ދުނިޔޭގައިވާ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިއާގައި މިހާރު ހިނގަމުންދާ އިންތިޚާބަކީ ދުނިޔޭގައި ހިނގައި ވޯޓްލުމުގެ އެންމެ ބޮޑު އިވެންޓެވެ. މި އިންތިޚާބުގައި 800 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްޤު ލިބިފައިވެއެވެ. އަދި ނުވަލައްކައަށްވުރެ ގިނަ ވޯޓް ފޮށިވަނީ ބަހައްޓާފައެވެ. ވޯޓް ލުމަށް ވަނީ ދޮޅުމަހުގެ މުއްދަތެއް ކަންޑައަޅާފައެވެ.

އަޅުގަނޑަށް މިއިންތިޚާބުން އެންމެ އަޅައިގެން އަދި ފާހަގަވި ދެ ކަމަކީ، އިންތަޚާބުގައި ވޯޓްލަނީ އިލެކްޓޮރޯނިކުން ކަމާއި އަދި ވޯޓް ލާ މީހުންނަށް އެއްވެސް ޕާރޓީއަކަށް ވޯޓް ނުދިނުމުގެ އިހްތިޔާރުދީފައިވާތީއެވެ.

އިލެކްޓުރޯނިކުން ވޯޓް ދޭތީ ވޯޓް ދޭނީ ބަޓަންއަކަށް ފިއްތައިލާގެންނެވެ. ވޯޓްދޭ އިލެކްޓުރޯނިކް އާލާތުގައި އިންތިޚާބުގައި ބައިވެރިވާ ޕާރޓީތަކަށް ވޯޓްލާ ފިއްތަކާއިއެކު (None of the above -NOTA) އެއްވެސް ފަރާތެއް އިހްތިޔާރު ނުކުރާ (ނޯޓާ) ފިތެއް ވެސް ހުރެއެވެ.

އަޅުގަނޑަށް ފުރަތަމަ ވިސްނުނީ އެއްވެސްފަރާތަކަށް ވޯޓް ނުދިނުމުގެ އިހްތިޔާރެއް އޮތުމުގެ ބޭނުމެއް ނެތްކަމަށެވެ. އެއީ ވޯޓް ދޭން ބޭނުންވާފަދަ ޕާރޓީއެއް ނުވަތަ ކެންޑިޑޭޓެއް ނެތްނަމަ ވޯޓްލާން ނުދިޔައީމައި ހަމަޖެހުނީ ކަމަށެވެ.

އިންޑިއާގައި މިހާރު ވޯޓްލާފައިވާ މީހުންގެ ތެރޭން 2% މިހުންވަނީ ނޯޓާ އިހްތިޔާރުކޮށް، އެއްވެސް ފަރާތަކަށް ވޯޓް ނުދީއެވެ.

މިދިޔަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބުގައި އޮބްޒާވަރެއް ގޮތުގައި ހަރަކާތްތެރިވުމަށް ފުރުޞަތު ލިބުނެވެ. ވޯޓް ގުނުމުގެ މަރުހަލާ އޮބްޒާވްކުރީމެވެ. އަޅުގަނޑަށް ފެނުނުތަނުން ތިން ވޯޓް ކަރުދާހެއް ގަސްދުގައި ހުރިހާ ގޮޅިއެއްގައި ރަސްގެލައި ބާތިލްކޮށްފައިވާ ތަން ފެނުނެވެ. މިއީ އެންމެ ފޮއްޓެއްގެ ވާހަކައެވެ. މިފޮއްޓަށް ވޯޓްލީތަނުން ހަމަގައިމުވެސް ނޯޓާ ގެ ފުރުޞަތު އޮތްނަމަ މިއީ ބާތިލް ވޯޓްތަކަކަށް ނުވީހެވެ.

މިއަހަރު އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓްއަކާއި އެކު އެބޭފުޅާގެ ކެންޕޭންގައި ހަރަކާތްތެރިވީމެވެ. އަޅުގަނޑަށް އެދާއިރާގެ ތެރެއިން އިވުނު އެއްއަޑަކީ ދާއިރާގެ މީހަކު ކުރިމަތި ނުލާތީވެ، ވޯޓް ބަތިލުކުރާނީ ނުވަތަ ވޯޓްލާން ނުދާނެކަމުގައި ބުނަމުން ދިޔަ ބަޔަކުވެސް އުޅުނުކަމެވެ. މިމީހުން ޕާރޓީ ފިކުރަށްވުރެ ބޮޑަށް އިސްކުރީ އެމީހުންގެ ވިސްނުމެވެ.

މިއަދު ޓައިމްސް އޮފް އިންޑިއާގައި އޮތް ޚަބަރެއްގައި ބުނަނީ ބިޖޭޕީގެ ނަރެންދުރަ މޯޑީއާއި، އާންމު އާދުމީ ޕާރޓީގެ އަރުވިންދު ކެޖިރަވާލް އާއި ކޮނގުރެސްގެ އަޖޭ ރާއި، ވާދަކުރާ ދާއިރާގެ ދޮޅުލައްކަ މީހުން ނިސްބަތްވާ ޖަމާއަތަކުން ބޭނުންވަނީ ނޯޓާ އިހްތިޔާރު ކުރާށެވެ. އެޖަމާއަތުން ބުނަނީ އިންޑިއާ މިނިވަން ވީއްސުރެ، މިވީ 60އަހަރުގެ ތެރޭގައި އެދާއިރާގެ ތަރައްޤީއަށް އެއްވެސް ޕާރޓީއަކުން އެކަށީގެންވާ މަސައްކަތެއް ކޮށްދީފައި ނުވާކަމަށެވެ. އެމީހުންގެ މައްސަލަތައް ހައްލުކޮށްދޭން އެއްވެސް ސަރުކާރަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާކަމަށެވެ. ކޮންމެ އިންތިހާބެއް ނިމުމުން އިންތިޚާބުގައިވެފައިވާ ވަޢުދުތައް ހަނދާންނެތި، ވަޢުދަށް އިޙްމާލުވެ، އެދާއިރާގެ ތަރައްޤީއަށް އެކަށީގެންވާ ކަމެއް ކޮށްދީފައި ނުވާކަމަށެވެ. އެހެން ކަމުން މިފަހަރު ވޯޓް އެއްވެސް ކޮޅަކަށް ނުދޭން ނިންމާފައިވާ ކަމަށެވެ.

ސަރުކާރު ހިންގުމުގައާއި މަޖްލިސްގައިވެސް ވާދަވެރި ޕާރޓީތައް ހަރަކާތްތެރިވީގޮތް ރާއްޖޭގެ ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. ރައްޔިތުމީހާގެ ދިރިއުޅުން އެއްފަސްއަހަރުން އަނެއްފަސްއަހަރަށް ރަނގަޅުނުވާކަމަށް ވަނީނަމަ، ކުރިމަތިލާ ކެންޑިޑޭޓް އާއި ނުވަތަ ޕާރޓީއަކާއި ދެތެރޭ އިތުބާރެއް ނޯންނާނެއެވެ.

އިންތިޚާބުގައި ވޯޓް ދޭންތައްޔާރުވާއިރު ވަރަށް ގިނަ ފަހަރު އެންމެ ވޯޓްދޭހިތުން ހުންނަ ކެންޑިޑޭޓް ކުރިމައްޗެއް ނުލާނެއެވެ. އަދި ވޯޓް ލާހިތްވާ ކަހަލަ ކެންޑިޑޭޓްއެއް ކުރިމަތިލާފައި ނުހުންނާނެއެވެ. އެހެންނަމަވެސް ވޯޓްގެ ވާޖިބު އަދާކުރަން ބޭނުންވެއެވެ. އެއްވެސް މީހަކަށް ވޯޓްނުލާ، އެހެނަސް ވޯޓްގެ ވާޖިބު އަދާކުރެވޭނެ މަގެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި ފެނެއެވެ. މިގޮތަށް ވޯޓްލުމުގެ މަގު ހުޅުވޭނީ ނޯޓާއަށް ވޯޓް ލެވޭނެގޮތްވެގެންނެވެ. ހަޤީޤަތުގައި އަޅުގަނޑުގެ ވޯޓް އަޅުގަނޑަށް ލިބެނީ މިގޮތަށް ވޯޓް ދިނުމަށް ފުރުޞަތު އޮވެގެންނެވެ.

ދެންނެވޭނީ "ނޯޓާ" ޒިންދާބާދު!