ގައުމުގެ ރައީސަކީ ރައްޔިތންގެ މޫނުބަލާ ލޯގަނޑެވެ. އަހަރެމެންގެ ނަމޫނާއެވެ. އަހަރެމެންގެ އިހުސާސްތައްދަންނަ އަހަރެމެން އެދޭގޮތަށް ކަނތައް ފަހިކޮށްދޭ ގައުމުގެ ބައްތިއެވެ.
ބައިނަލްއަގްވާމީ މަޝްރަހުގައި މިގައުމުގެ މޫނުމައްޗަކަށްވާނީވެސް އަޅުގަނޑުމެންގެ ވެރިޔަކަށް އައްޔަންކޮށްފައި ހުންނަ ރައީސްއެކެވެ. އޭނާއަކީ، އެހެން ގައުމުތަކާއި އަހަރެމެން މުއާމަލާތްކުރާއިރު ބޭނުންކުރާ މައި މުލެވެ.
އެހެންވީމައި، އަހަރެމެންގެ ރައީސްއަކަށް ހުންނަވަން ވާނީ ހުށިޔާރު ކުޅަދާނަ ބޭފުޅެކެވެ. ކެރޭ، ޖެހިލުންކުޑަ ރައްޔިތުންގެ ޙައްގުގައި ނިންމުންތައް ނިންމަ ބޭފުޅެކެވެ. އެހެންނޫނިއްޔާ، މިރާއްޖެ ބައެއްގެ އަޅުވެތިކަމުގެ ދަށައްގޮސް ރައްޔިތެއްގެ ގޮތުން އަހަރެމެންނަށް ލިބެންޖެހޭ މިނިވަންކަން ގެއްލިދިއުމަކީ ދިވެހި ތާރީޚުން ފެނިފައިވާ، އަހަރެމެންގެ ކާބަފައިން ތަޖްރިބާކޮށްފައިވާ ކަމެވެ.
ރައީސް ކަމުގެ ވަޒީފާއަކީ ވަރަށް ފަސޭހައިން އަދާކޮށްލެވިދާނެ ވަޒީފާއެކޭ ހީވެދާނެއެވެ.
އުސޫލެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ މަޖުލިހުން ފޮނުވާ ބިލުގައި ސޮއެކޮށްލުމާއި ނުވަތަ އަނބުރާ މަޖްލިހުގެ ވިސްނުމަށް ބިލު އަނބުރާ ފޮނުވުމެވެ. އަސްކަރިއްޔާގެ އާއި ސަރުކާރުގެ ވެރިއްގެގޮތުގައި ހުރުމާއި، ފަނޑިޔާރުން ގެ ނަންތައް މަޖުލިހަށް ފޮނުވުމާއި، އަދި މިނިވަން މުއްސަސާގެ މެންބަރުންގެ ނަންތައް މަޖުލިހަށް ފޮނުވުމާއި އަދި ބައެއް މުނާސަބަތުގެތަކުގައި ޗީފްގެސްޓުކަންކޮށްލުމެވެ.
ނަމަވެސް ގައުމުގެ ރައިސަކީ މިއަށްވުރެ މާފުޅާދާއިރާއެއްގައި ރައްޔިތުންނަށް ޒިންމާދާރުވާ ބޭފުޅެކެވެ.
މިގައުމުގެ ސިޔާސީ މަޝްރަހު މިހާރު އޮތްގޮތުން، އަމިއްލަ އެދުމެއް ނެތި، ރައްޔިތުންގެ ހައްޤުގައި ރައީސްކަން ކޮށްދެއްވަފާނެ ބޭފުޅަކު ކުރިމަތިލައްވަފާނެތޯ އެއީ އަޅުގަނޑަށް ޝައްކުއުފެދޭކަމެކެވެ.
ވިޔަފާރިވެރިންގެ ނުފޫޒް މިއަދު މިގައުމުގައި ގަދަކަމުން އެބޭފުޅުންގެ އެދުންތަކަށް ސަރުކާރު ބޯލަބަންއެބަޖެހެއެވެ. ރައްޔިތުން ބޭނުންވަނީ އެމީހުން ދިރިއުޅޭ ރަށްރަށުގައި އަވަހަށް ކަންތައްތަކެއް ފަސޭހަވެގެން ދިއުމެވެ. ތަރައްގީގެ އެކި އެކި މަޝްރޫއުތައް ވީއެންމެ އަވަހަކަށް ހިންގުމެވެ. މަޖުލިހާއި ސިޔާސީ ޕާރޓީތަކަށްވެސް ސަރުކާރު ޖަވާބުދާރީ ވާން ޖެހެއެވެ.
މިހުރިހާކަމަކަށް ޖަވާބުދާރީވާން، މެދުގައި ތާށިވާން މިހުންނެވީ އެއްކަލަ ހޮވިގެން ހުންނެވި ރައީސްއެވެ.ހުރިހާ ފަރާތަކުން ހުންނެވީ ބަނދެވިފައެވެ. 3 ބާރު ވަކިކުރުމުގެ މަސްހުނިގަނޑުގައި މިތާށިވަނީ ރައީސެވެ.
މިކަހަލަ މަސްރަހެއްގައި، ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި، މަޖްބޫރުވެގެން ނޫންގޮތަކަށް މީހަކު ރައީސްކަންކޮށްދީފާނެބާއޭ އަޅުގަނޑު ހިތަށްއަރައެވެ.
އެކަމަކު އަޖާއިބުވެ ހައިރާންވަނީ، އެހެނަސް އުފާކުރަންވީކަމަކީ މިޙާލަތުގައިވެސް ރައީސްކަމާއި ކުރިމަތިލާން ބޭނުންވާ ބޭފުޅުން އަޅުގަނޑުމެން ތެރޭ ގައި ތިބިކަމެވެ.
ފަސްދިޔަތަނުގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ޝަހްސިއްޔަތާއި އަޅާކިޔައިގެން ކުރިއަށް އޮތް އިންތިހާބުގެ ރައީސްއެއް ކަނޑައެޅުން އެއީ އެހާ ހަމަޖެހޭގޮތަކައްނުވާނެއެވެ. މިގައުމުގައި މިހާރުހުރި މައްސަލަތަކުގެ ޙައްލަކީ އަމީނު، ނާސިރު، މައުމޫނު، ނަޝީދު އަދި ވަޙީދު ކަމުގައި ނުވެދާނެއެވެ. މިހާރު ދިމާވެފައި ހުރި މައްސަލަތަކަކީ އަހަރެމެންނަށް ކުރިން ދިމާވެފައި ހުރި މައްސަލަތަކަކަށް ނުވާހިނދު، އެބޭފުޅުންގެ ޒަޢާމަތުން މިސާލު ނަގައިގެން މިހާރު ގައުމު ހިންގޭކަށް ނޯންނާނެއެވެ.
ސަބަބަކީ، ކާމިޔާބު ސިޔާސީ ބޭފުޅުންނަކީ އެހެން ސިޔާސީ ބޭފުޅުންގެ ފަރާތްޕުޅުން ހިތްވަރާއި އިބްރަތް ލިބިގަތަސް، އަނެއްބޭފުޅެއްގެ ނަކަލެއްނޫނުނެވެ. ދެލިކޮޕީއެއް ނޫނެވެ. އަދި އެހެން ބޭފުޅުންގެ ހުރިހާ ސިފަތަކެއް ކޮޕީކުރައްވާ ބޭފުޅުންނެއްވެސް ނޫނެވެ.
އަހަރެމެންގެ ތާރީޚުން ފެންނަން ހުރިހެކިތަކުން ވެރިން އެކަކު އަނެކަކު ކޮޕީކުރައްވާފައެއް ނެތެވެ. މައުމޫން ނާސިރު ކޮޕީކުރައްވާފައި ހުރިތަނެއް ފެންނާކަށް ނެތެވެ. ރައީސް ނަޝީދު ރައީސް މައުމޫނު ކޮޕީއެއް ނުކުރައްވައެވެ. އަދި ރައީސް ވަހީދުއަކީ ރައީސް ނަޝީދު ހިންގެވިމަގުން ހިންގަވާ ބޭފުޅެއްނޫނެވެ.
ނެލަސަން މެންޑޭލާގެ ބައޮގްރަފީން ދޭހަވާގޮތުގައި އަބްރަހަމް ލިންކަން އާއި މަހާތުމާ ގަންދީގެ ސިޔާސީ ހަޔާތްޕުޅުން މެންޑޭލާ ހިތްވަރު ލިބިގަތެވެ. އެހެންނަމަވެސް މެންޑޭލާއަކީ މިއިން ބޭފުޅެއްގެ ނަކަލެއް ނޫނެވެ.
ކޮންމެ ކާމިޔާބު ސިޔާސީ ލިޑަރަކީ އަމިއްލަ ވަންތަ އެހެން ބޭފުޅުންނާއި ތަފާތު ހާއްޞަ ސިފަތަކެއް ހުންނާނެބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ވެރިކަންވަނީ ރައީސް ނާސިރުއާއި ރައީސް މައުމޫނު ދެބޭފުޅުންގެ މަތިން ބައި ގަރުނުވަންދެން ވެރިކަންކޮށްފައެވެ. އެދެބޭފުޅުންގެ ވަރިކަމުގެ ދުވަސްވަރު އަރިހުގައި ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެއްކަމުގައިވާ ކޮލި އަލި މަނިކުގެ ބައިގްރޮފީގައި ލިޔުއްވާފައިވެއެވެ. "ނާޞިރާއި މައުމޫނަކީ ވެރިކަން ހިންގެވުމުގައި ވަރަށް ފާހަގަކޮށްލެވޭ ދެ ގޮތެއް ގެންގުޅުއްވި ދެ ބޭފުޅުންނެވެ. އަދި އެ ދެބޭފުޅުންގެ ހިންގެވުމުގެ ވައްޓަފާޅިއާ އެއްގޮތަށް އަޅުގަނޑު އާދަވީމެވެ،"
ޝަހްސިއްޔަތުގައި ތަފާތުގޮތްތަކެއް ހުއްޓަސް، ހިންގުމުގެ ވައްޓަފާޅި ތަފާތުވިޔަސް އަޅުގަނޑުމެން ވެރިޔަކު ކަނޑައެޅުމުގައި ބަލާނީ ކޮންކަހަ ސިފަތަކަކައްތޯ އެއީ އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަންކަމެވެ. އަޅުގަނޑުގެ ހިތަށް ފެންނަކަންތައް ތިރީގައި މިލިޔެލަނީއެވެ.
• އިތުބާރުކުރެވޭ ބޭފުޅަކަށްވުން
o ތެދުވެރި، އޮޅުވާނުލާ އަދި ދިވެހި ދައުލަތުން ވައްކަންނުކުރާނެ ބޭފުޅަކަށްވުން.
o ބަސް ވިދާޅުވާ ގޮތަށް ކަންކުރުމާއި އަދި ރަނގަޅު ކަންކަންކުރުމުގެ ހިތްވަރު ހުރި ބޭފުޅެއްކަމުގައިވުން
• އިހްތިރާމް ކުރުން
o ތަފާތުތައް ތަހައްމަލުކުރުމުގެ ގާބިލުކަން ހުރުން
o ރުޅިއާއި ފުރައްސާރައާއި ދެބަސްވުމަށް ކެއްތެރިކަމާއެކު ކުރިމަތިލުން
• ޒިންމާދާރުވުން
o ރޭވުންތެރިކަމާއި، މަސްއޫލިއްޔަތުގައި ސާބިތުވެ ދެމިހުރުން، ނަފްސުގެ ކޮންޓްރޯލާއި ރީތި އަހްލާގީ މިންގަޑެއް ހިފެހެއްޓުން
o ތިމާގެ އަމަލާއި ބަހަށް ޒިންމާދާރުވުން
• ހަމަހަމަކަން
o ހުޅުވިފައިވާ ވިސްނުމަކާއިގެން އެހެންމީހުންގެ ވާހަކަ އަޑުއަހާ ބޭފުޅެއްކަމުގައިވުން
o އަމިއްލައަށް ހެދޭގޯސްތައް އެހެން މީހުންގެ މައްޗަށް ފޫޅުކަނޑާނުލައި ޒިންމާނަގަން ކެރުން
• އޯގާތެރިވުން
o ހިތްހެޔޮވުމާއި މާފްކުރުމުގެ ތޮބިއްޔަތު ހުރުން
• ރައްޔިތުކަން
o އިސްލާމްދީންގެ އަޅުކަން އަމަލީގޮތުން ފުރިހަމަ ކުރާތަން ފެނުން. ދީނަށް އިހްތިރާމްކޮށް ދީނީ ޝިއާރު ފާޅުކުރުން
o ގާނޫނާއި ގަވާއިދަށް ބޯލަބައި އިހްތިރާމްކުރުން
o ރައްޔިތެއްގެ ގޮތުން މުޖްތަމައަށް ހިލޭސާބަހަށް ކޮށްދޭ ކަންތަކެއް ހުރުން
މިއީ މިގައުމުގެ އެންމެ އިސްމަގާމަށް އައުމަށް ބެނުންވާ ބޭފުޅެއްގެ ކިބައިގައި އަޅުގަނޑަށް ފެންނަގޮތުން ހުންނަންޖެހެނޭ ސިފަތަކެވެ.
މިގިއުގަޑުތެރޭގައި ރިއާސީ ކެންޑިޑޭޓުންގެ ޝަހުސިއްޔަތަށް ޕޮއިންޓް ދެވިއްޖެނަމަ މިގައުމުގެ ވެރިއަކަށް ހޮވާނެ ބޭފުޅަކު ފުރާނާލައި ކަނޑައަޅާލެވިދާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.