ރާއްޖޭގައި ވިޔަފާރި ކުރާ ބޭންކުތަކުން ލޯނެއް ހޯދޭނީ ހަމެއް ދުއްވާލައިގެންނެވެ. އަދި ލޯނެއް އަތްމަތިވާއިރު ލޯނުގެ އިންޓްރެސްޓް ރޭޓް ވެސް އެހެން ގައުމުތަކަށް ވުރެ ބޮޑެވެ. މީގެ އިތުރުން ބައެއް ހާލަތްތަކުގައި ލޯނު ދޫކުރާ އޮފިސަރު އަތުގައި ލޯޝަން އުގުޅައިދީގެން ނޫނީ ލޯން ހަމަޖެހޭ ކަމަކަށް ވެސް ނުވެ އެވެ.
މިދިޔަ ބުދަދުވަހު ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި، ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކަށް ލޯން ނުލިބޭ ކަން ރާއްޖޭގެ ބޮޑެތި އިންވެސްޓަރުން ހާމަކުރި އެވެ. ބޭންކުތަކުގެ ސޭލްސް ޓާގެޓް ހަމަވަންދެން ލޯން ދޫކޮށްފައި ވަނީ މިފަދަ އިންވެސްޓްރުންނަށް ކަމުގައި ވިޔަސް ހަގީގަތަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ހެދުމަށް ބޭނުންވާ ލޯން، ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުން ލިބެން ނެތް ކަމެވެ.
ބޮޑެތި ވިޔަފާރިތަކަށް ބޭނުންވާ ލޯންތައް ހަމަޖައްސައިދިނުމަށް ފަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ދިނުމަށް ބޭންކުތަކުގެ ޝައުގުވެރިކަން ވަރަށް ކުޑަ އެވެ. އެހެނަސް، ގައުމެއްގެ ނަޒަރިއްޔާތުން ދެކޭއިރު، އުފައްދާ ވަޒީފާ އާއި އިގްތިސާދަށް ކުރާ ހިއްސާއަށް ބެލި ނަމަވެސް، ބޮޑެތި ވިޔަފާރިތަކަށް ވުރެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ވަކި ކުޑައެއް ނޫނެވެ.
ބޭންކުތަކުން ލޯނު ދޭއިރު ބަލާނީ ވީހާ ވެސް ރިސްކު ކުޑަ ގޮތެކެވެ. ބޮޑެތި ވިޔަފާރިތަކަށް ފޯރުކޮށްދޭ ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ބޮޑެވެ. އަދި ލޯނު ނުދެއްކޭ ހާލަތެއް އަތުވެއްޖެ ނަމަ ވެސް ވިއްކާލެވޭ ފަދަ ހަރުމުދާ ހުންނާނެ އެވެ.
ރާއްޖޭގައި ހިންގާ ބޮޑެތި ބޭންކުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް ނިސްބަތްވާ އެ ގައުމުތަކުގެ ގައުމީ ބޭންކުތަކެވެ. އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގެ އިގްތިސާދު މިފަހުން އެދަނީ ބާރުލާ ކުރިއަރަމުންނެވެ. އެހެންކަމުން މި ބޭންކުތަކުން އަޅުގަނޑުމެންގެ އިގްތިސާދަށް ފައިސާ އެޅުމުގެ މަގްސަދެއް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ މި ބޭންކުތަކުގެ ޝައުގުވެރިކަމުގެ ފުށުއެރުމެއް އުޅޭނެތީ އެވެ.
ދެން އޮތީ އެހެން ބޭންކުތައް ރާއްޖެ ގެނެސްގެން ލޯނު ފައިސާ އިތުރުކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. އަޅުގަނޑުމެންގެ އިގްތިސާދު ކުޑަކަމުން ގިނަ ބޭންކުތަކެއް ފައިދާ ހުރި ގޮތަކަށް އޮޕަރޭޓްކުރެވިދާނެތޯ އެއީ ވެސް ވިސްނާ ބަލަން ޖެހޭ ކަމެކެވެ.
އަޅުގަނޑުމެންގެ އިގްތިސާދަށް ފައިދާވާ ގޮތަށް ބޭންކުތައް ރެގިއުލޭޓްކުރުމަކީ މިހާރު ވިސްނަން ވެއްޖެ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ބޮޑެތި ވިޔަފާރިވެރިން، މިކަމަކަށް ގަބޫލެއް ނުވާނެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް ތެރެއިން މިފަދަ ކަމެއް ފާސްވެގެން ނުކުތުމުގެ ފުރުސަތު ވަރަށް ހަނިވާނެ އެވެ. އެއީ ބޭންކުތަކުން މިހާރު ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އަދަދު އެކި ފަންތީގެ ވިޔަފާރިތަކަށް ބައި އެޅިގެން ދާން ވެއްޖެ ނަމަ އެމީހުނަށް ލިބޭނެ ލޯނުގެ އަދަދު ކުޑަވެދާނެ ކަމުގެ ބިރަށެވެ. ތައުލީމު ހާސިލުކުރުމަށް، ބޭންކުތަކުން ލޯން ދޫކުރަން ލާޒިމްކުރާ ބިލެއް މީގެ އަހަރުތަކެއް ކުރިން މަޖިލީހުން ބޭރުކޮށްލީ މިނިވަން ވިޔަފާރިއަށް ހުރަސްއެޅޭ ކަމަށް ބުނެ އެވެ.
ފަހުން އަޅުގަނޑުމެނަށް ފެނިގެން ދިޔައީ ރާއްޖޭގެ ގައުމީ ބޭންކު، "ބޭންކު އޮފް މޯލްޑިވްސް" އިން ތައުލީމު އުނގެނުމަށް ލޯނު ފުރުސަތު ހުޅުވާލި ތަނެވެ. މިއީ އަޅުގަނޑުމެންގެ ގައުމީ ބޭންކުގެ އެކަނި ޒިންމާއެއްތޯ އެވެ؟ ކިޔެވުމަށް ލޯން ދިނުމާއި ގެދޮރު އެޅުމާއި ގެ ގަތުމަށް ލޯނު ދިނުމާއި ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކަށް ލޯން ދިނުމަކީ އަޅުގަޑުމެންގެ އިގްތިސާދުން ފައިދާ ނަގާ ހުރިހާ ބޭންކުތަކަށް ލާޒިމް ކަމަކަށް ވާން ޖެހެ އެވެ.
ބޭންކުތަކުގެ ވާދަވެރިކަން އުފެދިގެން ނޫނީ އިންޓްރެސްޓް ރޭޓް ކުޑައެއް ނުވާނެ އެވެ. ނިމިދިޔަ ފައިނޭންޝަލް އެކްސްޕޯގައި ވާހަކަދައްކަވަމުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަދި ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ރިލްވާން ޝަރީފް ވިދާޅުވެފައި ވަނީ ރާއްޖެއިން ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓްގައި ލޯނު ލިބޭ އިރު ބޭރުން ހަތަރު ޕަސެންޓް އިންޓަރެސްޓް ރޭޓްގައި ލިބެން ހުންނަ ކަމަށެވެ.
ވާދަވެރިކަން ނެތް މާހައުލެއްގައި ވާދަވެރިކަން މެނޭޖްކުރެވޭނެ ގަވާއިދުތަކެއް ތާއަރަފްކޮށް އަޅުގަނޑުމެންގެ އިގްތިސާދަށް ފައިދާ ކުރާނެ ގޮތަށް ބޭންކިން ދާއިރާ ބައްޓަންކުރަން ޖެހެ އެވެ. އެހެންނޫނީ އަޅުގަނޑުމެނަށް ފެންނާނީ އަޅުގަނޑުމެންގެ އިގްތިސާދީ ވިޔަފާރީގެ ބޭނުންތަކަށް ވުރެ މާފަހަތުން ހަރަކާތްތެރިވާ، ފިނިހަކަ ދުވެލީގައި ހިނގާ ބޭންކުތަކެކެވެ. މިހާރު މިފެންނަނީ އެ މަންޒަރެވެ. ތަޖްރިބާ ކުރަމުން މިދަނީ އެކަމެވެ. މިކަން ބަދަލުކުރުމުގެ ހިތްވަރާއި ވިސްނުމާއި ގާބިލުކަން އިގްތިސާދީ ކަންކަން ރެގިއުލޭޓްކުރާ ފަރާތުގައި ހުންނަން އެބަ ޖެހެ އެވެ.
މިމަޒްމޫންވަނީ 9 ނޮވެމްބަރ 2015 ގައި ހަވީރު ނޫހުގެ ޝާއިއު ކުރެވިފައެވެ. ކޮމެންޓްތައް އެހުރީ ހަވީރު ނޫހުގައި ހުރިގޮތަށެވެ.