ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާ ހުޅުވާލެވުނު އިރު އެންމެ ބޮޑަށް ކަންބޮޑުވީ ބްރޯޑްކާސްޓިންގް ދާއިރާގައި މޮނޮޕޮލީއެއް އުފެދިދާނެތީއެވެ.

ބްރޯޑްކާސްޓިންގެ ދާއިރާ ހުޅުވާލެވުނު ފަހުން މިވީ 5 އަހަރުގެ ތަޖްރިބާއިން މޮނޮޕޮލީއެއް އުފެދިދާނެކަމުގެ ބިރެއްނެތެވެ.

މިދިޔަ ހަފްތާ ބަނދުގެ(6-7 ސެޕްޓެމްބަރ) ހަވީރުގެ އަދަދުގައި މީޑިއާގެ މަސްރަހު މިހާރު އޮތްގޮތާއި ހުރި ގޮންޖެހުތަކަށް އަލިއަޅުވާލައި ވަރަށް ސާފުއިބާރާތުން ހުސެން ފިޔާޒުގެ ވަނީ އާޓިކަލްއެއް ލިޔުއްވާފައެވެ.

އެ އެއާރޓިކަލްގެ މައިގަނޑު ހިޔާލުތަކާއި އަޅުގަނޑަށްވެސް އެއްބަސްވެވެއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއިން ފެންނަ ކުލަތަކުން ދޭހަވަނީ މިދާއިރާއަށް އިންވެސްޓްކުރި ފަރާތްތަކުން އިންވެސްޓްކުރީ އެއްގޮތަކަށްވެސް ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިއަތެއް އޮވެގެން ކަމަކަށް ނުފެނެއެވެ. މިއިންވެސްޓްމަންޓްތަކުގެ އަމާޒަކަށްވަނީ އެމީހުންގެ ނުފޫޒު، އާންމުންނަށާއި ސަރުކާރުގެ މައްޗަށް މީޑިއާގެ ވާސްތާއިން ފޯރުވުމެވެ. މިހާރު ހުރި އެއްވެސް ޗެނަލްއަކީ ވަކިއަތަކަށް ބުރަނުވެ ހުރިޗެނަލްއެކޭ ދެންނެވިދާނެތޯއެވެ؟

މިއީ މައްސަލައެއް ނޫނެވެ. ޖަމާއަތަކުން ކުލަބަކުން ނުވަތަ ސިޔާސީ ޕާރޓީއަކުން ޓީވީ ޗެނަލްއެއް ހިނގާނަމަ އެޗެނަލްއިން ފެންނާނީ އެޖަމާއަތެއްގެ ޕްރޮމޯޝަންއެވެ. އެޖަމާއަތުގެ ފިކުރާއި ހިޔާލުތަކެވެ.

އަދި ވިޔަފާރި އުސޫލުން މިތަންތަން ހިންގިނަމަވެސް މާރކެޓިން ޑިޕާރޓްމަންޓްއިން އެޑިޓޯރިއަލްއަށް ނޫފޫޒްފޯރުވާނެއެވެ. މިސާލެއްގެ ގޮތުން ދާދި އިހަށްދުވަހު ދިރާގުގެ އިންޓަނެޓް ސަބްމެރީން ކޭބަލް ހަލާކުވެގެން އުޅުނު ދުވަސްވަރު އެއްވެސް މީޑިއާއަކުން ނުކިއްސަރު ޚަބަރެއް މަޢުލޫމާތެއް އެކަމާއި ގުޅޭގޮތުން ނުގެނެއެވެ. ހުރިހާ މީޑިއާއެއްވެސް ދިރާގަށް ކަންއޮތްގޮތް އޮޅުންފިލުވާދޭން ދިނީ ފުރުޞަތެވެ.

އިސްތިހާރާއި ސްޕޮންސަރޝިޕް ދޭފަރާތް ހަދާންނައްތައްނުލެވޭނެއެވެ. ކާންދޭއަތުގަ ދަތެއް ނޭޅޭނެއެވެ.

އެހެންވީމައި އަޅުގަނޑުމެންގެ ބްރޯޑްކާސްޓް މާޙައުލުގައި އެޑިޓަރުގެ ދައުރު މިއަންނަނީ ހަނިވަމުންނެވެ.

މިނިވަން ވިޔަފާރިތެރެއަށް މީޑިއާ ހުޅުވާލެވިފައި މިވާއިރު ކަންހިނގާނީ މިހެންނެވެ. އިންވެސްޓް ކުރާ ފަރާތަކީ އެއޯގަނައިޒޭޝަންގެ އެންމެ ބަސްހިނގާނެ ފަރާތެވެ. މިހަޤީގަތް ބަދަަލެއް ނުވާނެއެވެ. ބްރޯޑްކާސްޓްކުރާ ފަރާތުން ބްރޯޑްކާސްޓްކުރުމުގައި އޮންނަ ގަވާޢީދާއި އަދި މުޖުތަމައުގެ އެހެނިހެން ގާނޫނުތަކުގެ ތެރޭގައި އުޅޭނަމަ މައްސަލައެއް ނެތެވެ.

ކުރިއަށް ދާނީ ކިހިނެއް؟

ބްރޯޑްކާސްޓަރުންނާއި ވާހަކަދައްކައިގެން އެމީހުންމެދުގައި ބޮޑެތި ފޯރަމްތައް ބާއްވައިގެން މިކަމަށް ހައްލެއް އައުމަކީ ދުރުކަމެވެ.

ބްރޯޑްކާާސްޓިން ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުން ތަމްރީނުކުރުމުން، ގެނެސްދޭ ކޮންޓެންޓް މުއްސަދިވެ މައުލޫމާތާއި ފެކްޓް ހުރެދާނެއެވެ. އެކަމަކު އިންވެސްޓަރު ނޭދޭގޮތަކަށް ކޮންޓެންޓްގެ މެސެޖް ބަދަލެއްނުވާނެއެވެ. އަދި ބްރޯޑްކާސްޓް ކުރާޗެނަލްއިން ހިމާޔަތް ކުރަންްޖެހޭ މަޤްޞަދުތަކުން ބޭރަކަށްވެސް ނުދެވޭނެއެވެ.

މިއީ އަޅުގަނޑުމެންގެ މާޙަައުލުއަށް އެކަނި ޚާއޞަވާ ހާލަތެއް ނޫނެވެ. ދުނިޔޭގެ ޑިމޮކްރަސީތަކުގައިވެސް ކަންއޮތީ މިހެންނެވެ.

ޑިމޮކްރަސީއަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ (ޕީއެސްބީ) ހިދްމަތަކީ ކޮންމެހެން ބޭނުންވާ މާއްދާއެކެވެ.

ބޭނުމަކީ ރައްޔިތުންނަށް ބެލެންސް ޚަބަރާއި ދައުލަތުން ދޭންޖެހޭ މަޢުލޫމާތުތައް ދެފަރާތް ފެންނަގޮތަށް ހަމަހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭނެ މުޢައްސަސާއެއް މުޖްތަމައު ތެރޭގައި ހަރަކާތްތެރިވުމެވެ. ދުނިޔޭގެ ތައްސަރުފުފުދިފައިވާ ޑިމޮކްރަސީތަކުގައިވެސް ޕީއެސްބީ ޤާއިމު ކުރެވިފައި ހުންނަނީ މިސަބަބަށްޓަކައެވެ.

އަޅުގަނޑުމެން މިއަދު ކުރަންވީ ކަމަކީ ޕީއެސްބީ އޭގެ އަސްލު ސޫރައަށް ބަދަލުކުރުމަށް ސަރުކާރާއި އެހެން ހުރިހާ ސިޔާސީ ޕާރޓީތަކުން އިހްލާސްތެރިކަމާއެކު ހިތުގެ އަޑީން މަސައްކަތް ކުރަންވީއެވެ.

އެންމެ ފުރަތަމަ ތަމްރީނު ކުރަންވީ ޕީއެސްބީ ގެ މުއައްޒަފުންނެވެ. ވަކި ފިކުރަކަށް ވަފާތެރި ކަމުން ވަޒީފާގައި ތިބި އަދި ވަޒީފާ ލިބުނު މުއައްޒަފުނަށް އެމާޙައުލެއް ޕީއެސްބީ ތެރެއަކު ނެތްކަން އަމަލުން އަންގާދޭންވީއެވެ.

ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޕީއެސްބީގެ ބޯޑްއެއް އަލުން އެކުލާވާލުމަށް ސިޔާސީޕާރޓީތަކުން އެއްގަލަކަށް އަރަންވީއެވެ. މީގެ ފައިދާ ހުރިހާ ސިޔާސީ ޕާރޓީތަކަށްވެސް ހަމަހަމަކޮށް ކުރާނެކަން ޔަޤީނެވެ.