މިރާއްޖޭގެ ޖުމްހުރީވެރިކަމުގެ ތާރީޚްގެ ސަފްހާތަކަށް ބަލާލައިރު އެއްވެސް އޮޅުމެއްނެތި އެނގޭނެ އެއްކަމަކީ ރައްޔިތުންގެ އެދުންތައް ފުރިހަމަކޮށްދިނުމަށް ކޮންމެ ރައީސެއްވެސް ބޮޑު ބުރަމަަސައްކަތްތަކެއް ކޮށްފައިވާ ކަމެވެ.

އަދި ކުރީގެ ރައީސުން ވެރިކަމަށް އައިސްފައިވަނީ މެނިފެސްޓޯއެއް ވިއްކާގެން ނޫންކަމުގައިވިޔަސް ކޮންމެ ރައީސެއްވެސް ވެރިކަމަށްއައިދުވަސްވަރު ރައްޔިތުން ކަންބޮޑުވާ، އެމީހުންގެ އިހްސާސްތަކާއި ގުޅިފައިވާ، މައްސަލައެއްގެ ހައްލުކަމުގައިވީ އެބޭފުޅެކެވެ.

މިސާލަކަށް މުހައްމަދު އަމީން – އިޖްތިމާއީ އިސްލާހުތައް

ހަމަ އެހެން މިސާލެކެވެ. އިބްރާހިމް ނާސިރު – އިނގިރޭސިން އަތުން ރާއްޖެ މިނިވަންކަން ހޯދައިދިނުން.

ދެން އަނެއްކާވެސް އެހެން މިސާލެކެވެ. މައުމޫނު އަބްދުލް ގައްޔޫމް- ދީނާއި ތައުލީމްގެ ކުރިއެރުންތަކެއް ހޯދައިދިނުން.

ދެން ބަލާލަމާތޯ މުހައްމަދު ނަޝީދަށް – ޑިމޮކްރަސީ އާއި ހަމަހަމަކަން ގެނެސްދޭނެކަމުގެ އުންމީދު.

މިހާރުގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު – ސިޔާސީ ހަލަބޮލިކަން ކުޑަކޮށް ސާދާ ވެރިކަމެއް ކުރުން

އެހެންވީމައި ކޮންމެ ބޭފުޅަކު ރައީސްކަމަށް ކުރިމަތިލައްވާއިރު ވެރިކަމަށް އައުމަށް އުއްމީދުތަކެއް އުފަންކުރުވައި ގިނަވާހަކަތަކެއް ދެއްކިކަމުގައިވިޔަސް އެބޭފުޅެއްގެ ތަސައްވަރުހަމަ އެންމެ ޖުމްލައަކުން ނުނީ ހަމަ އެންމެ ލަފްޒަކުންވެސް ދޭހަކޮށްލެވިދާނެއެވެ.

މިދެންނެވި ވިޒަން ނުނީ ތަސައްވަރު ހާސިލުކުރުމަށް ކޮންމެ ރައީސްއަކާއި އެކުވެސް އެބޭފުޅަކަށް ވަފާތެރި ޓީމެއްވަނީ ހަރަކާތްތެރިވެފައެވެ. މިޓީމްގެ ގިނަބޭފުޅުން ވެރިކަމުގެ ދައުރު ނިމެންދެންވެސް އެރައީސުންނާއިއެކު ތިބިކަންވެސް ފާހަނގަކުރެވެއެވެ.