ޤައުމެއް ނުވަތަ ކުންފުންޏެއްގެ ވެސް ލީޑަޝިޕްއެއް އޮންނާނެ އެވެ. ލީޑަޝިޕްއޭ ބުނުމުން ނިސްބަތްވަނީ އެއްމެފަރާތަކަށް ނޫނެވެ. އެއީ އަވަޤުތަކު ޤައުމުގެ ނުވަތަ މުއައްސަސާއެއްގެ އެންމެ އިސްކޮށް ހިންގުމުގެ ސަފުގައި ހަރަކާތްތެރިވާ ފަރުދުންތަކެވެ. ކުރު ޚިޔާލީ ވާހަކައަކުން މިމައުލޫ އިތުރަށް ފުޅާކޮށްލަން މަސައްކަތްކޮށްލާނަމެވެ.

ކުންފުންޏެއްގެ މެނޭޖިން ޑައިރެކްޓަރު އިސްތިއުފާދެމުން އެމަޤާމާއި ހަވާލުވާ އާ އެމްޑީއަށް މަރުޙަބާ ކިޔަމުން، ތިން ސީޓީ އުރައެއް ހަވާލުކުރެއެވެ. އެ ހަވާލުކުރަމުން ބުނީ ހައްލުކުރަން އުނދަގޫ މައްސަލައަކާއި ދިމާވެއްޖެނަމަ ނަންބަރު ތަރުތީބުން ފަހަރަކު ސިޓީއުރައެއް ހުޅުވުމަށެވެ.

އަލަށް ވަޒީފާއާއި ހަވަލުވި އެމްޑީ މަސައްކަތުގައި އަވަދިނެތި އުޅެމުން ދަނިކޮށް، ފުރަތަމަ ހަމަސް ދުވަސް ނިމުނުތަނާހެން ހައްލު ކުރަން އުނދަގޫ މައްސަލަތަކާ ކުރިމަތިވާން ފަށައިފިއެވެ.

އާ އެމްޑީ ހިތަށް އައީ ވަކިވަމުން ދިޔަ އެމްޑީ ހަވާލުކުރި ސިޓީ އުރަތައް މަތިންނެވެ. އަތުގައި ހުރި ސިޓީއުރަތަކުގެ ތެރެއިން ފުރަތަމަ ސިޓީއުރަ ކަނޑާލައިފި އެވެ. ސިޓީއުރާގައި އޮތީ ކުރިން ކަންތައް ކޮށްފައި އޮތްގޮތުން ކުރިމަތިވާ މައްސަލަތެކެއް ކަމަށް ބުނުމުން އަސްލު މައްސަލަތައް ހަލުކުރަން ވަޤުތުކޮޅެއް ލިބޭނެ ކަމަށެވެ.

އެމްޑީ ނޫސްކޮންފަރެސް އަކަށް ގޮވައިލާ ކުންފުނި ކުރިއަށް ނުގެންދެވިގެން މިއުޅެނީ ކުރިން ކަންކަން ހިންގާފައިވާ ގޮތުންކަމަށް ބުނެފިއެވެ. އަނެއްކާވެސް، ވަޒީފާގައި ދޮޅުއަހަރެއް ވީތަނާ ކަންތައް ގަޑަކާއި ދިމާވެއްޖެއެވެ. މިފަހަރު ދެވަނަ ސިޓީއުރަ ކަނޑާލައިފިއެވެ. މިސިޓީ އުރައިގައި ބުނާގޮތަށް ނޫސް ކޮންފަރެންސްއަކަށް ގޮވާލައި ކުންފުންޏަށް ދިމާވެގެން އުޅޭ މައްސަލައަކީ ދުނިޔޭގެ މާޙައުލުގައި ކަންތައް ވަމުންދާގޮތުން ދިމާވާއި ކަމެއްކަމުގައި ވިދާޅުވެއްޖެއެވެ.

އަނެއްކާވެސް ދުވަސް ކޮޅަކުން އެމްޑީއަށް ކަންތައްގަޑަކާއި ދިމާވެއްޖެއެވެ. މިފަހަރު ކުރީގެ އެމްޑީ ދީފައި އޮތް ފަހު ސިޓީ އުރަ ކަންޑާލައިފިއެވެ. ތިންވަނަ ސިޓީ އުރައިގައި އޮތީ އަހަރެންވެސް މިކަންކުރިގޮތަށް ތިން ސިޓީ އުރަ ލިޔެފައި އިސްތިއުފާ ދިނުމަށެވެ.

މިވާހަކައިން ލިބޭ އިބްރަތަކީ، ކުރިން ކަންކަން ހިންގާފައިވާ ގޮތަށާއި މާހައުލުގެ މައްޗަށް މައްސާލައިގެ ފޫޅުކެޑުމުން އަދި މައްސާލައިގެ ހައްލެއް ނުނެރެވޭނެ ކަމެވެ. އަދި މައްސަލަ ހައްލުކުރުމަށް އެހެން މީހުން ދޭ ލަފާ ޤަބޫލުކުރާ ހިނދު، އަމިއްލަ ތަސައްވުރެއްވެސް އޮންނަންވާނެ އެވެ. ތިމާ ޤަބޫލު ކުރާ ހައްލާއި މެދު ފުރިހަމަ ޔަޤީންކަމާއި އެކު އެހައްލު ހޯދައި ގަތުމަށް މަސައްކަތް ކުރަން ކެރެންވާނެކަމެވެ.

ގައުމެއް، ކުންފުންޏެއް، މުއްސަސާއެއް ނޫނީ އާއިލާގެވެސް އެންމެ އިސްކޮށް ކަންކަން ނިންމާ ފަރާތަކީ ލީޑަރެވެ. ލީޑަރާއެކު މަސައްކަތްކުރާ ޓީމްއަކީ އެތަނެއްގެ ލީޑަޝިޕް އެވެ. ލީޑަރޝިޕްގެ ދައުރަކަށްވާނީ ކުރިއަށް ދާނެ ތަސައްވުރެއް ގާއިމުކުރުމާ، އެތަސައްވުރު އެހެން ފަރާތްތަކާއި ހިއްސާކޮށް އެފަރާތްތަކުގެ ރުހުން ހޯދުމާއި، ތަސައްވުރު ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކަންކަން ކުރެވޭނެ މަގު ފަހިކޮށްދިނުމުވެ. ކަންކަން ކުރުމުގައި ދޭދޭ ފަރާތްތަކާއި މުއައްސަސާ އާއި ގުޅިފައިވާ ފަރާތްތަކުގެ މެދުގައި ޖެހޭ މައްސަލަ ހައްލުކުރުމާއި އެފަރާތްތައް އެކުގައި މަސައްކަތްކުރެވޭގޮތަށް ގުޅުވައި ދިނުމެވެ.

އާންމުކޮށް ލީޑަރެއް ފާޅުވެގެން އަންނާނީ އުނދަގޫ ހާލަތްތަތެއް ކުރިމަތިވެގެން އުޅޭއިރުއެވެ. ހިންގުމުގެ ދާއިރާ ގޮތަށް ލީޑަޝިޕްއަކީ އުނގަނާދެވޭނެ އެއްޗެއް ނޫނެވެ. ކިޔާދީގެން ބުނެދީގެން ކިޔަވައިގެން ކޮންމެވެސް ވަރަކަށް މީހެއްގެ ލީޑަޝިޕްގެ ހުނަރު މަތިކުރެވިދާނެއެެވެެ.

ސްޓީވް ޖޮބްސް އަދި ބިލް ގޭޓްސް އަކީ ދެވައްވަތަރެއްގެ ލީޑަރުންނެވެ. ނަމަވެސް ދެ މީހުންނަކީވެސް އެމީހުންގެ ކުންފުނި ކުރިއަށް ގެންދިއުމަށް ގިނަ ގުނަ ގޮންޖެހުންތައް ކުރިމަތިވެ، އެހުރިހާ ހުރަހަކާއި ކުރިމަތިލާ ކުންފުނި ކާމިޔާބުގެ އައްސޭރިއެއް ގެންދިޔަ ފަރާތްތަކެވެ.

ގައުމެއް ނުވަތަ މުއައްސަސާއެއް އެހެން މަރުހަލާއަކަށް ގެންދިއުމަށް ކުރިއަށް ވިސްނާފައިވާ ތަސައްވަރެއް ބޭނުންވާނެއެވެ. މިތަސައްވަރު މޭސްތިރިންނަކީ ލީޑަޝިޕްއެވެ. އަދި ދަތި ހާލަތުގައި ދިމާވާ ހިނދު ލީޑަރުން ފެންނާނެއެވެ. އެމީހުންގެ ހުރިހާ ބުންވަރެއްް ބޭނުން ކުރާނީ ކުރިމަގު ބައްޓަން ކުރާށެވެ. ފަސްދީފައިވާ ކަންކަން ކޮނެ އެކަމުގެ ތެރޭގައި ތާށިވެގެން ވަޤުތު ނަގައެއް ނުލާނެއެވެ.

މިޤައުމުގައި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު މިގޮތަށް ކަންތައް ހިންގާފައިވާ ކަން ތާރީޙް ހެކިދެއެވެ. އާ ސަރުކާރުގެ ހަނީމޫން ދުވަސްވަރު ދައްކާނީ ކުރީ ސަރުކާރުގެ ދަރަނީގެ ވާހަކަ ނުވަތަ އަނިޔާވެރި ވާހަކައެވެ. ރައްޔިތުންގެ މައްޗަށް އިހުމާލު ވެފައިވާ ކަންތަކުގެ ވާހަކައެވެ.

މިވާހަކަތައް މަތިން ރައްޔިތުން ފޫހިވާހައި ދުވަސް ވީމާއި ދެން ދައްކާނީ ދުނިޔޭގެ މާޙައުލުގައި ކަންކަން ހުރިގޮތުން ޤައުމުގެ ކަންކަން ރަނގަޅުނުވެ، ކުރިއަށް ނުގެންދެވިގެން އުޅޭ ވާހަކައެވެ.

ޤައުމުގެ އަސްލު މައްސަލަތަކުގެ ހައްލާއި ހަމައަށް ދެވޭއިރު އޮންނަނީ ދައުރުގެ މެދާހަމައިން ބައިވެފައެވެ. އެހިސާބުން ދެން އަނެއްކާވެސް ތައްޔާރުވާން މިޖެހެނި ކުރިއަށް އޮތް އިންތިޚާބަށެވެ. އާ ވަޢުދުތަކެއް ކުރާށެވެ.

ސިންގަޕޫރުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރައި މިނިސްޓަރު ކަން ކޮށްފައިވާ ލިކުއާން ޔޫ އާއި ކޮށްފައިވާ އިންޓަވިއުގެ މައްޗަށް ޓޮމް ޕްލޭޓް ލިޔެފައިވާ ފޮތް، "ކޮންވަޒޭޝަން ވިތް ލީކުއާން ޔޫ، ހައު ޓު ބިލްޑް އަ ނޭޝަން" ގައި ބުނެފައިވަނީ "ޒަމާނީ ރަނގަޅު ގަވަނެސްއެއްގައި މަތީ ކަންކަން ނިންމުމާއި ޤައުމަށް އެންމެ މުހިންމުކަންކަން ދެނެގަތުމަކީ ކޮންމެ ކޮންމެ ރައްޔިތެއްގެ އަތްމައްޗަށް ދޫކޮށްލާވަރަށްވުރެ މާ ބޮޑެތި ކަންތައްތައް" ކަމަށެވެ.

ތަސައްވުރަކާއިއެކު މަސައްކަތް ކުރާ ލީޑަރުން ކަންކަމާއި ދެބަސްވުމަކަށް ފަހެއް ނުޖެހެނެއެވެ. އެމީހުން ހާޞިލުކުރަން ބޭނުންވާ ކަމެއް އާންމު ވިސްނުމާ ދުރުނަމަވެސް އެކަން ކުރުމުގެ އަޒުމުއަށް ބަދަލެއް ނުގެންނާނެއެވެ.

ނަވާރަސަތޭކަ ހަތްދިހައިގެ ކުރީކޮޅު ރާއްޖޭއަށް ޓޫރިޒަމް ގެނެވިދާނެތޯ ކުރި ދިރާސާގައި ބުނެފައިވަނީ ޓޫރިޒަމްއަށް ބޭނުންވާ ފަދަ އުމްރާނީ ވިޔުގައެއް ރާއްޖޭގައި އެދުވަސްވަރު ނެތްކަމުގައެވެ. އޭރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި، އިބްރާހިމް ނާސިރު މި ދިރާސީ ރިޕޯރޓް ނެގެންވީ ހެޔޮކޮށެވެ. ޓޫރިޒަމް ގެނެވުމަށް ކުރަން ހުރިކަންކަން ކުރިއަށް ގެންދަވަން ފެއްޓެވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރު ފެއްޓުނު އިރު ރާއްޖޭގައި ތަޢުލީމް އޮތީ ހިފޭއްޓިފައި ނޫންކަމުގައިވިޔަސް ތަޢުލީމީ ފުރުޞަތު އޮތި ވަރަށް ހަނިކޮށެވެ. ރައީސް މައުމޫންގެ ފުރަތަމަ ދައުރުގައި ފެއްޓެވި އެންމެ ބޮޑު ކަމަކީ އަސާސީ ތަޢުލީމް މުޅި ރާއްޖެއަށް ފަތުރަވަން ފެއްޓެވި މަސައްކަތްޕުޅެވެެ. މުޅި ރާއްޖެއަށް ލިޔަން ކިޔަން ދަސްކޮށްދެއްވަން ފެއްޓެވި މަސައްކަތެވެ. މިއީ 1980 ގެ ކުރީކޮޅު މިކަން ހާސިލު ވެދާނެކަމާމެދު އާންމުންނަށް ޤަބޫލުކުރަން ދަތި ކަމަކަށް ވިއެވެ.

ތަސައްވުރެއްގައި މަސައްކަތްކުރާ ލީޑަރުން އާންމުކޮށް ކަންކަން ކުރައްވަނީ ކަންކަން ކުރަން ހަމަޖެހިފައި އޮންނަ އޮނިގަޑާއި ހިލާފަށެވެ. މިއީއެއްގޮތަކަށްވެސް ގޯސްްގޮތެއް ނޫނެވެ. ހާސިލުކުރަން ބޭނުންވާ ނަތީޖާ އާއި ހަމައަށް ވާސިލުވެވޭކަމަށް ވަނީނަމަ ހަމަ އެންމެ ރަނގަޅުވާނެ އެވެ. އާ ވިސްނުމަކާގެން ކަން ކުރަން އުޅޭއިރު އާއޮނިގަޑެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ.

ރައީސް ނާސިރު ފަތުރުވެކިން ރާއްޖެއަށް ތަޢާރުފުކުރުމުގާއި ރައީސް މައުމޫނުގެ އަސާސީ ތަޢުލީމްގެ ފެތުރުމުގެ މަސައްކަތުގައި ކުރިން މިފަދަ ކަމެއް ރާއްޖޭގައި ކޮށްފައިނުވާތީ، ކޮޕީކުރާނެ ނުވަތަ އަޅައިބަލައިގެން ކަންކުރާނެ އޮނިގަޑެއްނެތެވެ. ދެބޭފުޅުންވެސް ނަތީޖާ ހާސިލުކުރީ މަސައްކަތްކުރާނެ އާއޮނިގަނޑެއް ގާއިމުކޮށްގެންނެވެ. އާއޮނިގަނޑެއް ގާއިމުކުރުމަކީ އުނދަގޫ ބުރަ މަސައްކަތެވެ. އެއީ މަސައްކަތް ފައްޓަންޖެހެނީ ސުމަކުން ފެށިގެންތަސައްވުރެއްގައި މަސައްކަތްތުކުރާ ލީޑަރުން ތަސައްވުރު ހާސިލުކުރުމަށް ކުރިމަތިވާ ހުރަސްތައް ގިރާ ކުރާނެއެވެ. ރައީސް ނާސިރު ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރި ދުވަސްވަރަ އެމަސައްކަތަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ. އަދި ކަންކަންވަރަށް ގާތުން ބައްލަވަމުން ގެންދެވިއެވެ. ޓޫރިޒަމް ތަޢާރުފު ކުރުމުން ރާއްޖެ އަންނަ ފަތުރުވެރިންްނަށް ބޭނުންވާ ކަންކަން އެއީ އަޅުގަނޑުމެންގެ ސަގާފަތާއި ބީރައްޓެހި ކަންކަންވެސް ގެންދެވީ ތަޢާރުފު ކުރައްވަމުންނެވެ.

މިއަދު ރާއްޖޭގެ އިޤްތިޞާދު ބަރޯސާވާ ސިނާއަތު ކަމުގައިވާ ފަރުތުވެރިން ތަރައްޤީވެ، އެސިނާއަތުގެ ފައިދާ ލިބެމުން މިދަނީ ފަތުރުވެރިކަން ބިނގާ އެޅި ދުވަސްވަރު ސިނާއަތު ބައްޓަން ކުރަމުން ގެންދިޔަ ގޮތުންކަން ކަށަވަރެވެ.

އަސާސީ ތަޢުލީމުގެ މަސައްކަތް ރައީސް މަޢުމޫނު ފެއްޓެވިދުވަސްވަރު އެމަސައްކަތް ވަރަށް ގާތުން ބައްލަވާ އަދި ޢަމަލީގޮތުން އެކަމުގައި ބައިވެރިވެވަޑައިގަތެވެ. ރާއްޖޭގައި އެދުވަސްވަރު ހުރި ވަސީލަތުން މިފަދަ ބޮޑު މަޝްރޫއުއެއް ހިނގުމަށް އިންސާނީ ވަސީލަތުގެ ގޮތުންވެސް ގިނަ ދަތިތަކާއި ކުރިމަތިވެފައި ހުންނާނެވެ. މުއާސަލާތާއި ދަތުރު ފަތުރުކުރުމާއި އަދި ހަރުމީހުން މަދުރަސާ ދައުރަށް ނެރުމަކީ ކުޑަކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެން މިދެކެމުންދާ ތަޢުލީމު އުގެނުމަށް އަހުލުވެރިވެފައވާ މުޖުތަމައު ބިނާވެފައިމިވަނީ އަސާސީ ތަޢުލީމުގެ ތަސައްވަރުގެ ނަތީޖޭގެ ސަބަބުންކަން ކަށަވަރެވެ. އަސާސީ ތަޢުލީމުގެ ޖީލާއި އޭގެ ފަހުގެ ޖީލަތަކަށް ތަޢުލީމުގެ ހުރި މުހިންމުކަންމިވަނީ ހިތާ ރޫހުން ޤަބޫލުކުރެވިފައެވެ.

ޓިޕިންގް ޕޮއިންޓް، ބްލިންކް، އައުޓްލައަސް ފަދަ ފޮތްތައް ލިޔެގެން މައްޝޫރުކަން ހޯދައިފައިވާ ލިޔުންތެރިޔާ މެލްކަމް ގުލޭޑް ވެލް ބުނެފައިވަނީ "ތަސައްވުރު ހުންނަ މީހުން ދުނިޔޭގެ ޚިޔާލާއި ވިސްނުން އެހެން ގޮތަކަށް ބަދަލު ކުރަނީ އެމީހުން މަސައްކަތް އާ ސޮފުހާއަކުން ފަށައިގެން" ކަމަށެވެ.

މި މަޒްމޫނު ވަނީ ވީނިއުސްގައި 12 އޮކްޓޫބަރ 2014ގައި ޝާއިއު ކުރެވިފައެވެ.