މިހާރު ސަރުކާރު ހިންގާ ޕާޓީއާއި ގާސިމް އިބްރާހީމުގެ ޖުމްހުރީ ޕާޓީގެ ދެމެދު ހިނގާ ކޯޅުމާ ގުޅިގެންއަޅުގަނޑުގެ ރަޙުމަތްތެރި ސިޔާސީ ބޭފުޅަކާ ޙިޔާލު ބަދަލުކޮށްލަން ގުޅާލީމެވެ. އެބޭފުޅާ ވިދާޅުވީ ރައީސް ނަޝީދުވެސް ވިދާޅުވާ ގޮތަށެވެ. ރިޔާސީ ނިޒާމެއްގައި ކޯލިޝަނެއް މަސައްކަތެއް ނުކުރާނެކަމަވެ. ރިޔާސީ ނިޒާމް ކޯލިޝަނެއް ނުދަންނާނެކަމަށެވެ. އެއްވެސް ސަރުކާރަކުން އަތަކާ ފަޔަކާ ދީގެން ވެރިކަމުގެ ތިބޭކަށް ބޭނުމެއް ނުވާނެކަމަށެވެ.
މިބަހުސްގެ ތަފާތު އެހެންވިސްނުމެއްވެސް އޮންނާނެއެވެ. ކޯލިޝަނާއި އެކު ސަރުކާރު ހިންގާ ގައުމުތައްވެސް އެބަތިއްބެވެ. މިސާލެއްގެ ގޮތުން އިންޑިއާ، މެލޭޝިއާ، ޕާކިސްތާން އިންގިރޭސި ވިލާތުގައި ސަރުކާރު މިހިންގަނީ ކޯލިޝަނަކުންނެވެ. މިނުކުތާގައި ދެން ނުކުންނަ ޒުވާބަކީ ތި ޤައުމުތަކަކީ ބަރުލަމާނީ ނިޒާމްގައި ސަރުކާރު ހިންގާ ގައުމުތައް ކަމުގައެވެ. ތެދެކެވެ. ފާޅުކަންބޮޑުގޮތެއްގައި ކޯލިޝަންތައް މިފެންނަނީ ބަރުލަމާނީ ނިޒާމެއްގެސިފައެއްގެގޮތުގައެވެ.
ނަމަވެސް ރިޔާސީ ނިޒާމްގައި ކޯލިޝަން އެކުލަވާލަނީ ބަރުލަމާނީ ނިޒާމާ ތަފާތުކޮށެވެ. ރިޔާސީ ނިޒާމްގައި އިންތިހާބުން ވަކިވާ ކެންޑިޑޭޓް، އިންތިހާބުގައި ވާދަކުރާ އެހެން ކޮންމެވެސް ކެނޑިޑޭޓަކަށް ތާއީދުކުރާތަން ފްރާންސްއާއި އެމެރިކާގެ އިންތިހާބުތަކުން ފެންނަންއެބަހުއްޓެވެ. އެމެރިކާގައި 2008ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި އިންތިހާބުންވަކިވާން ޖެހުނު ހިލަރީ ކުލިންޓަންވަނީ އިންތިހާބުގައި އޮބާމާއަށް ތާއީދުކޮށް ކެންޕޭންކޮށްފައެވެ. ރިޔާސީ އިންތިހާބުގައި ރާއްޖޭގައިވެފައިވާ ގޮތަށް އެއްވެސް ކެންޑިޑޭޓްއަކަށް މެޖޯރިޓީ ނުލިބޭތީ އިންތިހާބުން ވަކިވާ ކެނޑިޑޭޓުން ދެވަނަ ބުރުގައި ކޮންމެވެސް ކެންޑިޑޭޓަކަށް ތާއީދުކުރާތަން ފްރާންސްގެ އިންތިހާބުންވެސް ފެނެއެވެ.
އެހެންވީމާ، ރިޔާސީ ނިޒާމްގައިވެސް ކޯލިޝަން ހެދުމާ، ތާއީދުކުރުމާ، ބައިއަތު ހިފުމަކީ އިންތިހާބުތެރޭގައި ހިނގާކަންކަމެވެ. އެއީ ރިޔާސީ ނިޒާމްގެ ސިފައެއް ނުނޭ ބުނުމުގެ ޖާގައެއް ނެތެވެ. މިބަހުސަށް ބާރުލިބެނީ ރައްޖޭގައި ނިމިދިޔަ ދެ ރިޔާސީ އިންތިހާބުގައި ކޯލިޝަންހަދައިގެން ނިކުންނަތީޖާއިންނެވެ. އިންތިހާބުން ވަކިވާން ޖެހުނު ފަރާތްތަކަށް ލިބުނު ވޯޓް އިންތިހާބުގެ ދެވަނަ ބުރުގައި އެފަރާތްތައް ކޯލިޝަން ހެދިގޮތަށް، ތާއީދުކުރާ ފަރާތްތަކުން ވޯޓް އަޅާފައި ހުރިކަމަށްވާތީއެވެ.
ކޯލިޝަންއަކީ އެއްޕާޓީއެއްވުރެ ގިނަ ޕާޓީ ބައިވެރިވެގެން ސަރުކާރު ހިންގުމުގައި ބައިވެރިވުން ނުވަތަ ސިޔާސީ މަގްޞަދެއް ހާސިލުކުރުމަށް ޕާޓީތަކެއް އެކުގައި މަސައްކަތްކުރުމަށް އުފައްދާ ތޮށިގަނޑެކެވެ. ކޯލިޝަންގެ ބޭނުމަކީ އިންތިހާބެއް ކާމިޔާބުކުރުމަށް ދެފަރާތަށް ފައިދާވާގޮތަށް މަސައްކަތްކުރުމެވެ. އެކި ފިކުރުގެ ޕާޓީތައް އެއްގެމަތީގައި މަސައްކަތްކުރުމަކީ އުނދަގޫކަމެވެ. އަދި ހާއްސަކޮށް ވަރުގަދަ ޕާޓީއެއްގެ ފަހަތުގައި ނޫންކަމުގައި ވަނީނަމަ މައްސަލަތައް ކުރިމަތިވާލެއް ގިނަވެފައި އަވަސްވާނެއެވެ. އިންޑިއާގައި މި ތަޖުރިބާވަނީ 80ގެ ފަހުކޮޅުއާއި 90ގެ ކުރީކޮޅުގައި ކޮށްފައެވެ. ކޯލިޝަން ތެރޭ ސަރުކާރު ހިންގުމުގައި ވަނީ އިންތިހާބުތައް އަވަސްވެ ސަރުކާރުތައް ގިނަގިނައިން ބަދަލުވެފައެވެ. އެހެންނަމަވެސް، މިހާރު އިންޑިއާގެ ސިޔާސީ ޕާޓީތަކަށް ކޯލިޝަނާ އެކު އުޅެން ދަސްވެއްޖެއެވެ.
އިންޑިއާގައި 2004ވަނަ އަހަރު އޮތް އިންތިހާބުގައި ކޮންގުރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުނުނަމަވެސް، ސަރުކާރު އުފެއްދޭވަރަށް ގޮޑިއެއް ނުލިބެއެވެ. އެހެންކަމުން، ސަރުކާރު އުފެއްދުމަށްޓަކައި ޔުނައިޓެޑް ޕްރޮގުރެސިވް އެލައަންސް (ޔޫޕީއޭ) ކޯލިޝަން އުފެއްދިއެވެ. މިއަދާއަހަމައަށްވެސް ޔޫޕީއޭ ދެމިއެބައޮތެވެ. ކޯލިޝަންއަކީ އާންމުކޮށް، އުމުރު ދިގު އެއްޗެއްނޫނެވެ. ނަމަވެސް ކޯލިޝަންގައި ބައިވެރިވާ ފަރާތްތަކަށް ކޯލިޝަނުން ފައިދާވާ ކަމަށްވަނީ ނަމަ ކޯލިޝަނުން ވަކިވުމުގެ ބޭނުމެއް ނޯންނާނެއެވެ.
މެލޭޝިއާ މިނިވަން ވީންސުރެން ފެށިގެން ކަހަލަގޮތަކަށް ވެރިކަން ކުރަނީ ކޯލިޝަން ސަރުކާރަކުންނެވެ. މިހާރުވެރިންކަން ކުރާ ކޯލިޝަނަށް ކިޔަނީ 'ބަރީސަ ނެސަނަލް' އެވެ. ބައިވަރު ޕާޓީތަކެއް އެކުލެވޭތީ ހިންގާ އޮނިގަނޑެއް އޮންނަޖެހޭކަމަށް މެލޭޝިއާގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރެއެވެ. އަދި ހުރިހާ ޕާރޓީއެއްގެ ފިކުރު ހުރިހާ ދިމާލެއްގައި އެކުލަވާ ހިމަނަންޖެހޭތީވެ، މިކަން ފުރިހަމަ ކުރުމަށް ބީއެންގެ އޮނިގަނޑުގައި ތިން ލެވެލްއެއް އޮވެއެވެ. އެއީ ގައުމީ ފެންވަރުގެ ސުޕްރީމް ކައުސިލް، ސްޓޭޓް ލެވެލްގައި ސްޓޭޓް ކޯޑިނޭޓީން ކޮމިޓީ އަދި ޕާލިމަންޓް ދާއިރާތަކުގެ ކޯޑިނޭޓީން ކޮމިޓީއެވެ. ސުޕުރީމް ކައުސިލް އަކީ ބީއެންގެ އެންމެ އިސްގުނަވަނެވެ. މިކައުސިލްގައި ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެ އިސްބޭފުޅުން ހިމެނެއެވެ. އެހެން ކަމުން ހުރިހާ ޕާޓީއެއްގެ އަޑު އިއްވުމުގެ މިނިވަންކަމާއި ހައްޤުލިބެއެވެ.
އިންޑިއާގައި މިހާރު ވެރިކަމުގައި އޮތް ކޯލިޝަންއަށް މިކިޔަނީ 'ނެޝަނަލް ޑިމޮކްރެޓީކް އެލެއަންސް' އެވެ. އެންޑީއޭ ހިންގުމުގެ ރަސްމީ އޮނިގަނޑެއް ނޯވެއެވެ. އެހެންނަމަވެސް ޗެއަރ ޕާރސަންއަކާ، ވައިސް ޗެއަރ ޕާރސަންއަކާ، ޕާރލިމަންޓްގެ ދެ ގޭގެ ލީޑަރުން ހިމެނެއެވެ. އެންޑީއޭއިން ނިންމާނީ އިންތިހާބުގައި ކޯލިޝަންއިން ވާދަކުރުމަށް ޕާޓީތަކަށް ގޮޑި ކަނޑައެޅުމާއި ސަރުކާރު އުފެދުނީމައި ސަރުކާރުގެ ވަޒީފާތައް ޕާޓީތަކަށް ކަނޑައެޅުމެވެ.
އެހެންވީމާ ކޯލިޝަންއެއް ކާމިޔާބުކުރުމަށް ކޯލިޝަން ޕާޓީތަކުގެ މެދުގައި ކަންކަން ނިންމޭވަރުގެ އިސްމީހުން އެކުލެވިގެންވާ އޮނިގަނޑެއް އޮތުމުން ކޯލިޝަނެއްގައި މަސައްކަތްކުރެވިދާނެކަމަށް ލަފާކުރެވެއެވެ. އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން ކޯލިޝަން ހަދާ މަންޒަރު އެބަފެނެއެވެ. އަދި ވޯޓްދޭން ތިބި އާންމު ރައްޔިތުން އެގޮތަށް ވޯޓްދޭންވެސް ދެއެވެ. އެހެންނަމަވެސް، ސިޔާސީ އިސްބޭފުޅުންނަށް ރައްޔިތުންގެ ރައުޔާއި އެއްގޮތަށް ކޯލިޝަން ނުހިންގިގެން އުޅޭތަން ފެނެއެވެ. މިކަމުން ރައްޔިތުންނަށް ލިބެނީ ހާސްކަމާއި މާޔޫސްކަމެވެ. ވާނީ އެހެން ނޫންތޯއެވެ. މިއަދު އެކުގައި އެއް މަގްސަދެއް ހާސިލު ކުރުމަށް މަސައްކަތްކުރި މީހުންނާއި އަނެއް ދުވަހު މިތިބެންޖެހެނީ މޫނު އަނބުރާގެންނެވެ. ކޮންމެ އިންތިހާބަކަށް ހަތުރުންނާއި މިތުރުން އެބަބަދަލުވެއެވެ. މިކަމުގެ ސަބަބުން ރަށްރަށުގައި ސިޔާސީ އުދާސް މިދަނީ އިތުރަށް ބޮޑުވަމުންނެވެ.
ކޯލިޝަންއަކީ ސަރުކާރު ހިންގުމުގައި ގިނަ ފިކުރުތައް އެއްތަން ކުރުމަށް ބޭނުންކުރާ ސިޔާސީ އާލާތަކެވެ. މިއާލާތް ސަރުކާރު ހިންގުމަށް ބޭނުންކުރެވޭނެއެވެ. ނަމަވެސްމިވަގުތު ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރިގޮތުން، ކޯލިޝަން ހެދުމާއިމެދު ރައްޔިތުންގެ އިތުބާރު ދުއްވާލުމަކީ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެންމެ ފައިދާހުރިގޮތް ކަމުގައި ވުމަކީ އެކަށީގެންވާކަމެކެވެ.
ކޯލިޝަންއަކީ ކޮންމެ ވެރިކަމުގެ ނިޒާމްއެއްގައިވެސް ހިޔާރުކުރެވިދާނެ މަގެކެވެ. އަދި ނަތީޖޭވެސް ނެރެވޭނެ ގޮތެކެވެ. ނުކުރެވޭ ބުނަންވާނީ އިޙްލާސްތެރިކަމާއެކު ކަންކުރަންއުޅެ ނުކުރެވުނީމައެވެ. އެހެން ގައުމުތަކުގެ ސިޔާސީ ޕާޓީތަކަށް ކުރެވިފާ އަޅުގަނޑުމެނަށް ނުކުރެވެންވީ ސަބަބުވެސް އޮންނަންވާނެއެވެ.