މިހާރު މިއޮތީ ރިޔާސީ އިންތިހާބުއަށް ކުރިމަތިލާނެ ކެންޑިޑޭޓުން ގާތްގަނޑަކަށް ލަފާކޮށްލަން އިނގޭހިސާބަށް 2013ގެ އިންތިހާބު ގާތްވެފައެވެ.

ރައީސުން އިންތިހާބުވަނީ އެމީހުން ކޮށްދެންބުނާކަންކަން ފުއްދުމަށް ގިނަގުނަ މަސައްކަތްކުރާނެކަމުގެ އުއްމީދު ރައްޔިތުންނަށް އޮތީމައި އެއްނޫނެވެ. ކެންޑިޑޭޓްއަށް ވޯޓްލިބެނީ ރައްޔިތުން ބޭނުންވާ ކަންކަމަށް ކެރިގެން ކުރާ ވައުދުތަކުގެ މައްޗަށެވެ.

ރަނގަޅު ޑިމޮކްރަސީއެއް ބިނާކުރާނަމޭ ވިދާޅުވީމައި ތިންވަނަ ފަހަރަށް އެންމެން ބޭންޖަހާފައި ނިކުމެ މައުމޫނު ގޮޑީގައި ބޭންދީއެވެ.

ތަކެތީގެ އަގާއި ކަރަންޓުގެ އަގާއި އަދިވެސް ޒަރޫރީކަންކަމުގެ އަގުތައް މައްޗަށް ނުދާނެކަމަށާއި ސަރުކާރުގެ ޓްރެޒަރީގައި އެންމެ ލޯލާރ ފޮތްޗެއް ނެތްކަމުގައިވިޔަސް ސަރުކާރުހިންގާނެ ކަމަށް ވިދާޅުވުމުން ރައްްޔިތުންގެ އަޤްލަބިއްޔަތު ރައީސް ނަޝީދަށް ދެވަނަ ބުރުގައި ލިބިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދުގެ މެނިފެސްޓޯ ފުރަތަމަބުރުގައިވެސް އޮތެވެ. އެއަށް ލިބުނީ 25% ވޯޓްއެވެ.

ސިޔާސީ ބެފުޅުންނާއި ބާރުތައް ހަވާލުކުރަނީ ރަނގަޅަށް ކަންކުރާނެ ކަމުގެ އުންމީދާއި އެކުއެވެ.

އެހެންނަމަވެސް، ވެރިކަމަށް އައުމަށް ކުރާ ހުރިހާ ވައުދުތަކެއް ފުއްދުމުގެ ފުރިހަމަ ކޮންޓްރޯލްއެއް ރައީސަކަށް ނޯވެއެވެ. އެހެންނަމަ ރައީސް އޮބާމާ އެމެރިކާގެ ވަޒީފާ ނެތްމީހުންގެ އަދަދު 10%އަށްވުރެ ތިރިކުރީހެވެ. މިރާއްޖޭގެ ރައީސުންގެ ވައުދުތަކުގެ ވާހާކަ ދައްކާފިއްޔާ ލިސްޓުކުރެއްނުވާނެއެވެ.

މިހާރު ކެންޓީޑޭޓުން އާންމު ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވާ ކޮންމެފަހަރަކީވެސް ރައްޔިތުންގެ އިތުބާރާއި ލޯބިހޯދުމުގެ ނިޔަތުގައި ނުކުންނަވާ ނުކުތުމެކެވެ. މާނައަކީ އިންޓަވިޔުއެއް

ދެއްވިޔަސް، ޓީވީ ޕްރޮގްރާމްއަކަށް އެރުއްވިޔަސް، ޕްރެސް ކޮންފަރެންސްއެއް ދެއްވިޔަސް އަދި ތަޤްރީރެއްދެއްވިޔަސް ރައްޔިތުންނާއިއެކުގައިވާ މީހެއް ކަމުގެ ޔަޤީންކަން ދޭންބޭނުންވާނެއެވެ. އެބޭފުޅުން ދައްކަވާނީ ރައްޔިތުންނަށް މިވަޤުތު އެންމެ ފަސޭހައިން ވިއްކާލައިގެން އެބޭފުޅުންގެ މަޤްބޫލުކަން އިތުރުކުރެވޭނެ ވާހަކަތަކެވެ.

އަދި ކެންޑިޑޭޓުންނާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ދެކެވޭ ނޭދެވޭ ހިޔާލުތައް ބަދަލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެއެވެ.

މިކަން ދެނެގަތުމަށް ރިޔާސީ ރޭހުގައި ބައިވެރިވާނެކަމަށް ލަފާކުރެވިފައިވާ ބޭފުޅުން މިފަހުން ދައްކަވާފައިވާވާހަކަތަކަށް ބަލާލުމުން މިކަން ސާފުކޮށް އެގިގެން ހިނގައިދާނެއެވެ.

ރައީސް ނަޝީދު ވައުދުގެ ދަތުރު ނިންމަވަމުން ސ.ހިތަދޫގައި ދެއްކެވި ވާހަކަ ކޮޅުގައި ވިދާޅުވި މީގެ ތިން އަހަރު ކުރިން އެމްޑީޕީން ވެރިކަމަށް އައީ ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރު ނުވާކަން އެނގި އެ ހައްގު ހޯދައިދިނުމަށް ކަމަށެވެ. އެ ޕާޓީން ވެރިކަން ކުރީ ރައްޔިތުންނާއި ބޯހިޔާވަހިކަމާއި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދީ، އިންސާފު ގާއިމްކޮށް އިސްލާމްދީން ރައްކާތެރިކުރުމަށް ކަމަށް ވިދާޅުވި އެވެ. އެކަމަކު މިއަދު ކުރިމަތިލާން ޖެހިފައިވާ ކަންތައްތައް ރައްޔިތުންނަށް ހައްގު ނޫން ކަމުގައި ނަޝީދު ވިދާޅުވި އެވެ.

މިހާރު މިދައްކަވާ ވާހަކަތައް ވެރިކަމުގެ ތިން އަހަރުގައި ހާސިލުވީ ކިހާމިންވަރަކަށްތޯ ބަލާލުމަށް އޯޑިޓްއެއް ކޮށްފިއްޔާ ނުވަތަ އަޅުގަޑުމެން ވަކިކޮޅަކަށް ނުޖެހި ވިސްނާފައި ގްރޭޑްއެއް ދޭނަމަ ދެވޭނީ ކޮންގްރޭޑެއްތޯއެވެ.

ދެން އަބްދުﷲ ޔާމީން ވިދާޅުވަނީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އެ ކުންފުންޏަށް ނުހިފެހެއްޓޭ ކަމަށާއި ތެޔޮ ފީފާއަކުން 03 ޑޮލަރުގެ ފައިދާ އެ ކުންފުނިން ނަގަމުންދާކަމަށެވެ. އެހެންނަމަވެސް، ދުނިޔޭގެ ތެލުގެ ވާދަވެރި ވިޔަފާރީގައި ފީފާއަކުން އެއް ޑޮލަރު ވެސް ނުނަގާކަމަށެވެ. އެހެންވީމާ، ރާއްޖޭގެ ހަކަތާގެ އަގުތައް އެސްޓީއޯ އަށް ނުހިފެހެއްޓިގެން ދާތީ ހަގީގަތުގައި ސްޓެލްކޯ އާއި މިތަންތަނަށް ހަރަދު ދެކޮޅު ނުޖެއްސިގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން އުޅެނީކަމަށެވެ.

މީގެން އަޅުގަނޑަށް ދޭހަކުރެވެނީ އެސްޓީއޯ އަގުތައް ދަށްކޮށްފިނަ ސްޓެލްކޯގެ ވިޔަފާރި ދެކޮޅުޖެހިދާނެކަމަށެވެ. ޔާމިނުއަކީ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު އެސްޓީއޯ އާއި ސްޓެލްކޯގެ ޗެއާމަންކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެދުވަސްވަރު ސްޓެލްކޯގެ ތެޔޮބިލްތައް އޮތީދަށްކާފައެވެ. އެހެންނަަމަވެސް ރައްޔިތުން ނިސްބަތުން ކަރަންޓަށް މާބޮޑުހޭދައެއް ކުރިއެވެ.

ޑީއާރުޕީގެ ރިޔާސީ ކޭނޑިޑޭޓް އަހްމަދު ތަސްމީނު އަލީ އިމާދުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށެވެ.

ދެން ވިދާޅުވަނީ މޯލްޑިވްސް ޕޮލިސް ސާވިސް ތެރެއަށް ސިޔާސީ ނުފޫޒު ނުވަންނާނެ ގޮތަކަށް، ގިނަ ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް އެ މުއައްސަސާގެ ކަންތައްތައް ބައްޓަން ކުރަމަކީ މިއަދު ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށާއި ފުލުހުންގެ އެންމެ އިސް ފަރާތަކަށް މިހާރު ހުންނަނީ ވަޒީރެއް ކަމަށާއި އެހެންކަމުން ސިޔާސީ ނުފޫޒު ފުލުހުންގެ މުއައްސަސާ އަށް ނުފޯރާނެ ގޮތަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށެވެ.

މިއީ މިވަޤުތު ސިޔާސީ މަސްރަހުގައި ކަން ހިނގާފައިވާ ގޮތުން ވަރަށް މަޤްބޫލުކަން ލިބިދާނެ ސްޓޭޓްމަންޓްއެކެވެ. އެހެންނަމަވެސް، އެމެރިކާގައިވެސް އަދި އިނގިރޭސިވިލާތުގައިވެސް ފުލުހުންގެ މުއައްސަސާ އޮންނަނީ ކަމާއި ގުޅޭ މިނިސްޓްރީއެއްގެ ބެލެނިވެރިކަމުގެ ދަށުގައެވެ. މިނިސްޓްރީގެ އިސްވެރިއަކީ ސިޔާސީ ބޭފުޅެކެވެ.

ބޭސްފަރުވާއަކަށް ރާއްޖޭން ބޭރުގައި ދުވަސްކޮޅަކު މަޑުކުރައްވާފައި ވަޑާގެން ގޮތަށް އެއަރޕޯރޓްގައި ހުންނަވާގެން ދެއްވި ފުރަތަމަ ބަސްދީގަތުމުގައި ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖެއަކީ އަމާންތަނަކަށް ހެދުމަށް ބުރަމަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި މިގައުމަކީ އަމާންތަނެއްގެ ގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އަޒުމުގައި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މާދަމާވެސް ގައުމުގެ މިހާލަތު ބަދަލުކުރެވިދާނެ ކަމަށެވެ. އެމްޑީޕީން އަމަލުކުރަމުންދާ ގޮތުން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ކިލަނބުވެ ގައުމަށް އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުންތައް ލިބެމުންދާކަމަށާއި ދިވެހިރާއްޖެއަކީ އިގްތިސާދީ ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި އަމާކަން ދެމެހެއްޓުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއްކަމަށެވެ.

މިއީ މިއަދު މިރާއްޖެއަށް ކުރިމަތިވެފައިވާ ކަންތަކަށް އަލިއަޅުވާލާފައި ހަމަ ވިދާޅުވާވާހަކައެކެވެ. މިވިދާޅުވެވެނީ، ސުލްހަ މަސަލަސްކަން ނުހޯދިފައިވާ ކަމުގެ ޒިންމާ އެޅެނީ ރައްޔިތުންގެ ބޮލުގައިކަމަށެވެ. އިގްތިސާދު ރަނގަޅުނުވެގެން އުޅެމުގެ ޒިންމާ މިއޮތީ އިދިކޮޅުފަރާތްތަކުގެ ސަބަބުންކަމުގައެވެ. ވެރިކަމުގައި އޮތް ސަރުކާރުކޮށްދޭނެ ކަމެއް ނެތެވެ.

ރައީސް ޑރ.ވަހީދުގެ ވާހަކަ އަޅުގަނޑުނުހިމެނީ މިވަޤުތު އެބޭފުޅާ މާބޮޑެތިވާހަކަތަކެއް ދައްކަވާހެން އަޅުގަނޑަށް ހީނުވާތީއެވެ. އެހެންނަމަވެސް ރައީސް ވަހީދުގެ މަޤްބޫލުކަން އިތުރުކުރުމަށް ވަރަށް ގިނަ ކެންޕޭން ދަތުރުތައް އެބަކުރައްވައެވެ.

މިބޭފުޅުންގެ މަޤްބޫލުކަން ހޯއްދަވަން ކުރާ މަސައްކަތުގައި އަޅުގަޑުމެން ދެނެގަންނަންވީ އެބޭފުޅުންގެ ބަހާއި އަމަލާއި ދިމާވޭތޯއެވެ.

މިހުރިހާ ކެންޑިޑޭޓުންނަކީވެސް ކުރީގެ ސަރުކާރެއްގައި ބާރާއި ނުފޫޒް ހުރިބޭފުޅުންނެވެ. އެބޭފުޅުންގެ ބާރާއި ނުފޫޒް ހުރިއިރު މިހާރު ވިދާޅުވާ ކަންކަމާއި ދޭތެރޭ ކަންކުރައްވަފައި ހުރީ ކިހިނެއްތޯ ބަލާލައި މިނެލުމުން އެވިދާޅުވާ އެއްޗެއްގައި އެބޭފުޅުންގެ އިޚްލާސްތެރިކަން ހުރިވަރު ދެނެގަނެވިދާނެއެވެ.