އަޅުގަނޑުމެންނާއި 2013ގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނައިރު ރައީސްކަމާއި ކުރިމަތިލައްވާނެ ބޭފުޅުން މިހާރު މިއޮތީ ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފެންނާށެވެ. މިގޮތުން ރިޔާސީ ކޮންމެ ކެންޑިޑޭޓްއެއްވެސް އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ ތާއީދުހޯދުމަށް އެބޭފުޅެއްގެ ފިކުރަށް ތާއިދުކުރާ ރައްޔިތުންގެ ޖަމާއަތެއް ތައްޔާރުކުރުމަށް ކުރަންޖެހެ ކަންކަން އަންނަނީ ކުރަމުންނެވެ.

މިގޮތުން ރިޔާސީ ރޭހުގައި އުޅުއްވައި ބޭފުޅުން ކުރައްވާނެ ކަންކަމާއި ގުޅޭގޮތުން އަޅުގަނޑު ގަސްދުތުކުރަނީ ފަސް ބަޔަށް ބަހާލެވިފައިވާ ސިލްސިލާއެއް ކުރިއަށް ގެންދާށެވެ. މިގޮތުން އެންމެ ފުރަތަމަ އެބޭފުޅުންގެ އަޒުމް.

ނުގުޑާފަދަ އަޒްމު

ސިޔާސީ ގޮތުން ވެރިކަމުގެ ކުރިބޯށި ހޯދުމަށް ކުރީސަފުގައި ހަރަކާތްތެރިވާ ކޮންމެ ބޭފުޅެއްގެވެސް އަޒުމް ވަރަށް ވަރުގަދައެވެ. އަޅުގަޑުމެންގެ ޖުމްހުރިއްޔާގެ ހުރިހާ ރައީސުންގެ ހަޔާތުންވެސް ފެންނަހުރީ މިފަދަ މިސާލުތަކެވެ.

ޒުވާން ނާސިރު ވެރިކަމާއި ކުރިމަތިލެއްވީ ރައްޔިތުންގެ އިޚްތިރާމް ލިބިގެންވާ ނުފޫޒްގަދަ އާއިލާއެއްގެ ހަރުބޭފުޅަކާއި މުޑިއެރިއަސް ހެޔޮކަމަށެވެ.

ހަމަ މިބީދައިންނޫނަސް، މައުމޫނުއާއި ނަޝީދަކީ ސިޔާސީ ކަންކަމާއި ގުޅިގެން ޖަލު ތަޖްރިބާކުރަންޖެހިވަޑައިގެން ބޭފުޅުންނެވެ.

ވަހީދުއަކީ އެތަށް ފަހަރަކުމަތީން ސިޔާސީކުރިމަގަށް ހުރަސްއެޅި އެވަޤުތަށް ސިޔާސީކަންކަމާއި ކުޑަކޮށް ފޭއަށް ވަޑައިގެންނެވި ބޭފުޅެކެވެ. މިއިން ކޮންމެ ފަހަރަކު ކަހަލަގޮތަކަށް ރާއްޖެދޫކުރައްވާ ވަޑައިގެންނެވިއެވެ.

މީގެން ދޭހަވަނީ ރައީސްކަން ކުރެއްވި އަދި ކުރައްވާ ހުރިހާ ބޭފުޅުންނަކީވެސް ދަތި އުންދަގޫ ހާލަތް ދިމާވީމައިވެސް އެބޭފުޅުންގެ ބޮޑުމަންޒަރު ހާސިލުކުރުމުގެ ތަސައްވަރުން ފޭނުވެ ސާބިތުކަމާއެކު މަޤްޞަދު ހާސިލުކުރުމަށް ގަދައަޅާމަސައްކަތް ކުރެއްވިބޭފުޅުންކަމެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރަށް ކުރިމަތިލައްވާނެ ބޭފުޅުންނަށް ބަލާލާއިރު ތިބީ ތަސްމީނު، ޔާމިނު އަދި ގާސިމްއެވެ.

ތަސްމީނުއަކީ ވަރަށް ޒުވާން އުމުރުން ފެށިގެން ރައްޔިތުން މަޖްލިސްގައާއި ސަރުކާރުގައި މަސައްކަތްކުރައްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންނަމަވެސް، ސަރުކާރުގެ ޤަބޫލު ލިސްޓަށް ތަސްމީނު ނޭރުމުގެ ސަބަބުން އޭނާއަށް ވަނީ އެކަށީގެންވާ ކުރިއެރުން އެދުވަސްވަރު ނުލިބިއެވެ. އަދި އެންމެފަހުން ކެބިނެޓްއަށް ދޮރުހުޅުވިގެން ދިޔައީ މައުމޫނު ސަރުކާރުގެ ކެބިނެޓް ޒުވާންކުރަން މަޖްބޫރުވެގެން ކެބިނެޓްއަށް ގެނައި ޒުވާނުންގެ ތެރޭގައެވެ. އަދި ހިކްމަތްތެރިކަމާއި ކެއްތެރިކަމާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަންގަވަމުން މިއަދު ރިޔާސީ ޓިކެޓްއެއް ކާމިޔާބުކުރެއްވީއެވެ.

މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު ދައުރުގައި، ޔާމިނު ކެބިނެޓްއިން ފޭވާންޖެހުމާއެކު އެނާގެ ސިޔާސީ ހަޔާތް ބިނާކުރީ ވަރަށް ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކުއެވެ. އަމިއްލަ ޕާރޓީއެއް ހައްދަވާގެން އެޕާރޓީގެ ހިޔާނީގައި، ސިޔާސީ ވިޔާގައި ޔާމިނުއާއި ނުލައި ސިޔާސީ މައިދާނުގެ ކުޅިބައި ހަމަނުކުރެވޭނެގޮތަށް ވިސްނާއިގެންނެވެ. އަދި މިކަން ކިތަންމެ ފުރިހަަކޮށްވެސް ޔާމިނު ޚާޞިލު ކުރެއްވިއެވެ. ސަރުކާރުގެ ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް ދުވަސްކޮޅެއް ވަންދެން ޔާމިނުވަނީ ބަންދެއްގައިވެސް ހުންނަންޖެހިފައެވެ.

ގާސިމްއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެކެވެ. ސިޔާސީކަންކަން ވަރަށް ހިތިކޮށާއި ފޮނިކަން ތަޖްރިބާ ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ފިކުރުހުރިގޮތުން ބަންދު ތަޖްރިބާކުރައްވަންޖެހިވަޑައިގެންނެވިބޭފުޅެވެ.

މިފަހަރުގެ މިރިޔާސީ އިންތިހާބުގައި ވާންކުރާނެކަމަށް ބެލެވޭ ބޭފުޅުންނަކީ ވަރަށް ކުރިއްސުރެން ވެރިކަން ހޯދުމުގެ މަޤްޞަދު ހިތުއަޅާ އެއަޒުމުގައި މަސައްކަތްކުރެއްވި ކުރައްވަމުންވެސްގެންދަވާ ބޭފުޅުންނެވެ.

ވޭތުވެދިޔަތަނުގައި ސިޔާސީ މަޝްރަހުގައި ކަންހިގައި ދިޔަގޮތަށް ބަލާފައި ކަނޑައެޅިދާނެ، ވެރިކަން ހޯދުމުގެ އަޒުމުގައި މަސައްކަތް ކުރެއްވި ހަމަކޮންމެ ބޭފުޅަކަށްވެސް ވެރިކަން ވަނީ ކާމިޔާބުކުރެއްވިފައެވެ.

އެކަމަކު، ވެރިކަމަށް އައުމުގެ އަޒުމަށް ގުޑުން އަރާހިސާބަކީ، އެކަން އަތުން ބީވާ ހިސާބުކަމުގައި އަޅުގަނޑުމެންގެ ތާރީޙްއިން ހުރީ ފެންނާށެވެ.

ރާއްޖޭގެ އެންމެފަހުގެ ބޮޑުވަޒީރު އަހްމަދު ޒަކީ ރައީސްކަމަށް އައުމަށް މަސައްކަތްތަކެއް ކުރެއްވިކަމަށް އެދުވަސްވަރު ހިނގި ހަދިސާތަކުން އެނގެއެވެ. މާލޭގެ ގިނަ ރައްޔިތުންގެ ތާއީދާއި ރުހުންވެސް ލިބުނެވެ. ނަމަވެސް ބަނދަކާއި ކުރިމަތިވެ، އަރުވާލެވުނުފަހުން ވެރިކަމަށް އައުމުގެ އަޒުމުއެހިސާބުން ދޫކޮށްލެއްވިއެވެ.

މިފަހުން 90 އަހަރުތަކުގެ ކުރީކޮޅު ތެރޭގައި އިލްޔާސް އިބްރާހިމްވެސް ވެރިކަން ހޯދުމަށް މަސައްކަތްކުރެއްވިއެވެ. މާލޭގެ ރައްޔިތުންގެ ތާޢީދު އޮތެވެ. އަތޮޅުތެރޭގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދެއްވިއެވެ. ބަނދަކާއި ކުރިމަތިވެގެން ފުރާވަޑައިގަންނަވާފައި އެނބުރި ރާއްޖެވަޑައިގެންނެވި އިރުވެސް ހަމަ އެތާއިދު އޮތެވެ. އެހެންނަމަވެސް، ރާއްޖެ އެނބުރި ވަޑާގެންނެވިއިރު ވެރިކަމުގެ ޝައުގުވެރިކަމުގައި ތެދުވެވަޑައިގަންނާނެހާއި ހިތްވަރެއްނެތެވެ. އަޒުމު ބަދަލުވީއެވެ.