އޯޒިއޯލާ މެކާތީ އަކީ އެމެރިކާއަށް އުފަން އެފްރިކާ ނަސްލަށް ނިސްބަތްވާ އަންހެނެކެވެ. އުފަންވީ ފޯރުންތެރިކަން ހުރި އާއިލާއަކަށް ނޫނެވެ. އަދި ބޮޑުވަމުން އައީ ވަރަށް ނިކަމެތި ހާލުގައެވެ.

އޯޒިއޯލާ ހަވަނަ ގްރޭޑްގައި ކިޔަވަމުން ދަނިކޮށް މާމަބަލިވެގެން މާމައަށް އެހީތެރިވެދިނުމުގެ ގޮތުން ކިޔެވުން މެދުކަނޑާލަންޖެހުނެވެ.

އަދި މާމަ ހޮސްޕިޓަލުން ދޫކޮށްލިއިރު އޯޒިއޯލއާއިއެކު ކިޔެވިކުދިން ތިބީ މާމަތީ ގްރޭޑެއްގައި ކަމުން އޯޒޮއޯލާ ގަސްދުކުރީ މާމަކުރަމުންއައި އެއްޗެހި ދޮވެއިސްތިރިކުރުމުގެ މަސައްކަތް ކުރާށެވެ.

އޯޒިއޯލާއަކީ އެއްވެސް އިޖްތިމާއީ ކަމެއްގައި ބައިވެރިވެ އުޅުނުކުއްޖެއް ނޫނެވެ. އޯޒިއޯލާގެ ހިތްހަމަޖެހުންކަމުގައިވަނީ ޕާރޓީތަކަށާއި އެހެނިހެން ހަފްލާތަކަށް އެހެންމީހުން ފޮނުވައިދިނުމަށް ހެދުން ދޮވެރީތިކޮށް އިސްތިރިކޮށްދިނުމެވެ.

ހާޔާތުގެ ދުވަސްތައް ގުނެމުން ދިޔަވަރަކަށް އޯޒިއޯލާގެ ހަޔާތުގައިވަނީ އެއް ހިތާމައަށް ފަހު އަނެއް ހިތާމައާއި ކުރިމަތިވެފައެވެ. އާއިލީ މެންބަރުން މީހަކަށްފަހު މީހެއް މިދުނިޔެދޫކޮށް ގޮސް އޯޒިއޯލާ އެކަނިވެރިވެއްޖެއެވެ.

އުމުރުން 59 އަހަރުން ފެށިގެން އުޅެމުންގެންދިޔައީ އެކަނިމާއެކަންޏެވެ. ގޭގައި މުނިފޫހިފިލުވާކަށް، ހިތްހަމަޖައްސާކަށް މާއްދީ ތަކެއްޗެއް، އަގު ބޮޑެތި ފަރުނީޗަރެއް ނުގެންގުޅެއެވެ. ތަންތަނަށް ގޮސްއުޅެނީ ފައިމަގުގައެވެ.

އޯޒިއޯލާ އުމުރުގެ ފުރަތަމަ 87 އަހަރުގައި ގެއިން ބޭރަށް ދަނީ ކޮންމެ ހަފްތާއަކު ބާޒާރުކުރުމަށާއި އަޅުކަމުގެ ވާޖީބު އަދާކުރުމަށެވެ. އުމުރުން މިހާހަމައަށް އައިރު، އޯޒިއޯލާ އަކީ އެއްވެސް ފަރާތެއްގެ ސަމާލުކަމެއް ލިބިފައިވާ ފަރާތެއް ނޫނެވެ.

އެހެންނަމަވެސް ޒަވާޖީ ހާޔާތެއްގެ އުއްމީދެއް ކަނޑައެއްނުލައެވެ. އެނާގެ އެންމެ ކައިރި އެކުވެރިޔާ ގާތުގައި ބުނިކަމަށްވަނީ އަދިވެސް މިހިރީ އިންނާނެ ރަނގަޅު މީހެއްގެ އިންތިޒާރުގައި ކަމަށެވެ.

ތައުލީމުގެ ބުރަދަނެއް ނެތް މި ނިކަމެތި އެއްޗެތި ދޮންނަ މިހާ ދުނިޔެ ދޫކުރުމުގެ ކުރިންވަނީ ދުނިޔޭގެ އެއްވަނާގައި ހިމެނޭ ހާރވާޑް ޔުނިވަރސިޓީން އޮނަރަރީ ޕީއެޗްޑީއެއް މީނާއަށް ދީފައެވެ.

ސިޔާސީ ބުރަދަނެއް ނެތް، މުއްސަދިކަމެއް ނެތް މިއަންހެންމީހާ އުމުރުން 91އަހަރުގައި ދުނިޔެ ދޫކޮށް ދިއުމުން ދުނިޔޭގެ ރައީސުންނާއި ޕްރައިމިނިސްޓަރުންވަނީ ތައުޒިޔާ ފޮނުވާފައެވެ. އެނާ ކުރި މަސައްކަތަށް ތައުރީފްކޮށްފައެވެ.

އެއްވެސް ސުކޫލެއް ނުނިންމައި ހުރިމީހަކަށް ދުނިޔޭގެ އެއްވަނާގައި ހިމެނޭ ޔުނިވަރސިޓީއަކުން ޕީއެޗްޑީއެއް މިދިނީ ކީއްވެގެން ބާއެވެ. ދުނިޔޭގެ ވެރިން މިއަންހެންމީހާ ދަންނަނީ ކީއްވެގެންބާއެވެ. މިހިރީ މިހާރު ހިތަށް އަރާނެ ސުވާލުތައްކަންް ޔަޤީނެވެ.

އޯޒިއޯލާގެ ހަޔާތުގެ ވާހަކައަކީ އިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

ޒުވާން އުމުރުންފެށިގެން އޯޒިއޯލާގެ މަސައްކަތަކީ މީހުންގެ ހަޑިވެފައިވާ ހުންނަ އެއްޗެތި ދޮވެދިނުމެވެ.

މިމަސައްކަތުން ކޮންމެ ދުވަހަކުވެސް ލިބޭ ކުޑަ ލާރިކޮޅު އެއްކޮށް އަވަށުގައި ހުންނަ ބޭންކަށް އޯޒިއޯލާ ދިޔައީ ޖަމާކުރަމުންނެވެ. މިކަން، ކެނޑިނޭޅި ކޮންމެ ދުވަހަކު، ދުވަހަކަށް ފަހުދުވަހެއް، ހަފްތާއަކަށްފަހު ހަފްތާއެއް، މަހަކަށްފަހު މަހެއް އަދި އަހަރަކަށްފަހު އަހަރުތަކެއްވަންދެން އޯޒިއޮލާދިޔައީ ކުރަމުންނެވެ.

އޮޒިއޯލާގެ އުމުރުން 87އަހަރުގައި އެއްދުވަހަކު ބޭންކަށްގޮސް ސަލާމްގޮވާލީމައި ބޭންކުގެ ކައުންޓަރުގައި ހުރިކުއްޖާ އޯޒިއޯލާ ގާތު ބުނީ ތިގޮތަށް އާނމުދަނީ ޖަމާކުރަމުން އައިސް މިހާރު ޖަމާގައި ހުރީ ކިހާވަރެއްކަން އިނގޭތޯއެވެ.

އޯޒިއޯލާއަށް ނޭނގޭކަމަށާއި އެކަން ސާފުކޮށްދިނުމަށް އެދުނެވެ.

މިހާރު ޖަމާގައި ދެލައްކަ ފަންސާސްހާސް ޑޮލަރު އެބަހުރިކަމަށް އެކުއްޖާ ބުނެދިނެވެ. މިފައިސާއަށް ހަދާދެންވީގޮތެއް ބުނެލަދެނިކޮށް އެކަމެއްގެ އިންތިޒާމް ހަމަޖައްސައިދެވިދާނެކަމަށްވެސް އެކުއްޖާާ ހުށަހެޅިއެވެ.

އޯޒިއޯލާއަކީ ވަރަށްސާދާ މީހެކެވެ. އުމުރުން ދުވަސްވެފައިހުރި މީހެކެވެ. އަދި ތައުލީމީ ފެންވަރު ހުރިވަރުން އެއީ ކިހާފައިސާއެއް ކަމެއް ދެނެގަންނާކަށް އެއަށް ހާދާނެ ގޮތެއް ބުނެދޭކަށް ނޭނގުނެވެ.

އެހެންކަމުން ކައުންޓަރުގައި އިންކުއްޖާ ހެދިގޮތަކީ ދިހަ ފައިސާ ފޮތި ކައުންޓަރު މަތީ ބާއްވާފިއެވެ. އަދި ބުންޏެވެ. މިއީ އޯޒިއޯލާގެ ޖަމާގައި ހުރި ފައިސާއޭ ކުރަން ބޭނުންވާ ކަންތަކަށް މި ދިހަ ފައިސާފޮތިތަކުގެ މައްޗަށް ބައިބައިކޮށްލަ ދޭށެވެ.

އެތަނުން އެއްފޮއްޗާ ދިމާލަށް އިނގިލިން އިޝާރާތްކޮށްފައި އޮޒިއޯލާ ބުނީ މިދޭންވީ ދީނީ ކަންކަމަށްކަމަށެވެ. ދެން 3 ފޮތި ފައިސާ ކައިރިކޮށްލާފައި ބުނީ މިދޭންވީ އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންގެ ދަރީންނާއި ދެބެންގެ ދެދަރި މީހުންނަށްކަމެވެ. އެއީ އެމީހުންދެކެ އަހަރެން ވަރަށް ލޯބިވާތީކަމުގައެވެ.

އަނެއް 6 ފައިސާ ފޮތްޗަށް ހާދާނެ ވަރަށް ހާއްސަގޮތެއް އަހަރެން ހިތުގައި އެބައޮތްކަމަށެވެ.

އޭގެ އެއްމަސްދުވަސްފަހުން އެހިސާބުގަނޑުގެ ޔުނިވަރސީޓިއަށް އެއްލައްކަ ފަންސާސް ހާސް ޑޮލަރުގެ ޗެކެއް އަތުން ލިޔެފައިވާ ނޯޓަކާއެކު ލިބުނެވެ.

ނޯޓް ކޮޅުގައި ލިޔެފައިވަނީ، މިގައުމުގައި ކިޔެވުމުގެ ހުވަފެން ދެކޭ އެފްރިކާގެ ނަސްލުގެ ފަގީރު ކުދިންނަށް މިފައިސާއިން ސްކޯލަރޝިޕް ޕްރޮގްރާމެއް ހަމަޖައްސައިދިނުން އެދޭކަމަށެވެ.

އިންސާނިއްޔަތުގެ މިއަމަލުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އޯޒިއޯލާއާއި ދިމާއަށް ހުއްޓިގެންދިޔައެވެ.

އޯޒިއޯލާގެ މިއަމަލުގެ ސަބބަބުން ސީއެންއެން ގެ ވެރިޔާ ޓެޑް ޓާނަރ އެނާގެ މުއްސަދިކަމުން އެއްބިލިން ޑޮލަރު ފަޤީރުންނަށް ދޭންނިންމުމަށް ހިތްވަރު ލިބުނެވެ. ޓާނަރ ބުނަނީ އެއްޗެހި ދޮންނަ އަންހެނަކު އޭނާގެ މުޅި މިލްކިއްޔާތު ހިލޭސާބަހަށް ދޭންކެރިއްޖެނަމަ އަހަރެން އެއް ބިލިއަން ނުދޭންވި ސަބަބެއްނެތްކަމުގައެވެ.

އޯޒިއޯލާ ދިރިއުޅޭ ހިސާބުގެ ވިޔަފާރިވެރިއަކު ވަނީ ހަމަ އެއަދަދަށް އޯޒިއޯލާ ފައިސާދިން މަގްސަދަށް އިތުރުކޮށްދީފައެވެ.

އޯޒިއޯލާއަށް ވަނީ އެމެރިކާގައި އާންމު ރައްޔިތުންނަށް ދެވަނައަށް ދެވޭ އެންމެ މަތީ އެވޯރޑް ވައިޓް ހައުސްގައި ރައީސް ކްލިންޓަން ދެއްވާފައެވެ. އަދި ޔޫއެން އިންވެސްވަނީ މިފަދަ އިނާމެއް ދީފައެވެ.

ދެން ދެކެން ބޭނުންވާ ދުވަހަކީ ކޮބާތޯ ރިޕޯޓަރަކު އޯޒިއޯލާގާތު އެހުމުން ބުނީ ސްކޯލަރޝިޕް ފުރިހަމަކޮށްްގެން ދަސްވެނިވެ ނިންމާ ފުރަތަމަ ކުއްޖާ ސްޓޭޖު މަތިން ދެކިލާން ބޭނުންވާކަމަށެވެ. އެކަމު އުމުރުގައި ތަންނެތުމުން އޯޒިއޯލައިގެ އެންމެފަހުގެ އުންމީދު ހަސިލުނުވެ ދުނިޔެ ދޫކުރަން ޖެހުނީއެވެ.

ސްކޯލަރޝިޕް ލިބުނު ފުރަތަމަ ދަރިވަރުވަނީ އޯޒިއޯލާ ދުނިޔެ ދޫކުރުމުގެ އެއްމަސް ކުރިން ދަސްވެނިވެ ނިންމައި ޑިގްރީ ހާސިލްކޮށްފައެވެ.

ރިޕޯރޓަރަކު މިދަރިވަރު ހޯދައި އޭނާގަތުން ތި ސްކޯލަރްޝިޕްގެ ސްކީމްގެ ފުރަތަމަ ދަރިވަރުގެ ހައިސިއްޔަތުން ބުނާނީ ކީކޭތޯ އެހުމުން އެނާގެ ޖަވާބަކަށްވީ ސުވަރުގެއަށް އެލިބުނީ ވަރަށް ރަނގަޅު ބައިވެރިއެއް ކަމަށެވެ. އެއީ ރަނގަޅު ކަންކަމަށް މަގު ފަހުކޮށްދިން މީހެއްކަމަށެވެ. އަދި ހަޒާނާއެއްކަމުގައެވެ.

އޯޒިއޯލާގެ ހަޔާތުން އަޅުގަނޑުމެނަށް ލިބިދޭ ފިލާވަޅަކީ ދީލަތިވުމާއި އަދި އިސްނެގުމުގެ ރިވެތި މިސާލެވެ.

އިސްނެގުމަށްޓަކައި އަޅުގަނޑުމެން އެއްވެސް މީހަކު ލީޑަރަކަށް ވާކަށް ނުޖެހެއެވެ. އިސްނަގާކަށް ބޮޑު އޮފީހަކާއި މޭޒަކާއި ކޮންޕިއުޓަރެއްވެސް ބޭނުމެއްނުވާނެއެވެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުރާކަންތައްތައް އިހްލާސްތެރިކަމާއިއެކު ކުރާހިތުން ކުރީމައި އިސްނެގުނީއެވެ. މަގުމަތީ ކުނިކަހާމީހެކޭ މަތިންދާ ބޯޓް އިނޖިނޭރެކޭ އޮފީހެއްގެ ވެރިޔެކޭ އިސްނެގުމުގައި ހުރީ އެއް ހަމައެކެވެ. އެމީހަކުކުރާކަމެއް ފޫހިވުމެއްނެތި ގަޔާވެގެން ކުރާހިތުން ރަނގަޅަކުރުމެވެ. އިސްނެގުމަކީ އަޅުގަނޑުމެން އާދައިގެ މީހުން ހަމަކޮންމެ ދުވަހަކު އާދާ ކުރާކަންކަމެވެ. ކޮންމެ ދުވަހަކު ސުކޫލުއަށް ދަރިފުޅު ގެންގޮސް ގެނެސް ހަދަމުން އައިސް ދަރިފުޅު ސްކޫލު ނިންމާ މުޖުތަމައުއަށް ނިކުތުންއެއީ ބެލެނެވެރިންގެ އިސްނެގުމެވެ.

އެއްވެސް ބަދަލެއްހޯދުމުގެ ނިޔަތެއްނެތި ދީލަތިކަމާއެކު އެހީތެރިކަމެއް، އެއްޗެއް، އެހެންމީހަކަށް ފޯރުކޮށްދިނުމަކީ ދީލަތިކަމެވެ. މިގޮތަށް ދޭ އެހިތެރިކަމުން ލިބޭނީ އިތުރު ހިތްހަމަޖެހުމާއި މަންފާއެވެ. ލޭހަދިޔާ ކުރެވޭ ހާލަތުގައި ހުރިމީހަކު މިމަތިވެރި ސަދަގާތްކޮށްގެން އެނާގެ ގައިން ލޭމަދެއް ނުވެއެވެ. ހަދިޔާކުރާލެއާއި އެއްވަރަށް އެނާގެ ހަށިގަނޑުގައި ލޭއުފެދެއެވެ. ހަމައެހެން މިސާލެކެވެ. ގެރީ ކިރު ނުފެލާނަމަ ގެރީގައި އިތުރަށް ކިރެއް ނުއުފެދޭނެއެވެ. ގުދުރަތީގޮތުން މިކަހަލަކަންކަން ހަމަޖެހިފައި މިހުންނަނީ ބުރުހަމަވާގޮތަށެވެ. އެހެންވީމައި މީހަކަށް އެއްޗެއް ދިނުމަކުން ތިމާގެ އަތުން އެއްޗެއް އުންޏެއްނުވާނެއެވެ. އެހެންމީހަކަށް ދިންއެއްޗެއް ކޮންމެވެސް ގޮތަކުން އަނބުރާލިބޭނެއެވެ. ފަހަރުގައި އެއީ ހިތްހަމަޖެހުން ކަމުގައިވެސް ވެދާނެއެވެ.