އެއްދުވަހަކު އަކުބަރު ރަސްގެފާނު އިންތިހާއަށް ބަށީގެ މޮޅުވާހަކަ ދައްކަވަނީއެވެ. ބީރުބޮލު ވަރަށް ފަރުވާތެރިކޮށް އިންނެވީ އަޑުއައްސަވާށެވެ.
ރަސްގެފާނު ވިދާޅުވާގޮތުގައި ބައްޓަކީ އެންމެ މީރު އަދި އެންމެ ފައިދާ ހުރި ތަރުކާރީއެވެ.
ބީރުބޮލުވެސް ރަސްގެފާނާއި އެކު ބަށީގެ މޮޅުވާހަކާގައި ބައިވެރިވެއްޖެއެވެ. ބީރުބޮލު ބައްޓައް ތައުރީފުކޮށް ދެ ލަވައެއްވެސް ވިދާޅުވިއެވެ. ބީރުބޮލު ލަވައެއް ވިދާޅުވީތީ ރަސްގެފާނު ހައިރާންފުޅުވިއެވެ.
އޭގެ ދުވަސްކޮޅެއްފަހުން ގަނޑުވަރުގެ ކައްކާ ބަށިރިހައެއް މެންދުރުގެ ފަރިއްކޮޅަށް ތައްޔާރު ކުރިއެވެ. އިއްތިފާގުން މިދުވަހު ބީރުބޮލުވެސް ރަސްގެފާނާ އެކު ފަރިއްކޮޅުގައި ބައިވެރިވަޑައިގެންނެވިއެވެ.
ކައްކާ ބަށި ރިހަ ރަސްގެފާނަށް އެރުވި ހިނދު ރަސްގެފާނު ހިތްޕުޅަކާނުވިއެވެ.
ރަސްގެފާނު ވިދާޅުވަނީ ބައްޓަކީ އެއްވެސް ރަހައެއްނުލާ ވަނދު ތަރުކާރީއެއްކަމަށާއި އަދި އޭގައި ފުރިގެންވަނީ ހުސްއޮއްކަމަށެވެ. އެހެންކަމުން ހަށިގަޑަށް ފައިދާއެއް ނުކުރާތަނުގައި ބަށި ފަރިއްކުޅުއްވީމައި ވާނީ ފަލަކަމަށެވެ. އެހެންކަމުން، ރަސްގެފާނު ބަށިރިހަ ފަރިއްކުޅުވާކަށް ބޭނުންފުޅެއް ނުވިއެވެ.
ރަސްގެފާނު ކައްކާއަށް އިޝާރާތްކުރެއްވީ ބީރުބޮލަށް ރިހަ އެރުވުމަށެވެ. އަދި ވިދާޅުވީ ބައްޓަކީ ބީރުބޮލު މާގަޔާފުޅުވާ ތަރުކާރީއެއްކަމަށެވެ.
ކައްކާ ބީރުބޮލައް ބަށިރިހަ އެރުވުމަށް އުޅުނުވަގުތު ބީރުބޮލުވެސް މިކަމާއި އިއުތިރާޒް ކުރިއެވެ. އަދި ވިދާޅުވިއެވެ. ބަށިރިހަ ކެއުމުން ބަޑަށް އުނދަގޫވާކަމަށެވެ.
ރަސްގެފާނު ވަރަށް ހައިރާންވާ ކަހަލަ ރާގަކަށް ވިދާޅުވިއެވެ.
ބީރުބޮލަށް މިހާރު ކީއްވެގެންތޯ ބަށި ރިހަ ކަމުނުދަނީ، އިހައްދުވަހަކު ބައްޓައް ތައުރީފްކޮށް ވަނީ ލަވަވެސް ވިދާޅުވެފަ ނޫންތޯ؟
މާތް ސާހިބާ! މަނިކުފާނު ތައުރީފް ކުރެއްވީމައި އަޅުގަޑުވެސް ތައުރީފް ކުރީ. މިހާރު ރަސްގެފާނަށް ބައްޓާއި ހިތްޕުޅަކާއި ނުވޭ، އެހެންވެ އަޅުގަޑަކަށްވެސް ކަމަކު ނުދޭ. އަޅުގަނޑުގެ ތެދުވެރިކަމާ އިޚްލާސްތެރިކަން އޮންނަނީ ރަސްގެފާނަށް، ބައްޓަކަށްނޫން. ބައްޓަކަށް އަޅުގަނޑަކަށް ވަޒީރުކަމެއް ނުދެވޭނެ. އަޅުގަނޑަކީ މަނިކުފާނުގެ އަދަބުވެރި ޚާދިމަކީން، ބަށީގެ ޚާދިމެއްނޫން.
ބީރުބޮލުގެ ޖަވާބުގެ ފުރިހަމަކަމާއި، ބީރުބޮލުގެ ތެދުވެރިކަމާއި، ވަފާތެރިކަމާއި، ހުށިޔާރުކަމަށް އަކްބަރު ރަސްގެފާނު ތައުރީފްކުރެއްވިއެވެ.
ސަރުކާރު ހިންގުމުގު އޮނިގަނޑު އޮންނަގޮތުން އަމުރު މިހިނގަނީ މަތިން ތިރިއަށެވެ. އެކަމަކު މައުލޫމާތަކީ ދެކޮޅަސްވެސް ދަތުރުކުރާއެއްޗެކެވެ. ވެރިޔާއަށް ވަފާތެރިވުމާއި ތެދުވުރިވުމަކީ ސުވާލެއް ނެތި އޮންނަންޖެހޭކަމެކެވެ.
މިއަދު ދައުލަތް ހިންގުމުގެ ނިޒާމު މިއޮންނަނީ ވަކިވަކި ބާރުތަކެއްގެ މައްޗަށް ބަހާލެވިފައެވެ. އެއްބާރާއި އެނެއްބަރާއި ފުށުނާރާގޮތަށް ކޮންމެ ބާރެއްވެސް އަނެއް ބާރަށް ފާރަވެރިވާގޮތަށް އެކުލަވާލައި ހަމަޖެހިފައެވެ.
އެހެންވީމާ ދައުލަތުގެ ބާރުތަކަކީ އެއްހަމައެއްގައި އޮންނަބާރުތަކެކެވެ.
އެއްހަމައެއްގައި އަތުރާލެވިފައިވާ ބާރުތަކެއްގެ ތެރޭގައި ތަރުތީބާއި އެންގުންތަކާއި މައުލޫމާތު ހިނގާނެ އޮނިގަޑަކީ ކޮބާބާއެވެ؟
ހަމަގައިމުވެސް މުއައްސަސާތަކުގައި މަތިން ތިރިއަށް އަމުރުހިންގާގޮތަށް ވަކި ކުރެވިފައިވާ ދައުލަތުގެ ބާރު ތަކުގެ މެދުގައި އެއްބާރު އަނެއް ބާރަށް އަމުރެއް ނުހިންގޭނެއެވެ.
ދައުލަތުގެ ބާރުތަކުގެ އޮނިގަނޑު މިއޮންނަނީ މެޓްރިކް ނިޒާމެއްގެ ތެރޭގައެވެ. އެއީ ކޮންމެ ބާރެއްގައި ހުންނަ މީހަކީވެސް ހަމަޖެހިފައިވާ އުސޫލެއްގެ ތެރޭން އަނެއްބާރަށް ޖަވާބުދާރީވާންޖެހޭނެ ފަރާތެކެވެ. އެއްބާރުގައި މަސައްކަތް ކުރާ މީހަކު އަނެއްބާރުގެ ވެރިންނަށް ވަފާތެރިވުމާއި ތެދުވެރިކަން އޮންނަންވާނެއެވެ.
އަޅުގަނޑަށް މަންޒަރުކުރެވޭގޮތުގައި ދައުލަތުގެ ބާރުތައް މިއޮންނަނީ އޯގަނައިޒެޝަންއެއްގައި ޑިޕާރޓްމަންޓްތައް ހުންނަ އުސޫލުން މެޓްރިކް ހިންގުމުގެ އޮނިގަޑެއްގައެވެ.
ދައުލަތުގެ މަގްސަދަކީ ރައްޔިތުންނަށް ޚިދުމަތްދީ ދިރިއުޅުން ފަސޭހަކުރުމެވެ. މިބާރުތައް ފުރިހަމައަށް ހިންގޭނީ ހަމައެކަނި އެއްބަޔަކު އަނެއްބަޔަކަށް ފާރަވެރިވާ ބަޔަކަށް ވުމުގެ ބަލަދުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ދެފަރާތުންވެސް ވެރިންނާއި ހިންގުންތެރިންނަށް ރިޕޯރޓްކުރެވިގެންނެވެ.
މިގޮތަށް ހިނގާ ނިޒާމެއްގައި ބީރުބޮލުވަޒީރަށް ވަޒީރުކަން ދިނީ ރަދުންކަމަށް ވާތީ، އެނާގެ ވަފާތެރިކަމާއި ތެދުވެރިކަން ހަމަ އެކަނި ސަރުކާރަށް އޮތުމަކުން ފަރަކުނުޖެހޭނެއެވެ. މަޖުލިހާއި ފަނޑިޔާރުގެއަށްވެސް ވަފާތެރިވާންޖެހޭނެއެވެ. ހަމަ އެހެންމެ މަޖުލިހާ ފަޑުޔާރުގެއަށްވެސް، އެއްބާރު އެނެއްބާރާ ދޭތެރޭ އޮންނާނީ މިހުކުމެވެ.