ފައިވާން ހަދާ ކުންފުންޏަކުން އެ ކުންފުނީގެ ސޭލްސް ދެމީހަކު އެފްރިކާގެ ކޮންމެވެސް ހިސާބަކަށް ފައިވާން ވިއްކަން ފޮނުވައިފިއެވެ.އަދި އެހިސާބުގެ މާރކެޓް އޮތްގޮތް އެ ދެމީހުންވެސް ރަނގަޅަށް ބަލައިފިއެވެ.
އެތަނުން އެކަކު ވެރިޔާއަށް ފޯނުކޮށްފައި، އެތަނުގައި ފައިވާނުގެ މާރކެޓް އެއް ނެތް ކަމަށާއި ފައިވާނަށް އަރައިގެން އުޅޭމީހަކު ނޫޅޭކަމަށްބުނެފިއެވެ. އެހެންކަމުން ވެރިޔާ ބުނީ އެނާ އެބުރި އައުމަށެވެ.
އިރުކޮޅެއްފަހުން ވެރިޔާއަށް ދެވަނަ މީހާގެ ފޯން ކޯލެއް ލިބިއްޖެއެވެ. އެނާ ވެރިޔާ ގާތުބުނީ މީވަރަށް ފައްކާ ހިސާބުގަޑެއް ކަމުގައެވެ. މިތަނުގައި ފައިވާނަށް އަރައިގެން އުޅޭމީހަކު ނޫޅޭކަމަށާއި، އެކަކުވެސް ފައިވާނަކަށް އެރުވިއްޖެއްޔާ މިއޮތީ ބޮޑު މާރކެޓްއެއް ލިބިފައިކަމަށެވެ.
ވާހަކައިގެ އަމާޒަކީ އެކި މީހުން ކަންކަން ދެކޭނީ އެކިގޮތަށް ކަމަށެވެ. މޭނެޖްމަންޓް ވިސްނުމަކުން ބަލައިފިނަމަ ދެމީހުންކުރެ އެކަކުގެ ވިސްނުމެއްވެސް ގޯހެއް ނޫނެވެ.
އެކަކަށް މިފެނުނީ މާކެޓް އެއް ނެތް ތަނެވެ. ހަޤީޤަތުގައިވެސް އެތަނުގައި އެވަޤުތަކު މާރކެޓްއެއް ނެތެވެ. ހޯދައި ބަލައި، ދިން މައުލޫމާތުގައި ދޮގެއް ނެތެވެ.
އަނެކަކަށް ސިފަވީ މުސްތަގުބަލެވެ. އިތުރަށް މަސައްކަތެއް ކޮށްގެން ކުންފުނީގެ މާރކެޓް ފުޅާކުރެވިދާނެ މަގެއް ދައްކައިދިނީއެވެ.
މިލިބުނު މައުލޫމާތުގެ މައްޗަށް ގޮތެއް ނިންމާނީ ވެރިޔާއެވެ. މާކެޓް އިތުރަށް ފުޅާކުރަން ވަސީލަތް އެބަހުރިތޯއާއި، އިތުރަށް ވަންނަ މާކެޓްގައި ދެމިހުރެވިދާނެތޯ ނުވަތަ އިތުރަށް މަސައްކަތްކޮށްގެން ވަންނަވަރު މާރކެޓްއެއްތޯ ނޫންތޯ ބެލުމަކީ ވެރިޔާގެ މައްޗަށް އޮތްކަމެކެވެ.
ނަމަވެސް މައިގަނޑު ވިސްނުމަކަށްވާންވީ ދެ ސޭލްސް މީހުން ދިން ހިޔާލަށްވެސް އިހްތިރާމްކުރުމެވެ.