ޓެކްނޮލޮޖީ، ބޭސްވެރިކަން، ތައުލީމާއި މިހުރިހާ ދާއިރާތަކަށް ވެސް ދުނިޔޭގައި މިދަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ. ހަމަ މިއާ އެކު ހިންގުމާއި މެނޭޖްމަންޓުގެ ވައްޓަފާޅިއަށް ވެސް ކުރިއެރުމާއި ތަރައްގީ އަންނަތަން މިދަނީ ފެންނަމުންނެވެ. އިގްތިސާދާއި ވިޔަފާރީގައި ކުރިން ގެންގުޅުނު ގޮތްތައް މިހާރު ވަނީ މާޒީގަ އެވެ. މިފަދަ ބަދަލުތަކާއި ކުރިއެރުން އަޅުގަނޑުމެންގެ މާހައުލުން ވެސް ފެނެ އެވެ. އެހެން ނަމަވެސް ސަރުކާރުގެ ކުންފުނި ހިންގުމުގެ މޮޑަލް މިހިރީ އަދިވެސް ރައީސް ނާސިރު އަޅުގަނޑުމެން ތެރެއަށް ތައާރަފްކުރެއްވި ގޮތަށެވެ.
އާއެކެވެ. ކުންފުނީގެ ބޯޑްތައް ހަދައި ބައެއް ކުންފުނި ޕަބްލިކް ލިސްޓްކޮށްފި އެވެ. ކޯޕަރޭޓް ގަވަނިންގް އަށް ބާރުއަޅާ އަހަރީ އާންމު ޖަލްސާ ބާއްވަ އެވެ. އެކަމަކު ކުންފުނިތަކުގެ މެނޭޖްމަންޓް އެކުލަވާލުމުގެ މޮޑަލް މިހުރީ 1950 ގައި ހުރި ގޮތަށެވެ. ކުރިން ވެސް މިހާރު ވެސް ސަރުކާރުގެ މިލްކިއްޔާތުގައިވާ ކުންފުނިތަކުގެ މެނޭޖްމަންޓް ޓީމް ކަނޑައަޅަނީ ރައީސުލް ޖުމްހުރިއްޔާ އެވެ. މިއީ 50 ގެ އަހަރުތަކުގައި ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ އެވެ. އެއީ އިންސާނީ ވަސީލަތް އޭރު ހުރި ގޮތަށް ބަލާފަ އެވެ. ނަމަވެސް އަދުގެ ހާލަތު ތަފާތެވެ. ރާއްޖޭގައި މިހާރު ގާބިލު މީހުން ބައިވަރެވެ. އަދި ވަޒީފާގެ ފުރުސަތު މަދެވެ. އެހެންވީމާ މުހިންމު މަގާމުތަކަށް ގާބިލު ރަނގަޅު މީހުން ހޯދައި މަތިކުރުމުގެ ފުރުސަތު ސަރުކާރަށް އެބަ އޮތެވެ.
އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު އޮތް ސުވާލަކީ ޖީއެމްއާރުން އެއާޕޯޓް ދޫކޮށް ދިއުމާ އެކު ރާއްޖޭން އެއާޕޯޓް ހިންގުމާ ހަވާލުވީމައި ދެންވާނެ ގޮތުގެ ސުވާލެވެ. ރަނގަޅެވެ. ދިވެހިންގެ އެއާޕޯޓު އޮންނަންވާނީ ދިވެހިންގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް އެއާޕޯޓް ހިންގުމާ މިއަދު އެމްއޭސީއެލް ހަވާލުވާއިރު އެކުންފުންޏަށް ބޮޑެތި ޕްރެޝަރުތަކެއް އެބަ ހުއްޓެވެ. ހަމަގައިމުވެސް އެއާޕޯޓް އެހެން މަރުހަލާއަކަށް ގެންދިއުމުގެ ބޮޑު ޒިންމާއާ ކުރިމަތިވާނެ އެވެ. ގައުމީ ނަޒަރު މިއަދު އެއާޕޯޓަށް ހުއްޓިފައިވާއިރު އާންމު ރައްޔިތުންގެ އުންމީދުތަކެއް އޮންނާނެ އެވެ. އެހެންކަމުން މިއުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަކީ އެއާޕޯޓް ކުންފުނިޏަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
އެއާޕޯޓް ކުންފުނިން މިވަނީ ހަމަ މި އެއާޕޯޓް ކުރިން ހިންގާފަ އެވެ. މި ތަޖުރިބާގެ އަލީގައި އެއާޕޯޓް ހިންގުމާ ޙަވާލުވެވިދާނެ އެވެ. އެއާޕޯޓަށް ކުރިއެރުން ލިބިފައި އެބަ ހުއްޓެވެ. އެކަމަކު ކުރީގައި އެއާޕޯޓް ހިންގި ސްޕީޑްގައި އެއާޕޯޓް ހިންގާތަން އަޅުގަނޑުމެން ބަލަން ތިބެންވާނެތޯ އެވެ؟ ކުރީގެ އެއާޕޯޓް ކުންފުނިން އެއާޕޯޓް ހިންގިއިރު އިވުނު ކޮރަޕްޝަންގެ އަޑުތައް ވެސް މަދެއް ނުވާނެ އެވެ. ކަންމިހެން ހުރިއިރު މިއަދާ ޖެހުނުއިރ ުވެސް އެއާޕޯޓް ހިންގުމުގެ މެނޭޖްމަންޓް ޓީމް ބަދަލުވި ތަނެއް ނުފެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ މިލުކުގައި ހުރި ކުންފުނިތައް ހިންގުމުގެ ނިޒާމް މިއޮތީ ކުރިއެކޭ އެއްގޮތަށެވެ. ހިންގަން ޖެހެނީ ސަރުކާރުން ކުންފުނި ހިންގާ ނިޒާމްގެ ތެރެއިންނެވެ. މި ނިޒާމަކީ މުރާޖާކުރަން ޖެހިފައިވާ ނިޒާމްއެކެވެ.
ކުންފުންޏެއް ގިނަ ދުވަހު ހިންގުމަކުން އެއީ އެކަން ކުރަން އެނގޭކަމުގެ ދަލީލެއް ނޫނެވެ. އަޅުގަނޑުމެން މަސްދަޅު ބަނދުކުރާތާ މިހާރު 35 އަހަރު ވަނީ އެވެ. އެކަމަކު އަދިވެސް މިއުޅެނީ ފައިދާ ނުވެގެން އަމިއްލަ ފައިމައްޗަށް ނުތެދުވިވެގެންނެވެ. އަޅުގަނޑުމެން ޝިޕިންގް ލައިންއެއް އެތައް ޒަމާނެއް ވަންދެން ހިންގީމެވެ. އެކަމު ގެއްލުންވާތީ ހުއްޓާލީ އެވެ. ހޮސްޕިޓަލްތައް އަޅުގަނޑުމެން ހިންގަމެވެ. އެންމެ އެދެވޭ ގޮތަކަށް ނުހިންގެ އެވެ.
އަޅުގަނޑުމެން ތެރޭގައި ސަރުކާރާއި ބޭރުފަރާތްތަކާ އެކު ހިއްސާވެގެން ހިންގާ ކުންފުނިތައް އެބަ ހުއްޓެވެ. ދިރާގު އަދި ފެން ކުފުނީގެ ތަޖްރިބާ ރަނގަޅުކަމަށް ފެނެ އެވެ. ހަމަމިއާ އެކު ބޭރު ފަރާތްތަކާ ގުޅިގެން ހިންގަން އުޅެ ފޭލިވީ ކުންފުނިތައް ވެސް އެބަހުއްޓެވެ. މެލޭޝިއަން ހެލިކޮޕްޓާސް އާއި އެއާމޯލްޑިވްސްގެ ތަޖްރިބާ ދިޔައީ ވަރަށް ހިތިކޮށެވެ.
ކުންފުނިތައް ރަނގަޅަށް ހިންގޭނެ ގޮތް ނުހޯދެނީ ކީއްވެތޯ އެއީ އަޅުގަނޑުމެން ސުވާލުކުރަންވީ ކަމެވެ.
ސަރުކާރު ހިންގަނީ ސިޔާސީ ފަރާތްތަކުންނެވެ. އެމީހުންގެ މައިގަނޑު މަގްސަދަކީ ސިޔާސީ ނުފޫޒު ވަރުގަދަކުރުމެވެ. ވޭތުވެދިޔަ އަށެއްކަ އަހަރުގައި ކުންފުނި ހިންގުމުގައި ވެސް ސިޔާސީ ނުފޫޒު މިވަނީ ވަރަށް ގަދައަށް ވަދެފަ އެވެ. ކުންފުނިތަކުގެ ޗެއާމަންގެ ދައުރާއި މެނޭޖިން ޑައިރެކްޓަރުންގެ ދައުރު އޮޅި، ހިންގަން އުނދަގޫވާ ހިސާބަށް ދެ އެވެ. ޕޮލިސީ ނިންމަން ތިބޭ ބޯޑް މެންބަރުން ވެސް ކޮންމެ ދުވަހަކު ރަސްމީ ހެދުމުގައި އޮފީހަށް ނިކުމެ ހިންގުމުގެ ތެރެއަށް ވަދެއްޖެ އެވެ. ރޯލު އޮޅިއްޖެ އެވެ. މަގްޞަދު ގެއްލިއްޖެ އެވެ.
ގިނަ ކުންފުނީގެ ޕޮލިސީ ކަނޑައަޅާ ބޯޑްގައި މިއަދު ތިބީ ދާއިރާގެ ތަޖްރިބާއެއް ނެތް އަދި ވިޔަފާރީގެ ތަޖުރިބާއެއް ވެސް ނެތް ބޭފުޅުންނެވެ. ކުންފުނި ކުރިއެރުވުމުގައި މި ބޭފުޅުންގެ ހިއްސާއެއް، ރޯލެއް އޮވެދާނެކަމަށް ސަރުކާރުން ވެސް އަދި ކުންފުނިތަކުގެ މުއައްޒަފުން ވެސް ގަބޫލެއްނުކުރާނެ އެވެ. ސިޔާސީ އެކްޓިވިސްޓުންގެ މައްޗަށް އެކުލެވޭ ގޮތަށް ކުންފުނިތަކުގެ ބޯޑްތައް އެކުލަވާލައިގެން ކުންފުނި ހަރުދަނާކުރުމަކީ ވަރަށް ނާދިރު އަދި އުނދަގޫ ކަމަކަށް ވާނެ އެވެ.
ސިޔާސީ ނުފޫޒާއި ކުންފުނި ހިންގުމާ މި ދެ ކަމަކީ މަސްހުނިކުރެވޭނެ ކަންކަމެއް ނޫނެވެ. ސަރުކާރުން ވިޔަފާރި ކުރަންވާނީ އާންމު ވިޔަފާރިވެރިންނާ ވާދަކުރެވޭ ގޮތަށެވެ. ނޫނީ ޕްރައިވެޓް ވިޔަފާރިތައް ދާނީ ބަނގުރޫޓްވަމުންނެވެ. އެހެން ގައުމުތަކުގައި ވެސް ދައުލަތުގެ މިލްކިއްޔާތުގައި ހުންނަ ކުންފުނި ހުރެ އެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި އަދުގެ އާ ވިސްނުމަކަށް ވަނީ، ފައިދާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ. ފައިދާނުވާ ކުންފުނިތަކާ މެދު އެހެން ވިސްނުމަކުން، ޕްރިވެޓް ޕާޓްނަޝިޕްއަކަށް ދިއުމެވެ. އެކުންފުނިތައް ވެސް ވިޔަފާރިކުރާނީ ވާދަވެރި މާހައުލެއްގަ އެވެ. ސިޔާސީ ގޮތުން އައްޔަންކުރާ ޓީމެއް ނޯވެ އެވެ. ވަޒީފާ ލިބެނީ އެމީހެއްގެ ގާބިލުކަމުގެ މައްޗަށެވެ. އެހެންވެ ކުންފުނިތަކަކީ ސިޔާސީ މީހުންގެ ވަޒީފާގެ ހާއްޔަކަށް ނުވެ އެވެ.
ރާއްޖޭގެ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ ކަމުގައިވާ ޕަބްލިކް އެންޓަޕްރައިސަސް މޮނިޓަރިން ބޯޑް (ޕެމެބް)ގެ ދައުރެއް އޮންނަ ތަނެއް ނުފެނެ އެވެ. ކުންފުނިތައް ކޮންޓްރޯލް ކުރަނީ ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީންނެވެ. ނަމަވެސް ރައީސް އޮފީހަކަށް ވެސް އަދި ފިނޭންސް މިނިސްޓްރީއަކަށް ވެސް ކުންފުނިތަކުގެ ޕާފޮމެންސްއެއް އެދެވޭ ގޮތަކަށް ނުބެލެ އެވެ. ޕެމެބަކީ ކުންފުނިތައް ރެގިއުލޭޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ މުއައްސަސާއެއް ނަމަވެސް ޕެމެބް މިހާރު އޮތީ ފިނޭންސް މިނިސްޓްރީ ތެރޭ ގެއްލިފަ އެވެ. އެހެންކަމުން ކުންފުނިތައް މޮނީޓަ ކުރެވޭނެ ގޮތެއް ނެތެވެ.
ކުންފުނިތަކުގެ މެނޭޖްމަންޓް ޓީމް އެކުލަވާލާއިރު، ކުންފުނި ހިންގުމަށް އެންމެ ރަނގަޅީ ކުންފުނީގެ ތެރޭން މެނޭޖިން ޑަރެކްޓަރެއް ހޯދުންތޯ، ނުވަތަ ބޭރުން މީހަކު ގެނައުންތޯ މިއީ ސަރުކާރުން އަޅާކިރަން ޖެހޭނެ ކަމެކެވެ. އަދި މީގެ ސަބަބުތަކާ މެދު ވިސްނަން ވެސް ޖެހޭނެ ކަމެކެވެ.
ނިމިދިޔަ ސަރުކާރާއި މި ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގައި ކަހަލަ ގޮތަކަށް ތިބީ ކުންފުނީގެ ބޭރުން ސިޔާސީ ގޮތުން ވަޒީފާ ލިބިގެން ތިބި މެނޭޖިން ޑިރެކްޓަރުންނެވެ. އެމްޓީސީސީ އަށް ގެއްލުންވުމުން ފައިދާއަށް ބަދަލުކުރީ އަދި އައިލެންޑް އޭވިއޭޝަން ހަމ ަމަގަށް އަޅުވާދިނީ އެކުންފުނީގެ ބޭރުން ގެނައި ދިވެހި މެނޭޖިން ޑަރެކްޓަރެކެވެ. ހަމަ މިއާ އެކު ދަންނަވަން ޖެހެނީ ކުންފުނީގެ ބޭރުން އައްޔަންކުރި އެމްޑީން ކަމުގައި ވިޔަސް ގިނަ ކުންފުނިތަކަށް ހައިރާން ކުރުވަނިވި ނުވަތަ ހިތްހަމަޖެހޭ ފަދަ ޕާފޯމަންސްއެއް ދެއްކިފައެއް ނެތް ކަމެވެ.
އެމްޓީސީސީ އާއި އައިލެންޑް އޭވިއޭޝަންގައި ބަންދު ސަލީމަށް ނޭވާލައްވާނެ ވަގުތު ލިބުނެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ވަޒީފާ ލިބުނު އެހެން މެނޭޖިން ޑައިރެކްޓަރުންނަށް ވަޒީފާގައި ގިނަ ދުވަހު ތިބެވޭނެ ފުރުސަތެއް ނުލިބުނެވެ. އެދެވޭ ނަތީޖާ ނުނެރެވުނީ ލިބުނު މުއްދަތު ކުޑަވީމައި ކަމަށް ބެލެވެން ނެތީ ގިނަ ކުންފުނިތަކަށް އެއްވެސް ވަރަކަށް ކުރިއެރުން ހޯދިފައި ނެތީމަ އެވެ. ވީމާ ކުންފުނީގެ ބޭރުން އެމްޑީއެއް ހޯދި ކަމަށް ވިޔަސް އެމްޑީގެ ތަޖްރިބާ ނެތް ނަމަ މައްސަލަތަކާ ކުރިމަތިވާނެ އެވެ.
ވިޔަފާރި ކުންފުނިތަކުގެ އެމްޑީ ކަމަށް މިއަދު ވެސް، އެއްވެސް ވިޔަފާރި ތަޖުރިބާއެއް ނެތް، ހިންގުމުގެ ތަޖްރިބާއެއް ނެތް ބޭފުޅުން އައްޔަންކުރަމުން އެބަ ދެ އެވެ. ނަތީޖާއަކަށް ވަނީ ކުންފުނީގެ މުއައްޒަފުންގެ ހިތްވަރު ދެރަވުމާއި ނަފާ ކުޑަވުމެވެ.
މެނޭޖިން ޑިރެކްޓަރުގެ ވަޒީފާގައި އެމީހެއްގެ ޕާފޮމެންސް ދައްކަން ފުރުސަތު ލިބި ނަތީޖާ ނުނެރެވުނު ފަރާތްތަކަށް ވެސް، ސިޔާސީ ސަބަބަށްޓަކައި އަނެއްކާވެސް ފުރުސަތު ލިބޭ ތަން އައުމަކީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
ރައީސް އިބްރާހިމް ނާސިރު އެކުލަވާލެއްވި ކުންފުނި ހިންގުމުގެ މޮޑެލްއާ އެއްގޮތަށް މިހާރު މިއޮތް މާހައުލުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އުޅުމަކީ މޮޔަ ކަމެކެވެ. ރަނގަޅު މެނޭޖްމަންޓް ޓީމެއް އެކުލަވާލުމަކީ ސަރުކާރަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އެއާޕޯޓް ހިންގަން ފެށުމުން ޕާފޮމެންސް މޮނީޓަކުރާނެ ވަސީލަތެއް ގާއިމުކުރުމަކީ އެހާމެ މުހިންމުކަމެވެ.
މިއީ ހަވީރު ނޫހުގައި 8 ޑިސެންބަރ 2012ގައި ޝާއީކުރެވިފައިވާ މަޒުމޫނެކެވެ.