އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރެއިން ހަސަދަލައިގެން އުޅޭ މީހުންނާއި ކުރިމަތި ލެވޭނެ އޮތީ ދެ ގޮތެކެވެ.

އެއީ އެމީހުންގެ ހަސަދަވެރިކަން ހުއްޓުވާލުމެވެ. އަނެއްގޮތަކީ އެމީހުންނާއި ކެރިގެން ކުރިމަތިލުމެވެ.

ހަސަދަވެރިކަން ހުއްޓުވާލަން ކުރެވިދާނެ ކަންކަން:

ކޮންމެ މީހަކުވެސް އުޅޭނީ އެމީހަކަށް ވެވުނު އެންމެ ރަނގަޅަކަށެވެ. އެހެންނަމަވެސް، ތިމާގެ ތަބިއްޔަތުގައި އެހެންމީހުން ނުރުހޭނެ ސިފަތަކެއް ހުރެދާނެއެވެ. ތިމާގެ އަމަލުތަކުގެ ސަބަބުން ހަސަދައިގެ އަލިފާން އެހެންމީހުންގެ ހިތްތަކުން ހިލޭފަދަ ކަންކަން ހުރެދާނެއެވެ.

ވީމާ، ބަލަންވީ ތިމާގެ ބަހާއި އަމަލުގައި އެހެންމީހުން ކުޑައިމީސްކުރެވި އިހްތިރާމްކުޑަ ކުރެވޭ ފަދަ ސިފަތަކެއް ހުރިތޯއެވެ. އެހެންމީހުންގެ ކުރިއެރުމަށް ހުރަހެއްއެޅޭތޯއެވެ. މިފަދަ ސިފަތަކަކީ އެހެން މީހުންގެ ނަފްރަތު ތިމާއާއި ދިމާއަށް ދަމާނެ ސިފަތަކެވެ.

މިއިން ކަމެއް ހުރިނަމަ އަވަހަށް ތިމާގެ އަމަލުބަދަލު ކުރެވޭތޯ މަސައްކަތްކުރަންވީއެވެ.

ތިމާ އެންމެ އަހައްމިއްޔަތުކަން ދޭ ކަމަކީ މުއައްޒަފުންނާއި ޓީމްކަމުގައި ހަދައި، އެކުގައި މަސައްކަތްކުރަންވީއެވެ. މީގެ ސަބަބުން މުއައްޒަފުންގެ އިހްތިރާމް ލިބެންފައްޓާނެއެވެ.

އަދި ހަސަދަވެގެން އުޅޭ ފަރާތް އެކަހެރިކުރާށެވެ. އެކަހެރިވުމުން ހަސަދަވެރިކަން މަޑުމަޑުން މައިތިރިވާން ފަށާނެއެވެ. އަދި އެފަރަތުން ގުރޫޕްއާއި ގުޅެން ބޭނުންވާނެއެވެ.

މުއައްޒަފެއްގެ ފަރާތުން ހަސަދައިގެ ކޮޅުމަތި ފެންނަންފަށާއިރަށް ތިމާގެ ފަރާތުގައި އެފަދަ ކަމެއް ނެތްކަން އަންގައިދޭންވާނެއެވެ. އެފަދަ މުއައްޒަފަކަށް ކުރިއެރުމެއް ނުވަތަ މަރުހަބާ ކިޔަން ޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ތިމާއަކީ އެންމެ ކުރީގައި އެފަރާތަށް މަރުހަބާ ކިޔާމީހެއް ކަމުގައި ވާންވާނެއެވެ.

ކެރިގެން ކުރިމަތިލުން މިއީ ބޮޑު ޒުވާބަކަށް ގޮސް، ޒުވާބުން ގަދަވަނީ ކާކުތޯ ބެލުމަށް ފައްޓައި ޒުވާބު ސީރީސްއެއް ނޫނެވެ. ޒުވާބު ކެންޕޭނެއް ފައްޓައިފިނަމަ އެއީ ހަސަދަވާފަރާތަށް ލިބޭ ކާމިޔާބެކެވެ. އެފަރާތުން ހިތުހުރި ހުރިހައި ވާހަކައެއް ގޮވާ، މަސައްކަތު މާހައުލުގައި ނެތިނުބައި ކިޔުމުގެ އެއްވުންތަކެއް ހިންގާގަތުމަށް ލިބޭނެ ފުރުޞަތެކެވެ. އެހެންވީމައި މިކަހަލަ ހަރަކާތަކަށް ނުގޮސް، އެހެންމުއައްޒަފުންނަށް އިހްތިރާމްކޮށް ނެތިނުބައި ކިޔުމާ އެކަހެރި ވާންވާނެއެވެ.

ތިމާއަށް ދިމާވެގެން އުޅޭ މައްސަލަ ވެރިންނާއި ހިއްސާކުރަންވާނެއެވެ. އަދި ވެރިންގެ ރުހުން ހޯދައިގަންނަންވާނެއެވެ.

ހަސަދަ ވެރީންނަށް އަބަދުވެސް އެމީހުންގެ އަމަލުތައް އަބުރާގެންދެވޭގޮތަށް ފުރުޞަތު އޮންނަންވާނީ ހުޅުވާލެވިފައެވެ. އެމީހަކު ވާހަކަ ދައްކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް މަރުހަބާ ކިޔަންވާނެއެވެ.

ރާއްޖެއަށް ވަޑައިގެންނެވި ދީނީ އިލްމުވެރިއެއްކަމުގައިވާ ޒިމްބާބްވޭގެ މުފްތީ މެންކުގެ ފޭސްބުކްގެ ސްޓޭޓަސްގައި ފައިބެ އަހަރު މާޗް މަހުގައި ލިޔުއްވާފައި އޮތް އިބްރަތްތެރިބަސްކޮޅެއް ނަކަލުކޮށްލާނަމެވެ.

"މީހެއްގެ ހަސަދަވެރިކަން އޮންނާނީ އެމީހަކަށްވުރެ ކޮންމެވެސް ގޮތަކުން މަތިވެރިކަމެއް ނުވަތަ ފުދުންތެރިކަމެއް ނުވަތަ ހުނަރުވެރިކަމެއް އެހެންމީހެއްގެ ކިބައިގައި ހުރިމީހަކަށެވެ. ވީމާ މިފަދަ ނިއުމަތެއް ލިބިފައިވާ މީހަކު އެކަމަށް ޝުކުރުވެރިވާށެވެ. ހަގީގަތުގައި އަހަރެމެން ކަންބޮޑުވާންވީ މީހަކު ހަސަދަވެރިވާނެ ސިފައެއް ނެތްނަމައެވެ. މިފަދަ ސިފައެއް ނެތްނަމަ ނަފްސު އިތުރަށް ކުރިއަރުވާނެ ފުރުސަތު އެބައޮތެވެ. މީހުން ބުނެއެޅެއެވެ. ގާއުކާނީ މޭވާއަޅާގަސްގަހަށެވެ."