އަޅުގަނޑުމެން ކުޑަ އިރު ޓްރަކްޓަރަށް ކިޔަނީ ރަތްގަނޑެވެ. އެހެން ކިޔަނީ އޭރު ޓްރަކްޓަރު އޮންނަނީ ރަތް ކުލައގައި ކަމަށްވާތީ އެވެ. ހަނދާންވައި ގޮތުން ވިއްޔާ އެއީ 1970ގެ ފަހުކޮޅެވެ.
އެދުވަސް ވަރު މާލެ ތެރޭގައި މާގިނަ އިންޖީނު ލީ ދުއްވާ އެއްޗިއްސެއް ނޫޅެ އެވެ. އެހެންކަމުން މިރަތްގަނޑުގެ އިންޖީނުގެ އަޑު އިވޭ އިރަށް ވަރަށް ބާރަށް ރަތްގަނޑެކޭ ކިޔަމުން ދޮރާށި ދޮށަށް ނުކުމެ ބަލަ ހުންނަމެވެ. ރަތްގަނޑު ގޮސް ކޮންމެވެސް ގޯޅިއެއް އަޅައިގެން އޮބާލަންދެން ބަލަން ހުރެވެއެވެ.
ބައެއް ދުވަސް ދުވަހު ރަތް ގަނޑު ބަލަން ނުކުންނަ އިރު ހިސާބު ގަނޑުގައި އުޅޭ ލާނެއް ކުދިން ރަތް ގަޑުގެ ފޮށިގަނޑުގައި އެލިގަނެގެން ފައިވާން ބިންމަތީ ކާއްތަމުން ދާނެއެވެ. މިގޮތަށް ފައިކާއްތުވަމުން ދިޔުމަށް އަޅުގަނޑުމެން ކިޔަނީ ސުކީޖެއްސުމެވެ.
އެއްދުވަހެކެވެ. އަޅުގަނޑުމެން ގޭ ކައިރިން، މާފަންނު ސަހަރާ ގެ ހުޅަގުން އިއްޒުއްދީނުމަގު ކަންމަތި ހިސާބުގައި އެއްކަލަ ރަތް ގަނޑުގެ ބޮޑު ފުރޮޅު ބިންމައްޗަށް ގަބައިގަނެގެން އެބައުޅެއެވެ. ހިސާބު ގަނޑު އެންމެން ގޭގޭ ދޮރުމައްޗަށް ނުކުމެއްޖެއެވެ. ކޮންމެއަކަސް މިއީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. ރަތްގަނޑު ސަލާމަތްވާންވެގެން ރޭސް ދޭއިރު ވެލި ބުރާ ހިސާބުގައި ކުދިވެރިން ތައް ޝައުގުވެރިކަމާއެކު ބަލަން ތިއްބެވެ. އަޅުގަނޑަށް އޭރު ރަތްގަނޑުގެ ފުރޮޅު ވެސް ފެންނަނީ ވަރަށް ބޮޑުކޮށެވެ. އަދި ރަތްގަނޑު ރޭސް ދިންދިންހެން ފުންމަފުންމައިގެން ދާތަން ހައިރާން ކަމާއެކު ބަލަން ހުރެވުނެވެ. ރަތް ގަނޑުގެ ކުރީބައި ވަކިކޮށްގެންވެސް، ރޭސް ދީގެންވެސް އެތަނުން އޭތި ގުޑައެއްނުލިއެވެ.
އިރުކޮޅަކުން މިތަނުގައި ސަރުދާރަކަށް ހުރި މީހާ ޑްރައިވަރު ކައިރީ މަޑުކޮށްލަން ބުނެފި އެވެ.
ދެން ވާގޮތެއް ބަލަން ހިސާބު ގަނޑު އެންމެ މަޑުމަޑުން ތިބެއެވެ. އިރު ކޮޅަކުން ދެންވާން އުޅޭ ގޮތުގެ ވާހަކަ އެންމެންގެ ތެރޭ ފެތުރިގެންފިއެވެ. ސަރުދާރަށް ހުރިމިހާ ކޮންމެ ވެސް މީހަކު ކައިރީ ބުނި ކަމަށް ވަނީ އެހެން ޑްރައިވަރެއް އެބަ ގެންނަކަމަށެވެ.
ރަތް ގަނޑު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ހުއްޓިފައި އޮތުމާއެކު ހީސަމާސާ ކޮށް ޗުކު ޗުކުތަޅުވާ އަޑު ހިސާބުގަނޑުގައި ގަދަވެއްޖެއެވެ.
އިރުކޮޅަކުން އެވަޤުތަށް އެންމެ މުހިންމު މިހާކަމުގައިވާ މޮޅު ޑްރައިވަރު އަންނަތަން ފެނިއްޖެއެވެ. އެންމެންގެ ނަޒަރު މިވަޤުތު ހުއްޓިފައި ހުރީ މަޖީދީމަގުން މާފަންނު ސަހަރާ ކައިރިން ހުޅަގަށް ހިނގާފައި އަންނަ އާދަނާއި ދިމާއަށެވެ. މި އާދަނު މިހާރު ނިޔާ ވެއްޖެއެވެ. އެންމެ ފަހުން އުޅުނީ ސްޓެލްކޯގައެވެ.
މިޑްރައިވަރަށް ކިޔަނީ އާދަނު ކަމާއި އެނާގެ މައުލޫމާތު އަޅުގަނޑަށް އެނގުނީ އަޅުގަނޑު އަންހެނުންގެ އާއިލާގެ ފަރާތުންނެވެ. ކަންދިމާވި ގޮތުން އާދަނަކީ އެ އާއިލާގެ ރަހްމަތްތެރި އެކެވެ. އަޅުގަނޑަށް އާދަނު ފެނުނީ 1990 ގެ މެދެއްހާ ހިސާބުގައި އެގޭ ތެރެއިންނެވެ. ފެންނައިރަށް މިއީ އެއްކަލަ ރަތްގަނޑު ދުއްވި ހުށިޔާރު ޑްރައިވަރުކަން އެގިއްޖެއެވެ.
[caption id="attachment_924" align="alignleft" width="600"] އަޅުގަނޑު ކުޑައިރު މާލޭގައި ދުއްވާ ވައްތަރުގެ ރަތްގަނޑެއް[/caption]
ކޮންމެއަކަސް، އާދަނު އައިގޮތަށް އައިސް ސަރުދާރަށް ހުރިމީހާއާ ވާހަކަ ދައްކާލައިފިއެވެ. ރަތް ގަނޑާއި ދިމާއަށް ދެމީހުން ބަލަން ތިބެގެން ވަހާކަ ދައްކަނީއެވެ. މި ސައްލާގައި ރަތް ގަނޑު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ޑްރައިވަރު ވެސް ބައިވެރި ވެއްޖެއެވެ.
މަށަށް އިނގިއްޖޭ ބުނާ ކަހަލަ ގޮތަކަށް ބޯ ޖަހާލުމަށް ފަހު، އާދަނު ރަތްގަނޑާ ދިމާލަށް ވަރަށް ހަރުކޮށް ހިނގައިގެންފިއެވެ. އަޅުގަނޑުމެން ކުޅިބަލަން ތިބި އެންމެ ނޭވާ ހިފައްޓާލައިގެން މިހާރު އެތިބީ އާދަނު ދައްކާލާނެ ޗަރުކޭހެއްގެ އިންތިޒާރުގައެވެ. ވަރަށް ފަރިތަކޮށް ރަތްގަނޑަށް އަރައި އިންޖީނު ރޯކޮށްފިއެވެ. އަޅުގަނޑަށް ސިފަވެގެން ދިޔައީ ފިލްމިސްޓާރުން އަހަށް އަރާ މަންޒަރެވެ. ވަރަށް ކެއްތެރި ކަމާ ވިސްނުންތެރިކަމާއެކު ރޭސް ދޭން ފައްޓައިފިއެވެ. އިންޖީނުގެ އަޑުވެސް އަންނަނީ ގަދަވަމުން ނެވެ. ގަދަވަމުން އަންނަ އިންޖީނުގެ އަޑާއި އެކު ނުތަވަސްކަން ބަލަންތިބި ކުދިވެރިންގެ މޫނު މައްޗަށް އަރަމުން ދެއެވެ.
ރަތްގަޑު ތެޅިގެންފައި ފުންމަ ފުންމައިގެން އަރަނީއެވެ. ނަމަވެސް ފަސްގަޑުން މައްޗަށް އަރާ ގޮތެއް ނުވިއެވެ. މިގޮތަށް އާދަނު ކުޑައިރު ކޮޅަކު މަސައްކަތް ކޮށްލިއެވެ. އާދަނަށް ވެސް ވީ ހަމަ ކުރީ ޑްރައިވަށް ވެސް ވީވަރެވެ. އާދަނު ރަތްގަނޑުން ފައިބައިފިއެވެ. ސަރުދާރާއި ކުރީގެ ޑްރައިވާރާއި ތިން މީހުން އަނެއްކާވެސް މަޝްވާރާތަކެއް ކޮށްފިއެވެ.
ދެން ފެނުނީ ރަތް ގަޑުގެ ފަހަތުބައި ގެނެސް ގުޅުވާލިތަނެވެ. އަނެއްކާވެސް އާދަނު ރަތްގަޑު ދުއްވާލެވޭތޯ ބަލައިފިއެވެ. ވާގޮތެއް ނުވިއެވެ. ކުއްލިއަކަށް އާދަނު ރަތްގަނޑުން ފުންމާލައިފި އެވެ. އަދި އަތުން ހަނާއަޅާ، ހިސާބު ގަޑުގެ ކުދިވެރިންނަށް ރަތް ގަނޑުގެ ފޮށިގަނޑަށް އެރުމަށް ދައުވަތު ދީފިއެވެ.
ދުއްވާ އެއްޗަކަށް އެރުމުގެ ފުރުސަތު ލިބުމުން، ހިސާބުގަނޑުގައި ތިބި ކުދިވެރިންތައް ހައްޓަކު ހެޔެއްނެތެވެ. ރަތްގަނޑުގެ ފޮށިގަނޑަށް ރާސްލާފައި އަރާ ފުރާލައިފިއެވެ. ހުރިހާ ކުދިން ރީއްޗަށް މަޑުމަޑުން ތިބުމަށް އަދާނު ނަސޭހަތްދީފިއެވެ. ފޮށިގަނޑު ތެރޭގައި ތިބި ކުދިންތަކުގެ މޫނުމަތިން ފެންނަނީ ހިތްއަވަސް ވެފައިވާ މަންޒަރެވެ. އެކުދިން ވަރަށް ހިނި އައިސްފައި އެހެންނަމަވެސް ދެންވާނެ ގޮތެއްގެ ފިކުރުގައި ހިމޭނުން ތިއްބެވެ.
އާދަނު ރަތްގަނޑަށް އަރާ އިންޖީނު ރޯކޮށްލުމަށްފަހު މަޑު މަޑުން ރޭސްދޭން ފައްޓަފިއެވެ. ކުޑަކޮށް ފަހަތަށް ކަޅިއެއް އެއްލަމުން ރަތްގަނޑު ކުރިއަށް ޖަހައެވެ. ހިނދުކޮޅެއް ތެރޭ ރަތްގަނޑު އޮތް ވަޅުގަނޑުން ސަލާމަތްކޮށްފިއެވެ. ވަރަށް ވެސް މޮޅޭ ހިތަށް އަރާ ފުންނޭވައެއް އަޅުގަނޑަށް ލެވުނެވެ.
ކުޅިބަލަން ތިބި މީހުންގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ކޮންމެ މީހަކަށް ވެސް ހީވި އެމީހަކަށް ލިބުނު ބޮޑު ކާމިޔާބެއްކަމުގައެވެ. ސަބަބަކީ އެހާއިރު ވީއިރު މަންޒަރު ބަލަން ތިބި އެންމެމެތިބީ ގާތްގަނޑަކަށް އެމަސައްކަތުގައި ޝާމިލުވެވިފައެވެ.
ރަތްގަނޑަށް އެރި ކުދިންތައް ގޮވައިގެން އާދާނު މަޖީދީމަގުން އިރަށް ދުއްވަން ފައްޓައިފިއެވެ. ރަތްގަނޑު މަޖީދީމަގު ހުރިގޮތަށް ގޮސް މާކަރީ ލައިޓް ކައިރިން ވާއަތަށް ލަބާލައިފިއެވެ. މީހާރު ނަމަ ނަލަހިޔާ/ ސަންފުރަންޓް ކައިރިންނެވެ.
ރަތްގަނޑުގޮސް އޮބާލި ދިމާއަށް ބަލަހައްޓައިގެން އަޅުގަނޑު ހުރީމެވެ. އާދެ! ރަތްގަނޑު އެނބުރި އަންނާނެކަމުގެ އުންމީދުގައެވެ. ގައިމުވެސް ރަތްގަނޑަށް އަރައިގެން ދިޔަ ކުދިންތައް އަންނަންވާނޭ ހިތަށް އަރާތީއެވެ. އެޔަށް އެރުނަމައޭ ހިތާހިތުން ކިޔަން ހުރެވުނެވެ.
ރަތްގަނޑުގެ އިންތިޒާރުގައި ހުރެވުނީ ކިހާ އިރަކު ކަމެއް ނޭގެއެވެ. ދެން ފެނުނީ ރަތްގަނޑަށް އަރައިގެން ދިޔަ ކުދިންތައް ހިންގާފައި އަންނަ މަންޒަރެވެ. މިލިބުނު ދަތުރުގެ އުފަލުގެ ވާހަކަ ވަރަށް އޮލަކޮށް އެކަކު އަނެކަކާއި ދައްކަމުން، އަޅުގަނޑު ގޭކުރިމަތިންލާފައި ހުރަސްކޮށް އެތިބަގެންދަނީ އެވެ.
އަޅުގަނޑަށް މިކުދިން ސިފަވެގެން ދިޔައީ ބަތަލުން ތަކެއް ގޮތަށެވެ. އަޅުގަނޑު ހިތުގައި އެކުދިންނާއި މެދު ފަހުރުވެރިކަން އުފެދުނެވެ. އެއީ ރަތްގަނޑު ސަލާމަތް ކުރުމުގައި އެމީހުން ބައިވެރިވީތީއެވެ.
އަޅުގަނޑު އެކުދިން ކައިރީ ކިހިނެއް ވީހޭ އަހާލީމެވެ. ބުނީ ސިފައިންގެ ކައިރީ ހުރި ގަރާޖެއް ކައިރީ މަޑުކުރީމައި އެމީހުން ފޭބީކަމަށެވެ.
ކޮންމެއަކަސް، އަހަރުތައް ގުނަމުން ދިޔަހެން މާލެ ތެރޭ ދުއްވާއެއްޗެހި ދިޔައީ ގިނަވަމުންނެވެ. އަޅުގަނޑު ސްކޫލަށް ދިޔަ އެންމެ ނަޔާ ދުވަސްވަރަކީ 80 އަހަރުތަކެވެ. އެދުވަސްވަރު މާލޭގެ މަގުތައް އޮންނީ ވަރަށް އަޑިގުޑަން ކޮށެވެ. އަބަދުހެން ކަހަލަ ގޮތަކަށް ހަދަން ޖެހިފައެވެ.
ވާރޭ ވެހުނީމައި މަގުތަކުގައި ފެންބޮޑުވެ ޗަކަވާ ވަރުން ބައެއް ދުވަސް ދުވަހު ސްކޫލުތައްވެސް ބަންދު ކުރާނެއެވެ.
މާލޭގައި ބޯކޮށް ވާރޭވެހުނު ދުވަހެކެވެ. ވިއްސާރަގަނޑު ތެރޭ ސްކޫލަށް ދިޔަ ފަހުން ސްކޫލު ބަނދުކަމަށް އަންގައިފި އެވެ. އެދުވަހު އަޅުގަނޑުގެ ޓީޗަރަކު އަޅުގަނޑު ގާތު ބުނުއްވީ ވާރޭ ގިނައިން ވެހެނީ ދަނޑުވެރިކަން ކުރާ ހިސާބުތަކަށް ކަމަށެވެ. މާލޭގެ މަގުތައް ހަދަން ޓްރެކްޓަރުތައް ދުއްވާތީ ވާރޭގެ ނިއުމަތް ތަންކޮޅެއް ގިނައިން ލެބެނީ ކަމަށް ވެދާނެ ކަމަށެވެ.
އެދުވަސްވަރު އެއްކަލަ ރަތްގަނޑުގައި، ދަނޑުވެރިކަން ކުރާއިރު ފަސްގަނޑު ޖަހަން ގެންގުޅޭ ކަހަލަ ބޮޑު ދަތްގަޑެއް ޖަހައިގެން މަގު ހެދުމުގެ މަސައްކަތް ކޮށް އުޅެއެވެ.
އަޅުގަނޑު ސާނަވީ ތައުލީމު ނިމުނު އިރުވެސް މާލެތެރޭ މަގުހެދުމަށް ވެލި އުފުލަން ގެން ގުޅުނު ޓްރަކްޓަރުތައް ހުންނަނީ ރަތްކުލައިގައެވެ.
ސްކޫލު ދައުރު ނިމިގެން އަޅުގަނޑަށް ފުރަތަމަ ވަޒީފާ ލިބުނީ ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުޚާނާއިންނެވެ. އަޅުގަނޑު ވަޒީފާ އަދާކުރަން ޖެހެނީ ދަޅުމަސް ލޭބަލްކޮށް ގުދަން ކުރާ ބައިގައެވެ.
މިތަނުގައި ވަރަށް ކުޑަކުޑަ ދެ ޓްރެކްޓަރެއް އޮވެއެވެ. ފެލިވަރުގައި އުޅޭ މީހުން އެއަށް ކިޔަނީ ރަތްގަޑެއް ނޫނެވެ. ބޯބުރިއެވެ. މިއެތި އޮންނީ ނޫކުލައިގަ އެވެ. ބޯބުރީގައި ކަފުގައި ޖަހާ އެއްޗެއްވެސް އޮވެއެވެ. އެއީ ޓްރެއިލަރ އެވެ. ގުދަންކޮށްފައި ހުންނަ ދަޅުމަސް ފޮށިގަނޑުތައް ބޯޓާއި ހަމައަށް ގެންދަނީ މި ބޯބުރި ފަހަތުގައި ޓްރެއިލަރ ކަފު ޖަހައިގެން އެއަށް އަރުވައިގެންނެވެ.
ފެލިވަރަށް އެރުނު ހިސާބުން މި ބޯބުރި ދުއްވަން އަޅުގަނޑު ހުންނަނީ އަމަށަކުވަރެއް ނޫނެވެ. އަޅުގަނޑު ހިތުން މިތަނުގެ މައިގަޑު މަސައްކަތަކީ ވެސް އަދި އެންމެ މުހިންމު މަސައްކަތަކީވެސް ގުދަނުގައި ހުންނަ ދަޅުމަސް ބޯޓާހަމައަށް ގެންދިއުން ކަމަށެވެ.
[caption id="attachment_926" align="alignright" width="979"] ފެލިވަރުގައި މަސައްކަތްކުރި ދުވަސްވަރު[/caption]
ފެލިވަރުގައި ވަޒީފާ އަދާކުރާ މީހުންނަށް އެއީ ބޯބުރިއެއް ކަމަކު އަޅުގަނޑަކަށް އެއީ ހަމަ ރަތްގަނޑެވެ. އެހެންކަމުން އަޅުގަނޑު އެއަށް ކިޔަނީވެސް ރަތްގަޑެވެ.
އަޅުގަނޑު މަސައްކަތް ކުރާ ތަނުގައި އެންމެ އިސްކޮށް ހުންނަނީ ފައްޔާޒް އިބްރާހިމް ކިޔާ ބޭފުޅެކެވެ. އަޅުގަނޑު ފައްޔާޒަށް ދަންނަވައިގެން މި ބޯބުރި ދުއްވަން ދަސްކޮށްފީމެވެ. ބޭނުމަކީ ރަތް ގަނޑު ދުއްވާލަން ހިތް އެދޭލެއް ބޮޑުކަމެވެ.
ރަތްގަނޑު ދުއްވަން ދަސްކުރި ދުވަސްކޮޅު ފައްޔާޒު ކުޑައިރު ކުރެއްވި ކަމެއްގެ ވާހަކަ ވިދާޅުވިއެވެ. ފައްޔާޒު ގޭދޮށުގައި ހުންވަނިކޮށް ރަތްގަނޑެއް އަންނަތަން ފެނުނީމައި ރަތްގަނޑުގެ ފުރޮޅުދަށަށް އަރައިގެން ހުރި ފައިވާން އެއްލާލެއްވި އެވެ. ފައިވާން އެއްލާލިތަން ޑްރައިވަރަށް ފެނުމުން ރަތްގަނޑު މަޑުކޮށްފައި ފައްޔާޒުގެ ފައިވާން ހިފައިގެން އައިސް ދީފައި އެހެން ނުހެދުމަށް ނަސޭހަތްދިންކަމަށްވެ އެވެ. ފައްޔާޒު ބިރުން އަވަސް އަވަހަށް ގެއަށް ވަންނެވީކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން ކުޑައިރު ކުދިވެރިން މީ ވަރަށް ގިނައިން ކުރާ ކަމެކެވެ. ބައެއް ފަހަރު މިހެން އެއްލައި ފައިވާންކިބަ ދުއްވާ އުޅަނދުގެ ފޮށިގަނޑު ތެރެއަށް ވެއްޓޭ ފަހަރު ވެސް އާދެއެވެ. އެފަހަރުތަކުގައި އެކުދިންތައް ދުއްވާ އެތި ފަހަތުން ހުއްޓަންދެން ދުވުން ނެތް ގޮތެއް ނޯންނާނެއެވެ.
އިސާ ހިތަކު އެއްކަލަ ގުދަނުގައި ޕެލެޓްކޮށްފައި ހުންނަ ދަޅުމަސްތައް ބޯބުރީގެ ފަހަތުގައި އޮންނަ ޓްރޭލައިރަށް އަރުވައިގެން
[caption id="attachment_928" align="alignright" width="176"] ފެލިވަރުގައި އަޅުގަނޑަށް ދުއްވަން ފުރުޞަތު ލިބުނު ރަތްގަނޑު[/caption]
ބޯޓު ދޮށަށް ގެންދަން ފައްޓައިފީމެވެ.
ކޮންމެ ކުލައެއްގައި އޮތަސް، ކޮންމެ ނަމެއް ކިޔަސް، ރަތްގަނޑު ދުއްވާލަން ލިބުނީމައި އަޅުގަނޑު ހުންނަނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. އޭރު ވަޒީފާގެ ހިތްހަމަ ޖެހުމުގެ އެއްބަޔަކީ މިކުޑަ ކުޑަ ޓްރަކްޓަރ ދުއްވާލަން ލިބުމެވެ.
ޓްރަކްޓަރު ރަތްކުލައިގެ ދަވާދުލައިފާ ހުންނަކަމަށް މިވަނީ، ދަނޑުތަކުގައި ގެން ގުޅޭއިރު ފާޅުކޮށް ފެންނަ ކުލައެއްގައި ބާއްވަން ކަމުގައިވެއެވެ. 1930ގެ ކުރީގައި ނޫއަޅި ކުލައިގައި ޓްރަކްޓަރު ހުންނަކަމަށް ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޓްރެކްޓަރު ގިނައިން މިހުންނަނީ އަލި ކުލަތަކުގައެވެ. އޮރެންޖު، ފެހި، ނޫ، ރަތް، ރީދޫ ފަދަ ކުލަތަކުގައި ކަމަށް ފާހަގަވެއެވެ.
އަޅުގަނޑަށް އަދިވެސް ޓްރަކްޓަރަށް ކިޔެނީ ރަތް ގަނޑެވެ.