އެންމެ މުއްސަދި މީހާގެ ގެއިން ފެށިގެން އެންމެ ނިކަމެތި މީހާގެ ގޭގައިވެސް ކޮންމެ ދުވަހަކު ކުރާ އެއްކަމަކީ މަދުވެގެން އެއްފަރު ގެ ކުނި ކެހުމެވެ. އަދި ގިނަ ގޭގޭގައި މޮޕްދަމާ ހިރަފުސް ސާފުކުރެއެވެ. ހަމަ މިގޮތަށް އަޅުގަނޑުމެންގެ މަސައްކަތު މާހައުލާއި ސްކޫލުތައްވެސް ސާފުކޮށް ބަލަހައްޓައެވެ.
ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް ކުނީގެ ސަބަބުން ދިމާވާ އުނދަގުލުން ސަލާމަތް ނުވެވިގެން މިއުޅެނީ ކީއްވެގެން ބާވައޭ ހިތަށް ނާރާތޯއެވެ. މާލޭގައި ފެނާއި ކުންޏާ އަދި އިޖްތިމާއީ މައްސަލަތައް ގިނަވާންފެށީ މާލޭގެ އާބާދީ ބޮޑުވުމާ ގުޅިގެންކަމަށް ދެކޭފަރާތްތައްވެސް އުޅެއެވެ. ސިޓީއަކަށް ބަދަލުވެގެން އަންނައިރު މިފަދަ ކަންކަން ދިމާވާނެކަމީ ނުވެނުދާނެކަމެވެ. މިފަދަ ކަންކަމުގެ ހައްލު ކުރިއާލާ ވިސްނަންޖެހޭ ފަރާތަކީ ސަރުކާރެވެ.
މާލެއަށް މިދިމާވެގެން އުޅޭ މައްސަލަތައް ކުރިމަތިވީ އަދަކު އިއްޔެއަކު ނޫނެވެ. ތާރީޚްއިން ފެންނަގޮތުން މާލޭގައި ގެރި ބަކަރި މަގުމަތީ ގެންގުޅުނެވެ. ދެން ކޮށީގައި ގެންގުޅުނު ދުވަސްވަރެއްވެސް އައެވެ. ހަމަ އެއާއެކު މާލޭގައި މަސްކެއްކުމާއި މަސްހިއްކުމާއި ލޮނުމަސް އެޅުމުގެ މަސައްކަތްވެސް 1980ގެ ތެރެގައިވެސް ކުރިއެވެ. މިދުވަސްވަރުވެސް މާލެ ގޮޑުވެ މާލޭގައި ދިރިއުޅޭ މީހުން މިކަމުން ފޯރި އުދަގުލުގެ ވާހަކަ ދައްކާފައިވާނެކަން ކަށަވަރެވެ.
ބާޒާރުކުރާ ޕްލާސްޓިކް ކޮތަޅު އަޅުގަނޑުމެން ތެރެއަށް އާންމުވުމާއި ވިދިގެން މަގު މަތީގައި ކުނިވާ ޒާތުގެ އެއްޗެތި އަޅާފައި ހުންނަ ކޮތަޅު މަގުމަތީ ގިނަވުމާއި މަގުމައްޗަށް ކުނި އުކާލާފައި ހުރުން އާންމުވާން ފެށީ މާލޭގެ އަބާދީ ބޮޑުވަމުން އައިދުވަސްވަރުގައެވެ.
ކުނީގެ ސަބަބުން ދިމާވާ ދަތި ހައްލުކުރުމަށް އަބަދުވެސް މާލޭގެ ކަންކަމާއި މަތިވެފައިވާ ފަރާތްތަކުން އައީ ކުރަމުންނެވެ. މިފަހުން ކުނީގެ ސަބަބުން ވާ އުނދަގޫ އަތްނުފޯރާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ކުނިތައް މާލެއިން ބޭރުކުރުމަށް ބެނުންވާ ކޮންމެވެސް ވެހިކަލް އެއް ހަލާކުވެގެން، ފައިސާ ނެތިގެން ނުވަތަ އެކަށީގެންވާ ވަރަށް މީހުން ނެތިގެން މާލޭ ގޮނޑުވިކަން އެއީ އަޅުގަނޑުމެން ދާދި މިދާކަށް ދުވަހުވެސް ތަޖްރިބާ ކުރިކަމެކެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ މަގުތައް ގޮޑުވުމުންނާއި ވާރޭވެހުމުން ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ރޭވުންތެރިކަމާއި އެކުމަސައްކަތްކުރާކަމަށް ސިޓީ ކައުންސިލްއިން ވަނީ ހާމަކޮށްފައެވެ. މިކަންވަނީ މާލޭ ސިޓީ ކައުންސިލްގެ ޑިޕިއުޓީ މޭޔަރ 18 ސެޕްޓެމްބަރ 2014 ގައި މިކަމާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށްބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
އަދި މިއަހަރުކުރީކޮޅު މާލެއަށް އެއްދުވަހު އެޅޭކުނި މިނާ، މިމައުލޫމާތުވެސްވަނީ ސިޓީ ކައުންސިލް އިން އާންމުކޮށް ހާމަކޮށްފައެވެ.
ސިޓީ ކައުންސިލުން13 މޭ 2014ގައި ބެއްވި ނޫސްކޮށްފަރެންސްއެއްގައި ހާމަކޮށްފައިވަނީ މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު ފާހަގަކުރެވުނީ މާލެ ސާފުކުރިވަރަކަށް ކުނި އަޅާ އަދަދު އިތުރުވަމުން އަންނަކަމަށެވެ.
މީހުން ގިނައިން ވަދެ އަދި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ވަދެ އުޅޭތަނެއް އަބަދުވެސް ސާފުތާހިރުކޮށް ހުރިތަނަކަށް އަޅުގަނޑަށް ފާހަގަކުރެވެނީ ސްކޫލުތަކެވެ. ސްކޫލުތަކުގެ ގޯތި ތެރެއާއި ކުލާސްތައްވެސް ސާފުތާހިރުކޮށް ހުންނަ ސަބަބެއްކަމަށް އަޅުގަނޑަށް ލަފާކުރެވެނީ، އެތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ގަވާއިދުތަކާއި ކުނި ނޭޅުމަށް އަބަދުވެސް ދެމުންގެންދާ އިރުޝާދުތަކާއި ދަރިވަރުންނާއި ބެލެނިވެރިން މިކަމަށް އަހުލުވެރިކުރެވިފައި ހުރުމުންނެވެ.
ސްކޫލެއްގައި ޓީޗަރު ނުވަތަ ކިޔަވާ ކުއްޖަކު ބޭނުންތަނެއްގައި ޕޯސްޓަރެއް ނުވަތަ އެހެން އެއްޗެއްވެސް ނުބެހެއްޓޭނެއެވެ. އަދި ބޭނުން ތަނަކަށް ކުންޏެއް ދޫކޮށެއްނުލެވޭނެއެވެ. ގިނަ ސްކޫލުތަކަށް ޕްލާސްޓިކު ކޮތަޅުވެސް ނުވެއްދޭނެއެވެ. އަދި ސްކޫލުތައް ސާފުކުރާ މުއައްޒަފުންވެސް ތިބެއެވެ. އެހެންކަމުން މިތަރަހައިގެ ތެރޭގައި ބިނާ ކުރެވިފައި އުސޫލުތަކުން އަޅުގަނޑުމެންގެ ސްކޫލުތައް މިފެންނަނީ ސާފުތާހިރުކޮށެވެ.
ދެން ސުވާލަކީ، ސްކޫލުން މިފަދަ ރީތި އުސޫލުތައް އަހުލުވެރިވެފައިވާ ބެލެނިވެރިންނާއި އަދި މިކަން އަމަލީގޮތުން ކޮށްގެން ނިކުންނަ ދަރިވަރުން އުޅޭ ގައުމުގައި މަގުމައްޗަށް އަޅުގަނޑުމެން ނުކުތުމުން ތޮބިއްޔަތު ބަދަލުވަނީ ކީއްވެގެންތޯއެވެ.
ސްކޫލުން ގެއަށް ދިއުމަށްފަހު ބެލެނިވެރިންނާއި ދަރިވަރުން ސްކޫލުގެ މިފަދަ އުސޫލުތައް ހިފައްޓަން މަސައްކަތްނުކުރަނީ ކަމަށް ވެދާނޭ، އަޅުގަނޑު ހިތަށް އަރައެވެ. އާއެކެވެ. ބައެއް ދަރިވަރުން މަގުމައްޗަށް އެއްޗެތި ދޫކޮށްލުން އެއީ އެންމެ ރަނގަޅުކަމެއް ކަމުގައި ދެކެއެވެ. އަދި ބެލެނިވެރިން މިކަން ހުއްޓުވާތަނެއްވެސް ނުފެނެއެވެ.
ކުންޏާއި ގުޅިފައި ހުރީ ހަމައެކަނި ސާފުތާހިރުކަން އެކަންޏެއްނޫނެވެ. 1982 ވަނަ އަހަރު އިޖްތިމާއި ސައިސްވެރިން ކަމުގައިވާ ޖޭމްސް ވިލްސަން އާއި ޖޯޖް ކެލިން ތައާރަފުކުރި "ބުރޯކަން ވިންޑޯ" ތިއަރީއިން އަޅުގަނޑުމެންގެ މުޖުތަމައުގައި މިހިރަ ކުންޏާއި މާރީމާރީގެ މައްސަލައާއި ގުޅުމެއް ހުރިކަން ތިއެރެޓިކަލް ނަޒަރުކުން ފެނެއެވެ. އަދި މިތިއަރީގެ ޒަރިއްޔާއިންމިކަމުގެ ހައްލުވެސް ލިބިދާނެކަމަށް އުއްމީދުކުރެވެއެވެ.
މިތިއަރީގައި ބުނާގޮތުން އިމާރާތެއްގެ ހަލާކުވެފައި ކުޑަދޮރެއް މަރާމާތުނުކޮށް ގިނަދުވަހު ބަހައްޓާފިނަމަ އިތުރު ކުޑަދޮރާއި އަދި އެހެނިހެން ގެއްލުންވެސް ލިބެމުންދާނެއެވެ. މިބީދައިން މަގުމަތީ ދުވާރުގައި ކުނި ބަހައްޓާފި ނަމަ ދެން އެތަނުގައި އެހެން މީހުން ކުނި ބެހެއްޓުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. އަދި އިސާހިތަކު އެތަނަށް ކުނި ޖަމާވާން ފަށާނެއެވެ.
އެމެރިކާފަދަ ތަހުޒީބީ މުޖުތައުމުތަކުގައިވެސް އަމަލީ ގޮތުން މިކަން ހިނގަނީ މިގޮތަށެވެ.
މެލްކަމް ގުލޭޑްވެލް2000 ވަނަ އަހަރު ލިޔުނު 'ދަ ޓިޕިން ޕޮއިޓް' ގައި 'ބުރޯކަން ވިންޑޯ' ތިއަރީ އެމެރިކާގައި އަމަލީގޮތުން ތަންފީޒުކުރި ގޮތް ހާމަކޮށްފައިވެއެވެ. އެފޮތުގައި ބުނާގޮތުން އެމެރިކާގައި 1980ގެ މެދު ތެރޭހިސާބުން ފެށިގެން ސަބްވޭ ރޭލުތަކުގައި ސްޕުރޭކުރި ކުރެހުން ގިނަވެގެން، ރޭގަނޑު ހިދުމަތް މެދުކަނޑާލެވޭ ގަޑީގައި ރޭލުގެ ކެބިން އަލުން ދަވާދުލާ އަނެއް ދުވަހު ރޭލުތައް ހިދުމަތަށް ނެރެންފެއްޓީ ރީތިކޮށްގެންނެވެ. މިގޮތަށް 1990އާއި ހަމަ އަށް ކަންކޮށްފައިވެއެވެ. ނަތީޖާއަކަށްވީ ރޭލުތަކުގައި ގުރެފިޓީ ކުރެހުން މަދުވުމެވެ.
ދެން 1990 އިން ފެށިގެން ރޭލުތަކުގައި މާރާމާރީ މަދުކުރުމަށް ޤަވާއިދު މުގުރާ މީހުންގެ ތަފްސީލުބަލާ އެމީހުން ވީހާވެސް އަވަހަކަށް ހައްޔަރުކުރަން ފެއްޓިއެވެ. ދެތިން އަހަރެއްގެ ތެރޭގައި ސަބްވޭ ރޭލުތަކުގައި ހިނގާ މާރާމާރީ އިންތިހާއަށް ދަށްވެގެން ދިޔައެވެ.
މިކުރެވުނު ތަޖްރިބާގެ އަލީގައި 1990 ގެ މެދު ތެރޭން ފެށިގެން ނިއުޔޯކްގެ ޕޮލިސްއިން މިތަޖްރިބާތައް ނިއުޔޯކް ސިޓީގައި ތަންފީޒުކުރަން ފެއްޓިއެވެ. ނަތީޖާއަކަށްވީ 90ގެ އަހަރުތަކަކީ އެމެރިކާގައި މާރާމާރީ ދަށްވެގެން ދިޔަ 10 އަހަރަށްވެ ކުރެވުނު ތަޖްރިބާގެ އަލީގައި ކުރިއަށް އޮތް ތަނުގައި މާރާމާރީ މަދުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންފެއްޓުނެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި ހާއްޞަކޮށް މާލޭގައި މިފަދަ ކޮންކަހަލަ ކަންތައްތަކެއްކޮށްގެންތޯ ދިމާވާ ބައެއްދަތިތައް ހުރަސްކުރެވޭނީ އެއީ ވިސްނާލަން ބޭނުންކަމެކެވެ.
އަޅުގަނޑު ހިތުން އަޅުގަނޑުމެން ސަރުކާރާއި މާލޭ ސިޓީ ކައުންސިލް އެކުވެގެން މަސައްކަތްތަކެއް ކޮށްފިއްޔާ އެދެވޭ ނަތީޖާ ނެރެވޭނެއެވެ. މާލޭގެ ސާފުތާހިރުކަން ގެއްލި ގަވާއިދުތަކަށް އިހްތިރާމުކުޑަވެގެން ދަނީ މިދެފަރާތުން އެއްވިސްނުމެއްގައި މަސައްކަތްނުކުރެވިގެންނެވެ.
މިސާލެއް ދަންނަވާލާނަމެވެ. މިދިއަ ރޯދަމަހު ދާރުލް އާޞާރު ކުރިމަތީ ކަހަލަ ގޮތަކަށް ފެންފޯއް ރުކެއް ވެއްޓިފައި އޮތެވެ. ރޯދަމަސް ނިމުނި އިރުވެސް މިރުއްއޮތެވެ. ވެއްޓި ފަނާވަމުންދާ ރުއް ކައރިއަށް ކުނިޖަމާވަމުން ދިޔައެވެ. ދާރުލް އާޞާރާއި ދިރާގު އިންވާ މިކޮށީގެ ދެކަންމަތީގައި ބޮޑު ހަތަރު ކުނި ވަށިގަނޑު ބަހައްޓާފައި ހުއްޓެވެ.
މިއަހަރު ހުސްވި ރޯދަމަހުގެވެސް ކުރީގައި ޗާންދަނީމަގާއި މަޖީދީމަގު ކަންމަތީ އެކްސިޑެންޓްއެއްވިއެވެ. މިއެކްސިޑެންޓްގައި ޓްރެފިކް ލައިޓް ހަލާކުވެ، ޓްރެފިކް ލައިޓް ހަރުކޮށްފައި ހުންނަ ދަނޑި އަރިއަޅާލައި ގެއްލުންވިއެވެ. އެކްސިޑެންޓް ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ޓެރެފިކް ލައިޓް މަސައްކަތްނުކުރެއެވެ. އަދި އެކްސިޑެންޓްވީތަން ހުރީ ހުރިގޮތަށެވެ.
މާލޭގެ މަގުތައް ގާއަޅާފައި ހުރިކަމުގައިވިޔަސް މިއަދު މިއޮތީ އަޑިގުޑަންވެފައެވެ. ދުވަސްވީ މީހުންނަށް އަޑިތައް ބަލައިގެން ނޫނީ ހިނގަން އުނދަގޫވާނެއެވެ. ސްޓެލްކޯ، އެމްޑަބްލިއުއެސްއީ ފަދަ ކުންފުނިތަކުން ކޭބަލް މަސައްކަތް ކުރުމަށް ކޮނެފައި އަލުންގާއަތުރާއިރު ހުންނަނީ އަޑިގުޑަންވާގޮތަށެވެ. މީގެ ސަބަބުން ސައިކަލު ޕާރކް ކުރުމަށް އުދަގޫވެ ބޮޑުޖާގަ ހިފައެވެ.
ޕޯސްޓަރުތައް ހިއްޕުމާއި އެލުވުމުގައި ވަކި ތަނެއް ނޯވެއެވެ. ސްކޫލު ފާރުތަކުގައިވެސް ތަތްކުރަނީއެވެ. އިމާރާތްކުރަން ޖަހާ ފުޅަކުގައާއި ތޮށިގަނޑު މައްޗަކީ ޕޯސްތަރުތަކުގެ އެންމެ މަގްބޫލު މަންޒިލުވެ.
އަޅުގަނޑުމެންގެ ސްކޫލުތަކާއި އޮފީސްތައް ސާފުތާހިރުކޮށް ބެހެއްޓުމުގެ ތަޖްރިބާ އަޅުގަނޑުމެން ސަރުކާރާއި ސިޓީ ކައުސިލްގައި އެބަހުއްޓެވެ. ގޭގެ ސާފުތާހިރުކޮށް ބެހެއްޓުމުގެ ގާބިލުކަން އާންމު ރައްޔިތުންގެ އެބަހުއްޓެވެ.
އެހެންކަމުން މިއަދު ބޭނުންވަނީ މާލެ ސާފުތާހިރުކޮށް ބެހެއްޓުމަށް ބޭނުންވާ ޖުމްލަވީ ރޭވުންތެރިކަމެކެވެ. އާންމު ރައްޔިތުން މިކަމަށް އަހުލުވެރިކޮށް ގަވާއިދުތަކެއްގެ ތަރަހާގެ ތެރޭގައި ވަށާޖެހޭ ރޭވުންތެރިކަމެއް ތަންފީޒުކުރަމުން ދިޔުމެވެ.
މިހާރު މިއޮތްގޮތަށް ހަޑިކުރާވަރަކަށް ސާފުކުރާނެ ވަސީލަތް އިތުރުކޮށްގެން އަދި މުޅިމައްސަލައެއް ހައްލެއްނުކުރެވޭނެއެވެ. ސާފުތާހުރުކަން ގެއްލުމުން ދިމާވަނީ ގޮޑުވުމުގެ މައްސަލައެކަންޏެއްނޫނެވެ. އިޖްތިމާއި އެހެން މައްސަލަތައްވެސް އެކުލެވިގެންވެއެވެ. އެހެންކަމުން މުޅި މަންޒަރަށް ވިސްނާގެން ހައްލު ހޯދުމަށް ކަމާގުޅޭ ފަރާތުން ވިސްނާގަންނަން ޖެހެއެވެ. ސާފުތާހިރުކަން ކުޑަ ތަންތަނުގައި ދެން ހިނގާ ނޭދެވޭ އަމަލުތަކަށް ހިތްވަރު ލިބި އަމަލުތައް ހިނގާކަމީ "ބުރޯކަން ވިންޑޯސް"ގެ ތިއަރީން އަޅުގަނޑުމެންނަށް ދޭހަވާކަންކަމެވެ.
މިމަޒްމޫނުވާނީ ވީނިއުސްގައި 25 ސެޕްޓެމްބަރ 2014ދުވަހު ޝާއިއުކުރެވިފައެވެ.