އަޅުގަނޑުމެން ދަރިން، ކޮންމެ ދުވަހެއްގެ ވެސް ގިނަ ގަޑިތަކެއް ހޭދަކުރާ އެއް ތަނަކީ މަދުރަސާ އެވެ. މަދުރަސާގައި އެކުދިން ބެލެހެއްޓުމުގެ ޒިންމާ އުފުލާ ބަޔަކީ މުދައްރިސުންނެވެ. އަޅުގަނޑުމެން އެބަޔަކަށް އިތުބާރުކޮށް ދަރިން ހަވާލުކުރާ، މުދައްރިސުން ދޭ ހިދްމަތުގެ އުޖޫރަ ކުޑަކަމަށް ވާހަކަ ދެކެވެ އެވެ. ހާއްސަކޮށް އެހެން ދާއިރާތަކުގެ ވަޒީފާ އާއި އަޅާބަލާއިރު މުދައްރިސުންގެ ތައުލީމީ ފެންވަރާއި، ނަގަން ޖެހޭ ޒިންމާ އަށް ވުރެ ޒިންމާ ކުޑަ، ވަޒިފާ ލިބޭ ފެންވަރު ވެސް ދަށް ވަޒީފާތަކަށް، މާ ރަނގަޅު އާމްދަނީ ލިބެން މިހާރު އެބަ ހުރެ އެވެ. އެހެންކަމުން އުޖޫރާގެ ޝަކުވާ އޮތުމަކީ ގަބޫލުކުރެވޭ ކަމެކެވެ.

އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ހުރިހާ މުދައްރިސުންގެ މުސާރަ ބޮޑުކުރުމަކީ ކުރުން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަން ޖެހޭނީ ޤަބޫލުކުރާށެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންގެ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޮތީ ރޭވިފަ އެވެ. ދެ ސެޝަން އިން އެއް ޝެޝަނަށް ކިޔެވުން ބަދަލުކުރަމުން އެބަ އާދެ އެވެ. އެކަމަކު މި ބަދަލުގައި އެދެވޭ ނަތީޖާ ނުފެންނަ ކަމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އެފާހަގަކުރެއްވީ ސްކޫލުތަކުގެ ނަތީޖާ ކަމަށް ވެދާނެ އެވެ. އަދި މީގެ އިތުރުން ސްކޫލްތަކަށް ކުދިން ދާހިލުކުރާއިރު ބެލެނިވެރިން ވިސްނަނީ ނަތީޖާ ރަނގަޅަށް ނެރެވޭ ސްކޫލުތަކަށް ކުދިން ވެއްދޭތޯ އެވެ. މިގޮތުން ގިނަ ބެލެނިވެރިން އިހްތިޔާރު ކުރަނީ އިސްކަންދަރު ނުވަތަ ޖަމާލުއްދީން ސްކޫލެވެ. މިދެ ސްކޫލަކީ ވެސް ދެ ސެޝަނަށް ކިޔަވައިދޭ ސްކޫލްތަކެވެ. މިއިން ދޭހަވަނީ އެއް ދަންފަޅި އަށް ކިޔަވައި ދިނުމަކުން އަދި ނަތީޖާ ރަނގަޅުވަމުން ނާންނަކަމާއި ބެލެނިވެރިންގެ ޝައުގުވެރިކަން ވަކި ދަންފަޅިއަކަށް ނެތްކަމެވެ.

މަދުރަސާތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުވަމުން އަންނައިރު އިޖްތިމާއީ ނަޒަރަކުން ވިސްނާލުން މުހިންމެވެ. އިޖްތިމާއީ އެހެން ދާއިރާތަކާއި މަދުރަސާތަކާ ސީދާ ގުޅުވާލެވިދާނެ އެވެ.

މާލެ އަކީ ރާއްޖޭގެ އިގްތިސާދީ ނާރެހެވެ. މި ރަށުގައި ވަޒީފާގައި އުޅެގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައި މީހުން ވަރަށް ގިނަ އެވެ. ސިވިލް ސާވިސް އާއި ޕްރައިވެޓް ސެކްޓަރުގެ ވަޒީފާތައް ފުރަމުން ގެންދާ މީހުން ގިނަ އެވެ. މާލޭގައި ވަޒީފާގައި އުޅޭ މީހުންގެ ވަރަށް ބޮޑު ބަޔަކީ ދަރިން ސްކޫލަށް ފޮނުވައި މީހުންނެވެ. ގާނޫނެއްގައި ލިޔެފައި ނެތް ކަމަށް ވިޔަސް އެންމެން ވެސް ގަބޫލުކުރާ އުސޫލަކީ ރަސްމީ ގަޑީގައި ވެސް ދަރިން ސުކޫލަށް ވައްޓާލަން ދާން ޖެހޭނެ ކަމެވެ. މަސައްކަތުގައި އުޅެމުން ވެސް މި ދަތުރު މިވަނީ ހުއްދަ ވެފަ އެވެ.

މިސާލަކަށް ދެ ކުދިން ސްކޫލަށް ގެންގޮސް ގެންނަން ޖެހޭ މީހެއްގެ ވަރަށް ގިނަ ވަގުތު ދަތުރުގައި ހޭދަވާނެ އެވެ. ދަރިން ސްކޫލުން ގިނަ ފަހަރު ނިމޭނީ އެކި ވަގުތުތަކުގަ އެވެ. ޖަރުމަންގެ ބުރޭމަން ޔުނިވަސިޓީން މީހެއްގެ އެއް ދުވަހުގެ ހަރަކާތްތައް ދިރާސާކޮށް ބެލިއިރު އެންމެ ކުޑަކޮށް ހިތްހަމަޖެހުން ލިބެނީ ދަތުރުކޮށްގެންނެވެ. ވީމާ މިފަދަ ދަތުރު އެކަކު ވެސް ކުރާހިތެއް ނުވާނެ އެވެ. އަދި ވަޒީފާގެ އުފެއްދުންތެރި ވަގުތުތައް ގެއްލެ އެވެ.

މަދުރާސާ އިން ކިޔަވައި ނިމިގެން ގެއަށް ދާ ވަގުތާއި، މަސައްކަތް ނިންމާފައި ގެއަށް ދާ ވަގުތު އެއް ގަޑިއަކަށް ހަދާލެވިއްޖެ ނަމަ ލިބޭނެ ފައިދާތަކާ މެދު ބިސްނާލަމާތޯ އެވެ. މަސައްކަތު މާހައުލުން ނުކުތުމުގެ ބޭނުމެއް ނޯންނާނެތީ، މުއައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވާނެ އެވެ. ސްކޫލްގައި ދަރިވަރުން ކިޔަވައި ވަގުތު އިތުރުކުރުމުން ހޯމްވޯކް ނުދޭ ގޮތަށް ފިލާވަޅުތައް ހަމަޖެއްސި ވެސް ދާނެ އެވެ. އަދި އޭރުން ބެލެނިވެރިންނަށް ޓިއުޝަނަށް ކުރާ ޚަރަދު ކުޑަކުރެވި އެކުދިންނާ އެކު ގިނަ ވަގުތު ހޭދަކުރެވޭނެ އެވެ. ގޭތެރެއިން ލިބެން ޖެހޭ ތަރުބިއްޔަތާއި ވިސްނުންތެރިކަން ދޭން ބެލެނިވެރިންނަށް ވަގުތު ދެވޭނެ އެވެ.

ބުރޭމެން ޔުނިވަސިޓީގެ ދިރާސާ އިން އިނގޭ ގޮތުގައި އިންސާނުންގެ އާދައިގެ ދުވަހެއްގައި އެންމެ އުފާވަނީ ގާތް ގުޅުން ބޭއްވުނީމަ އެވެ. އެހެންކަމުން ސުކޫލުގެ ތާވަލު މިގޮތަށް ބައްޓަން ކުރުމުން އާއިލީ ގުޅުމަށް މަގުފަހިވާނެ އެވެ. އާއިލީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. އެހެންކަމުން އިޖްތިމާއީ ގޮތުން ކަންކަން ފަސޭހަވާ ގޮތަށާއި އެހެން ދާއިރާތަކަށް ފައިދާވާ ގޮތަށް ކަންކަން ރޭވިފައި ހުންނަ ސްކޫލުތަކުގެ ޓީޗަރުންގެ އުޖޫރަ ބޮޑު ނުކުރެވެންވީ ސަބަބެއް ނެތެވެ. އެއީ މިފަދަ ސުކޫލުތަކުގެ ސަބަބުން މުޖުތަމައުގައި ކުރާ ޚަރަދުތަކެއް އެބަ ސަލާމަތްކޮށްދެ އެވެ.

ހަމަ މިއާ އެކު ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ސަމާލުކަންދީ ކުރަން ޖެހޭ މުހިންމުކަމެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ ޓީޗަރެއްގެ ވެސް ވާޖިބަކީ ކުދިންނަށް ފިލާވަޅު ކިޔަވާދިނުމެވެ. އެކަން ކޮންމެ މުދައްރިސަކު ވެސް ކުރެ އެވެ. ނަމަވެސް މޮޅެތި ޓީޗަރުން ކުދިންނަށް އެއްޗެތި އުނގަންނައި ދޭނީ އެވެ. އަދި ސުޕަ ޓީޗަރުން ދަރިވަރުންނަށް ކަންކަން ކުރަން ހިތްވަރު ދޭނީ އެވެ. އިންސްޕެއާ ކުރާނީ އެވެ.

އަޅުގަނޑުމެން ތެރޭ މިފަދަ ސުޕަ ޓީޗަރުން ތިބީ ކިހާ ވަރަކަށްތޯ އެވެ؟ އަޅުގަނޑު މިދަންނަވާ އެއްޗެއް ފަހުމްކޮށްލަން ފަސޭހަވާނީ މިސާލެއް ޖަހާލައިގެންނެވެ. މި ގައުމުގައި މިވަގުތު ތިބި ދިވެހި ބަހަށް ކުޅަދާނަ ބޭފުޅުން ތެރޭގައި ހިމެނޭ ސޯދުބެ "ދޮންމަންމަ" ވާހަކަ ލިޔުއްވީ ސުކޫލްގައި ކިޔަވަމުން ލިބިވަޑައިގެންނެވި ހިތްވަރެއްގެ ސަބަބަކުން ނޫނެވެ. ގިނަ ގޮންޖެހުންތައް ދިމާވީ، ސްކޫލްގެ ކިޔަވައިދިނުމުގެ ނިޒާމްގެ ތެރޭންނެވެ. މިގޮންޖެހުންތައް ގިރާކުރައްވާ "ދޮންމަންމަ" ވާހަކަ ނެރުމުން، ސޯދުބޭ ލިޔުންތެރިއެއްގެ ގޮތުން ފާހަގަވެ، ވާހަކައިގެ ފުރިހަމަކަމުން ވަރަށް ބޮޑު މަޝްހޫރުކަމެއް ސޯދުބެ އަށް ލިބިވަޑައިގަތެވެ.

ސޯދުބެގެ "ދޮންމަންމަ" ވާހަކައިގެ ފަހުގެ ޗާޕްގެ އިސް ބަހުގައިވެ އެވެ.

"ކޮންމެއަކަސް ވާހަކަ ލިޔަން ފޯރި ހުންނަވަރުން މުދައްރިސު އަޅުގަނޑަށް ފިލާވަޅު ކިޔަން އެންގެވީމާ ތެދުވާއިރު ގިނަ ފަހަރަށް ހަނދާން ހުންނަނީ ފިލާވަޅުގެ މައުޟޫ އެވެ. ދެން އެއަށް ވުރެ ކުރިޔަކަށް ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން ވާހަކައާ މެދު ހިޔާލުކުރަން ކޮޅަށް ހުރުމުގެ ފުރުސަތުކޮޅެއް ލިބޭ ދުވަސްދުވަސް އަންނަނީ މަދެއްކޮށް ނޫނެވެ. މިއަދު އަޅުގަނޑު ހިތާމަކުރަމެވެ. އެހެންނޫން ނަމަ އަޅުގަނޑު ކޮން ފަދަ މޮޅު މީހަކަށް ވީސްތޯ އެވެ."

އަޅުގަނޑު ސޯދުބެ އެފާޅުކުރެއްވި ހިޔާލަށް އެއްބަހެއް ނުވަމެވެ. ސޯދުބެ އަކީ ވަރަށް މޮޅު ބޭފުޅެކެވެ. އެއީ އޭނާގެ ޝައުގުވެރިކަން ދުވަހުން ދުވަހަށް ކުރިއަށްދިޔުމުގެ ނަތީޖާ އަކީ މިހާރު ސޯދުބެ އަކީ ރާއްޖޭގައި ނެތްވަރުގެ ދިވެހިބަހުގެ އަދި ދިވެހި އަދަބިއްޔާތުގެ މާހިރެކެވެ. މިގޮތުން ކުރައްވާފައިވާ މަސައްކަތުގެ އަދަދު ގިނަގުނަ އެވެ. ލިބިވަޑައިގެންފައިވާ އިނާމުތައް ގިނަގުނަ އެވެ. އަދި މިހާރު ވެސް ދިރިއުޅުއްވުމުގެ ކަންކަން ހަމަޖައްސަވަނީ އެންމެ ޝައުގުވެރިންކަން ހުރި ލިޔުންތެރިކަމުގެ މަސައްކަތްކުރައްވައިގެނެވެ. އެހެންކަމުން ސޯދުބެ އަކީ މޮޅު، ކާމިޔާބު ބޭފުޅެކެވެ.

އަޅުގަނޑުމެން ތެރޭން ހަމަ އެހެން މިސާލެކެވެ. ސިފައިންގެ ތެރޭގައި އޮފިސަރެއްގެ ގޮތުގައި މިހާރު މަސައްކަތްކުރައްވާ ޑރ. ހުސެން ހަލީމެވެ. އޭނާގެ ސުކޫލު ދައުރުގައި އެންމެ ކުރާ ހިތްވާ ކަމަކީ ދިގު ދުވުން ދުވުމެވެ. ނަމަވެސް ސުކޫލުގެ ނިޒާމްގެ ތެރޭން ޑރ. ހުސެންގެ ޝައުގުވެރިކަން ކުރިއެރުވޭނެ މަގެއް ނެތެވެ. ނަތީޖާއަކަށް ވީ ކިޔެވުމާ ދުރަށް ދާން ޖެހިވަޑައިގަތުމެވެ.

އެހެންނަމަވެސް ހުސެން ދިޔައީ ގައުމީ ފެންވަރުގެ ގިނަ ރޭސްތަކުގެ ވަނަތައް ހޯއްދަވަމުންނެވެ. އަދި ބައިނަލްއަގްވާމީ ރޭސްތަކުގައި ގައުމު ތަމްސީލު ވެސް ކުރައްވަމުންނެވެ. އެހެންކަމުން، ކުޅިވަރުގެ ރޮނގުން ކިޔެވުމަށް ބޭރުގެ ޔުނިވަސިޓީން ފުރުސަތު ލިބުނެވެ. އަދި ޑރ. ހުސެންއާ އެކު ސުކޫލު ދައުރުގައި ކިޔެވި އެހެން ރަހްމަތްތެރިންނަށް ވުރެ ކުރިން ވަނީ ޑޮކްޓަރޭޓް ވެސް ހޯއްދަވައިފަ އެވެ. ހަމަ މިފަދަ އެހެން މިސާލެކެވެ. އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްއަކަށް މިއަދު އެ ހުންނެވި މުހައްމަދު ހާނިމަކީ ވެސް ކުޅިވަރު ކުޅުމުގެ ޝައުގުވެރިކަމުގައި ކިޔެވުމާ ދުރަށް ދާން ޖެހުނު ދަރިވަރެކެވެ. އެހެންނަމަވެސް މިހާރު އެއީ ގްރެޖުއޭޓްއެކެވެ. މިއަދު ޑރ. ހުސެން އާއި ހާނިމަކީ މި މުޖްތަމައުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާ މުޖްތަމައު ބަލައިގަންނަ، އާންމުން ފަރިތަ ދެ ޝަހްސިއްޔަތެވެ.

ރާއްޖޭން ބޭރުގައި ވެސް މިފަދަ ކަންކަން ހުރީ މި ގޮތަށެވެ. ދުނިޔޭގެ މަޝްހޫރު މިޔުޒިކް ބޭންޑް ބީޓްލްސްގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޕޯލް މެކްކާޓްނީގެ ހުނަރު އޭނާ ކިޔެވި ސުކޫލުގެ މިޔުޒިކް ޓީޗަރަކަށް ދެނެއެއް ނުގަނެވުނެވެ. އަދި ލަންޑަންގެ މަޝްހޫރު އޮކެސްޓްރާ އިން ވެސް ޕޯލް ގަބޫލެއްނުކުރި އެވެ. ނަމަވެސް މިއަދު މިއުޒިކްގެ ދުނިޔޭގައި ޕޯލް މެކާޓްނީ އަކީ ކާކުކަން އެނގޭނެ އެވެ. އަދި ޕޯލްގެ ދެ ލަވަ ވަނީ ލަންޑަން އޮކެސްޓްރާގައި ވެސް މިހާރު ހިމަނާފަ އެވެ.

ވާޖިން އެންޓަޕްރައިސަސްގެ ވެރިޔާ ބިލިއަނަރު ރިޗާޑް ބްރޭންސަން އަކީ ސުކޫލުގެ ނިޒާމްގެ ތެރޭން ކިޔަވަން އުނދަގޫވެގެން ހައި ސްކޫލުން ވަކިވި ދަރިވަރެކެވެ. އުމުރުން 21 އަހަރުގައި އޭނާ ވަނީ މިލިއަނަރަކަށް ވެފަ އެވެ.

އަޅުގަނޑުމެންގެ މާހައުލުގައި ވެސް މިއަދު ވިޔަފާރިވެރިންގެ ތެރޭގައި ކުރީ ސަފުގައި ހިމެނޭ ބޭފުޅުންނަކީ ސުކޫލު ނިޒާމްގެ ތެރޭން އައި ބޭފުޅުންނެއް ނޫނެވެ. ނަން ކިޔާލާ ނަމަ ގާސިމް އިބްރާހިމް، ޗަންޕާ ހުސެން އަފީފް، ސަންޓްރެވަލް އަހުމަދު ސިޔާމް ފަދަ ބޭފުޅުންނަށް ހިތްވަރު ލިބިވަޑައިގަތީ ކޮން ދިމާއަކުން ކަން ޖެހޭނީ އެބޭފުޅުން އަރިހުން ހޯދާށެވެ.

އަޅުގަނޑުމެން މިތިބީ 21 ވަނަ ގަރުނުގެ ތެރޭގަ އެވެ. މިއީ އޭޝިއާގެ ގަރުނު ކަމަށް އިގްތިސާދީ މާހިރުން ސިފަކުރާ ގަރުނެވެ. ދުނިޔެ މިދަނީ ބަވަނަވުމަށް ފުރޮޅެމުންނެވެ. ހުޅަނގުގެ މުއްސަނދިންގެ ތެރޭން 58 ޕަސެންޓަކީ މިހާރު ޔުނިވަސިޓީ ހަޔާތެއް ކަޑަތުކޮށްފައިވާ މީހުންނެވެ. އެހެންކަމުން އޭޝިއާ އަށް އަންނަ ތަރައްގީ ލިބިގަންނަން ތައްޔާރުވާއިރު އަޅުގަނޑުމެންގެ ދަރިވަރުން ކިޔެވުމުގެ ތެރޭން ކަންކަމަށް އިންސްޕެއާ ކުރުވަން އެބަ ޖެހެ އެވެ. އެދަރިވަރުންގެ ހުނަރާއި ޝައުގުވެރިކަން ދެނެގަނެ އެކަމަށް ހިތްވަރު ދެވެން ޖެހެ އެވެ.

މިހާރު މިއޮތް ސުކޫލް ނިޒާމްގެ ތެރޭން އަޅުގަނޑުމެނަށް އާޓިސްޓުން، މިއުޒީޝަނުން، ލިޔުންތެރިން، ވިޔަފާރިވެރިން، އެތްލީޓުންގެ ޝައުގު ހުރި ކުދިންނަށް އެކަށީގެންވާ ހިތްވަރު ދެވޭތޯ އެވެ؟ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސުކޫލުގެ މަންހަޖާއި ނިޒާމްގެ ތެރޭން ދަރިވަރުގެ ޝައުގާއި، ހުނަރާއި، ތޫނުފިލިކަން ދެނެގަނެ އެކަމަށް ހިތްވަރު ނުދެވޭ ކަމަށް ގަބޫލުކުރެވޭ ނަމަ މިއަދު އަޅުގަނޑުމެންގެ ސުކޫލު ނިޒާމް މިހިރީ ޒަމާނަށް ފެތޭ ގޮތަކަށެއް ނޫނެވެ.

މިއާޓިކަލްވަނީ ހަވީރު ނޫހުގެ 10 އޭޕްރިލް 2013ގެ އަދަދުގައި ޝާއިއުކުރެވިފައެވެ.