އެއްޒަމާނެއްގައި ކޮންމެވެސް ސަހަރެއްގައި ވަރަށް އަދުލުވެރިކަމާއެކު ރަސްކަންކުރަމުން ގެންދިޔަ އޯގާތެރި ރަސްކަލެއް އުޅުއްވިއެވެ. ރަސްގެފާނު ދައުލަތުގެ ކަންކަން އިންތިޒާމް ކުރައްވާފައިވާ ގޮތުން ރައްޔިތުން ތިބެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. މިސަހަރުގައި ޓެކްސް ނިޒާމް ހިންގާގޮތުން ރައްޔިތުންގެ ތެރޭގައި ފާގަތިކަމާއި ފޯރުންތެރިކަން އޮތެވެ. ރައްޔިތުން ތިބީ ވެރިކަމުގެ ފޮނި މީރުކަން އެމީހުންނާއި ހަމައަށް ލިބެމުންދާތީ ވަރަށް އަދަބުވެރިކަމާއެކު ވެރިކަމަށް އެއްބާރުލުންދީ އަމުރުތަކަށް ކިޔަމަންވެގެން އެވެ.
ރަސްކަމުގެ ކަންކަން ހިނގަމުންދާލެއް އަމާންކަމާއި އޮމާންކަމުންސިހުރުވެރިއަކު ހަސަދަވެރި ވެގެން އެސަހަރުގެ އެންމެން ފެންބޯ ވަޅަށް ސިހުރެއް ހަދައިފިއެވެ. އަނެއްދުވަހު ސަހަރުގެ ރައްޔިތުން ހޭލިއިރު އެންމެ ތިބީ މޮޔަވެފައެވެ. ސަހަރުގެ ފުލުންހުންނާއި އަސްކަރިއްޔާއާއި، ފަޑިޔާރުންނާއި، ގަވަރުނަރުންނާއި، ސަރުކާރުގެ މުއައްޒަފުންނާއި، ކައުންސިލަރުންނާއި އެންމެހާ މީސްތަކުން ތިބީ މޮޔަ ހާލުގައެވެ.
ރަސްގެފާނު ފެންފޮދު ހިއްޕަވަން ހުންނަނީ ވަކި ފެންވަޅެއްކަމުން ރަސްގެފާނު މޮޔަފުޅެއް ނުވެއެވެ. ނަމަވެސް ރަސްގެފާނުގެ ގާޑުންނާއި ސަރުކާރު ހިންގައިދޭންތިއްބެވި އެންމެހާ ވެރިންތިއްބެވީމޮޔަވެފައި ކަމުން ރަސްގެފާނަށް ދައުލަތް ހިންގުން ދަތިވެއްޖެއެވެ. އަދި ސަހަރުގެ ރައްޔިތުން، ރަސްގެފާނު ދައްކަވަނީ އެމީހުން ދައްކާކަހަލަ ވާހަކަ ނޫންކަމުގެ އަޑު އުފުލަންފައްޓައިފިއެވެ.އެންމެ ފަހުން ރަސްގެފާނު އަޒުލު ކުރަންވީ ކަމުގައި ރައްޔިތުން ބުނެފިއެވެ.
މިހެން ކިޔައި އަޑުގަދަ ކުރަމުން ރަސްގެފާނުގެ ގަނޑުވަރުކައިރިއަށް ރައްޔިތުން ޖަމާވާންފައްޓައިފިއެވެ.
ރަސްގެފާނު ކަންބޮޑުވެ ވަޑައިގެން، ރަސްކަމާއިސަހަރުވެސް ދޫކޮށްދާންވީ ކަމުގައި ރާނީ އަރިހު ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ރާނީގެ މަޝްވަރާތަފާތެވެ. ރާނީ ރަސްގެފާނަށް ދެންނެވީމިމައްސަލައަކީ ފެންވަޅާގުޅިފައިވާ މައްސަލައެއްކަމުން ރައްޔިތުންގެ ފެންވަޅުން ފެންބޮއެގެން ރައްޔިތުންނެކޭ އެއްގޮތައް ތިބީމައި، ރަސްކަން ދޫކޮށްލައްވާފައި ވަޑައިގަންނަވާކަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ. ރާނީގެ މަޝްވަރާއާއި އެއްގޮތަށް ރަސްގެފާނާއި ރާނީ އެއްކަލަ ސިހުރު ވަޅުން ފެންފޮދެއް ހިއްޕަވައިގެން ދެބޭފުޅުންވެސް ރައްޔިތުންނެކޭ އެއްގޮތަށް މޮޔަފުޅުވެވަޑައިގެންފިއެވެ.
ރަސްގެފާނުވެސް މޮޔަވެގެން އުޅުއްވާގޮތް ރައްޔިތުންނަށް ފެނުމުން ރަސްގެފާނު އެމީހުންނާއިއެއްގޮތް ވެއްޖެކަމަށް ރައްޔިތުން ޤަބޫލުކޮށްފިއެވެ. އަދި ރަސްގެފާނު ރަސްކަމުގައި ބެހެއްޓުމަކުން މައްސަލައެއް ނެތް ކަމަށް ހަދައިފިއެވެ.
މިވާހަކައިގެ އަމާޒަކީ ތިމާއަށް އެބައެއްގެ މައްޗަށް ގަދަވެ ނުގަނެވޭނެ ބަޔާކާއި ގުޅުމަކީ ގޮތްހުސްވުމުން ބަޔަކު ކޮށްފާނެ ކަމެކެވެ. ނަމަވެސް އެއީ އަދި އެންމެ ބުއްދިވެރިގޮތް ނޫންކަމަށް ވެދާނެއެވެ. ކޮންމެ މީހަކީވެސް އުސޫލުތަކަކާއި ހަމަތަކެއް ގަބޫލު ކުރާނެ މީހެކެވެ. ތިމާ ޤަބޫލު ކުރާ އުސޫލުގައި ހުރީ ތިމާ އެކަނި ކަމުގައިވިޔަސް އެގޮތަކީ ރަނގަޅުގޮތް ކަމުގައި ފެންނަނަމަ އެހެން އެންމެން ދެކޭގޮތް ނުވަތަ ޤަބޫލުކުރާގޮތަށް ބަދަލުވުމަކީ ތިމާގެ ނަޒާހަތްތެރިކަން ޤުރުބާން ކޮށްލުމެވެ.
މިދަންނަވަނީ ގޮތްދޫނުކުރުމާއި ހަރުކަށިކަން ދެއްކުމެއްނޫނެވެ. ނަމަވެސް ތިމާ ޤަބޫލު ނުކުރާ އުސޫލުތަކެއްކަމަށް އަޑުއުފުލާފައިވާ އުސޫލުތަކެއް ކުއްލިއަކަށް ޤަބޫލުކުރާނީ އެކަން ހިތުގެ އަޑިން ބަލައިގެނެގެންނެއް ނޫނެވެ. މިފަދަ އުސޫލުތަކެއް ޤަބޫލުކުރަނީނުވަތަ ގަބޫލު ކުރަން މަޖްބޫރުވަނީ އެކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެތީ ކަމަށްމަންޒަރުބަލަން ތިބޭ ވިސްނާ ފިކުރުކުރާ މީހުން ޤަބޫލުކުރާނެއެވެ.އަދި މިކަހަލަ ނިންމުމަކުން ތިމާގެ އަމިއްލަ މަސްލަހަތު އެދަނޑިވަޅަށް ހިމާޔަތް ކުރެވުނަސް ނަފުސުގެ އިތުބާރު ގެއްލުނީއެވެ.ތިމާގެ އަމިއްލަޒަމީރުގެ ކުރިމަތީގައި ވެސް އަދި އެހެން މީހުންގެ ކުރިމަތީގައިވެސް މެއެވެ.