ހަސަދަވެރިކަމަކީ ދުނިޔެއަށް އާއެއްޗެއްނޫނެވެ. ދުނިޔޭގައި އުޅޭއިރު ހަސަދަވެރިކަމާއި ކުރިމަތިވާނެއެވެ. ހަސަދަ ވެރިކަމާއެކު އެއްޗެތި ބުނާ މީހުންނާއި ހަސަދަވެރި ރޭވުންތައް ރާވާ ހިންގާ މިހުންނާއިވެސް ކުރިމަތިވާނެއެވެ. މިއީ އާކަމަކަށް ނުބަލައި ފިކުރުކުރާނެކަމެއް ނެތެވެ.
ހަސަދަވެރިން ކިބައިން ސަލާތްވުމަށް އެމީހުންނާއި ފުރަގަސްދީ ދުރަށް ދިޔަސް، ހަސަދަވެރިކަން ނިމޭނީ ދުނިޔެ ދޫކުރާ ހިސާބުންނެވެ.
ހަސަދާގެ އަލިފާނެއް ކޮންމެ ދޭދޭ މީހެއްގެ މެދަކު ނުހިނގާނެއެެވެ. މިކުރުވާހަކައިން މިދަންނަވާ އެއްޗެއް ސާފުވާނެއެވެ.
އެއްދުވަހުހަކު ރަށްފުށުގައި އުޅޭ ކުއްތާއެއް ސަހަރަށް ޒިޔާރަތް ކުރުމަށް ގަސްދުކޮށްފިއެވެ. ސަހަރުގައި އުޅެފައި އެނބުރި ރަށަށް އައުމުން އޭނާގެ ރަހަމަތްތެރިން އައިސް އޭނަކައިރީ ހާލު އަހުވާލު އެހުމަށްފަހު ސަހަރުގެ ވާހަކައެހިއެވެ.
ސަހަރަށް ދިޔަ ކުއްތާ ބުންޏެވެ. އަހަރެން އެންމެ ހައިރާންވީ ސަހަރުގައި އުޅޭ ކުއްތާތައް އަހަރެން ފެނިގެން ހަޅޭއްނުލަވާތީއެވެ.
މިކުރު ހިޔާލީ ވާހަކައިން ލިބިދޭ ފިލާވަޅަކީ ނުދަންނަ ދެކެފަރިތަނޫން މީހަކާއި މީހުން އަޅާނުލާކަމެވެ. އަޑުލާ ހަސަދަވަނީ އަހަރެމެން ދަންނަ ދެކެފަރިތަ ރައްޓެހިންނާއި ތިމާގެ މީހުންނާއެވެ. އަހަރެމެން ނުދަންނަ މީހުންދެކެ އަހަރެމެން ހަސަދައެއް ނުވާނެއެވެ. ޝާހްރުކް ހާން ކިތަންމެ މައްޝޫރުވެ މުއްސަނދިވިޔަަސް އަހަރެމެން ކަންބޮޑުވެ ދެރެވެ ހަސަދައެއް ނުވާނެއެވެ. އެކަމަކު އަހަރެމެން ތެރޭން މީހަކު އަހަރެމެންނަށްވުރެ މޮޅުވެ ކުރިއަރައި ދާކަމަށްވަނީނަމަ އަހަރެމެން ހަސަދަލައެވެ. އަދި އޭނާ ބަލިކުރަން އެކި ފެންވަރުގައި މަސައްކަތްކުރެއެވެ.
އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ހަސަދައިގެ ހުޅުކޮޅު މީހެއްގައި އުފެދެނީ އެނާއަށް އެހެންމީހެއްގެ ކިބައިން ފެނުނުކަމެއް ނުވަތަ އެއްޗެއް ބޭނުންވެގެން ހިތަށް ކުރެވޭ ހިތްނުތަނަސްކަމަކުންނެވެ. މިފަދަ ހާލަތުގައި އެކި މީހުންކަންކުރާެގޮތް ތަފާތުވާނެއެވެ. އަދި އެކި މީހުން ހަސަދަވާ ކަންކަންވެސް ތަފަތުވާނެއެވެ.
ހަސަދަވާ ބައެއް ކަންކަމުގެ ތެރޭގައި މީހުންގެ ޝަހްސިއްޔަތު، ރީތިކަން، ފައިސާއާއި ބޭނުންކުރާ ގަހަނާ، އަންނައުނާއި، ނަސަބާއި، ރަހްމަތްތެރީންނާއި މާއްދީ އެހެންކަންކަންހިމެނެއެވެ. ހަސަދަވަނީ ހަމައެކަނި ލޮލަށްފެންނަ ކަންކަމަށް އެކަންޏެއްނޫނުވެ. ބުއްދިވެރިކަމާއި ތަގްވާވެރިކަމަކީވެސް މީހުން ހަސަދަވާކަންކަމެވެ.
އާންމު ދިރިއުޅުމުގައި ހަސަދަވެރިކަމާއި ކުރިމަތިވާފަދައިން މަސައްކަތު މާހައުލަކީވެސް ހަސަދަވެރިކަން އިންތިހާއަށް އޮންނަ މާހައުލެކެވެ.
އެކަމަކު މަސައްކަތު މާހައުލުގައި ހަސަދަވެރިކަން މުއައްޒަފުންމެދުގައި އުފެދެނީ ތަނުގައި ބައެއްކަންކަން ރޭވި ހަމަޖެހިފައިވާގޮތުންނެވެ. އަދި ވެރިން ކަންކަން ކުރާގޮތުން މުއައްޒަފުން އެކަކުއަނެކަކާއި ހަސަދަވެރި ވުމަށް މަގުފައިވަނީއެވެ. މަސައްކަތު މާޙައުލުގައި، މީހުން އެކަކު އަނެކަކަށް ހަސަދަ ވެރިވުމަށް މަގުފަހި ވެދާނެ ބައެއް ކަންކަމުގެ ތެރޭގައި
ވަޒީފާގެ ކުރިއެރުން – މުއައްޒަފުންނަށް ކުރިއެރުން ދެވޭއިރު ފެންވަރަށާއި މަސައްކަތަށް ނުބަލާ ވައިޖަހައިގެން އުޅޭމުއަޒަފުންނަށް ކުރިއެރުން ފޯރުކޮށްދިނުމުން މަސައްކަތު މާހައުލުގައި ހަސަދަވެރިކަން އުފެދޭނެއެވެ. އެއްފެންވަރުގެ ދެމީހުންކުރެ އެކަކަށް ކުރިއެރުންދޭނަމަ ކުރިއެރުން ނުލިބޭމީހާއަށް ނުލިބެނީ ކީއްވެގެންކަން ހާމަކޮށްދީ އެނާއަށް ކުރިއެރުން ލިބުމަށް ބޭނުންވާ ހުނަރު ނުވަތަ އުޅެންޖޭހޭގޮތް ކިޔާދިނުމުން ހަސަދަވުމަށް ޖާގަހަނިކުރެވޭނެއެވެ.
ކުރާމަސައްކަތް ފާހަގަކުރުން – މަސައްކަތުގައި އުޅޭ މުއައްޒަފުންނަށް ޝުކުރުއަދާކުރާއިރު އެކަމުގައި ޝާމިލުވާ އެންމެންގެ މަސައްކަތް ފާހަނގަނުކޮށް، ވަކި ބަޔަކަށް ޝުކުރުއަދާކޮށްލުމުން މުއައްޒަފުންގެ މެދުގައި ހަސަދައިގެ އުދާސްއުފެދޭނެއެވެ. މުއައްޒަފުންނަށް ސެޓްފިކެޓްއެއް ނުވަތަ ސަރވިސް ޗާޖެއް ދޭނަމަ، ވަކިބަޔަކަށް އެކަން ޙައްގުވާސަބަބު އާންމުކުރަންވާނެއެވެ. އަދި ނުލިބުނު މުއައްޒަފުންނަށް އެނުލިބުނީ ކީއްވެކަން އަންގައިދޭންވާނެއެވެ.
ވަކިމުއައްޒަފެއް ގާތްކުރުން - ހިތްރުހޭ މުއައްޒަފެއް ހުރުމަކީ އިންސާނީ ތޮބިއްޔަތެކެވެ. އެހެންނަމަވެސް މަސައްކަތު މާހައުލެއްގައި އެކަކަށް ހުރިހާ މަސައްކަތެއް ދިނުމަކީ އެހެން މުއައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުމަށް މަގު ތަނަވަސްވާނެކަމެކެވެ. ވީމާ ހުރިހާ މުއައްޒަފުނަނަށްވެސް މަސައްކަތް ދިނުމުގައާއި ހިޔާލު ހޯދުމުގައި އެއްމިންގަޑެއް ގެންގުޅުން ރަނގަޅުވާނެއެވެ.
ޓީމްއެއްބާރުލުން ނެތުން - ވަކި ސެކްޝަނެއް ނުވަތަ ޑިޕާރޓްމަންޓެއް އެހެން ސެކްޝަންތަކަށްވުރެ މުހިންމުކަމާއި އަހްމިއްޔަތު އިތުރުވާކަން އެހެން ފަރާތްތަކަށް އިހްސާސްކުރެވުމަކީ ހަސަދަވެރިކަން އިތުރުވާނެކަމެކެވެ. ބައެއް ސެކްޝަންތަކުން މަސައްކަތް ލަސްވިޔަސް އެކަން ކަމަކަށް ނުވެ ދެއެވެ. ވެރިންގެ މެދުގައި އެކަކުއަނެކަކަށް އިނގިލި ދިއްކުރުމާއި އެއްބާރުލާ އެއްލަނޑުދަނޑިއަކަށް މަސައްކަތް ނުކުރެވުމަކީ ހަސަދަ އިތުރުވާކަމެކެވެ
ވަޒީފާގެ މާހައުލުގައި ތިމާ ކުރިއަރާ ދާއިރު ހަތުރުންނާއި މިތުރުން ތިބޭނެއެވެ. ހަތުރުންގެ ނަފްރަތާއި އަބަދުހެން ކަހަލަގޮތަކަށް ކުރިމަތިލާންޖެހޭނެއެވެ. ތިމާ ހަސިލު ކުރާ ކާމިޔާބުތަކަށް ނަފްރަތުކޮށް ސައިޒްކުޑަކުރަން މަސައްކަތްކުރާނެއެވެ. އަދި ބައްދަންވެގެން އެކިކަހަލަ ދަންތުރަޖަހަމުން ގެންދާނެއެވެ. ހަސަދަލައިގެން އުޅޭ މީހުން އަމަލުތައްހުންނަގޮތުން ފާޅުކަންބޮޑުކޮށްއެނގޭނެއެވެ. އަނެއްބައި ހަސަދަވެރިން ތިބޭނީ ފުރުސަތަކަށް ބަލަބަލައެވެ. ފުރުސަތު ލިބޭވަގުތު އަޅާވިހެލާނެއެވެ. މިއީ އެންމެ ނުރައްކާވައްތަރުގެ ހަސަދަވެރިންނެވެ. މިފަދަ މީހުންނަށް ފުރުސަތުނުދީވޭތޯ ބަލަންވާނެއެވެ.
އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން ހަސަދަލައިގެން އުޅޭ މީހުންނާއި ކުރިމަތި ލެވޭނެ އޮތީ ދެ ގޮތެކެވެ. އެއީ އެމީހުންގެ ހަސަދަވެރިކަން ހުއްޓުވާލުމެވެ. އަނެއްގޮތަކީ އެމީހުންނާއި ކެރިގެން ކުރިމަތިލުމެވެ.
ހަސަދަވެރިކަން ހުއްޓުވާލަން ކުރެވިދާނެ ކަންކަން:
ކޮންމެ މީހަކުވެސް އުޅޭނީ އެމީހަކަށް ވެވުނު އެންމެ ރަނގަޅަކަށެވެ. އެހެންނަމަވެސް ތިމާގެ ގައިގައި އެހެން މީހުން ނުރުހޭނެ ސިފަތަކެއް ހުރެދާނެ އެވެ. ތިމާގެ އަމަލުތަކުގެ ސަބަބުން ހަސަދައިގެ އަލިފާން އެހެން މީހުންގެ ހިތްތަކުން ހިލޭފަދަ ކަންކަން ހުރެދާނެ އެވެ.
ވީމާ ބަލަންވީ ތިމާގެ ބަހާއި އަމަލުގައި އެހެން މީހުން ކުޑައިމީސްކުރެވި އިހްތިރާމް ކުޑަ ކުރެވޭ ފަދަ ސިފަތަކެއް ހުރިތޯ އެވެ. އެހެން މީހުންގެ ކުރިއެރުމަށް ހުރަހެއް އެޅޭތޯ އެވެ. މިފަދަ ސިފަތަކަކީ އެހެން މީހުންގެ ނަފްރަތު ތިމާއާއި ދިމާއަށް ދަމާނެ ސިފަތަކެވެ. މިއިން ކަމެއް ހުރިނަމަ އަވަހަށް ތިމާގެ އެ ސިފަ ބަދަލުކުރުމަށް މަސައްކަތް ކުރަންވީ އެވެ.
ތިމާ އެންމެ އަހައްމިއްޔަތުކަން ދޭ ކަމަކީ މުއައްޒަފުންނާއި ޓީމް ކަމުގައި ހަދައި، އެކުގައި މަސައްކަތްކުރަންވީ އެވެ. މީގެ ސަބަބުން މުއައްޒަފުންގެ އިހްތިރާމް ލިބެން ފަށާނެ އެވެ. އަދި ހަސަދަވެގެން އުޅޭ ފަރާތް އެކަހެރި ކުރާށެވެ. އެކަހެރިވުމުން ހަސަދަވެރިކަން މަޑުމަޑުން މައިތިރިވާން ފަށާނެ އެވެ. އަދި އެފަރާތުން ތިބާގެ ގުރޫޕްއާއި ގުޅެން ބޭނުންވާނެ އެވެ.
މުއައްޒަފެއްގެ ފަރާތުން ހަސަދައިގެ ކޮޅުމަތި ފެންނަން ފަށާއިރަށް ތިމާގެ ފަރާތުގައި އެފަދަ ކަމެއް ނެތްކަން އަންގައިދޭންވާނެ އެވެ. އެފަދަ މުއައްޒަފަކަށް ކުރިއެރުމެއް ނުވަތަ މަރުހަބާ ކިޔަން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ތިމާއަކީ އެންމެ ކުރީގައި އެފަރާތަށް މަރުހަބާ ކިޔާ މީހެއް ކަމުގައި ވާންވާނެ އެވެ.
ކެރިގެން ކުރިމަތިލުން:
މިއީ ބޮޑު ޒުވާބަކަށް ގޮސް، ޒުވާބުން ގަދަވަނީ ކާކުތޯ ބެލުމަށް ފައްޓައި ޒުވާބުގެ ސީރީސްއެއް ނޫނެވެ. ޒުވާބު ކެންޕޭނެއް ފައްޓައިފިނަމަ އެއީ ހަސަދަވާ ފަރާތަށް ލިބޭ ކާމިޔާބެކެވެ. އެފަރާތުން ހިތުހުރި ހުރިހައި ވާހަކައެއް ގޮވާ މަސައްކަތު މާހައުލުގައި ނެތިނުބައި ކިޔުމުގެ އެއްވުންތަކެއް ހިންގާގަތުމަށް ލިބޭނެ ފުރުސަތެކެވެ. އެހެންވީމާ މިކަހަލަ ހަރަކާތަކަށް ނުގޮސް، އެހެން މުއައްޒަފުންނަށް އިހްތިރާމްކޮށް ނެތިނުބައި ކިޔުމާ އެކަހެރި ވާންވާނެ އެވެ.
ތިމާއަށް ދިމާވެގެން އުޅޭ މައްސަލަ ވެރިންނާއި ހިއްސާކުރަންވާނެ އެވެ. އަދި ވެރިންގެ ރުހުން ހޯދައިގަންނަންވާނެ އެވެ. ހަސަދަ ވެރީންނަށް އަބަދުވެސް އެމީހުންގެ އަމަލުތައް އަބުރާގެންދެވޭގޮތަށް ފުރުސަތު އޮންނަންވާނީ ހުޅުވާލެވިފަ އެވެ. އެމީހަކު ވާހަކަ ދައްކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް މަރުހަބާ ކިޔަންވާނެ އެވެ.
ރާއްޖެއަށް ވަޑައިގެންނެވި ދީނީ އިލްމުވެރިއެއް ކަމުގައިވާ ޒިމްބާބްވޭގެ މުފްތީ މެންކުގެ ފޭސްބުކްގެ ސްޓޭޓަސްގައި ފާއިތުވި އަހަރު މާޗް މަހުގައި ލިޔުއްވާފައި އޮތް އިބްރަތްތެރި ބަސްކޮޅެއް ނަކަލުކޮށްލާނަމެވެ.
"މީހެއްގެ ހަސަދަވެރިކަން އޮންނާނީ އެމީހަކަށްވުރެ ކޮންމެވެސް ގޮތަކުން މަތިވެރިކަމެއް ނުވަތަ ފުދުންތެރިކަމެއް ނުވަތަ ހުނަރުވެރިކަމެއް އެހެން މީހެއްގެ ކިބައިގައި ހުރި މީހަކަށެވެ. ވީމާ މިފަދަ ނިއުމަތެއް ލިބިފައިވާ މީހަކު އެކަމަށް ޝުކުރުވެރިވާށެވެ. ހަގީގަތުގައި އަހަރެމެން ކަންބޮޑުވާންވީ މީހަކު ހަސަދަވެރިވާނެ ސިފައެއް ނެތްނަމަ އެވެ. މިފަދަ ސިފައެއް ނެތްނަމަ ނަފްސު އިތުރަށް ކުރިއަރުވާނެ ފުރުސަތު އެބައޮތެވެ. މީހުން ބުނެއެޅެ އެވެ. ގާއުކާނީ މޭވާ އަޅާ ގަސްގަހަށެވެ،"
މިމަޒްމޫނުވަނީ ވީނިއުސްގައި 10 ނޮވެމްބަރ 2014ގައި ޝާއިއު ކުރެވިފައެވެ.