މަސްވެރިކަމުގެ ދާއިރާގައި މިއަދު ދިވެހި މަސްވެރިން ހަރަކާތްތެރިވަނީ މަސްވެރިކަމަށް ބޭނުންވާ ރަނގަޅު އާލާތާއި ޒަމާނީ މައުލޫމާތުގެ ބޭނުން ހިފައިގެންނެވެ. މަސްވެރިކަން ކުރާ ދޯނިތަކުގައި މަސައްކަތް ކުރާތަން ގިނައިން ފެންނަނީ ޒުވާނުންނެވެ. މިހާރު މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަކީ ސްމާޓް ފޯނާއި އައިޕެޑް އަތުގައި އޮވެ މަސްވެރިކަން ކުރުމަށް އެހިތެރިވާ އިލުމުގެ ބޭނުންކުރާ ޒުވާނުންނެވެ.

އަދުގެ ޓެކްނޮލޮޖީގެ ބޭނުން މަސްވެރިން ދަނީ ހިފަމުންނެވެ. މަސް ކަނޑަށް ނުކުތުމުގެ ކުރިން އޮޔާއި ވައި ހުރިގޮތް ބަލަނީ އިންޓަނެޓުން ވިންޑް ގުރޫ ފަދަ އެޕްތަކުންނެވެ. މަސް އައިން ހޯދަން ސީސްޓަރ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް ފަދަ ތަންތަނަށް އިޝްތިރާކު ދީގެން މައުލޫމާތު ނަގައި އެ މައުލޫމާތު ދިރާސާކޮށްގެން މަސްއައިނަށް ދަތުރުކުރާ މަސްވެރިންވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު އުޅެ އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ މަސްވެރިކަމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ޚާއްސަކޮށް ކަންނެލީގެ މަސްވެރިކަމަށެވެ. މަސްވެރިކަން ކުރުމަކީ ވަޒީފާ އަދާކުރުން ކަމަށް ބަލައިގަނެ ގިނަ ޒުވާނުން މިހާރު ދަނީ މި ދާއިރާގައި ހަރަކާތެރިވަމުންނެވެ. ކަންނެލި ދޯނިން މަސްވެރިކަމަށް ދާނެ ފަޅުވެރިން ނެތިގެން ދޯނި ފަޅުގައި ބާއްވާނެ ފުރުޞަތެއް ނުވެ އެވެ.

މިދެންނެވި މާހައުލަށް ލޮޅުން އަރާފާނެ ނިޝާންތައް މިހާރު އެބަ ފެނެއެވެ. އެއީ ގައުމުގެ އެތެރޭންނާއި ބޭރުން މަސްވެރިކަމާއި ގުޅުން ހުރި ސިޔާސަޔަތުތަކަށް އަންނަމުންދާ ބަދަލުގެ ސަބަބުންނެވެ. ނަތީޖާ އަކީ މަސްވެރިން ކުރާ މަސައްކަތަށް ހަމަ އުޖޫރަ ލިބުން ދަތިވުމެވެ.

 

މިއަދު ކަންނެލި ގަނެ ބަންދުކޮށް ބޭރުކުރާ ފެކްޓަރީ ތަކުގެ ދައުރު ފުޅާވެއްޖެ އެވެ. ފެކްޓަރީއެއް ނެތި އެކްސްޕޯޓް ކުރާ ފަރާތްތަކެއް ނެތެވެ. ފެކްޓަރީތަކުން އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތި ކުރުވައިގެން އަމިއްލަ އެކްސްޕޯޓަރުން މަންޒަރުން ބޭރުކުރުވައިފި އެވެ. ބޭނުމަކީ މަސް ހޯދުމަށް އޮންނަ ވާދަވެރިކަން ކުޑަކޮށް، ފެކްޓަރީތަކަށް މަހުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު ގެނައުމެވެ.

އަށެއްކަ ފެކްޓަރީގެ މެދުގައި މަސްވެރިން ބާނާ މަސް މިހާރު މިދަނީ ބެހިގެންނެވެ. ކޮންމެ ބައެއްގެ ޚަރަދުތައް ހުރީ އެއްކަހަލަ ގޮތަކަށް ކަމަށް ވާތީ މަހުގެ އަގު އޮންނަނީ ގާތް ގަޑަކަށް ކަނޑައެޅިފަ އެވެ. ފެކްޓަރީތަކަށް އަގު ކަނޑައެޅުމުގެ ބާރު ލިބުމާއެކު، ކުރިން އަމިއްލަ އެކްސްޕޯޓަރުން ހަރަކާތްތެރިވީއިރު މަހުގެ އަގު ހުރި މިންގަޑަށް ވުރެ މައްޗަށް މަހުގެ އަގެއް ނާރަ އެވެ. އަމިއްލަ އެކްސްޕޯޓަރުން މަންޒަރުން ކައްސާލި ފަހުން ވޭތުވެ ދިޔަ އަހަރުތަކުގައި ކަންނެލި މަހުގެ އަގު ކިލޯއެއް 100 ރުފިޔާ އަކަށް ވުރެ މައްޗަށްކަށް ނުދެއެވެ.

ހަމަ މިއާއެކު، ފެކްޓަރީތަކައް ވެސް ކޮންޓްރޯލު ނުކުރެވޭ ފަދަ ބައެއް ސިޔާސަތު ވަނީ ބައިނަލްއަޤްވާމީ މުއައްސަސާތަކުން ކަނޑައަޅާފަ އެވެ. އީޔޫ އިން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ މިވަނީ 22 އިންސައްތައަށް ބޮޑުކޮށްފަ އެވެ. ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމަށް އީޔޫއިން ޑިއުޓީ ނުނަގާ ގައުމުތަކާއި މިހާރު މިޖެހެނީ ވާދަކުރާށެވެ. މަސް ގަންނަ ވިލާތުގެ ކުންފުނި ތަކުން ރާއްޖޭގެ މަހަށް ކުރިން ދިން އަގެއް މިހާރަކު ނުދެވެ އެވެ. ރާއްޖޭގެ މަހަށް ޑިއުޓީ ނަގަން އީޔޫ އިން ކަނޑައެޅީ ރައްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ނޭދޭވޭ ކަންކަމާއި ގުޅިގެން ކަމަށް ވުން ވަރަށް އެކަށީގެންވެ އެވެ. ރާއްޖޭގެ މަހަށް ވިލާތުގެ އިއްތިހާދުން ނަގާ ޑިއުޓީ ކުޑަކުރުމަށް ވަރަށް ގިނަ މަސްކަތްވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މިޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރަކަށް ފުރުސަތެއް ނުލިބެއެވެ.

 

ފާހަގަކޮށްލަން ޖެހޭ އެނެއްކަމަކީ، މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން ބަދަލު ގެނައުމާ ގުޅިގެން، ރާއްޖޭގެ ސަރަހައްދުގައި ލައިސަންސް ލިބިގެން މިހާރު ބޭރު ގައުމުތަކުގެ މަސްވެރިން ހަރާތްތެރިވެއެވެ. ބޭރުގެ މަސްވެރިން ބާނާ މަސްވެސް ވިއްކަނީ ރާއްޖޭގެ މާކެޓަށެވެ. އާދެ! މަސް ބަންދުކޮށް ބޭރުކުރާ ފެކްޓަރީތަކަށެވެ. މަސްވެރިކަން ކުރާ ބޭރުގެ ފްލީޓްތައް މަސައްކަތްކުރަނީ ކޮންމެވެސް ދިވެހި ފެކްޓަރީއެއްގެ ހިޔާވަހި ކަމުގެ ދަށުގަ އެވެ. ދިވެހިންނާއި ބޭރުމީހުންވެސް ބާނާ މަހުގެ ސްޓޮކް ލިބިގަންނަން ތިބީ އެއް ފެކްޓަރީތަކެއް ކަމުން ދިވެހި މަސްވެރިން ބާނާ މަހަށް އޮންނަ ޑިމާންޑް މިވަނީ ކުޑަވެފައެވެ.

ބައެއް މަސްވެރިން ތުހުމަތު ކުރާ ގޮތުގައި މަސްވެރިކަމުގެ ނަމުގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ބޯޓުފަހަރުގައި މަސްވެރިކަން ކުރާ އާލާތެއް ނުހުރެ އެވެ. އަދި ދިވެހި މަސްވެރިން މަހުގެ ދަތުރެއް ނިންމާފައި ލެފުމުގެ ކުރިން މި ބޯޓުތައް މަހުން ބަރާކޮށްގެން ލަފަ އެވެ. މާނައަކީ މިބޯޓުފަހަރު މަސްބާނަނީކީ ނޫނެވެ. ކޮންމެވެސް ތާކުން / ބޯޓަކުން ރާއްޖެއަށް މަސް އެތެރެކުރަނީ އެވެ. މިކުރެވޭ އިލްޒާމަކީ ހަގީގަތެއްނަމަ، މިއީ ރާއްޖެވެސް ބައިވެރިވާ ބައިނަލްއަގްވާމީ ކޮންވެންޝަން ތަކާ ޚިލާފު މައްސަލައެކެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުން ބާނާ މަހަކީ އެއްވެސް ގައުމަކަށް ނިސްބަތްވާ މަހެއް ނޫނެވެ. އަދި ގިނަ ފަހަރު މިމަސް ބާނަނީ އެއްވެސް ގައުމެއްގެ ލައިސަންސެއް ނެތް ބޯޓު ފަހަރުންނެވެ. މިގޮތަށް ބާނާ މަސް ވަރަށް ހެޔޮ އަގުގައި ގަންނަން ލިބެ އެވެ. ސަބަބަކީ އީޔޫ ނުވަތަ އެމެރިކާ ފަދަ މަހުގެ ބޮޑެތި މާކެޓްތަކަށް ވެއްދެނީ ކޮންމެވެސް ގައުމަކަށް ނިސްބަތްވާ މަހެވެ. މިފަދަ މަސް ރާއްޖޭގެ ފެކްޓަރީތަކަށް ކިރުވައި، ރާއްޖޭގެ ނަމުގައި އެކްސްޕޯޓު ކުރާނަމަ އެއީ މަނީ ލޯންޑަރިން ފަދަ ކަމެކެވެ.

 

މަސްވެރިކަމުގެ މާހައުލު މިގޮތަށް ބާއްވައިގެން ރާއްޖެއަށް ނިސްބަތްނުވާ، ބޭރުގެ މަސްވެރިން ރާއްޖޭގައި ބޭނުން ގޮތަކަށް ހަރަކާތްތެރިވާން ދޫކޮށްލައިގެން އަދި ރާއްޖެގެ މަހުގެ އަގަށް އެހެން ގައުމުތަކުން ނަގާ ޑިއުޓީގެ މިންގަނޑަށް ބަދަލު ނުގެނެސް ރާއްޖޭގެ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދޭނަމޭ ބުނާ ވާހަކަ ގަބޫލެއް ނުކުރެވޭނެ އެވެ. މިބަދަލުތައް އައިސްފައި މިވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގަ އެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ރާއްޖޭގެ މަސްވެރިންނަށް ފައިދާ ވާފަދަ މަސްވެރިކަމާއި ގުޅޭ ސިޔާސަތެއް ހިންގިފައެއް ނެތްކަމެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުދި ކުދި ފެކްޓަރީތައް އަޅާނެކަމަށް އެއްއިރަކު ޚަބަރުތައް ފެތުރިގެން ދިޔަ އެވެ. އައިސް ޕްލާންޓްތައް އިތުރު ކުރާނެ ކަމަށް ސަރުކާރުން ހާމަކުރި އެވެ. މަސްވެރިންނާއި ސީދާ ގުޅުން ހުރި މިފަދަ ކަންކަން އެކަށީގެންވާ މިންވަރާ ގާތަށްވެސް ކުރެވިފައެއް ނެތެވެ.

މަސްވެރިކަމާ ގުޅުންހުރި ސަރުކާރުގެ މަޝްރޫއުތައް ހިންގައިދޭ ފަރާތަކީ ދައުލަތުގެ މަސް ކުންފުނި މިފްކޯ އެވެ. ވޭތުވެ ދިޔަ ހަތަރުވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިފްކޯއަށް މިވަނީ މީގެ ކުރިން ދުވަހަކުވެސް ނުވާހާ ބޮޑު ގެއްލުންވެފަ އެވެ. ދުނިޔޭގައި މަހުގެ އަގު ދަށަކަށް ނުދެ އެވެ. ރާއްޖެއަށް ބާނާ މަހުގެ އަދަދު މަދެއް ނުވެ އެވެ. އެހެންވީމާ ކުންފުންޏަށް ގެއްލުން ވެފައިވަނީ މެނޭޖްމަންޓްގެ ދޯހަޅިކަމުން ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބައޮތެވެ. ކުންފުނި އަލުން ދިރުވުމަށް މާލީ އޮނިގަޑަށް ބަދަލުގެނަ އެވެ. ނަމަވެސް ހިންގުމުގައި ދެމި ތިބީ ކުންފުނި ބަނގުރޫޓު ވީއިރުވެސް ކުންފުނި ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ.

 

މަސްވެރިނަށް ބޭނުންވަނީ މެރީނާއެއް ކަމާއި އެތަނުގައި ހުންނަ ރެސްޓޯރެންޓަށް ވަނުމުން ވައިފައި ލިބޭނެ ކަމަށް އަދިވެސް ގަބޫލު ކުރެވޭތީ ވަރަށް ދެރަ އެވެ. ރާއްޖޭގެ މަސްވެރިންނަށް މިފަދަ ތަންތަން ބޭނުން ކުރާކަށް ފުރުސަތެއް އަދި ނުލިބެއެވެ. އަހާގޮތުންނަމަ ފެލިވަރުގައި މިގޮތަށް ހެދި މިފަދަ މެރީނާ މިހާރު ބޭނުންކުރަނީ އެހެން ކަމަކަށެވެ. މީގެން ހާމަވަނީ ސިޔާސަތާއި މަސްވެރިންގެ ބޭނުން ތަކާއި ދިމާ ނުވާ ކަމެވެ.

އާދެ! މީގެ ފަސް އަހަރު ކުރިން މަސްވެރިންނަށް ވެފައިވާ ވައުދުތައް އަދި ހުރީ ފުއްދިފައެއް ނޫނެވެ.

މި މަޒްމޫނުވަނީ ވީނިއުސްގައި 8 ސެޕްޓެމްބަރ 2018ގައި ޝާއިއު ކުރެވިފައެވެ.