ގދ.ތިނަދޫ ޕެންޒީމާގޭ އުމުރުން 70 އަހަރުގެ މުޙައްމަދު ޙަސަނާ އަޅުގަނޑާ ދިމާވީ އެހީއަކަށް އެދި ހަސަނު ސިޓީއެއް ހިފައިގެން އުޅެނިކޮށެވެ. ހަސަނުގެ އަންހެނުން ޢަޒީޒާ ޝައުކަތު (46އަހަރު) ކިޑްނީ ފެއިލްވެގެން ޑައިލިސިސް ހަދަން ކޮންމެ ހަފްތާއަކު ދެފަހަރު ބޭނުންވާ ފައިސާ ހޯދުމަށެވެ. ޑައިލިސިސް އަކީ ހޮސްޕިޓަލްގައި އެޑްމިޓްނުކޮށް ދެވޭ އެކަމަކު އަގު ބޮޑު ފަރުވާއެކެވެ. އެހެންކަމުން އާސަންދައިން ކަޑައެޅިފައިވާ 10،000 ރުފިޔާ ދޮޅުމަސްދުވަހުގެ ތެރޭ ހަމަވެއްޖެއެވެ. މިދެމަފިރިންނަކީ ކޮންމެ ހަފްތާކު ޑައިލިސިސްއަށް 1800 ރުފިޔާ ޚަރަދު ކުރެވޭ ވަރުގެ ތަނަވަސް ކަމެއް ހުރި ބައެއް ނޫނެވެ. އަދި ޙަސަނުގެ އުމުރުގެ ގޮތުން މިހާރު މާބޮޑު އާމްދަނީއެއް ލިބޭކަހަލަ ވަޒީފާއެއްވެސް އަދައެއް ނުކުރެވެއެވެ. އަދި ދަރީންގެ ކިބައިގައި ވެސް އެހާތަނަވަސްކަމެއް ނެތުމުން ހަސަނަށް ލިބޭ ހުސްވަޤުތުގައި މިޖެހެނީ އެހީއަށް އެދި ސިޓީ ހިފައިގެން އެކަކުކައިރިން އަނެކަކު ކައިރިއަށް ހިނގާށެވެ.
ހަސަނަށް އާސަންދައަކީ ބޭސްސިޓީއަށް ސަލާންޖަހަން ނުޖެހޭ ގޮތަށް ފަރުމާއި ކުރެވިފައިވާ ނިޒާމްއެއް ނޫންނެވެ. އަޅުގަނޑުމެން ވަކާލާތު މިކުރަނީ އާސަންދައިގެ ސަބަބުން ބޭސްފަރުވާ ހިލޭ ލިބޭނެކަމަށެވެ. އެހެންނަމަވެސް ހަމަ ކޮންމެހެން ބޭސްފަރުވާގެ އެހީތެރިކަން ލިބެންޖެހޭ ބަޔަކު މިއެހީތެރިކަމުން މަހްރޫމްވާކަން އަޅުގަނޑުމެންނަށް މިހިރީ ފެންނާށެވެ.
އާސަންދަ އެންމެ އެކަށީގެންވާގޮތަށް ކުރިއަށް ނުދާ ސަބަބެއްކަމުގައި އަޅުގަނޑުދެކެނީ އެނިޒާމް ފަރުމާ ކުރެވިފައިވާގޮތެވެ. އާސަންދަ ފަރުމަކުރެވުނީ ރަނގަޅަށް ދިރާސާކުރެވިގެންނެއްނޫނެވެ. މިކަމަކީ މީޓިންރޫމްތަކުގެ ފިނިކުރި މާހައުލުގައި ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި ވަރަށް ކުރުމުއްދަތެއްގެ ތެރޭގައިމައްޝްވަރާކުރެވިގެންކުރަން ފެށުނު ކަމެކެވެ. އެއްގޮތަކަށްވެސް އާންމު ރައްޔިތުންގެ ބޭނުންތައް ދެނެގަނެގެން ކުރެވުނު ކަމެއްނޫނެވެ. އަދި އަމުދުން މިފަދަ ނިޒާމެއް ދާއިމަށް ހިންގޭނެ ގޮތްތަކަށްވިސްނާ، ވަރުގަދަ ތަންފީޒީ އުސޫލުތަކަކާއި ގަވާޢިދުތަކެއްގެ ތެރެއިން ކުރެވުނުކަމެއްނޫނެވެ. ރާއްޖޭގެ ނިސްބަތުން، އަޅުގަނޑުގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައްޔިތުންގެ ހުރިހާ ފަންތިއަކަށް ގިންތިއަކަށް އާސަންދަ ގެ އެހީތެރިކަން މިވަގުތު ދެންޖެހޭބާއެވެ؟
އާސަންދަގެ މަގްސަދު ހާސިލުކުރުމަށް އެޅުނު ފިޔަވަޅުތަކުގައި ސަރުކާރުގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދެއެވެ.ފުރަތަމަ ސަބަބަކީ އާސަންދަގެ ބޯޑު އެކުލަވާލުމުގައި އަޅާފައިވާ ކަތިގޯޅިތަކެވެ. އާސަނދަގެ ބޯޑަށް ބޭނުންވަނީ ފަންނީ ގާބިލު ބޭފުޅުންނެވެ. ނަމަވެސް މެންބަރުން ހަމަޖެހުނީ އެހެންގޮތަކަށެވެ. އެބޭފުޅުންގެ ޝައުގުވެރިކަން އާސަންދައިގެ މަގްސަދާއި ތާރުޒުނުވާނެ އެއްވެސްގޮތެއްނެތެވެ. ނަތީޖާއެއްގެ ގޮތުން އާސަންދަ ވެގެންދިޔައީ ސަރުކާރަށް ހިންގޭ ވަރަށްވުރެ ބުރަބޮޑު އެއްޗަކަށެވެ.މިނިޒާމްގެ ތެރެއަށް ވިޔަފާރި އަދި ކޮރަޕްޝަން ވަތްވަނީނުން އާންމު ރައްޔިތުންގެ ތެރެއިން ސިއްހީ ބޮޑެތި ހޭދަކުރަންޖެހޭ އަދި ފޯރުންތެރިކަމެއްނެތް ގިންތީގެ މީހުން މިތިބީ ސިއްހީ ބޭސްފަރުވާ ލިބޭ ނިޒާމުން ބޭރުގައެވެ.
އާސަންދައިގެ ސަބަބުން ހަސަނުގެ ދެމަފިރިންގެ ސިއްހީހޭދައަށް އައި ލުޔެއްނެތެވެ. ކުރިން ހަސަނުގެ ބޭސްފަރުވާގެކަންތައް ކުރަން ސިޓީ ހިފައިގެން ހިނގީ ވެލްފެއަރ އާއި ތީމުގެއަށެވެ. އެގޮތުން ފުއްދާލެވެއެވެ. ހަމަގައިމުވެސް ދާންވީތަން އެނގެއެވެ. މިހާރު މިހިނގަންޖެހެނީ އެއްގޭން އަނެއްގެއަށެވެ.ހިނގަންޖެހޭނީ ކިހާދުވަހެއްވަންދެންކަމާ ލިބޭނީ ކިހަވަރެއްކަމެއް ނޭނގެއެވެ.
ސިއްހީ ޕެކޭޖެއްގައި އެންމެން އެއްމިންގަޑަކުން ނުމިނޭނެއެވެ. ދާއިމަށް ބޭސްކުރަންޖެހޭ ބަލިމީހުންނަށް ޖެހޭނީ ވަކި އަދަދެއް ކަނޑައެޅުމެއް ނެތި އެހީލިބެންށެވެ. އަދި ހާއްޞަކޮށް ފުއްދުންތެރިކަން ނެތް ރައްޔިތުންނަށް މިގޮތަށް އެހީތެރިކަން ލިބެންޖެހޭނެއެވެ. ފުރިހަމަ ސިއްހީ އެހީތެރިކަން ދޭ ނިޒާމެއްގައި ކަންއޮންނީ މިފަދަގޮތަކަށެވެ.