އަޅުގަނޑު މިފްކޯގައި އުޅުނު ދުވަސްވަރު ކުންފުނީގެ މަސައްކަތާއި ގުޅޭ ޑޮކިއުމެންޓަރީ އެއް ހެދުމުގެ މަސައްކަތް ކުރެވޭތޯ އުޅުނީމެވެ. އެދުވަސްވަރު މިފަދަ މަސައްކަތް ކުރާ ސްޓޫޑިއޯއެއް ކަމުގައިވާ ވިލެޖަރ ސްޓޫޑިއޯގެ މެނޭޖިން ޑަރެކްޓަރ ޓޮންބެއާ، އަޅުގަނޑު މަޝްވަރާ ކުރީމެވެ. ވީޑިއޯ މަސައްކަތް ކުރެވިދާނެ ކަމަށާއި، ހަމައެއާއެކު، ސްކްރިޕް ލިޔާނެ ފަރާތެއް ބޭނުންވާނެކަމަށް ޓޮންބެ ވިދާޅުވިއެވެ. ޓޮމްބެ ލަފާދެއްވީީ، މިފަދަ ސްކްރިޕެޓެއް ލިޔުމަށް އެންމެ ހުށިޔާރު ފަރާތަކީ، މަޑުލު ވަހީދުކަމަށާއި އެބޭފުޅާ މިމަސައްކަތް ކޮށްދެއްވަ ފާނެތޯ ބަލުމަށެވެ. އެހެން ކަމުން އަޅުގަނޑު ވަހީދާއި ގުޅާގެން ސްކްރިޕް ލިޔެދެއްވުމުގެ ޝައުގު ހުރިތޯ އަހާލީމެވެ.

މިމަސްކަތް ކުރުމަށް ވަހީދާއި އަދި ޓޮންބެއާ އެކު މިފްކޯގެ ސައިޓްތަކަށް ދަތުރުތަކެއް ކުރެވުނެވެ. އަޅުގަނޑު ހަދާންވާގޮތުން އެއީ 90 ގެ އެންމެ ފަހު އަހަރުތަކެވެ. އެމަސައްކަތުގެ ތެރެއިން ސްކްރިޕްޓު ލިޔެފައި ހުންނަގޮތާއި ވިޑީއޯ ސްކްރިޕްޓަށް ގުޅުވާގޮތްތައް އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ފަހުމުވިއެވެ. 

ކޫއްޑުގައި ކުރަމުންގެންދާ މަސްފިނިކޮށް ރައްކާކުރުމުގެ މަަސައްކަތް އަޅުގަނޑުމެން، ބަލާ ވީޑިއޯ ކުރުމަށް ކުރިދަތުރުގައި ޖެހިގެން އޮތް ވިލިގިއްޔަށްވެސް ދަތުރެއްކުރީމެވެ. އެއީ ވަހީދުގެ އެދިވަޑައި ގަތުމަކަށް، ހާޖަރާގޭ އިބްރާހިމް ލުތުފީ އެރަށުގައި ހުންނަވާ ކަމަށް ވާތީ އެބޭފުޅާގެ ފައިންޕުޅު ދެކެލެއްވުމަށެވެ. އެދަތުރުގައި ލުތުފީގެ ވީޑިއޯ އިންޓަވިއުއެއްވެސް ވަހީދު ކުރެއްވިއެވެ. އަޅުގަނޑަށް ހީވާގޮތުން އެއީ ލުތުފީގެ އެންމެ ފަހުގެ އިންޓަވިއުވެސްމެއެވެ.

މިއިންޓަވިއުގެ ވާހަކަތައް، ވަހީދު ލިއުއްވަފައިވެސް ވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެއީ ފަހުގެ ތާރީހެއްގައި އެކަން ހިންގާ ދިޔަ ތާރީހާއި ބައެއް ކަންކަން އަޅުންވިފުލުވާ ހެއްދެވީތީއެވެ.

ވަހީދާއި އެކު މިކުރެވުނު މަސައްކަތަކަށް ފަހު އަޅުގަނޑާއި އެކު ކޮންމެވެސް ވަރެއްގެ ރަހްމަތްތެރިކަމެއް އުފެދުނެވެ. ރައްޓެހިކަން އެގޮތަށް އޮތީ ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން ދެމެދު ކޮންމެވެސް މުއާސަލާތެއް ހިނގަމުންދާތީއެވެ.  

އަޅުގަނޑު ޕީއެސްއެމް ހިނގުމާއި ހަވާލުވެ ހުރިދުވަސްވަރު، ސަމަރު ބުލޫ އިބްރާހިމް މަނިކު ނިޔާވުމާއި ގުޅިގެން އިބްރާހިމް މަނިކުގެ ހަދާނީ ފޮތެއް ތައްޔާރު ކުރުމުގެ ހިޔާލާއި ހަނދާނީ ފޮތެއް ޝާއިއު ކުރުމަކީ ކުރަން ޖެހޭކަމެއް ކަމުގައި ވަހީދަށް ގަބޫލުކުރެެއްވޭތީ، އަޅުގަޑާއި ބައްދަލުކުރިއެވެ.

އަދި މިކަމަކީ ޕީއެސްއެމުން ކުރަން ޖެހޭނެކަމެއް ކަމުގައި ވިދާޅުވިއެވެ. މިބައްދަލުވުމުގައި ބަހުގެ އެކަޑަމީން ޒުލްފާވެސް ބައިވެރި ވަޑައިގަތެވެ. އިބްރާހިމް މަނިކުގެ ހަދާނީ ފޮތް ތައްޔާރު ކުރުމުގައި ވަހީދުގެ ދައުރު ވަރަށް ބޮޑެވެ. އެކަމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުރިކަން އަޅުގަޑަށް ފާހަކުރެވުނެވެ. އަދި ފޮތް އެކުލަވާލުމަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް ވަހީދުގެ ތަޖުރިބާއި ވިސްނުންފުޅު އަޅުގަނޑާއި ހިއްސާ ކުރައްވަމުން ގެންދެވިއެވެ. އަދި ވަހީދުގެ މިޒާޖުގައި ހުންނަވާ ކެއްތެރިކަން ހުރި މިންވަރު އަޅުގަނޑަށް ވަރަށް ބޮޑަށް އިހްސާސްވެގެން ދިޔައެވެ.

އަދި ފޮތްގެ މަސައްކަތް ނިންމާލުމުން، ވަހީދު ކުރެއްވި މަސައްކަތަށް ތައުރީފު ހޯއްދެއްވުމަކަށް ނޫޅުއްވަައެވެ. އަޅުގަނޑަށް ދެނެގަނެވުނުކަމަކީ ވަހީދަކީ ހިމޭނުން ހުންނަވާގެން މަސައްކަތަށް އިސްނަންގަވާފަރާތެއް ކަމެވެ. މިއީ ހިނގުމުގެ ތެރޭގައި އުޅޭމީހެއްގެ ގޮތުން އަޅުގަނޑަށް ދަސްވެގެން ދިޔަ ވަރަށް ބޮޑު ފިލާވަޅެވެ.

'ސަމަރު ބުލޫ އިބްރާހިމް މަނިކުގެ ހަދާން' މިފޮތުގައި މަޑުލު ވަހީދު ކޮށްދެއްވި މަސައްކަތާއި ގުޅޭތުން އަޅުގަނޑު ފޮތުގައި ލިޔެފައިވަނީ "މިފޮތް މި ނެރެވެނީ މިކަމަށް ބައެއް ބޭފުޅުންގެ ވަރަށް ދީލަތި އެހީތެރިކަން އަޅުގަނޑާއި ޕީއެސްއެމްއަށް ދެއްވީމައެވެ. ޚާއްޞަކޮށް އަލްއަޚް މަޑުލު ވަހީދުގެ ނަންފުޅު ފާހަގަކުރަން ޖެހެއެވެ. މިފޮތުގެ މަސައްކަތް ފެށުނީއްސުރެން ފޮތް ނެރުމާ ހިސާބަށް މަޑުލު ވަޙީދު އަޅުގަނޑަށް މިކަމުގައި ދެއްވި ލަފާފުޅާއި އިރުޝާދާއި އަދި މިމަސައްކަތަށް ދެއްވި އެއްބާރުލެއްވުމާއި ފޮތަށް ބޭނުންވާ ލިޔުންތައް ހޯއްދަވައި ދެއްވުމާއި ލިޔުންތައް ފުރިހަމަކުރެއްވުމާއި އެނޫންވެސް އެތައް ކަމެއްގައި އަމަލީގޮތުން ކޮށްދެއްވި މަސައްކަތް ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރަމެވެ."

މަޖިދިއްުޔާ މުސްކުޅި ދަރުވަރުން، 1980 ގެ އަހަރުތަކުގައި ނެރެއްވި މަޖައްލާ 'އިލްމީ އޮއެވަރު' ގައި ވަހީދު ލިއުއްވާފައި ހުރި ބައެއް މަޒްމޫނުތައް އަޅުގަނޑަށް ކިޔާލުމުގެ ފުރުސަތު ލިބުނީ މީގެ ދެ އަހަރެއް ވަރު ކުރިންނެވެ. ވަހީދު ޑިމޮކްރަސީއާއި ގުޅޭގޮތުން ލިއުއްވާފައި ހުރި މަޒްމޫނުތަކުން، މިނިވަން ހިޔާލަށް ވަހީދު ބުރަވެފައި ހުރި މިންވަރު ދެނެގަނެވޭނެއެވެ. ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމާއި އެހެން ގައުމުތަކުގައި ވެރިކަން ކުރަނީ ކިހިނެއްތޯ ދެނެގަތުމުގު ޝައުގުވެރިކަން ކުޑަ ޒަމާނެއްގައި އެފަދަ މަސަައްކަތް ކުރެެއްވުމުގެ ޝައުގުވެރިކަން އުފެދުނީ ކިހިނެއްތޯ، އަހާލުމުގެ ހިތްއޮތްލެއް ބޮޑުކަމުން އަޅުގަނޑު ވަހީދާއި ގުޅާ އެކަމާއި ވާހަކަދައްކާލީމެވެ.

ދާދި ފަހުން އަޅުގަނޑަށް ދިމާވި ސިއްހީ މައްސަލައެއްގައި އަޅުގަނޑާއި ގުޅުއްވާ އެކަމުގެ ވާހަކަވެސް އެއްސެވިއެވެ. އަދި ދޭތެރެ ދޭތެރޭން އަޅުގަނޑާއި ގުލުއްވާ ހައްދަވައެވެ. އަޅުގަޑަށް ވަހީދާއި ވާހަކަ ދައްކާލުމުގެ އެންމެ ފަހު ފުރުސަތު ލިބުނީ މިމަހުގެ  10 ވަނަ ދުވަހުގައެވެ. އެއީ އަޅުގަނޑުމެނާއި ވަހީދު ތާއަބަދަށް އަލްވަދާއު ކިޔުއްވުމުގެ ދެތިން ދުވަސް ކުރިއެވެ. އެދުވަހުވެސް އަޅުގަނޑުގެ ހާލު އަހުވާލު އައްސަވާ ސިއްހީ އުނދަގުލެއް ހުރިތޯ އެއްސެވިއެވެ.  

މަޑުލު ވަހީދު އަޅުގަނޑުމެނާއި ވަކިވެގެން ދިއުމާއި ހަމައަށްވެސް ހުންނެވީ ގައުމުގެ ހިދުމަތުގައެވެ. މަސައްކަތް ކުރައްވަމުން ގެންދެވީ ދިވެހި ބަހުގެ އެކަޑަމީގައެވެ. ނިޔާވީ ދިވެހި ބަހުގެ ދުވަހުގައެވެ. އަޅުގަނޑުމެނާއި ވަކިވެގެން މިދިޔައީ ވަރަށް ހެޔޮލަފާ ބޭފުޅެވެ. ފޮތްތެރި ކަމުމުގެ ވަރަށް އަރާ ހުރި، މޮޅު ލިޔުންތެރިއެކެވެ. ވިސްނުންތޫނު ވަރަށް ބުއްދިވެރިކަމާއެކު ލިޔުއްވާ ބޭފުޅެކެވެ. މިފަދަ ބޭފުޅުންގެ ހިދުމަތް މެދުކެނޑުމެއްނެތި، ގައުމަށް ލިބޭގޮތަށް ނިޒާމް ތަރުތީބުކުރެވި، ބައްޓަވެފައި ހުންނަޖެހެއެވެ. ސިޔާސީ ފިކުރާއި ވިސްނުމަށް ބަލައި ހިދުމަތްތެރި ބޭފުޅުން އެކަހެރި ކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހިގައިފަިއިވާާކަން އަޅުގަޑުމެނަށް މިދަނީ ފެންނަމުންނެވެ.

މަޑުލުވަހީދުގެ ފުރާނަށް ހެޔޮރަހްމަތް ލައްވާ ސުވަރުގޭގެ ނިޔުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.