އަހަރަކު އެއްފަހަރު ނޮވެލްޓީ ބުކްޝޮޕުން ބާއްވައި ބުކްފެއަރއަށް، މިއަހަރުވެސް ޒިޔާތް ކޮށްލީމެވެ. ފެއަރއިން ހޯދި ބައެއް ފޮތްތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ ލިޔެވުނު ވާހަކަ، އާދެ ނޮވެލް ގަތީމެވެ. މިފޮތަށް ކިޔަނީ 'ރިވާޔަތު މޫސާ ވަ ޒުލޭހާ' އެވެ. މިފޮތް ލިޔުއްވައިފާވަނީ އަޙްމަދު ކާމިލް ދީދިއެވެ.

ކާމިލް ދީދި މިފޮތް ލިޔުއްވާ ނިންމަވާފައިވަނީ ނޮވެމްބަރ 24، 1920ގައެވެ. އޭރު އެބޭފުޅާގެ އުމުރުފުޅެއް ކަމަށްވަނީ 30 އަހަރުފުޅެވެ. މިފޮތް ލިޔުއްވިއިރު އުޅުއްވަމުންގެންދެވީ އިންޑިއާގެ ކަލްކަތާގައެވެ.

މިފޮތުގެ މަސައްކަތް ކާމިލުދީދީ ކުރެއްވިއިރު ދިވެހި އަދަބިއްޔާތު އޮންނާނީ ފިރުކުމުގެ މަރުހަލާގައިކަމަށް ލަފާކުރެއެވެ. ނުވަތަ ފިރުކެން ފައްޓަން ތައްޔާރުވެފައެވެ.

ވާހަކާގެ ޕުލޮޓް އާއި ލިއުއްވާފައިވާ ގޮތަށް ވުރެ ބޮޑަށް އަޅުގަނޑަށް އަޅައިގަތީ އެޒަމާނުގައި އަޅުގަނޑުމެންގެ ދިރު އުޅުން ހުރިގޮތާއި، އިޖްތިމާއި ގޮތުން ކުރިމަތިވާ މައްސަލަތަކާއި، އަދި އޭރު އެދިމާވި މައްސަލަތައް މިހާރު ބޮޑުވެފައި ހުރި މިންވަރަށެވެ.

މިވާހަކައިން ދޭހަވާގޮތުން ބޭފުޅުން ކައިވެނި ބައްލަވައި ގަންނަވާއިރު ގޮތްފާޑު ދެނެގަތުމާއި އެކުގައި އުޅެވޭތޯ ބެލުމަށް މިޒަމާނުގައި މިއޮންކަހަލަ، ކައިވެނީގެ ކުރިން ރައްޓެހިވެގެން އުޅޭ މުއްދަތެއް ނޯވެއެވެ. ދެފަރާތުގެ މެދުގައި ހިންގަނީ މެދުވެރިއެކެވެ. ނުވަތަ ހިންގަނީ ސިޓީ ބިޓީގެ ގުޅުންތަކެވެ.

އެޒަމާނުގައި ބޭފުޅުންނާ އާންމުގެ ހުންނަތަފާތު ވަރަށް ރަނގަޅަށް މިފޮތުން ސިފަވެގެންދެއެވެ. ބޭފުޅެއްގެ ގާތް ރަޙުމަތްތެރިއެއް ކަމުގައިވިޔަސް ބޭފުޅަކަށް ޒިޔާރަތްކޮށް ވާހަކަ ދައްކާލުމަށް ނުވަތަ އެއްތަށިމަތިން ކާއިރުއިރުވެސް އާންމު މިހާ އިންނާނީ ތިރި ގޮޑިއެއްގައެވެ. މިގޮތަށް ކަންތައް ތަރުތީބުވެފައި ހުރުމަކީ ބޭފުޅުންގެ ރީތި އަދަބު ތެރޭގައި ހިމެނޭކަމެކެވެ.

އެޒަމާނުގައި ލިޔަން ކިޔަން ނުދަންނަ މީހުން ގިނަކަމާއި އެކަމަކީ އާދަޔާއި ޚިލާފު ކަމެއް ނޫންކަމުގެ އިހުސާސް މިފޮތުގެ އެކި ހިސާބުތަކުން އަޅުގަނޑަށް އިހުސާސް ކުރެވުނެވެ.

އަޅުގަނޑަށް އިވިފައި އޮތީ އެޒަމާނުގައި މާލޭގެ އެއް އަވަށުން އަނެއް އަވަށަށް މީހުން ގޮސް އުޅުމަކީ އެހާ ގިނައިން ކުރާ ކަމެއް ނޫންކަމާއި އަދި ރޭގަނޑުގެ ވަކިދަމެއްވީމައި ހުއްދައެއް ނެތި އަވަށް ހުރަސްނުކުރެވޭނެކަމެވެ. މިގޮތަށް އެއްއަވަށު މީހުން އަނެއް އަވަށަށް ގޮސް ނޫޅެނީ އެކި ކަންކަމާއި އޮންނަ ވާދަވެރިކަމާއި ހިނގާ ނީއްގާނީ ކަންކަމުގެ ސަބަބުންނެވެ. މިފޮތުންވެސް މިކަން ދޭހަވެއެވެ. އަދި މިގޮތަށް އަވަށް ހުރަސްކޮށް އެއްއަވަށުގެ މީހަކު އެހެން އަވަށެއްގެ އަންހެން ކަނބަލެއްކާރިއަށް ޖެއްސުމަކީ ގަޔަށްއައްލައި މާރާމާރީ ހިންގާ ފަދަ ކަންކަމެވެ.

ދިވެހީން ހެދުން އަޅަގޮތާއި ހެދުން އެޅުމުގައި ކަންބޮޑުވައި ކަންކަން ފާހަގަކުރެވިފައި އެބަހުއްޓެވެ. މިޒަމާނުގައި ކަންބޮޑުވާ ކަންކަން އެޒަމާނުގައިވެސް ހުރިކަން ފާހަގަވެއެވެ. އެހެންވީމައި ހެދުން އެޅުމުގައި ފާޑުކިޔުން މިއޮތީ ވަކިޒަމާނަކަށް ހާއްސަވެފައެއްނޫނެވެ.

އެދުވަސްވަރު އަންހެނުން ކައިވެނި ކުރާ އުމުރު ވަރަށް ހަގެވެ. މިޒިމާނުގައި އެމުރުގައި ކައިވެނު ނުވެސް ކޮށްދޭނެއެވެ. އަދި މިހާ ހަގު އުމުރުގައި ކައިވެނި ކުރުމަށްފަހު ތަސައްރަފު ފުރިފައި ތިބޭ މީހުން ނަގަންޖެހޭ ޒިންމާ ވެސްނަގަންޖެހެއެވެ. މިދެންނެވީ ދެމަފިރިކަމުގެ ގުޅުމުގެ ވާހަކައެއްނޫނެވެ. ގޭބިސީ ބެލެހެއްޓުމުގެ ޒިންމާގެ ވާހަކައައެވެ.

އެދުވަސްވަރަކީ އަރަބި ބަސް ގިނައިން ބޭނުންކުރި ދުވަސްވަރަކަށްވާތީ މިވާހަކާގެ ވަރަށް ގިނަތަންތަނުގައި އަރަބި ލަފްޒާއި ބަސް ބޭނުންކޮށްފައިވެއެވެ. އެދުވަސްވަރު ގިނަބަސް ދަތުމަކީ މޮޅުކަމެއް ކަމުގައިވެއެވެ. އެހެންކަމުން އުރުދޫ ޅެން އުރުދޫބަހުން ކޮންމެވެސް ވަރަކަށް ލިޔެފައި އެބަހުއްޓެވެ.

ލިޔުންތެރިޔާ އުގެނުމާއި ތަޢުލީމަށް ހުރި ޝައުގުވެރިކަން މިފޮތުގެ އެކިހިސާބުތަކުން އަލިގަދަކޮށް ފެންނާން އެބަހުއްޓެވެ.

މިފޮތަކީ އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ލިޔެވުނު ނޮވެލް ކަމަށްވާތީ ކިޔާލުމަކީ މުހިންމުކަމެކެވެ. މިފޮތުގައިވަނީ 96 ސޮފްހާއެވެ.