މަސައްކަތު މާހައުލުގައި ބައެއް މީހުން ކުރިއަރައި ދަނީ ވެރިޔާއަށް ވައިޖަހައިގެން ކަމަށް ބުނާއަޑަކީ އާންމުކޮށް އިވޭ އަޑެކެވެ. މާ ބޮޑު މަސައްކަތަކާ ނުލައި ބައެއް މީހުން ވަޒީފާގެ ހަރުފަތްތަކުން ބަލަބަލާ ތިއްބާ ކުރިއަރަމުން ދާކަމީ ވެސް ހަގީގަތެކެވެ. މިކަން ހިންގަނީ ހަމައެކަނި އަހަރެމެންގެ ވަޒީފާގެ މާހައުލުގައި އެކަންޏެއް ނޫނެވެ. ކުރިއަރާފައި ގައުމުތަކުގައިވެސް މިކަން މިގޮތަށް ހިނގައެވެ. ހަގީގަތަކީ އެމީހާ ކުރިއަރާ ދަނީ އެމީހާގެ އެތެރޭގައި ހުރި ވައެއްގެ ސަބަބުން ކަމަށްވުމެވެ.

ޕާކެއްގައި އެކި ކުލަކުލައިގެ ފުއްޕާހަން ވިއްކާ މީހެއްގެ ވިޔަފާރި ބަނޑުދަމާލާ ވަގުތުތަކުގައި ވިޔަފާރި އިސްތިހާރުކޮށްލުމަށާއި ވިޔަފާރި ރަނގަޅުކޮށްލުމުގެ މަގުސަދުގައި ހީލިއަމް ވައިއަޅާފައި ހުންނަ ރަތްކުލާގެ ފުއްޕާހަމެއް ޖައްވަށް ދޫކޮށްލައެވެ. މިގޮތަށް ހަމެއް ހަވަޔަށް ދޫކޮށްލާ އިރަށް ކުދިންވެރިން އައިސް ހަންތައް ގަންނަންފަށަ އެވެ. އާދައިގެ މަތިން ވިޔަފާރި ދަށްވި ވަގުތެއްގައި ރަތް ކުލައިގެ ފުއްޕާ ހަމެއް ޖައްވަށް ދޫކޮށްލި ތަނުން ކުޑަ ކުއްޖަކު އައިސް ހަންވިއްކާ މީހާ ކައިރީގައި ބުނަނީ މައްޗަށް އަރައިގެން ދާކަހަލަ ރަތްކުލާގެ ހަމެއް ވިއްކުމަށެވެ.

ހަން ގަތުމަށް އައި ކުޑަ ކުއްޖާ ކައިރީ ހަން ވިއްކާ މީހާ ބުނެދިނީ ހަން މައްޗަށް އަރާގެން ދަނީ ހަމުގެ ކުލައަކުން ނޫން ކަމަށެވެ. ފުއްޕާހަން މައްޗަށް އަރަނީ ހަމުގެ ތެރޭގައި ހުންނަ ވަކިވައްތަރެއްގެ ވައެއްގެ ސަބަބުން ކަމަށެވެ.

ހަންވިއްކާ މީހާ ބުނީ ވަރަށް ބޮޑު ތެދެކެވެ. މަސައްކަތު މާޙައުލުގައި ބައެއް ފަހަރު އަހަރެމެނަށް ހީވެފައި އޮންނަނީ މީހުން ކުރިއަރައިދަނީ އޭނާ ހަމުގެ ކުލަ ދޮންވީމާ ނުވަތަ ކުލައަލިވެފައި ސިފަ ރީތިވުމުން ކަމަށެވެ. ނުވަތަ އެއީ ވެރިޔާއަށް ވައިޖަހާގެން އުޅޭ މީހަކަށްވާތީ ކަމަށެވެ. އޭގައި ކޮންމެވެސްވަރެެއްގެ ހަގީގަތެއް އޮތްކަމުގައި ވިޔަސް އެއީ މުޅިން ގަބޫލު ކުރަން ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެން ހީވާފަހަރުތަކުގައި ދޭތެރެޖެހޭ ގޮތަށް ނުވަތަ ހަސަދަވެރި ރޫހެއްގައި އެހެންމީހުން ކައިރީ ޗުކުޗުކު ނުލައްވާ، ބޭނުންވާ ކުރިއެރުން ނުލިބޭ ސަބަބާއި މެދު ވިސްނާލުމަކީވެސް އޮތްކަމެކެވެ. އަދި ވެރިޔާއާއި މަޝްވަރާކޮށްލައި އަހާލުމަކީވެސް ކުރެވިދާނެކަމެކެވެ.

އިންޑިއާގެ ބޮލީވުޑްގައި ކުރިއަރަމުން އަންނަ މައްޝޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާ ގާތު، އިންޓަވިއެއްގައި ތިޔަފަދަ ހުނަވެރި، މަޤްބޫލު ރީތި ތަރިއަކު ކަޓްރީނާ ކައިފް މެންފަދަ ތަރިންނަށް ލިބޭ ފުރުޞަތާއި ކުރިއެރުން ނުލިބެނީ ކީއްވެގެންތޯ ސުވާލު ކުރެ އެވެ. އަނުޝްކާގެ ޖަވާބަކީ ކަޓްރީނާއަށް އެހިސާބަށް އެދެވުނީ އެނާ ކޮންމެވެސް ކަންތައްތަކެއް ރަނގަޅަށް ކުރެވުމުން ކަމަށެވެ. އަހަރެން ބަލަންބޭނުމީ ކަޓްރީނާ އެކުރި ކަންތަކަކީ ކޮބާތޯއާއި އެކަންތައްތައް އަހަރެންނަށް ކުރެވޭނެތޯ އެވެ.

އަނުޝްކާގެ އެ އިންޓަވިޔުއިން ފެނިގެން ދިޔައީ އޭނަގެ ޒިންމާދާރު ކަމެވެ. އެއީ އެނާ އަމިއްލައަށް ޒިންމާ ނެގީ އޭނައަށް އިންޓަވިޔު ކުރިމީހާ އެބުނާ ހިސާބަށް ދިއުމަށް ނުކުރެވި ހުރިކަންތައްތަކެއް ހުރިކަމާ އެކަންތައްތައް ކުރުމުގެ ޒިމާ އަމިއްލައަށް ނެގީއެވެ. އެހެން މީހެއްގެ ކުރިއެރުމާއިމެދު ހަސަދަވުމަކުން ކުރިއަކަށް ނުދާނެއެވެ. ކުރިއަރާނީ މީހާ ކުރާ ކަމަކުންނެވެ.

ހަޤީގަތަކީ މަސައްކަތު މާހައުލުގައި ބައެއް މީހުންނަށް ވަޒީފާގެ ކުރިއެރުން ލިބުން، މުސާރަ ބޮޑުވުން، އިނާޔާތްތައް ލިބިގެން މިދަނީ އެމީހެއްގެ ކިބައިގައި ހުރި ކުޅަދާނަކަމެއްގެ ސަބަބުންނެވެ. މަސައްކަތު މާހައުލުގައި އެމީހާގެ ބޭނުންތެރިކަން އޮތް ވަރެއްގެ މައްޗަށް ކުރިއެރުމަކީ އުފެދެމުން އަންނަ އެއްޗެކެވެ. އެމީހެއްގެ އުފެއްދުންތެރި ކަމާއި ކިޔެވިފައި ހުރި ފެންވަރާއި މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި ނަތީޖާ ހާސިލު ކުރަން ގަދައަޅާއި ކުރާ މަސައްކަތާއި އެ ކަންކަމަކީ އެމީހަކަށް ލިބިފައިވާ އިހްތިޔާރާއި ބާރެވެ. މިއީ އެމީހެއްގެ އެތެރޭގައި ހުންނަ ވައިގެ ހަކަތައެވެ. މިވައިގެ ސަބަބުން މައްޗަށް އަރައިގެން ދިއުމަކުން މައްސަލައެއް ނެތެންނުންތޯއެވެ.

މަސައްކަތު މާހައުލުގައި ކުރިއަރައި ދިއުމުގެ ގާބިލުކަން ނެތްމީހަކު ކިތަންމެ ވަރަކަށް ވައިޖެހިއަސް ކުރިއެއް ނާރާނެއެވެ. އެއީ އެނާ ޖަހާ ވައިން ފުއްޕާހަން ގޮތަށް މައްޗަށް އަރައިގެން ދާނެ ހަކަތައެއް ނުނިކުންނާނެތީ އެވެ. ކޮންމެ ވައްތަރެއްގެ ވައެއް އެޅުމަކުން ފުއްޕާހަން މައްޗަކަށް ނާރާނެއެވެ. ފުއްޕާހަން މައްޗަށް އަރާނީ ހަކަތަ ހުރިވައި އަޅައިގެނެންނެވެ. މިދެންނެވި ވައިގެ ބޭނުން އެކަށީގެންވާ ގޮތަށް ބޭނުންކުރާ މީހުން، ފެންނަނީ މަސައްކަތު މާހައުލުން އެހެންމީހުންނަށްވުރެ އަލިކޮށެވެ. ރަތްކުލައިގެ ފުއްޕާހަން ފަދަ ގޮތަކަށެވެ.

ހުނަރާއި ގާބިލުކަމާއެކު މަސައްކަތް ކުރުމުގެ ހިތްވަރު ނެތް މީހުނަށް ކުރިއަރައިގެންދާ އެހެން މީހުންނަކީ ވެރިންނަށް ވައިޖައިގެން އުޅޭމީހުންނެވެ. އެމީހުންގެ ނާގާބިލުކަން ފޮރުވަނީ އެހެންމީހުންގެ ބޮލުގައި ވައިއަޅުވައިގެން އުޅޭކަމުގެ އިލްޒާމް އަޅުވައިގެންނެވެ.

ގަބޫލު ކުރަންޖެހޭ ހަޤީގަތަކީ، ލިބިފައިވާ ހުނަރާއި ގާބިލު ކަމުގެ ބާރު ބޭނުންކޮށްގެން ކުރިއަރާ ދިއުމަށް ވެރިންނަށް ވައިޖަހަން ނުޖެހޭކަމެވެ. ފުއްޕާހަން ފަދައިން އަމިއްލަައަށް މައްޗަށް އަރައިން ދިއުމުގެ ގާބިލުކަން ހުންނަ މީހުންނާމެދު ހަސަދަވެރިވެގެން ފާޑު ފާޑުގެ ވާހަކަތައް އުފަންކޮށްގެން ދައްކާނެއެވެ. އުފާކުރަންވީ ހަސަދަވެރިވާ މީހުން ހަސަދަވެރިވަނީ ތިމާގެ ކިބާގައި ހުނަރާއި ގާބިލު ކަމެއް ހުރުމުން ކަމެވެ.

މިމަޒުމޫނުވަނީ ވީނިއުސްގައި 2 ނޮވެމްބަރ 2014ގައި ޝާއިއުކުރެވިފައެވެ.