ސްކޫލަށް ކިޔަވަންދާ ހުރިހާ ކުދިން ފިލާވަޅު ދަސްކުރާނީ އެއްގޮތަކައް ނޫނެވެ. އެކިކުދިން ފިލާވަޅުގައި ދޭހަކުރަންބޭނުންވާއެއްޗެހި ދެނެގަންނަނީ އެކިގޮތަށެވެ. ހުރިހާކުދިންނަކީ ކިޔެވުންނިންމާނެކުދިންނައްވެސް ނުވެދާނެއެވެ. މިއީ ހަގީގަތެވެ. އެކަމު ކޮންމެކުއްޖަކީވެސް ކޮންމެވެސް ގޮތަކުން ތަފާތު ޚާއްސަކުއްޖެކެވެ. އޭނާގެ ހުނަރާއި ގާބިލްކަން ދެނެގަނެވޭނެ ގޮތެއް ސްކޫލްގެ ނިޒާމުތެރޭގައި އޮންނަންވާނެއެވެ. މިކަން އެންމެ ރަގަނޅަށްކުރެވޭނީ ގާބިލް މުދައްރިސުންނަށެވެ. މިހެންކަމުން މުދައްރިސުންނަކީ މިކަމަށް ތަމްރީނުވެފައިވާ ބައެއް ކަމުގައި ވާންއެބަޖެހެއެވެ.
މިސާލެއް ދަންނަވާލުމުން ތަންކޮޅެއްބޮޑައް މިދަންނާއެއްޗެއް ސާފުވެވަޑައިގަންނަވާނެއެވެ. މިގައުމުގައި މިހާރު ދިވެހިބަހަށް އެންމެ ކުޅަދާނަ އެއްބޭފުޅެއްކަމުގައިވާ ސޯދުބެ، ސްކޫލުގައި ކިޔަވަން އުޅުއްވިއިރު ލިޔުއްވި "ދޮންމަންމަ" ވާހަކަ ލިޔުއްވީ ގިނަގުނަ ގޮންޖެހުންތަކަކާއެކުއެވެ. ގިނަގޮން ޖެހުންތައް ދިމާވީ ސްކޫލްގެ ކިޔަވާދިނުމުގެ ނިޒާމްގެ ތެރޭންނެވެ.މިގޮންޖެހުންތައް ގިރާކޮށް "ދޮންމަންމަ" ވާހަކަ ނެރެރުމުން، ސޯދުބޭ ލިޔުންތެރިއެއްގެ ގޮތުންފާހަގަވެ، ވާހާކަގެ ފުރިހަމަކަމުން ވަރަށް ބޮޑު މައްޝޫރުކަމެއް ހޯއްދެއްވިއެވެ. ސޯދުބެގެ ދޮންމަންމަ ވާހަކާގެ ފަހުގެ ޗާޕްގެ އިސްބަހުގައި ލިއުއްވާފައިވެއެވެ.
" ކޮންމެއަކަސް ވާހަކަ ލިޔަން ފޯރި ހުންނަވަރުން މުދައްރިސު އަޅުގަނޑަށް ފިލާވަޅު ކިޔާންއެންގެވީމާ ތެދުވާއިރު ގިނަފަހަރަށް ހަދާން ހުންނަނީ ފިލާވަޅުގެ މައުޟޫއެވެ. ދެން އެއަށްވުރެ ކުރިޔަކަށް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ވާހަކައާމެދު ހިޔާލުކުރަން ކޮޅަށްހުރުމުގެ ފުރުސަތުކޮޅެއްލިބޭ ދުވަސްދުވަސް އަންނަނީ މަދެއްކޮށް ނޫނެވެ. މިއަދު އަޅުގަޑު ހިތާމަކުރަމެވެ. އެހެންނޫންނަމަ އަޅުގަނޑު ކޮންފަދަ މޮޅުމީހަކަށް ވީސްތޯއެވެ."
ސޯދުބޭ މިގޮތަށް ހީކުރެއްވިޔަސް އަޅުގަނޑު ދެކެނީ ސޯދުބެއަކީ ވަރަށް މޮޅު ބޭފުޅެއްކަމަށެވެ. އެއީ، އެނާގެ ޝައުގުވެރިކަން ދުވަހުން ދުވަހަށް ކުރިއަށްދިޔުމުގެ ނަތީޖާއަކީއެއެވެ. މިހާރު ސޯދުބެއަކީ ރާއްޖޭގައި ނެތްވަރުގެ ދިވެހިބަހުގެ އަދި ދިވެހި އަދަބިއްޔާތު މާހިރެކެވެ. މިގޮތުން ކުރައްވާފައިވާމަސައްކަތުގެ އަދަދުގިނަގުނައެވެ. ލިބިވަޑައިގެންފައިވާ އިނާމުތައް ގިނަގުނައެވެ. އަދި މިހާރުވެސް ދިރިއުޅުއްވުމުގެ ކަންކަން ހަމަޖައްސަވަނީ އެންމެ ޝައުގުވެރިންކަންހުރި ލިޔުންތެރިކަމުގެ މަސައްކަތްކުރައްވާގެނެވެ. އެހެންކަމުން ސޯދުބެއަކީ މޮޅު ކާމިޔާބު ބޭފުޅެކެވެ.
އަޅުގަނޑުމެން ތެރޭން ހަމަ އެހެންމިސާލެކެވެ. ސިފައިންގެ ތެރޭގައި މިހާރު އޮފިސަރެއްގެގޮތުގައި މަސައްކަތްކުރަމުންގެންދާ ޑރ.ހުސޭންއެވެ. މީނާއަކީ ސްކޫލު ދައުރުގައި ދުވުމަށް މަރެކެވެ. މިނާ ފުރާވަރުގެ ކުދީންތައް ސްކޫލުގައި ކިޔަވަމުންދިޔައިރު ހުސޭން ޝައުގުވެރިކަން ހުރީ ދުވުމަށެވެ. ނަތީޖާއެއްގެ ގޮތުން ކިޔެވުމާއި ދުރަށްދާންޖެހުނީއެވެ. އެހެންނަމަވެސް ހުސޭން ދިޔައީ ގައުމީ ފެންވަރުގެ ގިނަރޭސްތަކުގެ ވަނަތައް ހޯދަމުންނެވެ. އަދި ބައިނަލްއަޤްވާމީ ރޭސްތަކުގައި ރާއްޖެ ތަމްސީލްކުރަމުންނެވެ. އެހެންކަމުން އޭނާގެ ތަޖްރިބާއަށް ބަލައި ޔުނިވަރސިޓީތަކުން އޭނަައަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ބޭނުންވިއެވެ. ހުސޭންއާއި އެކު ކިޔެވި މޮޅެތި ކުދީން ރާއްޖޭ ބޭރުން ފުރުސަތު ލިބިގެން ކިޔަވަން ދިޔައިރު ހުސޭންވެސް ހުރީ މަތީ ތައުލީމު ހާސިލްކުރުމަށް ގޮހެއެވެ. އަދި އެއުމުރެގެ އެހެން މީހުނާއި އެކު އެކީ ނޫނީ އޭގެ ކުރިން ހުސޭން ޑޮކްޓަރޭޓް ހާސިލްކޮށްފިއެވެ.
ރާއްޖޭން ބޭރުގެ މިސާލެކެވެ. ފަސްދޮޅަހުގެ އަހަރުތަކުގައި ދުނިޔޭގައި މިޔުޒިކީ ދާއިރާގައި ގުގުމާލި ބޭންޑްކަމުގައިވާ ބީޓްލްސްގެ އެއް ލަވަކިޔުންތެރިޔާ ޕޯލް މެކްކާޓްނީގެ މިއުޒިކް ހުނަރު އޭނާގެ މިއުޒިކް ޓީޗަރަކަށް ފާހަގައެއް ނުކުރެވުނެވެ. އަދި ލަންޑަން ގެ މަޝްހޫރު އޮކެސްޓްރާއިންވެސް އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ. އެހެންނަމަވެސް އޭނާގެ މިއުޒިކް ހުނަރު އަމިއްލައަށް ކަހަލަގޮތަކަށް ކުރިއެރުވިއެވެ. އަދި އޭނާގެ ކާމިޔާބުގެ ވާހަކަ އެއީ އެހެން މައުޟޫއެކެވެ. ކުރިން ޕޯލް އަށް ފުރުސަތު ނުލިބުނު ލަންޑަން އޮކޭސްޓްރާގައި މިހާރު ޕޯލް ގެ ތިންލަވަ ހިމަނާފައިވެއެވެ.
އިނގިރެސިވިލާތުގެ ބިލިއަނަރ ވާޖިން އެންޓަޕްރައިސްގެ ވެރިޔާ ރިޗާރޑް ބްރޭންސަން އަކީ ސްކޫލްގައި ކިޔަވަން އުނދަގޫވެ ވަކިވެ ވިޔާފާރީގެ ތެރޭގައި މަސައްކަތްކޮށް އުމުރުން 21 އަހަރުނުވަނީސް މިލިއަރަކަށް ވީމީހެކެވެ.
ވީމާ ތައުލީމީ މަންހަޖު ރާވަންޖެހޭނީ ކުދީންގެ ޝައުގުވެރިކަން ދެނެގަނެ އެކަން އެކުދީންނައް ސްކޫލުގެ ނިޒާމުގެ ތެރޭން ތަރައްގީކުރެވޭނެގޮތަކަށެވެ. މިހާރުގެ ސްކޫލްގެ ނިޒާމުގެ ތެރޭން ލިޔުންތެރީން، އެތުލީޓުން، އާޓިސްޓުން އަދި ވިޔަފާރިއަށް ޝައުގުހުންނަކުދީންނަށް އަކަށީގެންވާ ހިތްވަރެއް ދެވެންއަބައޮތްތޯއެވެ؟ ދެވޭނަމަ އަޅުގަޑުމެންތެރޭގައި ކިތަންމެ ސޯދުބެއެއް، ޑރ.ހުސެން އެއް އުފެދުނީސްކަން ކަށަވަރެވެ.