އެއްދުވަހަކު އަކުބަރު ރަސްގެފާނާއި ދެ ދަރިކަލުން އެކުގައި ނާނާފުޅު ފިއްލަވަން ކޯރަށް އެރިވަޑައިގަންނަވަން ވަޑައިގަތެވެ. މިބޭފުޅުން އަރިއަހުގައި ބީރުބޮލު ވަޒީރުވެސް ގެންދެވިއެވެ.

ރަސްގެފާނާއި ބޭފުޅުން ކޯރަށް އެރިވަޑައިގަންނަވަމުން ހެދުންކޮޅުތައް ބީރުބޮލު ވަޒީރާއި ހަވާލުކުރެއްވިއެވެ. ހެދުންކޮޅުތައް ކޮޑެއްގައި އަޅުއްވައިގެން ބީރުބަލް ވަޒީރު ކޯރުގެ އައްސޭރީގައި މަޑުކޮށްލަވައިގެން އިންނެވިއެވެ.

ރަސްގެފާނަށް ބީރުބޮލު ވަޒީރު މިހެން ހުންނަވަނިކޮށް ފެނިވަޑައިގެން ބީރުބޮލު ވަޒީރާއި ސަމާސާކޮށްލަވައި ހިއްޕުޅުވެއްޖެއެވެ.

ބީރުބޮލު ވަޒީރު ހިވަނީ އެއްޗެހި ދޮންނަމީހަކު ގެންގުޅޭ ހިމާރެއްގެ ބުރަކަށި މައްޗަށް ހެދުން އަޅާ ބަރުކޮށްފައި ހުރިހެން، ރަސްގެފާނު ސަމާސާ ރާގަކަށް ވިދާޅުވިއެވެ.

ހަމައެތަންވަޅު ލަހެއްފަހެއް ނުކޮށް ބީރުބޮލު ރައްދު ދެއްވައިފިއެވެ.

އާދޭހެވެ. އެންމެ ހީމާރެއްގެ ހެދުމެއްވެސް ނޫނެވެ. ތިން ހިމާރުގެ ހެދުމެވެ.

ރަސްގެފާނު އަނގަފުޅުން ބަސްފުޅު ހުސްވެއްޖެކަހަލައެވެ.

މިވާހަކައިން ލިބިގަންނަންވީ ފިލާވަޅަކީ އެހެން މީހަކު ރަކިކޮށްލާ ދެރަކޮށްލާނަމޭ ހިތާ ބުނާއެއްޗަކުން ތިމާ ރެކިގެން ހުރެވޭނެކަމަށް ހީނުކުރައްވާށެވެ.

ހިންގުމުގެ ނަޒަރަކުންވެސް މިވާހަކަ ބަލާލެވިލާދާނެއެވެ. ބައެއް ވެރިން ނޫނީ އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް މީޓިންތަކުގައި އެހެން ބޭފުޅުން ހާރުވާލުމުގެ ނިޔަތުގައި ނޫނީ ލަދުގަންނަވާލައި ސައިޒަށް ތިރިކޮށްލުމަށްޓަކައި އެއްލަވާ ބަހަކުން، ރައްދުވާ ފަރާތުން ޖަވާބު ދެއްވަފިނަމަ، ފޭހުނު އިލޮށި ގިނަފަހަރު ހެރޭނީ ތިމާގެ ލޮލަށެވެ.

ލަދުގަންނަންޖެހޭނީ ތިމާކަން ހަނދާން ބަހައްޓަވާށެވެ.