މޯލްޑިވްސް ބޮރޯޑްކާސްޓް ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު އިސްތިއުފާ ދެއްވުން އަޅުގަނޑު އެހީ ހައިރާންކަމާއެކުއެވެ. ސަބަބަކީ އެމްބީސީގެ މެންބަރުކަމުންވެސް އިސްތިއުފާ ދެއްވަފާނެކަމަށް އަޅުގަނޑަށް ހީކުރެފައި ނެތީތީއެވެ.
ބަދުރު އިސްތިއުފާ ދެއްވުމަށް ޖެހުނުމައިގަނޑު ސަބަބެއްކަމުގައި ވިދާޅުވީ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. އަޅުގަނޑަށް މާނަކުރެވެނީ ސަރުކާރު ތެރޭން ލިބެންޖެހޭ އެއްބާރުލުން ނުލިބެނީކަމުގައެވެ.
ސަރުކާރުންދަނީ އެމުއައްސަސާ އުފެދުނީއްސުރެން ބަޖެޓްގެ ދަތިކުރުންތައް ކުރަމުންނެވެ. އެހެންކަމުން މަސްއޫލިއްޔަތު ހިންގާ ތަންފީޒްކުރުމުގެ ގާބިލްކަން އެމްބީސީގެ ކިބައިންް ސަރުކާރު ވަނީ ނިގުޅައިގަންފައެވެ.
އިންގިރޭސިވިލާތާއި އެމެރިކާނުންގެ ޑިމޮކްރެސީގައިވެސް ސަރުކަރުތެރޭން މީޑިއާގެ ކަންކަން ކުރާނެ މުއައްސަސާއެއް ހުރެއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިމުއައްސަސާގެ ހަރަކާތް ފަނޑުކަމުން މީޑިއާ މޮނީޓަރ ކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ ހިދްމަތަށް ހީނަރުކަން ފޯރަނީއެވެ.
ސަރުކާރުތެރޭން ލިބެންޖެހޭ އެއްބާރުލުން ނުލިބެނީ ވަކި މިއަދަކުނޫނެވެ. މިއީ ކުރިންވެސް ކުރިމަތިވާ ދަތިކަމެކެވެ.