މިހާރު ދުނިޔޭގައި މީޑިއާ ބޭނުންކުރަމުންގެންދާ ޒަރިއްޔާތައް ގިނަކަމުން ޚަބަރާއި މައުލޫމާތު ފޮނުވަނީ ބެލެންސްކޮށްތޯ މޮނީޓަރ ކުރުމަކީ ކުރަން އުނދަގޫކަމަކަށްވެ، އެކަން ކުރުންމިވަނީ ހުއްޓާލާފައެވެ. އެހެންކަމުން މިޑިއާ މިވަނީ އެބައެއްގެ ފިކުރާއި ގުޅޭގޮތަށް ހިޔާލާއި ނަޒަރިއްޔާތު ފާޅުކުރުމަށް މީޑިއާއަށްމިވަނީ ދޫކުރެވިފައެވެ. ދުނިޔޭގެ ޑިމޮކްރެޓިކު ވެރިކަންކުރާ ހުރިހާ ގައުމުތަކެއްގައިވެސް ކަންއޮތީމިހެނެވެ. މިހެންއޮތުމުން ހިޔާލާއި ފިކުރު ދެކަފިވެ މެދު ރައްޔިތުންނަށް އޮޅެނީއެވެ. އަދި މީޑިއާގެ ތެރެއަށް ވިޔަފާރި އުސޫލު ވަނުމުން މިއޮޅުންމިވަނީ އިތުރަށް ފުޅާވެގެންގޮސްފައެވެ. ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައިވެސް މިކަންފާހަނގަކުރެވިގެން ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއް (ޕީއެސްބީ) ގެޖާގަވަނީ ތަނަވަސްކުރެވިފައެވެ. މީގެ އިތުރުން ޔޫރޮޕްގެ އިއްތިޙާދުގެ މެންބަރުންނަށް ޕީއެސްބީ އެގައުމުގައިހުރުންލާޒިމް ކުރާ ގަރާރެއް އޮވެއެވެ. އަޅުގަނޑުމެންގެ ގާތުގައިވާ ޑިމޮކްރެޓިކް ގައުމުތައް ކަމުގައިވާ އިންޑިއާ ސްރީލަންކާގައިވެސް ޕީއެސްބީ ހުރެއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅު މިސާލު ނެގެން ހުރި ގައުމުތަކެއްނޫނެވެ. ސަބަބަކީ ސަރުކާރުގެ ނުފޫޒު އެމުއައްސަސާތަކަށް އޮތްލެއް ބޮޑުކަމުންނެވެ. ޔޫރޮޕްގެ ނަންމައްޝޫރު ޑިމޮކްރަސީތައް ކަމުގައިވާ އިނގިރޭސި، ފަރަންސޭސި އަދި ޖަރުމަނު ވިލާތުގެ ޕީއެސްބީގެ މައްސޫލިއްޔަތު ވަރަށް ފުރިހަމައަށް ކާމިޔާބުކަމާއެކު އަދާކުރާތަން ފެންނަންއެބަހުއްޓެވެ.
އަޅުގަނޑުމެންގެ މިޅަފަތުގައި އޮތް ޑިމޮކްރަސީގައި އިހަށް މީޑިއާ އޮތްގޮތުން މިކަން އޮތީ ފުރިހަމަނުވެއެވެ. ސަރުކާރުގެ މިޑިއާއި އަމިއްލަ މީޑިއާ ތަކެވެ. މިހެން އޮތުމުން ވާގޮތަކީ ސަރުކާރުން ކޮންޓްރޯލުކުރާ މީޑިއާ ސަރުކާރު ދިފާއުކުރުމެވެ. އަމިއްލަ މީޑިއާ އޮތީ އެމީހުންގެ ފިކުރުގައި ވިޔަފާރި އާއި ސިޔާސީ ފިކުރު ކުރިއަށް ނެރުމުގައެވެ. ފެންނަމުން ދިޔައީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ވާދަވެރިކަމެވެ. މިމާހައުލުގައި ރައްޔިތުންނަށް ނުފުދި އޮތް ހުސްކަމެއް އޮތެވެ. އެއްވެސް ފަރާތަކަށް ނުޖެހި ވިޔަފާރި ނުފޫޒުން އެއްކިބާވެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ޚިދްމަތްކުރާނެ މީޑިއާގެ ވަސީލަތެއްގެ ޖާގަ އޮތީ ފުރިހަމަނުވެއެވެ. މިފާހަނގަކުރީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ވާހަކައެވެ. ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ މައިގަޑު އަސާސްތަކެއް ހުރެއެވެ. އެއީ..
-ހުރިހާ ރައްޔިތުންނަށް ޚިދްމަތް އަގަކާ ނުލައި ދިނުން
-ރައްޔިތުންގެ ހުރިހާ ގިންތިއަކަށް ވާގޮތަށް ހުންނަ ޚަބަރާއި ޕްރޮގްރާމް ހުރުން
-ފެންވަރު ރަނގަޅު އަދި އާޚިޔާލުތައް އެކުލެވިގެންވާ ޕްރޮގްރާމް އުފެއްދުން
-އެޑިޓޯރިއަލްއަށް މިނިވަންކަން ލިބިފައި އޮތުން
-އެއްވެސް ފަރާތަކަށް ބަރޯސާނުވެ ތަނުގެ ޚަރަދުތަށް ފުއްދޭނެ ފަންޑު ލިބޭނެމަގު ތަނަވަސްވެފައި އޮތުން
-މުއައްޒަފުންގެ ކުރިއެރުމަށް މަސަކަތްކުރުން
-ޒިންމާއާއި މަސްއޫލިއްޔަތު ސާފުކޮށް އެނގެން އޮތުން
-ގުޅުންހުރި ބައިނަލް އަގްވާމީ އަދި އެތެރޭގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން
މިއީ އޭއަބީޑީން އެކުލަވާލާފައިވާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރގެ ގިއުގަނޑުގައި ހުރުން ލާޒިމްކުރާ އަސާސްތަކެވެ. އަޅުގަޑުމެންގެ ތެރޭގައިވެސް ޕަބްލިކް ސާވިސް ބްރޯޑްކާސްޓް ކުރުމާއި ގުޅުންހުރި ގާނޫނެއް އެބައޮވެއެވެ. އާދެ! "މޯލްޑިވްސް ބްރޯޑްކާސްޓިން ގާނޫނު" ގައި އަޅުގަނޑުމެންގެ މުޖުތަމައާ ގުޅޭގޮތަށް ވަރަށް ފުރިހަމައަށް މިއުސޫލުތައް ފާހަނގަކޮށްފައި އެބަހުއްޓެވެ. މިގާނޫނު ތައްޔާރުކޮށްފައިވަނީ ކުރީގެ ލީގަލް ރިފޯމް އެންޑް އިންފޮމޭޝަން މިނިސްޓަރ އަދި ކުޅުދުއްފުށީދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒް މުހައްމަދު ނަޝީދެއެވެ. މިޑިއާގެ ދާއިރާގަ އާއި ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅުމުގައި އޭނާ ހަރަކާތްތެރިވެވަޑާގެންފައިވާތީ ޑިމޮކްރެސީއެއްގައި ޕިއެސްބީގެ ބޭނުންތެރިމިންވަރު އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން އޭނާ މިކޮށްދެއްވި މިމަސައްކަތްޕުޅަކީވެސްް މިޚިދްމަތަށް އިތުރުކޮށްލަންޖެހޭ ފަތެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ގާނޫނު 2010ގެ އޭޕްރިލުން ފެށިގެން ވުޖޫދައް އައުމާއި ވިދިގެން ޕީއެސްބީއަށް ގާނޫނީ ހައިސިއްޔަތެއް ލިބުނުކަމުގައިވިޔަސް ހިންގުމުގެ މަރުހަލާއަށް ނާދެވި އޮތީ ކަރުދާހުގައެވެ.
މިއަހަރުކުރީކޮޅު ވެރިކަމަށް އައި ބަދަލާ ގުޅިގެން ގައުމަށް ފުރަތަމަ ފަހަރަށް ޤާނޫނީ އިމުގެތެރޭން ޕީއެސްބީއެއް ގެ ހަރަކާތް ފެންނަން ފެއްޓިއެވެ. މިހާރު ފެންނަމުން މިދަނީ އިންތިހާއަށް ބާރުލައި ޕީއެސްބީގެ ސޫރައަށް ބަދަލުވުމަށް އެމްބީސީގެ ދެ މުއައްސަސާކަމުގައިވާ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޝަން މޯލްޑިވްސްއިން މަސައްކަތްކުރަމުންއަންނަ ތަނެވެ. އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ބަދަލުތަކަކީ ދުވަސްކޮޅަކުން ނުވަތަ މަހައްހާ ދުވަހުން ކުރެވޭނެކަންކަމެއްނޫންކަމަށެވެ. އެތަށް ޒަމާނެއްވަންދެން ވަކިގޮތަކަށް ބައްޓަންވެފައި ތިބިބަޔަކު އެހެންގޮތަކަށް އެނބުރެންޖެހުނީމައި އެކަން މަތަކުރަން ބޭއިޚްތިޔާރުގައިވެސް މަސައްކަތްކުރެވޭނެއެވެ. މިފަދަ ގޮންޖެހުންތައް ގިރާކޮށް ދިއުމަށް ބަދަލު ގެންނަގޮތް މުއައްޒަފުންނައެކު ވަރަށް ފުރިހަމައަށް ހިއްސާކުރަންޖެހޭނެއެވެ. ބަދަލު މެނޭޖްކުރުމަކީ ހުރިހާލަތުން އެހެންހާލަތަކަށް ވީހާވެސް އޮމާންކަމާ އިއެކު ހިޖްރަކުރެވޭނެ މަގުދައްކައިދިނުމެވެ. އަދި ބަދަލު ފުރިހަމަވާނީ އެފަރާތާއި ގުޅިފައި ހުރި އެހެން މުއައްސަސާތަކާ އެކުވެސް އަންނަމުންދާ ބަދަލު ހިއްސާކުރެވިގެންނެވެ. ހަމަމިއާއެކުހެން، އިތުބާރު ހޯދަންޖެހޭ ފަރާތްތަކުގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް މަޑުޖައްސާނުލައި ކުރިއަށް ގެންދަންޖެހޭނެއެެވެ. ބަދަލަކަށް ހިޖްރަކުރާއިރު އެންމެ ބޮޑަކަށް ވިސްނާލަން ޖެހޭނީ ބަދަލު އަނެއްކާވެސް ކުރިން ހުރި ގޮތަށް ރުޖޫއަ ނުވާނެގޮތަކަށް ބަދަލު ހިނގައި ރޭވުމަށެވެ. އެހެންނޫނީ ސަރުކާރަށް ޚަލަލެއް އަންނަކޮންމެ ފަހަރަކު ޕީއެސްބީގެ އުސޫލާއި މަގްސަދަށް ބަދަލުއައުމަކީ ވަރަށް ކައިރީގައި އޮންނާނެކަމެވެ. އޭރުން އަނެއްކާވެސް މިޑިއާގައި ރައްޔިތުންނަށް ނުފުއްދިފައިވާ ހުސްކަމެއް އުފެދިފައެވެ.