އަޅުގަނޑު ޓެލެވިޒަން މޯލްޑިވްސްއާއި ހަވާލުވެގެން ހުރިދުވަސްވަރު އަހަރީ ދުވަހެއްގެ އިންޓަވިއުއެއްގައި އަޅުގަނޑާއި ސުވާލުކުރެވުނި ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ދެ ސްޓޭޝަން އެއް މުއައްސަސާއަކަށް ހެދުމާމެދު ފެންނަގޮތެއް ބުނެދިނުމަށެވެ. އަޅުގަނޑުގެ ޖަވާބަކަށްވީ އެކަކާއި އެކަކާއި ވާނީ ތިނެކެވެ. އެއީ ދެ މުއައައްސަސާ އެއްކުރުމުން ދެ ތަނުގެ ވަސީލަތް ބޭނުންކޮށްގެން ނެރެވޭނެނަތީޖާ އެއްގުނަ އިތުރުވާނެކަމަށެވެ. މިވިޔާގެ ހިސާބުގެ ލޮޖިގް ބަލައިގެން އަޅުގަނޑާއި މައްލަވަކޮށް ޓެކްސްޓް މެސެޖް ފޮނުވި ބަޔަކުވެސް އުޅުނެވެ. މިކަމުގައި ހަންގާކުރިކޮންމެ ފަރާތަކަށްވެސް ޖަވާބުދެމުންގެންދިޔާމެވެ. މިތަނުންއެކަކު އަޅުގަނޑުކައިރީ މިމައުޟޫޢުއަށް އެއްޗެއް ލިޔެލުމަށް އެދުނެވެ. އެކަން ހަދާންބަހައްޓާ އަޅުގަނޑު "ސަން" މެގަޒިންގައި މިމައުޟޫޢުއަށް މަޒްމޫނެއް ލިޔެލީމެވެ. މިދެންނެވި މަޒްމޫނުގެ އަރަގު މިބޮލޮގުގައި ނަކަލުކޮށްލާނަމެވެ.

ދެ އޯގަނައިޒޭޝަނެއް، ދެސެކްޝަނެއް، ދެޔުނިޓެއް ނުވަތަ ދެވިޔަފާރިއެއް އެއްކޮށްލެވޭއިރު އެދެ ތަނެއްގައި ކުރެވޭ އެއް މަސައްކަތްތަކެއް ހުންނާނެއެވެ. ހަމައެފަދައިން، އަލަށް އެއްކޮށްލެވޭ ދެ ޔުނިޓުގައި ކުރަން ބޭނުންވާ މަސައްކަތްކަތައް އިތުރުވާ ވަސީލަތް ތަކެއްވެސް ހުންނާނެއެވެ. އެހެންކަމުން އެއްކުރެވޭ ދެ ތަނުގެ ވަސީލަތްތައް އެއްކޮށްލައި މަސައްކަތް އަލުންރާވާލާއިރު ލިބިފައިވާ މާއްދީވަސީލަތްތަކުންނާއި އިންސާނީ ވަސީލަތުން ބައެއް އުނި ކުރެވިދާނެއެވެ. ނުވަތަ ސަލާމަތް ކުރެވޭނެއެވެ. މިގޮތަށް ވަސީލަތްތައް އެއްކޮށްލައިގެން ނެރެވޭނެ ފައިދާ އަށް މިކިޔަނީ "ސިނާރޖީ" އެވެ. އެހެންކަމުން ސިނާރޖީގެ ވިޔައަކީ 3=1+1އެވެ. އެއްގޮތަކަށްވެސް އޮޅުމެއް އުޅެނީކީ ނޫނެވެ. ވާގޮތަކީ ސިނާރޖީ ގެ ސަބަބުން ލިބޭފައިދާ އެއްގުނަ އިތުރުވަނީ އެވެ.

ސިނާރޖީގެ ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ޚަރަދުތައް ކުޑަކުރެވިދާނެއެވެ. މިސާލެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް މިހުންނަ ބޮޑު 3 އިމާރާތުން ކޮންމެ އިމާރާތެއްގައިވެސް ސިޓީބަހާނެ އެއްބަޔަކު ތިބުންމުން ކޮންމެ ވަކި އޮފީހަކުން މިކަމާއި ވަޒީފައިގައި ބަޔަކު ތިބޭކަށް ނުޖެހޭނެއެވެ. ޚަރަދު ކުޑަވެފައި ޚިދްމަތް އަވަސްވާނެއެވެ.

މިހާރު މިއިވެނީ ސަރުކާރުން ކޮންމެ އަހަރުކުވެސް އެކުލަވާލައި ބަޖެޓުން އަހަރުގެ ކޮންމެވެސް ހިސާބަކުން ބަޖެޓް ޙަރަދު އުނިކުރަން ޖެހިގެން އުޅޭ އަޑެވެ. ރައްޔިތުންނަށް ހޭދަކުރަން ހުރި ފައިސާއިން އުނިނުކޮށް ސަރުކާރުގެ މަސައްކަތް ހިންގާ ތަރުތީބު ބަދުލުކޮށްގެން ޚަރަދު ކުޑަކުރަވޭނެ މަގުތައް ތަނަވަސް ކުރުން މާފައިދާކުރާނެކަމަށް ފެނެއެވެ.

ޑެލިވަރީގެ ސިނާރޖީބޭނުންކޮށްގެން ޖަޕާންނުގައިވަނީ ސުޕަމާކެޓްތަކުން ޚަރަދުތަކެއް ކުޑަކޮށްފައެވެ. ޖަޕާންގެ ސުޕަރްމާކެޓްތަކަށް ފާހަގަކުރެވުނީ ކޮންމެ ސްޕަރމާކެޓަކަށް ޑެލިވަރީ ކުރާ އުޅަނދު އަންނަނީ ފުރާބަރާކޮށްގެން ނޫންކަމެވެ. އެހެންނަމަވެސް ހުރިހާ ސްޕަރމާކެޓެއްގެ މުދާ އަޅާބަރުކޮށްފިނަމަ އުޅަނދު ފުރެއެވެ. އަދި ކުރަން ޖެހޭ ދަތުރު މަދުވެފައި މަސައްކަތަށް ފަސޭހަކަމެއް ލިބެއެވެ. އެހެންކަމުން ހުރިހާ ސްޕަރމާކެޓްތަކުންވެސް އެއްބަސްވެވުނީ ޑެލިވަރީ ކުރުމުގެ ހިދްމަތް އެއް އުޅަނދު ޕޫލްއަކުން ހޯދުމަށެވެ.

އަޅުގަނޑު މިދެންނެވީ ބައެއް މިސާލެވެ. ހަމައެކަނި މައުޟޫޢު ހުޅުވާލުމުގެ ގޮތުންނެވެ. ސިނާރގީ ކުރުމާއި އޭގެ ފައިދާ ހޯދުމަށްޓަކައި އޯގަނައިޒޭޝަންތަކުގެ އެތެރޭގައާއި އޯގަނައިޒޭޝަންތަކުގެ މެދުގަ އާއި ސަރުކާރުތެރޭގައި ސިނާރޖީ ކުރެވޭނެ މަސައްކަތްތައް ދެނެގަތުމަށް މަޝްވަރާކުރެވޭނެ ފޯރަމްތަކެއް ބޭއްވިއްޖެނަމަ އަޅުގަނޑުމިދެންނެވި ދާއިރާތަކުގެ އިތުރުން ކިތަންމެ ދާއިރާތަކަކުން މިހާރަށްވުރެ ޚަރަދު ސަލާމަތް ކުރެވޭނެ ކިތަންމެ މަގުތަކެއް ފެނިގެންދާނެކަން ޔަޤީނެވެ. އަދި ޒިންމާދާރު ގޮތެއްގައި މިކަންތައް ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ ހިންގުމުގެ ޒަމާނީ މިންގަޑުތަކެއް ތައާރަފް ކުރެވިދާނެ ކަމާމެދު ޝައްކެއްނެތެވެ.