ހެނދުނުގެ ކަސްރަތުގައި އަޅުގަނޑާ ދިމާވާ ރަހްމަތްތެރިއަކު އަޅުގަނޑު ގާތުބުނީ "އަޖީއެމްއެޗް ރަނގަޅުވާކަށް ނުޖެހޭ" ކަމަށާއި "އެތަން ރަނގަޅުވާންޖެހޭ ނަމަ މިހާރު ރަނގަޅުވެއްޖައީސް" ކަމަށެވެ. އަދި އެތަން ރަނގަޅުވާން ނުޖެހޭތީ، ކަމުވޮށިވެގެންވާ އެއްވެސް ބޭފުޅަކު އެތަނުގެ ޚިދުމަތް ނުހޯދަނީ" ކަމަށެވެ.

ރާއްޖޭގައި ފުޅާކޮށް ޒަމާނީ ސިއްހީ ޚިދްމަތް ލިބެންފެށީ މާލޭގައި ގަވަމަންޓް ހޮސްޕިޓަލްގެ ޚިދުމަތް ތައާރަފްވުމާ ގުޅިގެންނެވެެ. އެހެންނަމަވެސް 1948 އިން ފެށިގެން، "ޑަކްޓަރުގޭ" ނުވަތަ "ހަސްފަތާލަ" ނަމުގައި ސަރުކާރުން ސިއްހީ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. ގަވަންމަންޓް ހޮސްޕިޓަލްގެ ދުވަސްވަރުން ފެށިގެން ސިއްހީ ޚިދުމަތް އެކި ގޮތްގޮތަށް ފުޅާކުރުމާއި ޚިދުމަތް ރަނގަޅުގޮތެއްގައި ދިނުމަށްޓަކައި އެކިއެކި މަސައްކަތްތައް މިވަނީ ކުރެވިފައެވެ.

މި ގައުމުގައި ރޭވުންތެރިކަމާ އެކު ސިއްހީ ޚިދުމަތް ސަރުކާރުން ފޯރުކޮށްދޭތާ މިހާރު 66 އަހަރު ވެއްޖެއެވެ. އެކަމަކު ޚިދުމަތް އެންމެ ހިތްހަމަޖެހޭ ވަރަށް ނުލިބޭތީ ކަސްޓަމަރުން މިތިބެނީ އެކަމާ ހިތްހަމަ ނުޖެހި ޝަކުވާ ކޮށްކޮށެވެ. މިހެން މިދިމާވަނީ ސިއްހީ ދާއިރާގައި ގެންގުޅެވޭ ސިޔާސަތުގެ ސަބަބުންތޯ ނުވަތަ ހިންގުމުގައި ދިމާވެގެން އުޅޭ މައްސަލައެއްގެ ސަބަބުންތޯ ދެނެގަތުމަކީ މައްސަލައަށް ދިގުމުއްދަތުގެ ހައްލު ލިބޭނެ ކަމެކެވެ.

ސިއްހީ ޚިދުމަތަކީ އަސާސީ ހައްގަކަށް ވާތީ މިޚިދުމަތް މިވަނީ ސަރުކާރުގެ ސަމާލުކަމަށް އެންމެ ކުރިންސުރެން އައިސްފައެވެ. އަދި ސިއްހީ ޚިދުމަތް ރަނގަޅުކުރުމަށް އަބަދުވެސް ބަދަލުތައް ގެންނަމުންދެއެވެ. އެއް ދިމާއަކުން ޚިދުމަތް ހޯދުން ކުޑަކުރުމަށް މުޅި ރައްޖޭގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް މިވަނީ ގާއިމުކޮށްފައެވެ. މާލޭގައި މިވަނީ ޕްރައިވެޓް ހޮސްޕިޓަލް ގާއިމު ކުރުމަށް މަގު ތަނަވަސްކޮށްދީ އެ ޚިދުމަތް ފަށާފައެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާނެ މީހުން ތަމްރީނުކުރުމަށް ވެސް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ހޮސްޕިޓަލް ހިންގުމުގެ ދިގު ތަޖްރިބާއެއް މިގައުމު މިވަނީ ކޮށްފައެވެ. ސަރުކާރުން އެންމެ ފުރަތަމަ ހޮސްޕިޓަލެއް ހިންގަން ފަށާފައިވަނީ 1967 ގައި، އޭޑީކޭ ހޮސްޕިޓަލް މިހާރު ހިންގަމުންދާ އިމާރާތުގައެވެ. އެ ހޮސްޕިޓަލަކީ އިނގިރޭސީން ހަދިޔާކުރި ހޮސްޕިޓަލެކެވެ.

އެއަށް ފަހު އިންޑިއާ ސަރުކާރާ ގުޅިގެން 1994 ގައި މިވަނީ އައިޖީއެމް ހޮސްޕިޓަލް ހިންގަން ފައްޓާފައެވެ. މިއީ ދުވާލަކު 400 މީހުން ޚިދުމަތް ހޯދާނޭ ކަމަށް ބަލައިގެން ހަދާފައި ހުރި ތަނެއް ނަމަވެސް، މިހާރު އެތަނުން އެތައް ގުނައެއް އިތުރަށް މީހުން ޚިދުމަތް ހޯދަމުންދެއެވެ. އަދި 1969 ގައި ވަނީ އޭޑީކޭގެ ނަމުގައި ޕްރައިވެޓް ހޮސްޕިޓަލެއް ކުރިން ސަރުކާރުން ހޮސްޕިޓަލް ހިންގި އިމާރާތުގައި ގާއިމުކޮށް ޚިދުމަތް ދޭން ފައްޓާފައެވެ. މިހޮސްޕިޓަލުން ވެސް ދުވާލަކު 800 އަށް ވުރެ ގިނަ މީހުނަށް ޚިދުމަތް ދެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އެންމެ އެކަށީގެންވާ ގޮތަށް ނުހިންގޭ ކަމަށް ނިމިދިޔަ ސަރުކާރުތަކަށް ގަބޫލުކުރެވޭތީ ބައެއް ބަދަލުތައް ގެނައުމަށް ހިޔާލާއި މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން 2008 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި "މައުމޫން 2008" އިން އެ އަހަރުގެ އޮކްޓޫބަރު 1 ގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭރުގެ ހެލްތު މިނިސްޓަރު އިލްޔާސް އިބްރާހިމް ވިދާޅުވެފައި ވަނީ "މުޅި ރާއްޖޭގެ ހުރިހާ މީހުން ހިދުމަތް ހޯދަން އަންނަ ތަނަކަށް ވާތީ އަޅުގަނޑުމެންނަށް، އެންމެންނަށް ހިތްހަމަޖެހޭ ގޮތަށް އެކަންތައްތައް ނުދާ ކަމަށް ގަބޫލު ކުރެވޭތީ ސަރުކާރުން މިހާރު ނިންމަވާފައި ވަނީ އެތަން ހިންގުން ބޭރުގެ ފަރާތަކާ ހަވާލު ކުރަން" ކަމަށެވެ. އިލްޔާސް އަދި ވިދާޅުވީ ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ގޮތުގައި އަދި އެނޫން ވެސް ގޮތްގޮތަށް އައިޖީއެމްއެޗް ހިންގުމުގެ ހިޔާލު ގެންގުޅުއްވާ ކަމަށެވެ. އަދި މަސައްކަތް ފުރިހަމަވުމުން އައިޖީއެމްއެޗް ހިނގަމުންދާނީ ސިންގަޕޫރުގެ ހޮސްޕިޓަލަކާ އެއް ފެންވަރަށް ކަމަށް ވެސް އިލްޔާސް ވިދާޅުވެފައިވެ އެވެ. އެކަމަކު އޭރުގެ ރައީސް މައުމޫންއަބްދުލްގައްޔޫމް ބަލިކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވީ މުހައްމަދު ނަޝީދެވެ.

ދެން ފެނިގެން ދިޔައީ 2008 ގައި ވެރިކަމާ ހަވާލުވި އެމްޑިޕީގެ ސަރުކާރުން އައިޖީއެމްއެޗް އިންޑިއާގެ އެޕޯލޯ ގުރޫޕަށް ލީޒްކުރުމަށް އެއްބަސްވުމަކާ މެދު ވާހަކަ ދެއްކުމުގެ މަސައްކަތްތަކެއް ކުރިއަށް ދިޔަކަން ހާމަކުރި ތަނެވެ. އޮކްޓޫބަރު 13، 2010 ގައި ރައީސް ނަޝީދު ވަނީ އައިޖީއެމްއެޗަށް އެޕޯލޯ ގުރޫޕުން 25 މިލިއަން ޑޮލަރު ހޭދަކުރާނަމަ އެތަން އެފަރާތަށް ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަފާކުރެވެނީ އެޕޯލޯ ގުރޫޕާ އެކު ދެކެވުނު ވާހަކަތައް ކުރިއަށް ނުދިޔައީ ކަމަށެވެ. ނަމަވެސް ސަރުކާރުން އައިޖީއެމްއެޗް ހިންގުން ހަރުދަނާ ކުރުމަށް ކުރަމުން އައި މަސައްކަތް ހުއްޓުމަކަށް ނުގެނެއެވެ. ދެން ފެންނަމުން އައީ ބޭރުގެ ތަޖްރިބާކާރުންތަކެއް އިސްކޮށް ތިއްބަވައިގެން ހޮސްޕިޓަލް ހިންގަވަމުން ގެންދެވި ތަނެވެ.

ނަމަވެސް މިގައުމު ހޮސްޕިޓަލް ހިންގުމުގައި ކުރި ތަޖްރިބާތަކުން އާންމު ރައްޔިތުންގެ އުއްމީދުތަކަށް ބަދަލުތަކެއް އައި ތަނެއް ނުފެނުނެވެ. ހުރީ ހުސް ޝަކުވާއެވެ. މިއަދާ ހަމައަށް ފެންނަމުން މިދަނީ ސައިރެން އަޅާފައި ދެ ހޮސްޕިޓަލް ދެމެދު އެންބުއުލާންސް ދުއްވަން ޖެހުމާއި، ޚިދުމަތް ހޯދުމަށް ކިޔު ޖެހުމާއި އަދި އެދެވޭ ފަރުވާ ނުލިބުމުގެ ޝަކުވާއެވެ. ޚިދުމަތް ދޭން ހުންނަ ކޮންމެވެސް މެޝިނެއް ހަލާކުވެގެން ވަކި ބައްޔަކަށް ފަރުވާ ނުދެވޭނެ ވާހަކަ އާއި ކޮންމެވެސް އެއްޗެއް ހުސްވެގެން ޚިދުމަތެއް މަދުކަނޑާލާ ވާހަކައެވެ.

ހެލްތު މިނިސްޓްރީގައި މި އަހަރުގެ މޭ 6 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގައި ހަދަމުންދާ 11 ބުރީގެ އާ އިމާރާތުގެ މަސައްކަތް ނިމި، އިމާރާތުން ދޭން ހަމަޖެހިފައިވާ ޚިދުމަތްތައް މި އަހަރު ދޭން ފަށާނެ އެވެ. އެހެން ނަމަވެސް ސިއްހީ ދާއިރާގައި ހުރި މައްސަލަތަކަކީ އިމާރާތެއް ހެދުމަކުން ނުވަތަ ޚިދުމަތް ދޭން ތިބޭ މީހުންގެ ބޯ ގިނަވުމަކުން މުޅިއެކުން ހައްލުވާނެ ކަންކަމެއް ނޫނެވެ. މިއީ ހިންގުމުގެ ތަޖުރިބާއާއި އިޖުރާއަތުތަކާއި ތަރުތީބުތައް ފުރިހަމަ ކޮށްގެން ހައްލުކުރެވޭނެ ކަންކަމެވެ. އަދި ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުން ޚިދުމަތް ދިނުމަށް ތަމްރީނުކޮށް އަހުލުވެރިކޮށްގެން ހައްލުކުރެވޭނެ ކަންކަމެވެ.

ސަރުކާރު ހޮސްޕިޓަލެއް ހިންގުމުގެ މޮޑެލްތައް ދުނިޔޭގެ އެކި ގައުމުތަކުން ސާފުކޮށް ފެންނަން އެބަހުއްޓެވެ. ހޮސްޕިޓަލް ހިނގުމުގެ އިޖްރާއަތާއި ތަރުތީބު އަދި ހިންގާނެ ނިޒާމް ވެސް ލިބެން އެބަހުއްޓެވެ. ނަކަލުކުރެވެން އެބަހުއްޓެވެ. ދެން މިރާއްޖޭގައި އަލުން ބަލުން ފުރޮޅު އީޖާދުކުރަން މިއުޅެނީ ކީއްކުރަންބާއޭ ހިތަށް އަރައެވެ. މިހެން މިދަންނަވަން ޖެހެނީ މިރާއްޖޭގައި ހޮސްޕިޓަލަށް ބޭނުންވާ ސޮފްޓްވެއާއެއް ވެސް އަލުން ލިޔާ އިރު އެހެން ހޮސްޕިޓަލްތަކުން ތައްޔާރީ އެއްޗެއް ގަންނާތީއެވެ.

އައިޖީއެމްއެޗްގައި އަބަދުވެސް އަޅުގަނޑުމެނަށް ފެންނަނީ ކޮންމެވެސް ހަރުކުލައިގެ ޑޮކްޓަރަކާ އެތަން ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ތަނެވެ. އޯގަނައިޒޭޝަނެއްގައި ތިބޭ ޓެކްނިކަލް ބޭފުޅުންނަކީ ހިންގުމުގެ ތަޖުރިބާ މަރުހަލާ ތެރޭން އައިސްފައިވާ ބޭފުޅުންނެއް ނޫނެވެ. ޓެކްނިކަލް ބޭފުޅުންނަށް ހިންގުމުގެ އަސާސީ ކަންކަން ކަމުގައިވާ މުވައްޒަފުން ބެލެހެއްޓުމާއި، ލަނޑުދަނޑި ހާސިލުކުރުމާއި، ރޭވުމާއި، ކޯޑިނޭޓްކުރުމާއި، މުއާސަލާތުކުރުމާއި، ކޮންޓުރޯލާއި މޮނީޓަ ކުރުމަކީ ކުރަން ފަސޭހަ ކަންކަމަކަށް ނުވެދާނެއެވެ. ޓެކްނިކަލް ބޭފުޅުން ލައްވާ ހިންގުމުގެ ކަންކަން ކުރަން އުޅުނީމާ ކުރިން ދެންނެވި ފަދަ، ހިންގުމުގައި ދިމާވެގެން ނުވާނެ ކަންކަން ކުރިމަތިވާނެއެވެ. ވަކި މުއްދަތެއްގައި މަރާމާތު ކުރަން ޖެހޭ އެއްޗެހި ދުވަހަށް މަރާމާތު ނުވެގެން ހަލާކުވުމާއި ދުވަހަށް އޯޑަރު ނުކުރެވިގެން ތަކެތި ހުސްވުމާއި ޚިދުމަތުގެ ފެންވަރު ދަށްވުމަކީ އިއްތިފާގެއް ނޫނެވެ. ސަބަބަކީ ޑޮކްޓަރުން ތައްޔާރުކުރި އިރު ހޮސްޕިޓަލް ހިންގާނެ މެނޭޖްމަންޓްގެ ބޭފުޅުން ތައްޔާރުކުރުމަށް އިހުމާލު ވެފައި ވާތީ އެވެ.

ނިމިދިޔަ ސަރުކާރުތަކުން ވެސް މިމައްސަލަތައް ތަޖްރިބާކޮށް އެންމެ އެދެވޭ ހައްލެއް ކަމަށް ފެނިފައިވަނީ، ރާއްޖޭން ބޭރުން ހޮސްޕިޓަލް ހިންގުމުގެ އެހީތެރިކަން ހޯދުން ކަމަށް ވާތީ އެމަގުން ވަނީ މަސައްކަތްކޮށްފައެވެ. އަޅުގަނޑު ހިތުން މިފަދަ އެހީތެރިކަމެއް ހޯދައިގެން ނޫނީ އެދޭވޭ ހައްލެއް ނުގެނެވޭނެއެވެ.

މިއަދު މިސަރަހަދުގެ ސިއްހީ ޚިދުމަތްދޭ ކުންފުނިތައް މިވަނީ އެމެރިކާ އަދި މެދު އިރުމަތީގައި ވާދަވެރިކަމާ އެކު ސިއްހީ ސިނާއަތުގައި ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. މިރާއްޖޭގައި ވެސް މިހާރު ޕްރައިވެޓް ހޮސްޕިޓަލްތައް އެބަހުއްޓެވެ. ޕްރައިވެޓް ހޮސްޕިޓަލް ހިންގުމަށް މަގުފަހިކުރުމަށް އިންތިހާއަށް އިނާޔަތްތައް ދީފައި އެބަހުއްޓެވެ. އެހެންކަމުން ބޭރުގެ ރަނގަޅު ހޮސްޕިޓަލް ޗޭނަކަށް ގަޔާވާ ކަހަލަ ޕެކޭޖެއް ދީގެން ހުޅުމާލޭގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް މަސައްކަތް ކުރަން ވެއްޖެއެވެ. އޭރުން ދިވެހިންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ބޭސް ފަރުވާ ރާއްޖޭގައި ތިބެގެން ލިބުމުގެ ފުރުސަތު ހުޅުވިގެން ހިގައިދާނެއެވެ. ހުޅުމާލޭގައި އަޅަން ބީލަމަށް ލާފައިވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލާ އެކު، މިހާރުގެ ސަރުކާރުގެ ވިސްނުން ހުރީ ވެސް މިގޮތަށް ކަމަށް ގަބޫލުކުރެވެއެވެ.

މިއަދު ސިއްހީ ދާއިރާ ވާދަވެރި ކުރުވައިގެން ނޫނީ އެކަށީގެންވާ ޚިދުމަތެއް ނުދެވޭނެ ކަމުގެ ހަގީގަތް އަޅުގަނޑުމެން ގަބޫލުކުރަން ވެއްޖެއެވެ.

މިމަޒުމޫނު ވަނީ ހަވީރުގެ 31 މޭ 2014ގެ އަދަދުގައި ޝާއިއު ކުރެވިފައެވެ.