ބޮޑު މިސްކިތެއް އިމާރާތްކުރުމަށް ރަށުގެ ގިނަ މީހުންތަކެއް މަސްއޫލުވެ އުޅެމުން ދެއެވެ. އެމީހެއްގެ ހުނަރާއި ގުޅުން ހުރި މަސައްކަތެއް އެމީހަކު ކުރަމުން ދަނީއެވެ. މަސައްކަތް ބަލާލުމަށް
ރަށުން ބޭރުން ހަރުކުލައިގެ މީހަކު އަތުވެއްޖެއެވެ. މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަމުން ދާއިރު، މަސައްކަތް ކުރަމުންދާ މީހުންނާއި އެކި ކަހަލަ ސުވާލުވެސް އޭނާ ކުރަމުން ދެއެވެ. އެމީހާ ސުވާލު ކުރަމުން ގޮސް ގާ އަޅަން ހުރި މީހަކާއި އަރާހަމަވެއްޖެއެވެ. އެހެން ކަމުން ގާއަޅާ މީހާ ގާތުގައި ކަލޭ ތިޔަކުރަނީ ކޮންކަމެއް ހެއްޔޭ އަހައިފި އެވެ.
އެމީހާ ބުނީ ރާނަން ގާއަޅަނީ ކަމަށެވެ. ދެން ތަންކޮޅަކަށް ހިނގާލިތަނާ ގާ އަޅާ އެހެން މީހަކު އެބަހުއްޓެވެ. އެނާ ގާތުގައި ކަލޭވެސް ރާނަން ގާއަޅަނީދޯއޭ އަހައިފި އެވެ.
"އަހަރެން ކުރިމަތިން ތިހަރަ ފެންނަ މިސްކިތް ބިނާ ކުރަން ބޭނުންވާ ގާ ތައްޔާރު ކުރަނީ" ސުވާލު ކުރިމީހާގެ މޫނަށް ބަލާލަފައި އިމާރާތް ކުރެވެމުންދާ މިސްކިތާއި ދިމާއަށް ބޯއަނބުރާލަމުން އެމީހާ ބުންޏެވެ.
ގާ އަޅާ ދެމީހުން ވެސް ކުރަނީ އެއްމަސައްކަތެކެވެ. އެކަމަކު ދެމީހުން ދިންޖަވާބު ތަފާތެވެ.
މުއައްޒަފުންނަށް އެމީހުން ކޮންމެ ދުވަހަކު ކުރާ މަސައްކަތުގެ ސަބަބުން މުއައްސަސާގެ މަގުޞަދާއި ލަނޑުދަނޑި ހާސިލުވާވަރު އެނގޭނަމަ އެނާކުރާ މަސައްކަތް އޭނަ އަމިއްލައަށް ވަޒަންކުރާވަރު ބޮޑުވާނެއެވެ. ޒިންމާ ނަގާވަރު ވެސް ބޮޑުވާނެއެވެ.
ގާއަޅާ މީހާއަށް ބޮޑު މަންޒަރު ނޭގި ގާއަޅަނަމަ ކުރިމަގުގައި އެނާ މިފަދަ މަސައްކަތްތަކުގައި ބައިވެރިވާނީ ކުރަން އުޅެނީ ކޮންކަމެއްކަން ނޭނގިއެވެ. އަދި ވަކި މަގްޞަދެއްނެތިއެވެ.
ކުންފުންޏާ ދޭތެރޭ ތަންކޮޅެއް ފުޅާކޮށް ވިސްނާލަން މުއައްޒަފުންނަށް ޖާގަ ދީގެން ނޫނީ އެމީހުންގެ ސަބަބުން ކުންފުންޏަށް ގެނެވޭނެ ހެޔޮބަދަލެއް ނޭގޭނެ އެވެ. ގެނެވޭ ހޮޔޮ ބަދަލު ދަމަހައްޓަން އެނގޭނީ މިފަދަ ކަންކަން މުއައްޒަފުންނަށް އެގިގެންނެވެ. ބޮޑު މަންޒަރު ފެނިގެން މަސައްކަތް ކުރާ މީހުންނަށް އޭނަ އެކުރާ ކަމެއްގެ ޚިދްމަތް މާރަނގަޅަށް ދެވޭނެ އެވެ.
ބައެއް މަސައްކަތު މާޙައުލުގައި، ދުވަހުގެ ނަތީޖާ ހާސިލު ކުރުމަށް ތަޅުންމަތީގައި އަވަދި ނެތި މަސައްކަތްކުރާ މުއައްޒަފުންނާއި، ޙާސިލު ކުރަން އުޅޭ ކަމަކާބެހޭ ހުރިހާ މަޢުލޫމާތެއް ނުވަތަ އެންމެ ފުރިހަމަ މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. އެހެންކަމުން މެނޭޖްމަންޓުގެ އެންމެ މަތީ ހަރުފަތުން ހާސިލު ކުރަން ބޭނުންވާ ކަންކަން ތަންފީޒު ކުރާއިރު މަސައްކަތް އަމަލީގޮތުން ކުރުމަށް ޒިންމާނަގާ މުއައްޒަފުންނަށް މެނޭޖްމަންޓުން ނެރެން ބޭނުންވާ ނަތީޖާގެ ފުރިހަމަ ތަސައްވަރެއް ނޭނގެއެވެ. އަދި މެނެޖްމަންޓުން ޙާޞިލުކުރަން ބޭނުންވާ ކަން ބޭނުންވިގޮތަށް ޙާޞިލުނެވެދެއެވެ. އެއީ ހުރިހާ މުއައްޒަފުންނަށް ބޮޑު މަންޒަރު ސާފުނުވާތީއެވެ.
މިހެން ދިމާވަނީ، ކަންކުރަން ތިބޭ މުއައްޒަފުންނާއި ހުރިހާ މަޢުލޫމާތެއް ހިއްސާ ކުރަންޖެހޭކަމަށް ބައެއް ވެރިންނަށް ޤަބޫލު ނުކުރެވެނީ އެވެ. އަދި ހިއްސާކުރަންޖެހޭ ފަހަރުތަކުގައި އެކަން ކުރަނީ ކުރަން ނުކުރަން ކަހަލަގޮތަކަށް ކަމަށް ވާތީއެވެ.
ބޮޑު މަންޒަރު ސާފުވާ ގޮތަށް ވެރިން މަޢުލޫމާތު ހިއްސާ ނުކުރަނީ، އެނާގެ ބާރު ގުޅިފައި އޮންނަނީ އޭނާގެ އަތުގައި އޮންނަ މަޢުލޫމާތުގެ މައްޗަށްކަމަށް ވެރިންނަށް ޤަބޫލުކުރެވޭތީއެވެ. އެހުރިހާ މަޢުލޫމާތެއް މުއައްޒަފުންނަށް ދިނުމުން ވެރިޔާގެ ބޭނުން ކެޑިދާނެކަމަށް ޖެހިލުންވާތީއެވެ. އެހެންކަމުން މަޢުލޫމާތު ހިއްސާ ކުރަނީ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ވެރިޔާގާތަށް އަންނަންޖެހޭގޮތަށެވެ. ވެރިޔާކައިރިން އިރު އިރު ކޮޅުން ކަންކުރަންވީގޮތުގެ މަޢުލޫމާތު މުއައްޒަފުން ހޯދަންޖެހުނީމައި އުފެއްދުންތެރި ވަޤުތުތަކެއް ގެއްލިގެންދާނެއެވެ. ވަޤުތު ގެއްލިގެން ދިއުމަކީ މިނާނުލެވުނަސް ބޭކާރުވެގެންދާ ޚަރަދެވެ.
މިގޮތަށް މަސައްކަތް ތަރުތީބުކުރުމުން ދުވަހުގެ މަސައްކަތުން މިންޖުވެގެން އެހެން ކަމެއް ކުރުމަށް ވެރިޔާއަކަށް ވަގުތެއް ނޯވެއެވެ. ވެރިޔާ ފެންނާނީ ވަރަށް އަވަދިނެތި އުޅެނިކޮށެވެ. ބިޒީވުމަކީ އަދި އުފެއްދުންތެރިވުމެއް ނޫނެވެ. އެއީ މުއައްސަސާއަށް އެންމެ ރަނގަޅުގޮތް ކަމުގައިވެސް ނުވެދާނެއެވެ.
ވާދަވެރި މާޙައުލެއްގައި ހަރަކާތްތެރިވަމުންދާ މުއައްސަސާތަކަކީ އަބަދުވެސް އާކަންކަންމާއި، އާ މަސައްކަތްތައް އެތަނުގެ ތެރެއަށް ތަޢާރުފު ވަމުންއަންނަ ތަންތަނެވެ. އެހެންކަމުން މެނޭޖްމަންޓުން ހާސިލުކުރަން ބޭނުންވާ އާލަނޑުދަޑިތަކަށް ވެރިޔާ ވަގުތު ހޯދަންޖެހެ އެވެ. ނޫންނަމަ ނަތީޖާއަކަށްވަނީ އާގޮންޖެހުންތަކާއިއެކު އަލަށް ތަޢާރުފުވާ މަސައްކަތްތައް ހިންގުމަށް އެހެން ވެރިން ހޯދުމަށް މަޖުބޫރުވެގެން ދިއުމެވެ.
ކުންފުނީގައި ހަރަކާތްތެރިވާ ވެރިން ކަމުގައިވާ މެނޭޖަރުން، ނުވަތަ ސުޕަވައިޒަރުންނަށް މަސައްކަތުގެ ބޮޑު މަންޒަރު އެގިފައި އޮތުން މުހިންމެވެ. ނޫންނަމަ ތަނުގައި ހިނގާ ކަމާނުގުޅޭ ކަންކަން ނޭނގި އުފެދޭ ފުރުޞަތުތައް ދެނެނުގަނެވި ބޮޑު މަންޒަރުން ބޭރުވެ ދާދި އަވަހަށް ވެރިޔާ އެކަހެރިވެދާނެއެވެ. ކޮންމެ މުއައްސަސާއެއްގެވެސް ޘަގާފަތެއް އޮންނާނެއެވެ. އެޘަގާފަތް އެއީ ދަމަހައްޓަންޖެހޭ ފައިދާހުރި ޘަގާފަތެއްނަމަ ތަނުގެ އިސް މުއައްޒަފުންނަށް އެ ޘަގާފަތުގެ އެތެރެއާއި ބޭރު އެގެން ޖެހޭނެއެވެ.
މުއައްޒަފުނަށް ބޮޑު މަންޒަރު އަންގާދިނުމަށްޓަކައި މުއައްސަސާއެއްގެ ލީޑަޝިޕްގައި މަސައްކަތްކުރާ ވެރިންނަށް މުއައްސަސާއާއި ގުޅޭގޮތުން ކޮންމެހެން އެގެންޖެހޭކަންތައްތަކެއް ހުންނާނެއެވެ. އަދި ސާބިތުކަންމަތީ ތިބެން ޖެހޭ ކަންތަކެއްވެސް ހުންނާނެއެވެ.
މިގޮތުން ދެގޮތެއްނުވެ ޖަވާބު އެނގެންޖެހޭ ސުވާލުތަކެއްވެއެވެ. އެއީ: މިއީ ކީއްކުރަން އުފެދިފައިވާ މުއައްސަސާއެއްތޯ؟ އޯގަނައިޒޭޝަންއިން ކުރާމަސައްކަތްތައް ކުރަނީ ކިހިނެއްތޯ؟ އަދި އޯގަނައިޒޭޝަންއިން ހާސިލު ކުރަން ބޭނުންވަނީ ކޮންކަމެއްތޯ؟ އެވެ. މިސުވާލުތަކުގެ ޖަވާބު ސާފުކޮށް މުއައްޒަފުނަށް އަނގާދެވުނީމައި މުއައްސަސާގެ ބޮޑު މަންޒަރު ހުންނާނީ ބުނެދެވިފައެވެ.
އޯގަނައިޒޭޝަންއަކީ "ކީއްކުރަން އުފެދިފައިވާ މުއައްސަސާއެއްކަން" ދޭހަކުރުމަށްޓަކައި އެތަނެއް ވުޖޫދުގައި އޮތުމުގެ ބޭނުން ހާމަކޮށްދެންވާނެއެވެ. މިސާލަކަށް ހެދުމުގެ ވިޔަފާރިކުރާ ފިހާރައެއްނަމަ، އެފިހާރަ ވިޔަފާރީގައި ދެމި މިތިބީ އަންނައުނު ވިއްކުމަށެވެ. އަދި އަންނައުނު ވިއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތާއި ޚިދުމަތުގެ މުހިންމުކަމެއްވެސް އޮންނާނެއެވެ. ހަމަ މިފިހާރައިގެ މިސާލުގައި މުހިންމު ކަމަކީ ގަންނަ މީހުން ބޭނުންވާ އަގުގައި ނުވަތަ ބޭނުންވާ ސްޓައިލް އަދި ފެޝަންގެ އަންނައުނު އެމީހުންނަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުމެވެ. މިކަންކަން މުއައްޒަފުންނާއި އެކު ހިއްސާކުރީމައި އެމީހުން ހިތާ ރޫންހުން ފިހާރައިގެ މަޤްޞަދުތައް ހާސިލުކޮށްދިނުމަށް ބައިވެރިވާނެއެވެ.
ކުންފުނީގެ ސިޔާސަތާއި، ވާދަވެރިކަމާއެކު ކުރެވޭ ކަންކަމަކީ "ކީއްވެގެން" ގެންގުޅޭ ސިޔާސަތެއްކަން ނުވަތަ އުޞޫލުތަކެއްކަން މުއައްޒަފުންނަށް އަންގައިދޭން ޖެހޭނެއެވެ. މިސާލަކަށް ރިސޯޓް ޗެއިންއެއްނަމަ، އެ ޗެއިންގެ ހުރިހާ ހޮޓަލެއްގައިވެސް ގެންގުޅޭނީ އެއް ތަރުތީބުތަކެކެވެ. އެހުރިހާ ކަމަކަށް މުއައްޒަފުން ހާނާ އަހުލުވެރިކުރުވަންޖެހޭނެއެވެ. މިފަދަ ތަމްރީނުތަކުގެ މުހިންމުކަމަކީ މުއައްޒަފުންގެ ވިސްނުން އޯގަނައިޒޭޝަންގެ ޝަޚްޞާއި އެއްގޮތަށް ބަދަލުކުރުމަށް މަގުފަހިކުރުމެވެ. ޓީމެއް އެކުލަވާލެވޭނީ ތަބީއަތުގައި އޯގަނައިޒޭޝަންގެ ސިފަވަންތަ ބައެއް އުފައްދައިގެންނެވެ.
އޯގަނައިޒޭޝަންއިން ކުރަނީ ކީއްކަމާއި މަސައްކަތްކުރަނީ ކޮން އުސޫލުތަކެއްގައި ކަން މުއައްޒަފުންނަށް އެނގުމުން މިއޯގަނައިޒޭޝަންއިން ހާސިލުކުރަން ބޭނުންވަނީ 'ކޮންކަމެއް' ކަން މުއައްޒަފުން އެގެންބޭނުންވާނެއެވެ. އޯގަނައިޒޭޝަންގެ މަޤްޞަދާއި ލަންޑުދަޑިތައް މުއައްޒަފުންނަށް ސާފުވުމުން އޯގަނައިޒޭންޝަން ހޯދަން ބޭނުންވާ ކާމިޔާބުތައް ހޯދައިދިނުމަށް މުއައްޒަފުންގެ ސަމާލުކަން ލިބޭނެއެވެ.
އެމެރިކާގެ ސިޓީ ބޭންކުގެ ސީއީއޯކަން ކުރައްވާފައިވާ ސެންފޯރޑް ވެއިލު ވިދާޅުވަނީ "ބޮޑުމަންޒަރަށް ވާސިލުވަނީ ތަފްސީލަށް މަސައްކަތްކޮށްގެން" ކަމެވެ.
ސަންފޯޑްގެ ބަހައް ތާޢީދުކުރަމުން އަޅުގަނޑަގެ މަޝަވަރާއަކީ އޯގަނައިޒޭޝަންގެ ބޮޑު މަންޒަރަށް ކުރާ ދަތުރުގައި މުއްޒަފުން ވީއެންމެ ބޮޑަމިންވަރަކަށް ބައިވެރި ކުރަންޖެހޭނެކަމެވެ.
މިމަޒުމޫނުވަނީ ވީނިއުސްގައި 21 އޮކްޓުބަރ2014 ގައި ޝާޢިއު ކުރެވެފައެވެ.