އަޅުގަނޑުގެ ދަރިފުޅު ކިޔެވި ސްކޫލުތަކުގެ ނާޒިރުންނާއި ޓީޗަރުންނަށް،

ވެދުން ސަލާމްއަށްފަހު ލިޔަމެވެ.

މިއަހަރަކީ މަނާފުގެ ހަޔާތުގައި ވަރަށް ބޮޑު މަރުހަލާއެއް ކަޑައްތު ކުރާ އަހަރެކެވެ. ސާނަވީ ތައުލީމް ފުރިހަމަކޮށް އޯލެވެލް އިމްތިހާނު ގައި އިށީންނަ އަހަރެވެ. މިއަހަރަކީ މަނާފުގެ ހަޔާތުގައި ކިޔެވުމުގެ ރޮގުން ގޮތްތަކެއް ނިންމަންޖެހޭނެ އަހަރެއްވެސް މެއެވެ.

ކިޔެވުމުގެ ރޮގުން ގޮތްތަކެއް ނިންމުމުގެ މަގުތަނަވަސް ވުމަކީ މަނާފްއަށް ލިބޭ ފުރުސަތެކެވެ. މިފުރުސަތު ލިބުނު ކަމުގައިވިޔަސް ނޫނީ އަތުނުވި ކަމުގައި ވިޔަސް މަނާފު ދިރިއުޅުމާއިގެން ކުރިއަށް ދާންޖެހޭނެ އެވެ. ދުނިޔޭގެ ކަންކަމުގެ ތެރެއަށް މަނާފު ނިކުންނަން ޖެހޭނެއެވެ.

އުމުރުން ތިންއަހަރުން ފެށިގެން ޔުނިފޯމް ސްކޫލުތަކެއްގައި އުޅެ 16 އަހަރުގައި ގްރޭޑް 10 ނިންމައި އޯލެވެލް އިމްތިހާނާއިކުރިމަތި ލާއިރު، އަޅުގަނޑު ޤަބޫލުކުރަން ބޭނުންވަނީ ދިރިއުޅުމުގައި ކުރި މަތިވާނެކަންކަމަށް މަނާފުގެ ލޯހުޅުވިފައި ހުންނަންވާނެކަމަށެވެ.

މަނާފާއި ހަޔާތުގައި ދިމާވާނެ ނުތަނަވަސް ކަންކަމަށް ކެއްތިރިވުމާއި، މަސައްކަތު މާހައުލުގައި މަސައްކަތް ކުރުމަށް ފަރުވާތެރި ވުމާއި، ޤައުމަށް ހިދުމަތް ކުރުމުގައި ވަފާތެރި ވުމާއި އިހްލާސްތެރި ވުމަށް ތިޔަ ސްކޫލުތަކުގެ މަންހަޖުގެ ތެރެއިން ދަސްކޮށްދީފައި ވާނެކަމަށް ހީކުރަމެވެ.

މަނާފްގެ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކަސްރަތު ކުރުމުގެ ބޭނުތެރިކަން އަންގަދިނުމާއި އެކު ކަސްރަތު ކުރުމަށް އާދަކުރެވިފައި ވާނެ ކަމަށް ހީކުރަމެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ޚިޔާރު ކުރުމަށް އުންގަންނައި ދީފައިވާނެ ކަމުގައި ޔަޤީން ކުރަމެވެ.

ދީނީ ހެލުންތެރިކަން އިތުރުވުމާއި އެކުވެސް އިސްލާމްދީނާއި ނުގުޅޭ ވިހަ ވިސްނުންތައްވެސް މިވަނީ މިޤައުމުގެ މާހައުލު ތެރެއަށް ވަދެފައެވެ. އަޅުގަނޑު ޤަބޫލުކުރަނީ އިސްލާމު ދީނުގެ ރިވެތި އުސޫލުތަކާއި ދީނަށް ލޯބި ކުރުމާއި ދީނީ ފަރުޟުތަކަށް ސަމާލުވުމަށް މާނާފަށް އަންގައިދީފައިވާނެކަމަށެވެ.

މިއަދު ޤައުމުގައި ފެންނަމުން މިދަނީ ޤާނޫނާއި ޤަވާއިދުތައް ޤާނޫނުގެ ބޭނުން ކޮށްގެން ހަލާކުކޮށް ނިޒާމް ގެއްލުވާލާތަނެވެ. މަނާފް އަކީ ޤާނޫނާއި ޤަވާއިދަށް އިހްތިރާމް ކުރަން ދަންނަ ރިވެތި އަހްލާގެއްގެ ކުއްޖެއްކަމުގައި ހާދާފައިވާނެ ކަމަށް ހީކުރަމެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ލިބިފައި ވުމާއި އަދި މިރާއްޖެއަށް އެހެން ޘަގާފަތްތަކުން މީހުން ދަތުރު ކުރުމުގެ ސަބަބުން މެހެމާންދާރީގެ ރީތި އުސޫލުތަކާއި އަޚުލާގީ މިންގަޑުތައް އަޅުގަނޑުމެންގެ ތެރެއަށް މިވަނީ އިތުރަށް ތައާރަފު ވެފައެވެ. މަނާފްއަކީ އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރާ އަޚުލާގީ ފެންވަރު

ރަނގަޅު ކުއްޖެއް ކަމުގައި ވާނެ ކަމަށް އުއްމީދު ކުރަމެވެ. އަދި ހަމަ އެހެންމެ މަނާފްއަކީ ހެޔޮލަފާ ރަނގަޅު އިންސާނެއް ކަމުގައި ހެދުމަށް ތިޔަ ހުރިހާ މުދައްރިސުން މަސައްކަތް ކޮށްފާވާނެ ކަމުގައި ޔަޤީންކުރަމެވެ.

އަޅުގަނޑު ނާޒިރުންނާއި މުދައްރިސުންގެ ފަރާތުން މި އުއްމީދުކުރާ ކަންކަމުގެ ވާހަކަ ލިޔާއިރު ހަމަ އެންމެ ހިނދުކޮޅަކަށް ވެސް މަނާފްގެ ބައްޕަގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒިންމާ މަތިން ހަންދާން ނައްތައެއް ނުލާނަމެވެ. އަޅުގަނޑުގެ ޒިންމާ ތިޔަ އެންމެހައި ބޭފުޅުންނަށް ވުރެ މާބޮޑެވެ. އަދި މިޒިންމާއިން އަޅުގަނޑަށް މިންޖުވެވޭނެ ހަމަ އެއްވެސް ގޮތެއްވެސް ނޯންނާނެއެވެ. އެހެންކަމުން މަނާފްއަށް ދިރިއުޅުމުގެ ކަންކަން އުގަންނައިދީ ކަންކަމަށް ހޭލުންތެރި ކުރުމަށް ނުހަނު ގިނަ މަސައްކަތް ކޮށްފައިވާނެ އެވެ. އަޅުގަނޑަށް އެންމެ އުފާލިބެނީ މަނާފްއަކީ ފޮތަށް ލޯބިކުރާ ކަންކަން ހޯދުމަށް އަމިއްލަ އަށް މަސައްކަތް ކުރާ ކުއްޖަކަށް ވީތީއެވެ.

އަޅުގަނޑު އެދެނީ މަނާފް ދާހިލުވި ހުރިހާ ސްކޫލުތަކަށާއި އެ ސްކޫލުތަކުގެ ނާޒިރުންނާއި މަނާފްއަށް ކިޔަވައި ދެއްވި މުދައްރިސުންނަށް ބާއްޖަވެރި މުސްތަޤްބަލެކެވެ.