ސަބްސިޑީ ދެނީ ކޮންމެވެސް ކަމެއް ދެކޮޅުޖެއްސުމުގެ ބޭނުމުގަ އެވެ. ސަބްސިޑީއަކީ އެންމެނަށް ހަމަހަމަކޮށް ދޭން ޖެހޭ އެއްޗެއް ނޫނެވެ. ގައުމުގެ ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ކޮންމެވެސް ކަމަކަށް ސަބްސިޑީ ފޯރުކޮށްދޭ ނަމަ އެއީ އެންމެ ހެޔޮ ގޮތެއް ނޫނެވެ. ސަބަބަކީ ގައުމުގެ ރައްޔިތުންގެ ފޯރުންތެރިކަން ހުންނާނީ އެއް ހަމައެއްގައި ނޫން ކަމަށް ވެސް ވާތީ އެވެ. ބައެއް ރައްޔިތުންނަކީ، އާމްދަނީގެ ގޮތުން، ސަބްސިޑީ ލިބެން ޖެހޭ ބައެއް ނޫނެވެ. އަނެއްބައި ރައްޔިތުންނަކީ ސަބްސިޑީގެ އެހީތެރިކަން ތަންކޮޅެއް ބޮޑަށް ބޭނުންވާނެ ފަރާތްތަކެވެ.
އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިރު ފިނޭންސް މިނިސްޓަރު ވަނީ ސަބްސިޑީގެ ކަންކަން ގެންދަވަން ގަސްދުކުރައްވާ ގޮތާ މެދު ހިޔާލުތަކެއް ފާޅުކުރައްވާފަ އެވެ. ކަރަންޓް ސަބްސިޑީ އަށް ކުރާ ހޭދައިން 40 ޕަސެންޓް ކުޑަކުރާނެ ކަމާއި އާސަންދަ އަށް ކުރާ ހޭދަ ބައްޓަންކުރަން ޖެހިފައިވާ ކަމާއި އަދި ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޭ އުސޫލަށް ހައްލެއް ހޯދަން ޖެހިފައިވާ ކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ސަބްސިޑީއަކީ ސަރުކާރުން ފައިސާގެ ގޮތުގައި ނުވަތަ ޓެކްސް ތިރިކޮށްދީގެން ބަޔަކަށް ނުވަތަ ފަރުދަކަށް ފޯރުކޮށްދޭ އިނާޔަތެކެވެ. އާންމުކޮށް ސަބްސިޑީގެ އިނާޔަތް ފޯރުކޮށްދެނީ އާންމު ރައްޔިތުންނަށް ބުރަޔަކަށްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ. އަޅުގަނޑުމެންގެ ތެރޭގައި ސަބްސިޑީ ދޭ ގިނަ ކަންކަން އެބަހުއްޓެވެ. ކަރަންޓަށް ދޭ ސަބްސިޑީ، ކާޑަށް ދޭ ސަބްސިޑީ، މަސްވެރިކަމަށް ދޭ ސަބްސިޑީ، ދަނޑުވެރިކަމަށް ގަސްކާނާގެ ގޮތުގައި ދަނޑުވެރިންނަށް ދޭ ސަބްސިޑީ އަދި ވެލްފެއާގެ ގޮތުގައި އާސަންދައަށް ދޭ ސަބްސިޑީ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޭ ސަބްސިޑީއަކީ ރާއްޖޭގެ އުފެއްދުންތައް ވާދަވެރިކުރުމަށްޓަކައި ދޭ ސަބްސިޑީއެކެވެ. މިގޮތުން މަސްވެރިކަމުގެ އުފެއްދުން ތައްޔާރުކުރުމަށްޓަކައި އެތެރެކުރާ ތަކެތިން ޑިއުޓީ މައާފުކުރުމުގެ އިތުރުން މަސްވެރިކަމުގެ އުފެއްދުން އެކްސްޕޯޓްކުރުމުން ޖީއެސްޓީ ދަށްކާކަށް ނުޖެހެ އެވެ. ކާޑުގެ ސަބްސިޑީ ފޯރުކޮށްދެނީ ކާޑުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށެވެ.
ސިޔާސީ ޕާޓީގެ ސަބްސިޑީގެ ސިޔާސަތަކީ ސިޔާސީ ފިކުރާ ގުޅިފައި އޮންނަ ކަމެކެވެ. ސޯޝަލް ޑިމޮކްރަސީގެ ފިކުރުގެ ޕާޓީތަކުގެ ސިޔާސަތުގައި ސަބްސިޑީއަކީ މުހިންމުކަން ދޭ ސިޔާސަތެކެވެ. ކޮންޒަވޭޓިވް ފިކުރުގެ ސިޔާސީ ޕާޓީތަކުން ސަބްސިޑީގެ ބަދަލުގައި ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކޮށް ބަޖެޓް ބެލެންސްކުރުމަށް ބާރުއަޅާނެ އެވެ. ރާއްޖޭގައި މި ފެންނަނީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ފިކުރުގައި ވެސް ސަބްސިޑީގެ ބޮޑު ދައުރެއް އޮންނަ ތަނެވެ.
ސަބްސިޑީ ކޮންމެ ސިފައެއްގައި ލިބުނު ކަމުގައި ވިޔަސް އޭގެ ސަބަބުން އަޅުގަނޑުމެންގެ ހަރަދުތަކަށް ލުޔެއް ލިބެ އެވެ. ނަމަވެސް ދަންނަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެނަށް ހިލޭ ލިބޭ ސަބްސިޑީގެ އަގު ކޮންމެވެސް ބަޔަކު ދައްކާ ކަމެވެ. މިސާލަކަށް ރައްޓެއްސެއް ނޫނީ ގާތް މީހެއްގެ ދަރިޔަކަށް ނަން ކިޔައިގެން ނުވަތަ ފާތިހާއަކާ ގުޅިގެން އަޅުގަނޑުމެނަށް ލިބޭ ބޮނޑިބަތާއި ހަނާކުރިމަސްކޮޅު އަޅުގަނޑުމެނަށް ހިލޭ ލިބުނުކަމުގައި ވިޔަސް އެތަކެތި ފޮނުވާ މީހާ އެއަށް އަގު ދައްކަ އެވެ. މި ބީދައިން، ސަބްސިޑީ އަޅުގަނޑުމެނަށް ހިލޭ ލިބުނަސް އެއަށް އަގުދައްކަނީ ޓެކްސް ދައްކާ ރައްޔިތުންނެވެ.
އަޅުގަނޑުމެންގެ ކަރަންޓަ ސަބްސިޑީ މިހާރު އޮތްގޮތުން ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ސަބްސިޑީގެ އިނާޔަތް ލިބެމުން ދެ އެވެ. އެއް އަތުން ޓެކްސް ދައްކާއިރު އަނެއް އަތަށް ސަބްސިޑީގެ ގޮތުގައި އިނާޔަތް ލިބެ އެވެ. މިއީ ހަމަޖެހޭ ގޮތެއް ކަމަކަށް ނުބެލެވެ އެވެ. މިހެން ދިމާވަނީ ސަބްސިޑީ ހަގީގަތުގައި ލިބެން ޖެހޭ ފަރާތްތަކަށް އަމާޒުކޮށްގެން ދިނުމުގެ ނިޒާމެއް ނެތީމަ އެވެ. މިހާރު ކަރަންޓް ސަބްސިޑީ ދޭ ގޮތުން، ޓެކްސް ދައްކާ ބޮޑު ކުންފުންޏެއްގެ ބޮޑު މުސާރަ ލިބޭ ބިދޭސީ މުވައްޒަފަކު ހުންނަ އެޕާޓްމެންޓަށް ވެސް ކަރަންޓް ސަބްސިޑީ ލިބެމުން ދެ އެވެ. އެހެންވީމާ ފިނޭންސް މިނިސްޓަރު ވިދާޅުވާ ބަދަލު ގެނެސް ކަރަންޓް ސަބްސިޑީ އަށް ކުރާ ހޭދައިގެ ހަރަދު ސަލާމަތް ކުރުމަކީ މުހިންމު ކަމެކެވެ. ކުރަން ވެއްޖެ ކަމެކެވެ.
މިއަހަރަށް ލަފާކުރި ބަޖެޓުގެ 11.3 ޕަސެންޓަކީ ސަރުކާރުން ދޭ އެހީ، ސަބްސިޑީ އަދި އިޝްތިރާކަށް ކުރާ ހަރަދެވެ. މި އަހަރުގެ ބަޖެޓް ލަފާކޮށްފައި ވަނީ އަމާޒުކޮށްގެން ސަބްސިޑީ ދޭ ގޮތަށެވެ. ނަމަވެސް ކަރަންޓް ސަބްސިޑީ އަމާޒުކޮށްގެން ދިނުމުގެ ނިޒާމެއް ހަމަނުޖެއްސުމުގެ ސަބަބުން މިއަހަރު ނިމޭ އިރު ސަބްސިޑީ ލަފާކުރި އަދަދަށް ވުރެ 721.4 މިލިއަން ރުފިޔާ އިތުރު ވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި މި އަހަރު ނިމޭއިރު ސަބްސިޑީ ހަރަދު ޖުމްލަ 987.5 މިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. މިއީ މި އަހަރުގެ ބަޖެޓްގެ 14.5 ޕަސެންޓެވެ.
އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ވެސް 14.5 ޕަސެންޓަކީ ސަރުކާރުން ދޭ އެހީ، ސަބްސިޑީ އަދި އިޝްތިރާކެވެ. މިއީ ބަޖެޓްގެ ރިކަރަންޓް ޚަރަދުގެ އެންމެ ބޮޑު ޚަރަދު ހިނގާނެ ކަމަށް ލަފާކުރާ ބައެވެ. އެހެންކަމުން ބަޖެޓުން 2.2343 މިލިއަން ރުފިޔާ ހަރަދުކުރާނީ ސަބްސިޑީ، ވެލްފެއާ އަދި އިޝްތިރާކަށެވެ. އެހެންވީމާ 2015 އަހަރު ވެލްފެއާ އަދި ކަރަންޓް ސަބްސީޑީ 2444.7 މިލިއަން ރުފިޔާ 2014 ވަނަ އަހަރަށް ވުރެ ބޮޑުވާނެ އެވެ. ވުމާއެކު ސަރުކާރުން ވެލްފެއާ އާއި ކަރަންޓް ސަބްސިޑީ އަށް ކުރާ ހަރަދު މިއޮތީ ވަރަށް ބޮޑުތަން ބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ.
ސަބްސިޑީގެ ސިޔާސަތު ފެއްޓުމަށް ފަހު އެކަމުން ނިކުތުމަކީ ސިޔާސީގޮތުން ބޮޑު އަގެއް ދައްކަން ޖެހޭ ކަމެކެވެ. އެހެންކަމުން ދޭން ފަށާފައި ހުރި ސަބްސިޑީ ހުއްޓާލުމަށް ސަރުކާރުތަކުން ޖެހިލުންވެ އެވެ. އިންޑިއާގައި ސަބްސިޑީގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 2 ޕަސެންޓް ދަށްވެ އެވެ. ޕާކިސްތާނުގައި މިހާރު ސަބްސިޑީ ކަނޑަމުންދާތީ އެ ގައުމުގެ ޖީޑީޕީ މައްޗަށް އަރަމުން އަންނަ ތަން ފެނެ އެވެ.
ތަރައްގީވެފައިވާ ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގައި ވެސް ސަބްސިޑީ ދެމުންގެންދެ އެވެ. އަދި އެ ގައުމުތަކުން ދެމުންގެން އަންނަ ސަބްސިޑީ ވަރަށް ބޮޑު ވެސް މެ އެވެ. ޖެސިކާ ވިލިއަމް ލިޔެފައިވާ ފޮތް '50 ފެކްޓްސް ދެޓް ޝުޑް ޗޭންޖް ދަ ވޯލްޑް' ގައި ވާގޮތުން ވިލާތުގެ އިއްތިހާދުގެ ކޮންމެ ގެރިއަކަށް ސަބްސިޑީގެ ގޮތުގައި ކޮންމެ ދުވަހަކު 2.50ޑޮލަރު ލިބެ އެވެ. އަދި ވިލާތުގެ އިއްތިހާތުގެ ދަނޑުވެރިން ރައްކާތެރިކުރުމުގެ ގޮތުން ކުރާ ހޭދައަކީ، އެ ގައުމުތަކުގައި ތިބި 21 މިލިއަން ގެރި ދުނިޔެވަށާ މަތިންދާބޯޓް ދަތުރެއްގައި 635 ޑޮލަރުގެ އެލަވަންސަކާ އެކު ދަތުރު ކުރެވޭހާ ވަރުގެ ހޭދައެކެވެ. ޖަޕާނުން ގެރީގެ ސަބްސިޑީގެ ގޮތުގައި އެ ގައުމުގެ ކޮންމެ ގެރިއަކަށް ދުވާލަކު 7.50 ޑޮލަރު ދެ އެވެ. މި ދެ ބައްރުގެ ގައުމުތަކުން ގެރިއަށް ކުރާ ހޭދަ ޖުމްލަކޮށްލުމުން ހުރިހާ ގެރިތައް އެކުގައި ބިޒްނަސް ކުލާހުގައި ދަތުރުކުރެވޭހާ ބޮޑު ހަރަދެއް ސަބްސިޑީގެ ގޮތުގައި ކުރެ އެވެ.
އަޅުގަނޑުމެން 5102 އަށް ލަފާކުރާ ބަޖެޓްގައި ވަރަށް ބޮޑު އަދަދެއް މިވަނީ ސަބްސިޑީ އަށް ކަނޑައަޅާފަ އެވެ. ސަރުކާރުން ބަޖެޓް ހުށަހެޅި ގޮތަށް މަޖްލީހުން ފާސްކޮށްދީފި ނަމަ ވެލްފެއާ އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި2343.2 މިލިއަން ރުފިޔާ އޮންނާނެ އެވެ. ކޮންމެ އައިޑީ ކާޑަކަށް އާސަންދަ އާއި ކޮންމެ ކަރަންޓް މީޓަރަކަށް ކަރަންޓް ސަބްސިޑީ އާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކާޑުގެ ސަބްސިޑީ ލިބޭނެ ނަމަ އަޅުގަނޑުމެންގެ އާބާދީގެ ތެރޭން ފަގީރުކަމުގައި ދިރިއުޅޭ ރައްޔިތުންނާ ދޭތެރޭ ބޭއިންސާފުން ކަން ކުރެވެނީ އެވެ.
މި އަހަރު ޔޫއެންޑީޕީން ޝާއިއުކުރި 'ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓް' ބުނާގޮތުން ދުވާލަކު 22 ރުފިޔާ އަށް ވުރެ ދަށުގެ އާމްދަނީގައި ދިރިއުޅޭ 4 ޕަސެންޓް މީހުން ރާއްޖޭގައި އެބަތިއްބެވެ. އެހެންވީމާ މި އަހަރު ނިމޭ އިރު ރާއްޖޭގައި ފަގީރު ހާލުގައި ތިބި ގާތްގަޑަކަށް 14000 މީހުން އުޅޭނެ އެވެ. މިހާރު ލިބެމުންދާ އިނާޔަތްތަކަށް ވުރެ ވެސް ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ފަގީރުކަމުގެ ތެރޭގައި ހިމެނޭ އާއިލާތަކަށެވެ. އެންމެނަށް ސަބްސިޑީ ދިނުމުން، ސަބްސިޑީ އެންމެ ބޭނުންވާ އާންމު ރައްޔިތުންނަށް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށެއް ނުދެވޭނެ އެވެ. އަދި މީގެ އިތުރުން ސަރުކާރަށް ސަބްސިޑީ ހަރަދު ސަލާމަތް ނުކުރެވުމުން ގައުމުގެ އުފުއްދުންތެރިކަމުގެ ކުރިއެރުން އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ގެންދިއުމަށް ހުރަސް ވެސް އެޅެނީ އެވެ.
އަމާޒުކޮށްގެން ސަބްސިޑީ ދިނުމަށް ސަރުކާރުން މި އަހަރު ވެސް އަންދާޒާތަކެއް ކުރި އެވެ. ނަމަވެސް ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވާނީ ކާކުތޯ އާއި އަޅުވާނީ ކިހިނެއްތޯ ނުނިންމި އުޅެނިކޮށް މި އަހަރު ވެސް އަޅުގަނޑުމެނާ އަލުވަދާއު ކިޔާ ހިސާބަށް މި އޮތީ އައިސްފަ އެވެ.
މިމަޒްމޫނު ވަނީ ހަވީރު ނޫހުގައި 10 ނޮވެމބަރ 2014 ގައި ޝާއިއު ކުރެވިފައެވެ.