ކުޑައިރު އަޅުގަނޑުމެން އެންމެންވެސް އޮންނާނީ މުސަޅާއި ކަހަނބުގެ ރޭހުގެ ވާހަކަ އަޑުއަހާފަ އެވެ. އަޅުގަނޑުމެން އަޑުއަހާފައި އޮންނަ ގޮތުން މުސަޅާއި ކަހަނބު ކޮންމެވެސް ކަމާ ދެބަސްވެގެން މައްސަލަ ހައްލުކުރަން ގަސްދުކުރީ ރޭހެއް ބާއްވައިގެންނެވެ. ރޭހުގައި ކަންހިނގި ގޮތަކީި މުސަޅު ބޮޑާވެ ގަހެއްގެ ހިޔަލުގައި ނިދާލާފައި ހޭލިއިރު ކަހަނބު ރޭސް ނިންމަނީ އެވެ. ދެން މުސަޅު ދުއްވައިގަނެގެން ރޭސް ނިންމާ ހިސާބަށް ފޯރި އިރު ކަހަނބު ރޭސް ނިންމައިފި އެވެ.

މިވާހަކައިން އަޅުގަނޑުމެނަށް ލިބިދޭ އިބްރަތަކީ މަޑުމަޑުން އެއްވަރެއްގައި ހިފައްޓައިގެން މަސައްކަތްކުރާނަމަ ކާމިޔާބުވާނެކަމެވެ.

މިދެންނެވި ރޭހަށް ފަހު މުސަޅާއި ކަނހަބުގެ އެހެން ރޭސްތަކެއް ބޭއްވިކަން އެނގިވަޑައިގަންނަވާތޯ އެވެ. އެރޭސްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވައިދޭނަމެވެ.

މިދެންނެވި ރޭހަށްފަހު މުސަޅު އޮތީ ވަރަށް ހިތްނުތަނަވަސްވެފަ އެވެ. އެހެންކަމުން މިރޭހުގައި ކަންކަން ވީގޮތާ މެދު މުސަޅު ވިސްނައި ކަންވީގޮތް ދެނެގެންފި އެވެ. މުސަޅަށް އެނގުނީ މުސަޅަށް މާބޮޑަށް އަމިއްލަ ނަފްސާދޭތެރޭ އިތުބާރު ކުރެވުނީކަމާއި ރޭސްޖެހިއިރު ފަރުވާ ކުޑަކުރެވުނުކަމާއި ކަންނެތްކަން އިސްކުރެވުނުކަމެވެ. މިކަންކަމަށް މުސަޅު ސަމާލުކަން ދިންނަމަ ރޭސް ވަރަށް ބޮޑުތަނަކުން ކާމިޔާބު ކުރެވޭނެކަމާއި ކަހަނބަށް މުސަޅު ބަލި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން މުސަޅަށް ވިސްނިއްޖެ އެވެ.

މިދިރާސީ ވިސްނުމަށްފަހު މުސަޅު ގޮސް ކަނހަބު ކައިރީ އަލުން ރޭހެއް ބޭއްވުމަށް އެދިއްޖެ އެވެ. މިރޭހާ ދޭތެރޭ ކަނހަބު ރުހި ގަބޫލު ވެސްވެއްޖެ އެވެ. މިފަހަރު މުސަޅު ރޭސް ފެއްޓިގޮތަށް ހުއްޓުމެއްނެތި ދުވަމުން ދުވަމުން ގޮސް ބޮޑުތަފާތަކުން ކަހަނބު ބަލިކޮށް މުސަޅު ރޭސް ނިންމާލައިފި އެވެ.

މިރޭހުން ލިބޭ އިބްރަތަކީ މަޑުމަޑުން އެއްވަރެއްގައި ކުރެވޭ މަސައްކަތްކަތުގެ މައްޗަށް އަވަހަށް އެއްވާނެއްގައި ކުރެވޭ މަސައްކަތް ގަދަވެގަންނާނެކަމެވެ. މިސާލަކަށް މުއައްސަސާއެއްގައި މަސައްކަތްކުރާ ދެމީހުންކުރެ އެކަކީ މަސައްކަތްކުރުމުގައި ވަގުތު ނަގާ، އެކަމަކު ކަންކުރާނެކަމުގެ ޔަގީންކަން އޮންނަ މީހެކެވެ. އަނެއް މީހަކީ މަސައްކަތް ކުރުމުގައި ވަރަށް އަތްމަތި އަވަސް އަދި އަވަހަށް މަސައްކަތް ނިންމާލާ މީހެކެވެ. އެ ދެ ދެމީހުންގެ ތެރެއިން ބާރަށް ކުރިއަރާދާނީ ލަހުން ތަރުތީބުން މަސައްކަތް ނިންމާ މިހާއަށް ވުރެ ޔަގީންކަމާއެކު އަވަހަށް މަސައްކަތް ނިންމާ މީހާ އެވެ.

މިހިސާބުން އަދި މިވާހަކަ ނިންމާލެވޭކަށް ނެތެވެ.

މިފަހަރު ކަހަނބު ރޭހުން ބަލިވުމުން، ބަލިވުމުގެ ސަބަބުތަކާ ދޭތެރޭ ވިސްނަން ފައްޓައިފި އެވެ. ކަހަނބަށް ވިސްނުނީ ރޭސް ރޭވިފައި އޮތްގޮތުން މުސަޅު ބަލިކުރުމަކީ ނާދިރު ކަމެއް ކަމެވެ. ރަނގަޅަށް ވިސްނުމަށްފަހު މުސަޅު ކައިރީ އަލުން ރޭހެއް ބޭއްވުމަށް އެދިއްޖެ އެވެ. މުސަޅު ރޭހެއް ޖެހުމަށް ގަބޫލުވުމުން، ކަހަނބު ހުށައެޅީ މިފަހަރު އެހެން މަގަކުން ރޭސް ބޭއްވުމަށެވެ.

ރޭސް ފެއްޓުމާއެކު ކުރީ ރޭހާއި އެއްގޮތަށް މަޑުޖެހުމެއްނެތި އެއްވާނެއްގައި ބާރަށް މުސަޅު ދުވަން ފަށައިފި އެވެ. ރޭސް ޖަހަން އޮތްމަގުން ގޮސް މުސަޅަށް އާދެވުނީ އަތިރި މައްޗަކަށެވެ. ރޭސް ނިންމަން އޮތީ ކަނޑު ހުރަސްކޮށް، ކިލޯމީޓަރެއްހާ ދުރުގައި އޮތް ރަށަކަށެވެ. ކަނޑު ހުރަސްކޮށް މުސަޅަށް ނުދެވޭތީ މުސަޅު ޖެހުނީ އަތިރިމަތީ މަޑުކޮށްލައިގެން އޮންނާށެވެ. ކަހަނބު މަޑު ދުވެލީގައި އައިސް ކަނޑުހުރަސްކޮށް ޖެހިގެން އޮތް ރަށަށް ދަތުރުކޮށް ގޮސް ރޭސް ނިންމައިފި އެވެ.

މިވާހަަކައިން ލިބޭ އިބްރަތަކީ ތިމާއަށް ރަނގަޅަށް މޮޅަށް ކުރެވެނީ ކޮންކަންތައްތަކެއްތޯ ދެނެގަނެ އެކަންކަން ކުރެވޭގޮތަށް ތިމާ މަސައްކަތްކުރާ މާހައުލު ބަދަލުކޮށްލުމުގެ މުހިއްމު ކަމެވެ. ތިމާއަކީ ރަނގަޅަށް އެއްޗެހި ޑިޒައިން ކުރުމުގެ ހުނަރު ހުރި މީހެއްނަމަ މި ހުނަރު ދައްކާލެވޭ ކަހަލަ ފުރުސަތެއް ހޯދައި ގަންނާށެވެ. އޭރުން ވެރިންގެ ސަމާލުކަން ތިމާއަށް ދާދި އަވަހަށް ލިބިދާނެ އެވެ. މިފަދަ ފުރުސަތުގެ ސަބަބުން ތިމާ އޯގަނައިޒޭޝަންގައި ކުރިއަށް ދިއުމުގެ މަގު ހުޅުވެން ފަށާނެ އެވެ.

މިހިސާބުން އަދި މުސަޅާއި ކަހަނބުގެ ވާހަކަ ނިމުމަކަށް ނާދެ އެވެ. މިހާގިނަ ވާދަވެރި ރޭސްތަކެއް ބޭއްވުމުގެ ސަބަބުން ދެމީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ގާތްކަމެއް ވަނީ އުފެދިފަ އެވެ. އެހެންކަމުން ދެމީހުން ވަނީ އެންމެފަހުން ބޭއްވުނު ރޭހާ މެދު މަޝްވަރާކޮށްފަ އެވެ. މަޝްވަރާކުރެވުމުން ދެމީހުންނަށް އެއްބަސްވެވުނީ އެންމެފަހުގެ ރޭސް މިއަށްވުރެ ރަނގަޅަށް އަދި ފުރިހަމަކޮށް ބޭއްވުނީސްކަމުގަ އެވެ. އެހެންކަމުން ދެމީހުން އެއްބަސްވީ އަލުން ރޭހެއް ބޭއްވުމަށެވެ. އަދި މިއީ އެންމެ ފަހުގެ ރޭސްކަމަށާއި ރޭސްޖަހާނީ އެކަކު އަނެކަކަށް އެހީތެރިވެގެން ކަމަށެވެ. ރޭސްޖަހާނީ ކަނހަބު އެދިގެން އެންމެ ފަހުގެ ރޭސް ބޭއްވި މަގުންކަމަށްވެސް ދެ މީހުން އެއްބަސްވި އެވެ.

ރޭސްފެށުމާއެކު މުސަޅުގެ ބުރަކަށިމައްޗަށް ކަހަނބު އަރުވައިފި އެވެ. ރޭސް ފެއްޓިގޮތަށް މުސަޅު ހުއްޓުމެއްނެތި އެއްވާނެއްގައި ދުވަން ފައްޓައިފި އެވެ. ދުވަމުންގޮސް އަތިރިމައްޗަށް އާދެވިއްޖެ އެވެ. މިހިސާބުން މުސަޅު ކަހަބުގެ މައްޗަަށް އަރައިފި އެވެ. ކަހަނބު މުސަޅު ގޮވައިގެން މޫދަށް އެރިއްޖެ އެވެ. އަދި އިސާހިތަކު ކަނޑު ހުރަސްކޮށް ރޭސް ނިންމަށް ކަނޑައަޅާފައި އޮތް ރަށުގެ ގޮނޑުދޮށަށް އަރައިފި އެވެ. މިހިސާބުން ކަނހަބު މުސަޅުގެ ބުރަކަށިމަތީ އޮވެގެން ގޮސް ދެމީހުން އެކުގައި ރޭސް ނިންމާލައިފި އެވެ.

މުސަޅާއި ކަހަނބުގެ އެންމެފަހުގެ ރޭހަކީ އިބްރަތުން ފުރިގެންވާ ރޭހެކެވެ. އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅަކީ ވަކި ފަރުދުންގެ ގޮތަށް ލިބިފައިވާ ހުނަރާއި މޮޅުކަންކަން އަޅުގަނޑުމެން ކިބާގައި ހުރިކަމުގައި ވިޔަސް އެންމެން އެކުގައި ޓީމެއްގެ ގޮތުގައި މަސއްކަތް ކުރުމުގެ ރޫހު އަޅުގަނޑުމެން ކިބައިގައި ނެތްނަމަ އަޅުގަނޑުމެން ފަރާތުން ނިކުންނާނީ މެދު މިންވަރެއްގެ އުފެއްދުންތެރިކަމެއްކަމެވެ. މަސައްކަތު މާހައުލުގައި ތިމާއަށް އެންމެ ރަނގަޅަށް ނުކުރެވޭ ކަންތައް އެހެން މީހަކު ވަރަށް ރަނގަޅަށް ކޮށްލާތަން ތަޖުރިބާ ކުރަންޖެހޭތަން އަންނާނެކަމެވެ.

ޓީމާއެކު މަސައްކަތްކުރުމަކީ އެހެން މީހުންނަށް ރަނގަޅަށް މޮޅަށް ކުރެވޭ ކަންކަމުގައި އެމީހުންނަށް އިސްނަގައިގެން ކުރިއަށް ދިއުމަށް ފުރުސަތު ލިބޭ ހާލަތްތަކުގައި އެމީހުންނަށް ލީޑަޝިޕް ދެއްކުމުގެ ޖާގަ ދީގެން ކުރިއަށް ދިޔުމެވެ. މީގެ އިތުރުން ކިތަންމެ ފިލާވަޅެއް މުސަޅައި ކަހަނބުގެ ރޭހުން އަޅުގަނޑުމެނަށް ލިބިގަނެވިދާނެ އެވެ.

މުސަޅާ ކަހަނބުވެސް ބަލިވުމުން ބަލި ގަބޫލުކުރިޔަސް މަސައްކަތް ކުރުން ހުއްޓައެއް ނުލަ އެވެ. މުސަޅު ފުރަތަމަ ރޭހުން ބަލިވުމުން ހިތްވަރުލައި ޖެހިގެން އޮތްރޭހުގައި ކުރިއަތުލި އެވެ. ކަހަނބު އަބަދުވެސް މަސައްކަތްކުރަމުން އައީ އެއަށް ކުރެވޭ އެންމެ ރަނގަޅަކަށް މަސައްކަތްކުރާށެވެ. އެހެންކަމުން ކަހަނބު ބަދަލުކުރަމުން އައީ މަސައްކަތްކުރަނާނެ މަގެވެ.

ހަޔާތުގައި ނާކާމިޔާބުވާ ބައެއް ފަހަރުތަކުގައި އަޅުގަނޑުމެން ހިތްވަރުލައި އަލުން މަސަކްކަތް ކުރަންޖެހެ އެވެ. ބައެއް ފަހަރަށް މަސަކަތް ކުރާގޮތް ބަދަލުކުރަންޖެހެ އެވެ. އަދި ކާމިޔާބު ހޯދުމަށްޓަކައި ބައެއްފަހަރު ދެކަންކަންތައްތައް އެކުގައި ވެސް ކުރަންޖެހިދާނެ އެވެ.

މުސަޅާއި ކަހަނބުގެ ވާހަކައިން ލިބުނު އަނެއް ދަރުސަކީ ވާދަވެރިންނާ ވާދަކުރުން ހުއްޓާލައިފިނަމަ ވާނެގޮތާއި ހާލަތަށް ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވާދަކުރުމުން އެދެވެރިންނަށް މާރަނގަޅަށް މަސައްކަތްކުރެވުނުކަމާއި އެކަމުގެ ނަތީޖާ އެވެ.

ބައެއް ފަހަރު އަޅުގަނޑުމެންގެ މަސައްކަތު މާހައުލުން ފެންނަނީ ވާދަވެރިކަމެވެ. ސިޔާސީ މަސްރަހުން ފެންނަނީ ޖަވާބުދާރީ ކުރުމުގެ ނަމުގައި ހާލަތަށް ސަމާލުކަން ނުދީ ވާދަކުރާ ތަނެވެ. ދެބަސްވާންޖެހޭ ފަހަރުތަކުގައި މުސަޅާއި ކަހަނބު ފަދައިން ރޭސް ޖައިގެން ރައްޔިތުންނަށް ދިމާވެފައިވާ ހާލަތެއް ބަދަލެއް ނުކުރެވޭނެ އެވެ. ވާދަވެރި އިންތިހާބު ބޭއްވުމަކުން އަދި ގައުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ އެވެ. އިންތިހާބީ ރޭސްތައް ކިތަންމެ ގިނައިންވެސް ބޭއްވިދާނެ އެވެ. ނަމަވެސް ހާލަތަށް ސަމާލުކަންދީ "ހަމަ" ވިސްނުމުގައި "ހަމަ" ބަދަލުނުކުރާހާ ހިނދަކު އަޅުގަނޑުމެން އެދޭ ކުރިއެރުން އެންމެ ހަލުވިކާމާއެކު އަޅުގަނޑުމެންނަށް ލިބެމުން ނުދާނެ އެވެ.