ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށްޓަކައި އެންމެ މުހިންމުކަމަކީ އެމީހަކަށް ތާއީދުކުރާ ޖަމާއަތެއް އޮތުމެވެ. ހިކްމަތްތެރި ސިޔާސީ ބޭފުޅުން މިޖަމާއަތާއި ނުވަތަ ރައްޔިތުންނާއި އޮންނަގުޅުން އަބަދުވެސް ގެންދާނީ ބަދަހި ކުރަމުންނެވެ. ރައްޔިތުންނާއި އޮންނަގުޅުމުގެ ވިޔުގަ ގެންދާނީ ދުވަހެއް ދުވަހަކަށް ފުޅާކުރަމުންނެވެ.

މުޖްތަމައުގެ ނުފޫޒްގަދަ ބޭފުޅުންގެ ފުރަތަމަ ނަމުން ގޮވާލަން އެނގޭވަރަށް އެބޭފުޅުން ދެނެވަޑައިންނަވާނެއެވެ. ނުފޫޒުގަދަ ބޮޑެތި އާއިލާތައް ދެނެވަޑައިގަންނަވާނެއެވެ. އެއާއިލާތަކާއި ގުޅުން ބާއްވައި ގުޅުން ދަމަހައްޓާނެއެވެ.

ކުރީޒަމާނުގައި މިފަދަ ގުޅުންތައް ދެމެހެއްޓީ ދެފަރާތުންވެސް ބައްދަލުވުންތައް ބާއްވައި ދިމާވެގެންނެވެ.

ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު މިގުޅުން މިހާރު މާވަރަގަދަކުރެވެން އެބަތޮވެ. ޓެކްނޮލޮޖީ ބެނުންކުރަނީ މިގުޅުން އިތުރަށް ހަރުދަނާކުރުމަށެވެ.

މޮބައިލް ފޯނުގައި ޖަމާއަތްތަކުގެ ނުފޫޒުގަދަ ބޭފުޅުންގެ ނަންބަރު ބާއްވާގެން އެބޭފުޅުންނާއި ގުޅުން ބޭއްވިދާނެއެވެ. ޓްވީޓަރ، ފޭސްބުކް، ބްލޮގް އަދި ވެބް ޕޭޖްތަކަކީ މިފަދަ ގުޅުން ތަރައްޤީކުރުމަށް ބޭނުންކުރާ ވަސީލަތްތަކެވެ.

މިހުރިހާ ވަސީލަތްތައްވެސް ބޭނުންކުރެވެނީ ރައްޔިތުންނާ އޮންނަގުޅުން ބަދަހިކުރުމަށެވެ. ޙިކުމަތްތެރި ސިޔާސީ ބޭފުޅުންނަށް ވެސް އެނގިވަޑަގަންނަވާނެ އެއްކަމަކީ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް ރައްޔިތުންނާ އޮންނަގުޅުން ބަދަހިކުރަން ޖެހޭނެކަމެވެ. އެހެނީ ރައްޔިތުން ވޯޓްދޭނީ އެގުޅުމުގެ މައްޗަށް ބިނާކޮށް ކަމެވެ.

ވޯޓްއާއި ގާތަށްއައީމާ ރައްޔިތުންނާއި އޮންނަގުޅުން އަލުން އާކުރަން އައުމުން އެއީ އެހާބަލާގަނެވޭނެ ކަމަކަށް ނުވެއެވެ. މިގޮތަށް ރައްޔިތުން، ދެ ފަހަރަކު އެރުވާލައިގެން ވޯޓް ހޯދިދާނެއެވެ. އެކަމަކު އަބަދަކު ވޯޓްއެއް މިގޮތަށް ކާބިޔާބުއެއް ނުކުރެވޭނެއެވެ.

އަޅުގަނޑުމެންގެ ރައްޔިތުން މަޖްލިސް އިން މިކަން ކިތަންމެ ރަނގަޅަކަށްވެސް ފެންނާންއެބަހުއްޓެވެ. ގިނަ ދައުރުތަކަކަށް މަޖްލިސް ގޮނޑި ކާމިޔާބު ކުރައްވާފައިވާ މެންބަރުން އެބަތިއްބެވެ. އަދި، ދައުރަކުން ފެނިފައި ގެއްލިދިޔަ މެންބަރުންގިނައެވެ. އެއީ މިދެންނެވި ގުޅުމަށް އިހްމާލުވާ ބޭފުޅުންނެވެ.

ރައްޔިތުނާއި އޮންނަ ގުޅުން ބާއްވައިގެން އެކަނި ސިޔާސީ ކުރިމަގު އުޖާލާއެއް ނުކުރެވެނެއެވެ.

ރައްޔިތުންނާއި ގުޅުން ބޭއްވުމާއި އެކު ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކުރާކަންވެސް ފެންނަންވާނެއެވެ. އެމީހުންގެ އިހްސާސާއި ގުޅިފައި ހުންނަކަން ކަމުގެ ވަކާލާތުކުރާކަމާއި އެކަންކަން ހާސިލުކުރުމަށް މަސައްކަތްކުރާތަން ފެންނަންވާނެއެވެ.

މޮޅެތި ސިޔާސީ ބޭފުޅުންގެ ހަރަކާތްތައް ހިންގާނީ ރައްޔިތުންނަށް އެންމެ އެދޭވޭ ހިދްމަތްތައްދެވޭނެ ގޮތެއް ހޯދައި އެގޮތެއްގެ މަތިންނެވެ. ގިނަ ރައްޔިތުންގެ އުއްމީދާއި ހުވަފެންތައް ހާސިލުކުރެވޭނެ މަގެއްބަލައި އެގޮތަށް ސިޔާސަތުތައް ބައްޓަންކޮށްގެންނެވެ.

ރައްޔިތުންގެ ވިންދަށްނުބަލައި ހަމައެކަނި ސިޔާސީ ކުރިއެރުން ފަހިކުރާގޮތަށް ކަންތައް ކުރާ ސިޔާސީ ބޭފުޅުން ރައްޔިތުނާއި އެކު ގުޅުންބަދަހި ކުރަން ދައްކާނެ މާގިނަ ވާހަކަތަކެއް ހުއްޖަތަކެއް ނުހުންނާނެއެވެ. ދައްކާ ވާހަކާގައި ހާއަޅާތަން ގިނަކަމުން އާންމު ރައްޔިތުން މިފަދަ ބޭފޭޅުންގެ ނިޔަތާމެދު ޝައްކުކުރާނެއެވެ.

މިގޮތަށް މަސައްކަތް ކުރާނަމަ ސިޔާސީ އުމުރު ވަރަށް ކުރުވާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި މިގޮތަށް އަމަލު ކުރާނީ ސިޔާސީ ބޭފުޅުންނެއްނޫނެވެ.