އަދުގެ ސިޔާސީ މާހައުލުގައި ހަރަކާތްތެރިވުމަށްޓަކައި ވާހަކަދެއްކުމުގެ ހުނަރު ހުންނަންޖެހެއެވެ. މިހުނަރުބޭނުންކޮށްގެން ރައްޔިތުންގެ ހިތްއަނބުރާލެވޭނެ ގާބިލުކަން ހުރިމިންވަރަކީ އެމީހެއްގެ ކަރިސްމާ މިނޭ މިންގަނޑުކަމުގައި ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
އަޅުގަނޑަށް ބެލެވޭގޮތުން ކަރިސްމެޓިކް މިހާއަކީ އެމީހެއްގެ އަމިއްލަ ވަންތަކަމުގައި އުޅޭމީހާއެވެ. ކަރިޝްމެޓިކްވާންވެގެން ތިމާގެ ތޮބީޢަތުން ބޭރުން އުޅުމަކީ އެމީހާ އަމިއްލައަށް އެނާ އޮޅުވާލުމާއި އެއްފަދަކަމެކެވެ. އެކަމަކު އެހެންމީހުންނަށް މިކަން އޮޅުވައެއްވެސް ނުލެވޭނެއެވެ. އެހެންވީމައި އެގޮތަށް އުޅެގެން ހާސިލުކުރަން ބޭނުންވާ ނަތީޖާއާ ހަމައަކަށް ވާސިލެއް ނުވެވޭނެއެވެ. އަޅުގަނޑުމެން ކުޑައިރު ވަރަށް މައްޝޫރު އަތުކުރީ ގަޑިއެއްގެ ވާހަކަ ދައްކައެވެ. އެއީ ރޯމަރު ޑެންޑޭޓް (މާނައަކީ 'ރޯމަރ' ބްރޭންޑް ގަޑިއެއް، އޭގައި ޑޭ އެންޑް ޑޭޓް ފެންނާނެއެވެ.) ގަޑިން ކުރެވޭނެކަމަކީ ގަޑިންވާއިރު ދެނެގަތުމާއި ދުވަހާއި ތާރީޚް އެނގުމެވެ. މިގަޑި އަޅައިގެން ޑަވިންއަށް ދާނީ މޮޔައެކެވެ. އެއީ އޭގެން އެބޭނުމެއް ނުފުދޭނެތީއާއި އެގަނޑި ތައްޔާރުކޮށްފައި ހުރީ ޑައިވިންއަށް ދިއުމަށް ނޫންކަމަށްވާތީއެވެ.
ސިޔާސީ ލީޑަރުން ވިޔަފާރި ލީޑަރުން އަދި އެހެންވެސް ވެރިންގެ ގާތުގައި ލަފާއަރުވަން ތިއްބަވާ ބޭފުޅުންބައްލަވަންވީ އެލީޑަރުން އެބޭފުޅުންގެ ސޫރައިގައި، އަދި ތިއްބަވަންޖެހޭ ފޭރާމުގައި އަދި އަމިއްލަ ތަބީޢަތުގައި ތިއްބުމަށް ބާރުއެޅުމަށެވެ. އޭރުން މިފަދަ ބޭފުޅުންގެ އަމިއްލަ ނަފްސުގެ އިތުބާރާއި އެކު ކުރައްވަން ބޭނުންފުޅުވާއި ކަނަކަން ކުރެއްވުމަށް ޖާގަދެއްވީމައި އެލީޑަރުންގެ ކަރިޝްމާ އެކަންކަމުގެ ތެރޭންއެހެންމީހުންނަށް ފެނިގެންދާނެއެވެ. ކަރިޝްމާއަކީ އެއްގޮތަކަށް އޭގައި ފޮރުވިފައި ވަކިސިއްރުތަކެއް ހުރި އެއްޗެއްނޫނެވެ. ކަރީޝްމެޓިކް ވަނީކީ ގުދުރަތީގޮތުން އުފެދުމުގައި ވަކިގޮތެއް ތޮބިޢްއަތުގައި ހުރެގެން ނުވަތަ ދޫފަސޭހަވެގެންނެއްނޫނެވެ. އެއީ ކުރާމަސައްކަތުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރުން އެހެންމީހުންގެ ހިތުން ދެވޭ ގަދަރާއި އިހްތިރާމްއެކެވެ.
ރާއްޖޭގެ ޖުމްހުރިއްޔާއިން ފެނުނު ރައީސުނަށް ބަލައިލުމުން މިކަން ސާފުކުރެވިދާނެއެވެ. ރައީސް ނަޝީދާއި ރައީސް މައުމޫނު މިދެބޭފުޅުންނަކީވެސް ދޫފަސޭހަ ވަރަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެބޭފުޅުންގެ ބަސްމޮށުންތެރިކަމުގެ ޖާދޫން ހިތްދަމައިގަންނަގޮތް ގެންގުޅުއްވި ބޭފުޅުންނެވެ. އަދި ދެބޭފުޅުންނަކީވެސް ވަރަށް ގައިކޮޅާވެގެން ރައްޔިތުނާ އާންމުކޮށް ބައްދަލުކުރައްވާ ދެބޭފުޅުންވެސްމެއެވެ. އަދި އަޅުގަނޑުމެންނަށް ފެންނަށް ހުރި ހެކިތަކުން ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް އަމީނަކީވެސް މިފަދަ ބޭފުޅެކެވެ. މިހިސާބުން ރައީސުންގެ ސިފަތަކަކީ މިއީކަމަކަށް ނިންމޭކަށްނެތެވެ. އަޅުގަނޑުމެންގެ ދެވަނަ ރައީސް ނާސިރުއެއީ މިތިން ބޭފުޅުންނާއި މިގޮތުން ތަފާތުބޭފުޅެކެވެ. އެބޭފުޅާގެ ޚިދްމަތަށް ބަލާލައިފިއްޔާ ވަކި ފަހައްޖައްސައެއް ނުލެވޭނެއެވެ. އެހައިމެ ގިނަ ޚިދްމަތްތަކެއް އަދި އެހައިގިނަދުވަހު ކުރެއްވޭނީ ރައީސް ނާސިރުގެ ލިޑަރޝިޕެއް ހުރެ އަދި ކަރިޝްމެޓިކް ސިފަތަކެއް އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ރައްޔިތުންނަށްވެސް ފެނިފައިވާނެތީއެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރާ އެކު ރައީސް ނާސިރު އޭރު ގިނަ ދިވެހީންގެ ތަސައްވަރަށްވެސް ނާންނަ އެތައްކަމެއް ކުރެއްވިއެވެ. މިއަދުވެސް އަޅުގަނޑުމެނަށް އަލިގަދަކޮށް ފެންނަން ހުރިކަންކަމުގެ ތެރޭގައި ބްރޯޑްކާސްޓިން ފެއްޓެވުން، އެއަރޕޯރޓް އެޅުވުން، ރާއްޖޭއަށް މިނިވަންކަން ހޯދަވައިދެވުން، ޓޫރިޒަމް ތަޢާރަފް ކުރެއްވުން، ދޯނިފަހަރުގައި އިންޖީނު އަޅަން ފެއްޓެވުން، މިފަދަ ޚިދްމަތްތެރި މަސައްކަތުގެ ސަބަބުން ރައީސް ނާސިރުއެއީ ކަރިޝްމެޓިކް ބޭފުޅަކަށްވިއެވެ. އެހެންވީމައި ކަރިޝްމަޓިކްވެވެން ކޮންމެހެން ވަކި ސިފަތަކެއް ހުނިޖަހާލާފައި ނެގެންޖެހޭތޯއެވެ.
އެހެންކަމުން ޖުމްލަކޮށް ބުނަނީނަމަ ގައުމުއްގެ ރައީސަކަށްވުމަށް ހުރިހާ ރައްޔިތުންގެ އިހްސާސާއި އެމީހުންނާއި އިޖްތިމާއި ގޮތުން އެންމެނާއި ގާތް މީހަކަށްވާކަށް ނުޖެހެއެވެ. ގައުމުގެ ވެރިއަކަށް އަންނަންބޭނުންވާ މީހާއަކީ ގާބިލް، ހީވާގި، ހަރަކާތްތެރި މީހަކަށްވެ އޭނާގެ ކިބައިގައި ގައުމަށް ދިމާވާ އިގްތިސާދީ، އިޖްތިމާއި ނުވަތަ އެހެން މައްސަލަތައް އަމިއްލަ ނަފުސުގެ އިތުބާރާއެކު ހައްލުކޮށްދެވޭނެ ޔަޤީންކަން ރައްޔިތުންނަށް އޮތީމައި އެވީއެވެ.