އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު ފުރިހަމަކުރަން ޖެހޭ އެންބަކޭޝަން ކާޑް ފުރަމުންދާއިރު ރަށްވެހިކަން ލިޔަން ޖެހޭ ކޮންމެ ފަހަރަކު ތިމަންނާ އަކީ ދިވެއްސެކޭ ހިތަށްނާރާ އެންމެ ފަހަރެއް ވެސް ނުދާ ކަމަށް، ރާއްޖޭން ބޭރުގައި ރަށްވެހިވެގެން އުޅުއްވާތާ ގާތްގަނޑަކަށް ބައި ގަރުނުވެފައިވާ އިބްރާހިމް އަފީފް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވުމުން، އެވިދާޅުވި އެއްޗެއްގެ އެންމެ ފުންމިން އަޅުގަނޑަށް ގަބޫލުކުރަން ދަތިވި އެވެ. ނަމަވެސް އިބްރާހިމް އަފީފްގެ ތަބިއްޔަތާއި އުޅުއްވާ ގޮތް ފެނުމުން އެއީ ތެދެއްކަން ގަބޫލުކުރެވެން ފެށި އެވެ.

ނުރަސްމީ ހައިސިއްޔަތަކުން ތަމްސީލުކުރަން ޖެހޭ މީޑިއާ ޖަމާއަތެއްގެ ދަތުރެއްގައި އަޅުގަނޑު މޮރެޝަސް އަށް ދަތުރެއް ކުރަން ޖެހުނެވެ. ދަތުރުގެ ބޭނުމަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ މިފަދަ އެހެން ޖަމާއަތަކާ ގުޅުން ބަދަހިކުރުމުވެ. އެފްރިކާ ބައްރުގެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުން ވަޑައިގެން ހުންނެވީ އިބްރާހިމް އަފީފެވެ.

ހޮޓަލަށް ޗެކިންވާން ވެގެން ލޮބީގައި އަޅުގަނޑު ހުއްޓައި އިބްރާހިމް އަފީފް އަޅުގަނޑަށް ތައާރަފްކުރި އެވެ. އަޅުގަނޑު ތަމްސީލުކުރަން ދިޔަ ޖަމާއަތުގެ ވަޒީފާގެ ހައިސިއްޔަތުންނެވެ. އަޅުގަނޑަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ބުނެއެއް ނުދެ އެވެ. އެހެންކަމުން އިބްރާހީމް އަފީފަށް އަޅުގަނޑަކީ ދިވެއްސެއްކަމެއް އެވަގުތަކު އެނގިވަޑައެއްނުގަތެވެ. އަދި އިބްރާހިމް ވެސް ތައާރަފުވީ ފުރަތަމަ ނުމުން ކަމަށް ވާތީ އެއީ ކޮން ބޭފުޅެއްކަމެއް އަޅުގަނޑަކަށް ވެސް ނޭނގުނެވެ.

އޭނާ އަކީ ކޮން ބޭފުޅެއްކަން އަޅުގަނޑަށް އެނގުނީ ކުޑައިރުކޮޅެއް ފަހުންނެވެ. ވުމާއެކު ބާރަށް ފަހަތުން ގޮސް ސަލާމް ގޮވާލުމަށް ފަހު އާންމުކޮށް މީހުންނާ ދިމާވީމައި އަހާލާ ގޮތަށް ކިހިނެއްތޯ އަހާލީމެވެ. ވަރަށް ހައިރާންވެފައި ހުންނެވި އިބްރާހިމް ޖަވާބު ދެއްވީ، ދިވެއްސެއްކަން އެނގިވަޑައިނުގެންނެވުނީތީ އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެވެ. ދެން ދެ މީހުން އިތުރަށް ތައާރަފްވުމާ އެކު ވިދާޅުވީ މިހާރު މިދަނީ އިޝާ ނަމާދަށް ކަމުން ރޭގަނޑުގެ ކެއުމުގެ ގަޑީގައި ބައްދަލު ކުރައްވާނެ ކަމަށެވެ.

ރެސްޓޯރަންޓުން އިބްރާހިމް އަފީފާ ދިމާވި އެވެ. އަދި ދެ މީހުން ކެއުމަށް އިންސާފުކުރީ އެކުގަ އެވެ. ދެ މީހުން ވެސް މީޑިއާގައި ހަރަކާތްތެރިވާތީ ވާހަކަ ފަށައިގަންނާކަށް އުނދަގުލެއް ނުވި އެވެ. އަޅުގަނޑު އަހާލަން ބޭނުންވެފައި ހުރި ބައެއް ސުވާލުތަކާއި ސާފުކުރަން ބޭނުން ބައެއް ކަންކަން އިބްރާހިމް އަފީފުގެ އިޒްނައާ އެކު އަހަން ފެށީމެވެ. އޭނާ ވިދާޅުވީ އެބޭފުޅާ އެހާ ދިވެހި ބަހަށް ފަރިތަ ނޫން ކަމަށެވެ. އަދި އިނގިރޭސިބަހުން މުއާމަލާތް ކޮށްފި ނަމަ ވާހަކަދައްކަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ. އަޅުގަނޑަށް ފާހަގަކުރެވުނީ އިބްރާހިމަކީ މިޒާޖުގައި ވަރަށް މަޑުމައިތިރި ބޭފުޅެއްކަމެވެ. އަޅުގަނޑުގެ ސިކުނޑީގައި އެނބުރެމުން ދިޔަ ގިނަ ސުވާލުތައް ކުރި އިރު ވަރަށް ހަމަޖެހިލައިގެން އިންނަވާ އަޅުގަނޑާ ވާހަކަ ދެއްކެވި އެވެ.

ދިގު ދަތުރެއް ނިންމާފައި ހުރިކަމުންނާއި، އަނެއް ދުވަހު ހެނދުނާ ކޮންފަރެންސް ފެއްޓޭތީ، އަޅުގަނޑު އެހާ ގިނައިރު ވާހަކަ ދައްކާކަށް މަޑެއް ނުކުރަމެވެ. މާދަމާގެ ޖަލްސާގެ ކުރިން އަރާމުކޮށްލުމަށް ބޭނުންވާތީ ވަކިވެލާނެ ކަމަށް ދެންނެވުމުން އޭނާ އެދިވަޑައިގަތީ ކާގަޑީގައި އޭނާއާ އެކު އެއް މޭޒެއްގައި ތިބުމަށެވެ. އަދި ކޮންފަރެންސްގައި އެކުގައި އިށީނދެވޭތޯ ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަނެއް ދުވަހު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ނިންމުމަށް ފަހު ގުރޫޕް ފޮޓޯއެއް ނަގަން ޖެހުމުން އަޅުގަނޑަށް ހަނާއަޅުއްވާ ކައިރިއަށް ގެންނަވާފައި ވިދާޅުވީ ފޮޓޯ ނަގާއިރު އަޅުގަނޑުމެން ދެ މީހުން ތިބެންވާނީ އަބަދުވެސް ކައިރީގައި ކަމަށެވެ.

މިދުވަހުގެ ރޭގަނޑުގެ ކެއުމުގެ ހަފްލާ ނިންމާފައި އަޅުގަނޑަށް އިބްރާހިމް އަފީފް، ސީޝެލްސްގެ ތާރީޚާ އަދި އެބޭފުޅާގެ އާއިލާއާ ބެހޭ ގޮތުން ލިޔެފައިވާ "ޓު ބީ އަ ނޭޝަން" މި ފޮތް ދެއްވި އެވެ. އެބޭފުޅާގެ އާއިލާއާ ގުޅޭ ގޮތުން ލިޔުންތައް ހުރި ސަފްހާތަކުގެ ނަންބަރުތައް ވަކި ކަރުދާހެއްގައި ލިޔުއްވާފައި އަޅުގަނޑަށް ދެއްވި އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ހަތަރު އަތޮޅުގައި އުފެދުނު ސުވާޑިވް ސަރުކާރުގެ އެންމެ އިސް ވެރިޔާގެ އާއިލާގެ ފަރާތުން މި ބަޣާވާތާ ގުޅޭ އެއްވެސް ބަހެއް މީގެ ކުރިން ފާޅުކުރެއްވިކަމުގެ މައުލޫމާތެއް އަޅުގަނޑަކަށް ލިބިފައެއް ނެތެވެ. މިފޮތުގައި ކޮންމެވެސް ވަރަކަށް އެކަމާ ގުޅޭ ގޮތުން އެ އާއިލާގެ މެންބަރެއްގެ ހިޔާލު ފާޅުކުރައްވާފައި އޮތީތީ، އަޅުގަނޑު ދުށީ މިފޮތުގައި ފާޅުކޮށްފައިވާ ހިޔާލުތައް އާންމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޮކްޓޫބަރު 3691ގެ ކުރީކޮޅު ވަރަށް ހާއްސަ މެހްމާނަކު ސީޝެލްސް އަށް އިނގިރޭސިން ގެނަ އެވެ. އެއީ ދިވެހިރާއްޖޭގެ ސަރުކާރުން ވަކިވެގެން، ދެކުނުގެ ރަށްތަކުގައި، ވަކި ޖުމްހޫރިޔާއެއް އޭގެ ފަސް އަހަރު ކުރިން ގާއިމުކުރި ލީޑަރެވެ. އިނގިރޭސި މަނަވަރެއްގައި އަބްދުﷲ އަފީފް ސީޝެލްސް އަށް ގެނައި ކަމަށް ވިޔަސް، މިފަދަ އެހެން މެހްމާނުންނާއި އަފީފާ ހުރި ތަފާތަކީ އަފީފަކީ އިނގިރޭސި ދައުލަތާ އިދިކޮޅު މީހެއް ނޫންކަމެވެ. އަފީފް ނުރުހެނީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހި ސަރުކާރުން ދެކުނުގެ އަތޮޅުތަކާ މެދު ގެންގުޅުނު "އިންސާފު ކުޑަ" ސިޔާސަތާ އެވެ. އެހެންވެ ދެކުނު އަތޮޅުތަކުގެ ރަށްވެހީން ވަނީ މައި ސަރުކާރާ ވަކިވެ އެމީހުންގެ އަމިއްލަ ގައުމެއް، ޔޫނައިޓެޑް ސުވާދިވް ރިޕަބްލިކް ނަމުގައި އިއުލާންކޮށްފަ އެވެ.

އަބްދުﷲ އަފީފްގެ އެންމެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފް ހަނދުމަފުޅުވާ ގޮތުގައި އާ ސަރުކާރުގެ ދިދަ ދެކުނުގެ އެންމެ މައި ރަށް ކަމަށްވާ ހިތަދޫގައި ނަގާ ހަނދާން ހުރެ އެވެ. ސުވާދީވް ސަރުކާރުގެ ދިދައިގައި ހުންނަނީ ނުލާއި، ފެއްސާއި ރަތެވެ. އިބްރާހިމް އެހެން ކަމެއް ވެސް ހަނދާން ހުރެ އެވެ. އެއީ އޭނާގެ ބައްޕަ ސުވާދިވް ސަރުކާރު އިއުލާން ކުރުމުގެ ހަފްލާ އަށް ވަޑައިގަތުމަށް ތުރުކުރައްވާނެ ކޯޓެއް ރޭގަނޑު ދަންވަރު ހޭލައި ތިބެގެން ތައްޔާރުކުރުމަށް މަސައްކަތްކުރި ހަނދާނެވެ. އަފީފް ރައީސް ކަން ގަބޫލުކުރެއްވީ ކުޑަ ފަސްޖެހުމަކާ އެކުގައި ކަމަށް އިބްރާހިމް ވިދާޅުވެ އެވެ.

ސުވާދިވް ސަރުކާރުގެ ރައީސް ކަމަށް އަފީފް އައްޔަނު ކުރުމަށް، މައި ސަރުކާރާ ވަކިވި އަތޮޅުތަކުގެ ރައްޔިތުން ނިންމީ ސަބަބުތަކެއް ހުރެގެންނެވެ. އަފީފަކީ މިސްރުގެ އަޒްހަރުން ކިޔަވައި ވިދާޅުވެގެން ހުންނެވި، މަތީ އާއިލާއެއްގެ ބޭފުޅަކަށް ވުމުން ވެރިއެއްގެ ގޮތަށް ބަލައިގަންނަށް ރައްޔިތުންނަށް ފަސޭހަވީމަ އެވެ.

އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި އިނގިރޭސިންގެ މަގްސަދާއި، ހަސީލަތް ސާފު ނޫން ކަމަށް ޤަބޫލުކުރެއްވޭތީ ބައްޕާފުޅު އިނގިރޭސިންނަށް އިތުބާރެއް ނުކުރައްވަ އެވެ. އިނގިރޭސިން ރާއްޖެ އައީ އެމީހުން ދެވަނަ ބޮޑު ހަނގުރާމާގައި ބޭނުންކުރި ބަނދަރާއި މަތިންދާ ބޯޓް ޖައްސާ ސްޓޭޝަން އަލުން ހުޅުވުމަށެވެ. އިނގިރޭސިން ގަމަށް އައުމަކީ އައްޑޫގެ ރައްޔިތުން މަރުހަބާކީ ކަމެކެވެ. ސަބަބަކީ ވަޒީފާގެ ފުރުސަތު ލިބިގެން ދާނެތީ އެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި އިތުރަށް އިމާރާތްނުކުރުމަށް އިނގިރޭސިންނަށް އަންގާފަ އެވެ. މިކަމާ އައްޑޫގެ ރައްޔިތުން ހިތްހަމަނުޖެހިގެން ވަނީ މައި ސަރުކާރުން ވަކިވުމަށް އަޑު އުފުލާފަ އެވެ.

ދިވެހި ސަރުކާރުން އިނގިރޭސިންގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެންގި ކަމަށް ވިޔަސް، އިނގިރޭސިން ތިބީ ގަން ދޫކޮށް ދާކަށް ނޫނެވެ. އެއީ އެމީހުންގެ ހަނގުރާމަމަތީ ވައިގެ މަރުކަޒެކެވެ. އެހެންކަމުން އައްޑޫގެ ރައްޔިތުން ފާޅުކުރަމުން ދިޔަ ޝުއޫރުތަކަށް އިނގިރޭސިން ދިޔައީ އަޑީގައި ތިބެގެން ތާއީދުކުރަމުންނެވެ. މިކަންތައް ހާސިލުކުރުމަށް އިނގިރެސިން ބޭނުންވީ އިތުބާރުކުރެވޭ ފަދަ ލީޑަރަކާ މަޝްވަރާކުރުމަށެވެ. ނަތީޖާއަކަށް ވީ އަބުދުﷲ އަފީފާ އެކު އިނގިރޭސިން ވާހަކަތައް ފަށައި އިނގިރޭސިން އެދޭ މަގާމަކަށް އަފީފް ވަޑައިގަތުމަށް އިނގިރޭސިން ހުށަހެޅުމެވެ. ނަމަވެސް އަބުދުއްﷲ އަފީފް މިހުށަހެޅުން ޤަބޫލުކުރެއްވުމަށް އެއްބަސްވީ ބަޣާވާތް ނާކާމިޔާބުވި ނަމަވެސް، އަފީފް އާއި އާއިލާ އަށް، ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން އިނގިރޭސިންގެ ފަރާތުން ލިޔުމަކުން ދިނުމަށް ޝަރުތުކޮށްފަ އެވެ.

އަފީފް ދީދީގެ ލީޑަޝިޕްގެ ދަށުގައި އޮތް ތިން އަތޮޅުގެ ސަރުކާރު ޑިމޮކްރެޓިކް ބަދަލުތަކާ އެކު އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ކުރިއެރުންތަކެއް ހޯދި ކަމަށް ފޮތުގައިވެ އެވެ. އަފީފް ދީދީގެ ވެރިކަމުގައި ކޮރަޕްޝަނަށް އެއްގޮތަކަށް ވެސް ފުރުސަތެއް ނުދެއްވަ އެވެ. އޭނާ ފޮނުއްވި ސިޓީއެއް 1959 ގައި އިނގިރޭސި ނޫހެއްގައި ޝާއިއުކުރި އެވެ. އެ ސިޓީގައިވާ ގޮތުން ވަކި ސަރުކާރު ހެދި އަތޮޅުތަކުގައި ހިމެނޭ ރަށްތަކަށް މާލޭގައި އޮތް ސަރުކާރަށް ހައްގެއް ނޯންނާނެ އެވެ. މި ސީޓީ ނިންމާލާފައިވަނީ އިނގިރޭސި ސަރުކާރުން ސުވާދިވް އިއްތިހާދު އަވަހަށް ގަބޫލުކޮށްދިނުން އެދި އިލްތިމާސް ދަންނަވަމުންނެވެ.

އެކަމަކު ސިޓީއަކަށް އިނގިރޭސިން ޖަވާބެއް ނުދެ އެވެ.

މި ބަޣާވާތުގައި އިނގިރޭސިންގެ ދައުރެއްވާ ކަމަށް ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު އދ. އަށް ޝަކުވާ ހުށަހެޅުއްވުމުން އެއީ ދާޚިލީ މައްސަލައެއް ކަމަށް އިނގިރޭސިން އދ ގައި ސިފަކުރި އެވެ. ބަޣާވާތް ހުއްޓުމަކަށް ގެންނަވަން ނާސިރު އަސްކަރީ ބާރު ބޭނުންކުރެއްވި އެވެ. އަދި އެފަދަ ހަމަލާއެއް އަތުވެދާނެ ކަމަށް ބަލައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އިނގިރޭސިންގެ އަސްކަރިއްޔާ ސ. ގަމުގައި ގާއިމުކޮށް، ފުރިހަމަ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންގޮސް ނިންމާލި އެވެ.

އިބްރާހިމް އަފީފް ކުރިން ފާހަގަކުރެއްވިހެން، އެއާޕޯޓް އަޅައި ނިމުމުން ސުވާދިވް ސަރުކާރަށް އިނގިރޭސިން ކުރަމުންގެންދިޔަ ތާއީދު ފަނޑުވާން ފެށި އެވެ. ރަންވޭ އަޅައި ނިމުމުން މަސައްކަތްކުރާނެ މީހުން އިތުރަކަށް އިނގިރޭސިން ބޭނުމެއް ނުވި އެވެ. އަދި ވަކިވެފައިވާ ދައުލަތެއް ވެސް ބޭނުމެއް ނުވި އެވެ. އެހެންކަމުން އދ. ގެ ފިއްތުންތަކަށް ދޫދީ ދިވެހި ސަރުކާރާ އެކު އެއްބަސްވުމަކަށް އަ އެވެ. އަދި އިނގިރޭސިން އަޑީގައި ތިބެގެން އުފެއްދި ޖުމްހޫރިއްޔާ މި ހިސާބުން ނިމުމަކަށް ގެނެސް އާއިލާ ގޮވައިގެން އަބްދުﷲ އަފީފް ގައުމު ދޫކުރައްވަން ހުއްދަ ދިނެވެ.

އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓް ޑަންކަން ސޭންޑީސް އިނގިރޭސި ޕާލިމަންޓަށް ދިން ބަޔާނެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ ބާރު އައްޑު އަތޮޅުގައި ގާއިމުކުރުމަށްޓަކައި އަފީފް ދީދީ ގައުމު ދޫކޮށްލެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން މި މައްސަލައާ ގުޅޭ އެއްވެސް ފަރާތެއް އެއްވެސް ލަދުވެތިކަމަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަފީފްގެ އެދިވަޑައިގަތުމަކަށް އިނގިރޭސިން އޭނާ އެދިވަޑައިގެންނެވި ތަން ކަމަށްވާ ސީޝެލްސް އަށް ފޮނުވައިދިން ކަމަށާއި އަފީފް ރާއްޖެ ދޫކުރެއްވުމަކަށް ވެސް އަދި އެނބުރި ރާއްޖެ އަށް ވަޑައިގަތުމަކަށް ވެސް އިނގިރޭސިންގެ ޕްރަޝަރު ނުކުރާނެ ކަމަށް ވެސް ސޭންޑީސް ވިދާޅުވި އެވެ.

އަފީފްގެ އާއިލާ ދަތުރުކުރެއްވި މަނަވަރު ސީޝެލްސް އަށް ގާތްކުރިއިރު ފެނުނު މަންޒަރުތައް އިބްރާހިމް މިހާރު ވެސް ހަނދުމަފުޅު އެބަ ހުއްޓެވެ. ފެނުނީ ބޮޑެތި ފަރުބަދަތަކާއި މޫދެވެ. އަދި އެފަރުބަދަތަކުގެ މައްޗަށް އެރޭނެތޯ މަންމަ ގާތު އޭނާ ސުވާލުކުރެއްވި އެވެ. އަފީފް އާއިލާ ފުރަތަމަ މަޑުކުރައްވަން ޖެހިވަޑައިގަތީ ހޮޓަލެއްގަ އެވެ. އޭގެ ފަހުން ގެއަކަށް ބަދަލުވި އެވެ. ފުރަތަމަ އެލަވަންސްގެ ގޮތުގައި އިނގިރޭސިން ދެނީ 1000 ސީޝެލްސް ރުޕީސް އެވެ. އަދި 1956 އާ ހިސާބަށް ދިޔައިރު ލިބޭ އެލަވަންސުން ޚަރަދުތައް ދެކޮޅުނުޖެހޭތީ 250 ރުޕީސް އިތުރުކުރި އެވެ.

އިނގިރޭސިން އުއްމީދުކޮށްގެން ތިބީ އަފީފަށް އަފޫއާންމެއް ލިބިވަޑައިގެން އެނބުރި ދިވެހިރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް ނާސިރުގެ ވެރިކަމުގައި އަފޫއާންމެއް ނެރެފާނެ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އެއީ އަފީފްގެ ނިޔަތަށް ނާސިރު އިތުބާރުނުކުރައްވާތީ އެވެ. އަފީފްގެ އެލަވަންސް ކަނޑާލައި ރާއްޖެ ދިއުމަށް މަޖްބޫރުކުރުމަށް އިނގިރޭސިން ބޭނުންވި އެވެ. އެހެން ނަމަވެސް ކޮލޯނިއަލް އޮފީހުން މިކަން ހުއްދައެއް ނުކުރި އެވެ. އަދި އިނގިރޭސިންނަކީ އަފީފް ފަދަ އެމީހުންގެ މެހްމާނުންނާ މެދު ޝަރަފުވެރިކަމާ އެކު އަމަލުތައް ބަހައްޓާ ބަޔަކަށް ވާތީ އިތުރު ތަކްލީފެއް އަފީފަށް ލިބޭކަށް އިނގިރޭސިން ބޭނުމެއް ނުވި އެވެ.

އިނގިރޭސިންގެ އެހީތެރިކަމާ އެކު 1956ގެ މެދަކާ ހިސާބުގައި އަފީފްގެ އަނބިކަނބަލުންނަށް އިނގިރޭސި ވިލާތުގައި ބޭސް ފަރުވާއެއްކުރި އެވެ. އަދި އެނބުރި ސީޝެލްސް އަށް އެ ދެމަފިރިން ގެންގޮސްދިނެވެ.

އިބްރާހިމް އަފީފް ވިދާޅުވާ ގޮތުގައ 1978 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމް އޭނާގެ ބައްޕަ އަށް މައާފް ދެއްވި އެވެ. އެހެންނަމަވެސް އެ މައާފާ މެދު އަފީފްގެ ހިތް ސާފު ނޫން ކަމުން ގަސްދުކުރީ ސީޝެލްސްގައި މަޑުކުރައްވާށެވެ.

އަބްދުﷲ އަފީފަށް 1988 ގައި ސްޓްރޯކެއް ޖެހިވަޑައިގަތެވެ. އަދި އަވަހާރަވީ 1993 ގަ އެވެ.