މިފްކޯ ވަނީ ވޭތުވެ ދިޔަ 3 އަހަރު ގެއްލުމާއި ކުރިމަތިވެގެން ކުންފުނި ބައިބައިކޮށް ވަކި 3 ކުންފުންޏެއް އުފަންކޮށްފައެވެ. މިހާރު އިވެމުން ދަނީ އަލުން އިހުއޮތް މިފްކޯއަށް ބަދަލުކުރުމުގެ މަޝްވަރާކުރަމުންދާ އަޑެވެ. މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ޖިހާދުވަނީ 31 ޖުލައި 2012 ގައި ހަވީރުނޫހަށް މައުލޫމާތު ދެއްވާފައެވެ. މިފްކޯއަށް ބަދަލު ގެނައުމުގެ ކުރިން ވިސްނާލަންވީ ބައެއް ކަންކަން އެބަހުއްޓެވެ.

- މިފްކޯއަކީ އެއްވެސް އިރެއްގައި ސަރުކާރަށް ބޮޑު ފައިނޭންޝަލް ފައިދާއެއް ލިއްބައިދީފައިވާ ކުންފުންޏެއްނޫނެވެ.

- މަސްވެރިކަމުގެ ސިނާއަތު މިހާރު ޕްރައިވެޓައިޒް ކުރެވިފައިވާތީ މިފްކޯ ވެސް އުޅެންޖެހެނީ ވަރަށް ވާދަވެރި މާހައުލެއްގައެވެ. ކުރިން މަސްގަންނަން ލިބުނު ވަރަށް މިފްކޯއަށް މިހާރު މަހެއްނުލިބެއެވެ. ވާދަވެރި މާހައުލެއްގައި ވިޔަފާރި އުސޫލުން ވާދަކުރުމުގެ ގާބިލްކަން މިފްކޯގެ ކިބައިގައި މިހާރު ހުރިތޯ ބަލަންޖެހެއެވެ.

- މިފްކޯގެ ހަރުމުދާ އަލަށް އުފަންވި ކުންފުނިތަކުގެ މެދުގައި ބަހާލިއިރު އެކަން އެންމެ އެކަށީގެންވާގޮތަށް ކޮށްފައި ނެތުމަކީ ކުންފުނި ކުރިން އޮތްގޮތަށް ރުޖޫޢަ ކުރަންޖެހޭ ސަބަބެއްތޯ މިއީ ސުވާލުއުފައްދަންވީ ކަމެކެވެ. މިހުންނަނީ ލިޔެކިޔުމުން ރަނގަޅުކުރެވިދާނެކަންކަމެކެވެ.

- އަލަށް އުފެދުނުކުންފުނި ތަކުން ގެއްލުމެއްނުވެއެވެ. އެހެންކަމަށްވަނީނަމަ އަލުން ހުރިހާ ކުންފުނިތައް އެއްކުރުމުގެ ވިސްނުން މިއަންނަނީ ކީއްވެހެއްޔެވެ؟ ކުންފުނިތައް އެއްކޮށްގެން 3 އަހަރުމަތިން މިފްކޯއަށް ވެފައިވާ ގެއްލުން އަނބުރާ ހޯދިދާނެ ކަމަކަށް ނުފެނެއެވެ.ސަބަބަކީ މިފްކޯގެ ފައިދާ އާއި ގެއްލުން ގުޅިފައިވަނީ މިފްކޯ ބައި ބައި ވުމުން ނޫންކަމަށް ވާތީއެވެ. ބައިބައި ވުމުގެ ކުރިންވެސް މިފްކޯއަކީ ބޮޑު ފައިދާއެއް ދެއްކި ކުންފުންޏަކަށް ނުވާތީއެވެ.

- މަސްވެރިކަމުގެ ސިނާއަތުކުރިއަރުވަން ވިޔަފާރިތެރޭގައި ސަރުކާރުން ހަރަކާތް ތެރިވުން އެއީ ޒަމާނީ ހިންގުމުގެ ގޮތެއް ނޫނެވެ. ސަރުކާރުވާން ޖެހޭނީ މިސިނާއތު ރެގިއުލޭޓް ކުރާ ފަރާތަކަށެވެ.މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން މިނިސްޓްރީ އޮފް ފިޝަރީޒްގެ ޕޮލިސީތަކުންނާއި އެކުލަވާލާ ޕްލޭން ތަންފީޒު ކުރުމުން ފުދޭނެއެވެ.

- މިފްކޯ ކުރިން އޮތްގޮތަށް އިއާދަކުރާނަމަ އިތުރު އިންވެސްޓްމަންޓް ބޭނުންވާނެއެވެ. ނަމަވެސް ކުންފުނީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ މިދުވަސްވަރު ސަރުކާރުން ނުވަތަ ބޭންކަކުންވެސް ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.

މިހުރިހާކަމެއް މިހެންހުއްޓާ މިފްކޯ އަލުން އެއްކުރުމުގެ ވިސްނުމެއް ގެންގުޅޭނީ މީގައި ފޮރުވިފައިވާ މަގްސަދުތަކެއް އޮވެގެންކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.