަޕްޓް މީހެއް ނޫންނަމަ އެމީހަކީ މި ޤައުމުގެ މީހެއް ނޫނޭ ބުނެވިދާނެއެވެ. އެހާމިންވަރަށް މިކަން މިވަނީ އާންމުވެފައެވެ. އަޅުގަނޑުމެން ވާންވީ ކޮރަޕްޝަނާ ބެހޭގޮތުން ވާހަކަދައްކާ އަދި ހަމަ އެއާއެކު ފަރުދީ ޒިންމާ އުފުލަން ކެރޭ، އެކަމަށް ތައްޔާރުވެފައި ތިބޭ ބަޔަކަށެވެ. މިވެނި މީހަކަށް ވަޒީފާ މިދެނީ އޭނާގެ ތަޢުލީމީ ފެންވަރާއި ހުނަރުގެ މައްޗަށް ބަލާފައޭ އަޅުގަނޑުމެނަށް ބުނަންކެރެންވީއެވެ. އޭނައަށް ވަޒީފާ ލިބުނީ ތިމަންމެންގެ ޕާރޓީއަށް ނުނީ މަޖިލީހުގެ މެންބަރެއްގެ ގާތްމީހަކަށް ވާތީއެއް ނޫނޭ ބުނަން ކެރެންވީއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރައީސް ފަށްޓަވާފައިވާ މަސައްކަތަށާއި ގެންގުޅުވާ އުޞޫލުތަކަށް އަޅުގަނޑު ފުރިހަމަޔަށް ތާއީދުކުރަމެވެ. އަދި މިކަމުގައި ޙަޤީޤީ މަސައްކަތްޕުޅެއް ކުރައްވާނަމަ، ތާއަބަދަށް ތާއީދު ލިބޭނެއެވެ. އަޅުގަނޑުމެން ކޮރަޕްޝަނޭ ކިޔާފައި ދައްކާ ވާހަކަތަކަކީ ހަމައެކަނި ފޫހިފިލުވާލުމަށް ދެކެވޭ ވާހަކައަކަށް، ޖޯކަކަށް ނުހަދަމާތޯއެވެ. އަޅުގަނޑުމެންނަކީ ބަހާއި ޢަމަލާ ސީދާވާ ބަޔަކަށް ވަމާތޯއެވެ. ހަމައެކަނި ބަހުން އެކަން ކޮށްފައި ޢަމަލުން ނުކުރާ ބަޔަކަށް ނުވަމާތޯއެވެ.
މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ޙަޤީޤީ ކޮރަޕްޝަނަކީ ކޮބާތޯއެވެ؟ އިހުމާލަކަށް އަޅުގަނޑުމެން އަޅައެއް ނުލަމުއެވެ.
ސަރުކާރުގެ ވަޒީފާގައި ހުރެ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކުރެވޭ އެއްވެސް ޢަމަލެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުހުރެއެވެ. ކުރާ ހުރިހާ ކަމެއްގެ ޖަޒާ ލިބެނީ ދައުލަތަށެވެ. ބަދަލުދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ.
ޤައުމުގައި ހިނގައި ދިޔަ ކޮރަޕްޝަންގެ ގިނަ ޢަމަލުތައް މީޑިއާގައި ލިޔެވިފައި އެބަހުއްޓެވެ. މަޖިލީހުގެ ތަޅުމުގައި ކޮރަޕްޝަން އަށަގެންފައިވާ ވަރުގެ ވާހަކަތަށް މެންބަރުން ވަރަށް ގިނައިން ދައްކަމުއެވެ. މިފަދަ މައްސަލަތައް ޙައްލުކުރާނެ ގޮތަކާމެދު އަޅުގަނޑުމެން މިއަދު މިވަނީ ސީރިއަސްކޮށް ވިސްނަންޖެހިފައެވެ. މިކަމުގައި އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ ކެޕޭސިޓީ އިތުރުކުރުމެވެ. އަދި އެކަމުގެ ތެރެއިން، ކޮރަޕްޝަން ހުއްޓުވޭނެ އައު ޤާނޫނުތައް ފާސްކުރަންވީއެވެ.
އަޅުގަނޑުމެންގެ މައިގަނޑު މަސްއަލައަކީ ރައްޔިތުން ބާރުވެރިކުރެވޭނެ ފަދަ މިނިވަންކަމެއް ދޭން މަސައްކަތް ކުރެވިފައި ނެތުމެވެ. ކޮރަޕްޝަނާ ހަނގުރާމަކުރަން ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ތައްޔާރުނަމަ ކުރަންވީ ކަމަކީ ރައްޔިތުން ބާރުވެރިކުރެވޭނެ ފަދަ ނިޒާމެއް (ޓޫލްއެއް) އެކުލަވާލައި ޤާއިމްކުރުމެވެ. އީޖާބީ ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމަށް، ހުރަސް އެޅުމަށް މިހާރު އޮންނަ ހުރަސްތައް އުވާލަން ވީއެވެ.