އަޅުގަނޑަކީ ކަސްރަތަށް ދުވެއުޅޭ މީހަކަށް ވާތީ ވަރަށް ގިނަ ރައްޓެހިން ދުވުމާ ގުޅޭ ގޮތުން އެކި ފާޑުގެ ސުވާލު އަހަ އެވެ. އެންމެ ގިނައިން ކުރާ ސުވާލަކީ މިހާރު ކިހާވަރަކަށް ދުވެވޭނެތޯ އެވެ. ދުވާ މީހެއްގެ ހައިސިއްޔަތުން، ކިހާ އިރަކު، ކިހާ ދިގުމިނެއްތޯ، ކިހާ ބާރަކަށްތޯ ދުވަނީ، އަޅުގަނޑަކަށް މުހިއްމު ކަމަކަށް ނުވެ އެވެ.

އަޅުގަނޑު ދުވަނީ އެކަމުން ހިތްހަމަ ޖެހުން ލިބިގަތުމަށެވެ. އެހެން ކަމަށްވާތީ އަޅުގަނޑު ހަމަ ދުވަނީ އެވެ. އެކަމަކު ދުވަނީ ވަކި ޕްރޮގްރާމަކަށެވެ. އަދި ތައްޔާރު ވަނީ ވަކި ދުވުމަކަށް ކަމަށް ވަނީ ނަމަ ޕްރޮގްރާމް ތައްޔާރު ކޮށްފައި އޮންނާނީ އެދުވުމާ ގުޅޭގޮތަ ށެވެ.

އަޅުގަނޑަކީ އެހާ ގިނަ ދުވަހު ދުވެފައިވާ މީހަކީމެއް ނޫނެވެ. އަދި ވާދަވެރިކޮށް ވެސް ދުވި މީހަކީމެއް ވެސް ނޫނެވެ. އަޅުގަނޑަށް ދުވަން ފެއްޓުނީ އެތުލެޓިކް އުމުރު ފަހަނަ އަޅާ ދިޔަ ފަހުން ނެވެ. އެހެން ކަމުން ދުވުމުގެ ތެރޭގައި މިއުޅެވުނީ ދެ ތިން އަހަރު އެވެ. ނަމަވެސް، ތަޖުރިބާ ކުރެވުނު ކަންތައްތަކެއް ހުރެ އެވެ. އެހެންކަމުން އަލަށް ދުވަން ފައްޓާ ދުވުންތެރިންނަށް، މިކަންތައް ބޭނުންތެރި ކަމަކަށް، ވެދާނެ ކަމަށް ލަފާކޮށް އަޅުގަނޑުގެ ތަޖުރިބާ ހިއްސާ ކޮށްލާނަ މެވެ.

އަލަށް ދުވަންފައްޓާ އިރު އެންމެ ފުރަތަމަ ކަމަކީ ދުވަން ފެއްޓޭތޯ ބެލުމެވެ. ބޮޑު އަނިޔާއެއް ލިބިފައި ނެތް ސިއްހަތު ސަލާމަތުން ހުރި ހަމަ ކޮންމެ މީހަކަށް ވެސް ދުވެވޭނެ އެވެ. މިގޮތުން ދުވަން ފައްޓާއިރު ވިސްނާ ލަންވީ ހަތަރު ކަމެއް ފާހަގަ ކޮށްލާނަމެވެ.

1. ދުވާ ކޯޗެއްގެ އެހީ ހޯދުން ނޫނީ ދުވާ ގުރޫޕަކާ ގުޅުން

2. ދުވާއިރު ހަށިގަނޑު ބަހައްޓާނެ ގޮތް (ބޮޑީ ފޯމް)

3. ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކަސްރަތުތައް (ސްޓްރެންތު ޓްރޭނިންގު)

4. ދުވަން ރަނގަޅު ފައިވާނެއް ހޯދުން

އަދި ގްރޫޕް އަކާ ގުޅޭނީ ކުޑަކޮށް ފިޓް ވެލައިގެން ކަމަށް އެކުވެނި ޓްރެކްގައި ދުވަން އުޅޭ ވަރަށް ގިނަ މީހުންނާ ދިމާވެގެން ބުނާނެއެވެ. ދުވަސް ކޮޅަކުން އެ ރަހްމަތްތެރިޔާ ދުވަނި ކޮށެއް ނުފެންނާނެ އެވެ. އަޅުގަނޑު ވެސް ދުވަން ފެއްޓި އިރު ގްރޫޕަކާ ގުޅުމަށް ޖެހިލުން ވިއެވެ. ސަބަބަކީ އެ ގުރޫޕްގެ މީހުންނާ އެއް ވަރަށް ދުވެ ނުލެވޭނެ ތީއެވެ. އަދި ބީރައްޓެހި ބައެއްގެ ތެރެއަށް ވަނުމަށް ޖެހިލުންވާތީ އެވެ. އެކަމަކު ގުރޫޕަކާ ގުޅުމުގެ ބޭނުން ވަރަށް ބޮޑެވެ. ދުވުމުގައި ކޮންމެ ދުވަހަކު މާލެ ވަށައި ބުރެއް ޖަހާލަނީ ކަމަށް ހީވެފައި އޮވެދާނެއެވެ. އަދި ދުވަން ޖެހޭނީ ގުރޫޕުގެ އެންމެން އެއްވަރަށެވެ. ގުރޫޕުގައި ހަރަކާތް ތެރިވިޔަސް ދުވަނީ އެމީހަކަށް ކަނޑައެޅިފައި އޮންނަ ވަކި ޕުރޮގްރާމަކާ އެއްގޮތަށެވެ. ދުވުމުގެ ޕުރޮގުރާމެއްގައި ވަކި ބާރު މިނެއްގައި، ސްޕީޑް ދުވުމާ އަދި ދިގު ދުވުން ދުވާ ދުވަސްތައް ހުރެ އެވެ. އަދި ދުވުމުގެ ކުރީގައި ކުރަން ޖެހޭ ސްޓުރެޗާ ދުވެ ނިންމާފައި ކުރަން ޖެހޭ ސުޓުރެޗު ތަފާތެވެ. މިފަދަ ސުޓުރެޗުތައް ހެދުމުން، ދުވުމުގެ ސަބަބުން އަރާ ތަދުތައް ފިލައިގެން ގޮސް ހަށިގަނޑަށް ލުއިކަން ލިބޭނެ އެވެ. ދުމުގެ ސަބަބުން ތަދު އެރުމަކީ ވާނެކަމެކެވެ. އެހެންކަމުން ގުރޫޕަކާއި ގުޅިގެން ކަސްރަތު ކުރަން އުޅުނީމާ، މިފަދަ މައްސަލަތަކަށް ކޯޗާއި އެހެން ތަޖުރިބާކާރު ދުވުންތެރިންގެ ފަރާތުން ރަނގަޅު މަޝްވަރާ ލިބުމުގެ މަގު ތަނަވަސްވެފައި އޮންނާނެ އެވެ.

ދުވަން ފައްޓާ ފުރަތަމަ ދުވަސްތަކުގައި ދުވާއިރު ހަށިގަނޑު ބަހައްޓަންވީ ގޮތަށް އާދަ ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަޅުގަނޑަށް ވާހަކަ ދައްކާލެވުނު ގިނަ ދުވުންތެރިންނަށް ބޮޑީ ފޯމާ ގުޅޭ މައުލޫމާތު އެނގިފައެއް ނުހުރެ އެވެ. އަޅުގަނޑަށް ހީވަނީ ބައެއް ކޯޗުންނަށް މިކަން މުހިންމު ނުވަނީ ކަމަށެވެ. ނަމަވެސް ހަށިގަނޑަށް ލުއިކޮށް

ދުވުމަށްޓަކައި ހަށިގަނޑު ގެންގުޅޭ ގޮތް ވަރަށް މުހިއްމުވެއެވެ. ދުވުމަށް ބޭނުން ކުރަނީ ހަމަ އެކަނި ދެފައެއް ނޫނެވެ. ހަށިގަނޑުގެ އެހެން ބައިތައް ވެސް ބޭނުން ކުރަން ޖެހެއެވެ. މާނައަކީ މުޅި ހަށިގަނޑު ބޭނުން ކުރަން ޖެހެއެވެ. ބޮލުން ފެށިގެން ފައިތިލަ އާއި ހަމައަށެވެ. ދުވާ ކޮންމެ ކިލޯ މީޓަރަކު ހަށިގަޑުގެ ބަރުދަން ދެހާހެއްހާ ފަހަރު ކަކުލުގެ މައްޗަށް ތިރިވެގެން ދާނެއެވެ. މިހެންވެ، ފައިތިލަ ބިންމަތީ ޖައްސަން ޖެހޭ ގޮތާ، ކޮނޑު ބަހައްޓަން ޖެހޭ ގޮތާ، އަތް ގެންގުޅޭނެ ގޮތާ، ނޭވާލާ ގޮތާ، ހަށިގަނޑު ލަނބަން ޖެހޭ މިންވަރަކީ ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ.

ހަށިގަނޑު ބަހައްޓަންޖެހޭ ގޮތުގެ ފޮޓޯއެއް ތިރީގައި އެވަނީއެވެ.

ދުވާއިރު ހަށިގަނޑު ބަހައްޓަންޖެހޭ ބައްޓަމަށް ހަށިގަނޑު ދެމެހެއްޓުމަށް ހަށިގަނޑުގައި ވަރު ހުންނަން ޖެހެއެވެ. މިދަންނަވަނީ ހަކަތައިގެ ވާހަކައެއް ނޫނެވެ. މިދަންނަވަނީ ވަރުޖެއްސުމަށް ކުރާ ކަސްރަތުން ލިބޭ ބާރުގެ ވާހަކައެވެ. ދުވުމުގެ އިތުރުން މި ކަސްރަތުތައް ކުރަންޖެހޭ ބޭނުމަކީ، ދުވުމަށް ހަށިގަނޑުގައި ވަރުހުރުމުގެ އިތުރުން އަނިޔާއިން ސަލާމަތް ވުމަށް ވެސް އެހީތެރިކަން ލިބޭނެތީ އެވެ.

ދުވަން އަރާ ފައިވާނަކީ ވަރަށް ވިސްނުންތެރިކަމާ އެކު އިޚުތިޔާރު ކުރަން ޖެހޭ އެއްޗެކެވެ. ފައިވާނުން ފަޔަށް އުނދަގުލެއް ފޯރައިގެން ނުވާނެ އެވެ. ފައިވާން ގަންނަންދާން އެންމެ ރަނގަޅީ ދުވެނިންމުމަށް ފަހުގައެވެ. ބޭނުމަކީ ފަޔަށް ފައިވާން ފަސޭހަތޯ ދެނެގަނެވޭނީ ފައިތިލަ ވަރުބަލިވެފައި ހުންނަ ވަގުތުގައެވެ. ދުވަން ގަސްތު ކުރަނީ ދިގު ދުވުން ނޫނީ ގިނައިރު ކަމަށް ވަނީ ނަމަ ފައިވާނުގެ ސައިޒު އާންމުކޮށް އަރާ ސައިޒަށް ވުރެން، އެއް ސައިޒު ބޮޑު ކޮށްލުން ރަނގަޅު ވާނެ އެވެ. ދުވަން ފައްޓާ ދުވަސް ކޮޅު ސްޓޭބަލް ކުޝަން ފައިވާނެއް އިޚުތިޔާރު ކުރުން ބުއްދިވެރި އެވެ.