އަޅުގަނޑުމެންނަކީ ޖަޒީރާ ޤައުމެއްކަމުގައި ވިޔަސް، މިރާއްޖޭގެ ހުރިހާ ރަށްތައް ހުރީ އެއްގޮތަކަށް ނޫނެވެ. މިޤައުމުގެ ޓްރޭޑްމާރކް ކަމުގައިވާ ހުދު ދޮންވެލި ގޮނޑުދޮށް ހުރިހާ ރަށެއްގައި ނުހުރެއެވެ. ބައެއް ރަށްރަށުގެ މަލަމައްޗާއި ރަށުގެ ސިފަތައްތަފާތެވެ. މިކަން އަޅުގަނޑަށް ބޮޑަށް އިހްސާސްވީ މިދިޔަ ހަފްތާ ބަނދުގައި (21 -23 މޭ) ޏ.ފުވައްމުލަކަށް ކުރެވުނު ދަތުރުގެތެރެއިންނެވެ.

އާތުޑޭ ފާހަގަކުރުމުގެ ގޮތުން ބައިކް މޯލްޑިވްސްއާއި އެކު ކުރި ދަތުރަކީ އަޅުގަނޑަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެކެވެ. މިދަތުރުގައި އަޅުގަނޑު ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ފުވައްމުލަކަކީ އަދި ދަތުރު ނުކުރެވި އޮތް ރަށެއްކަމުގައިވާތީ، އެރަށަށް ޒިޔާރަތްކުރުމުގެ ފަޚްރު ލިބިގަތުމެވެ.

ފުވައްމުލަކަކީ ރާއްޖޭގައި 4ވަނައަށް އެންމެ ބޮޑު ރަށެވެ. ރަށްވަށައިގެން 01ކިލޯމީޓަރު ހުރެއެވެ. ރަށުގެ އެތެރޭގައި ބޮޑު ދެ ކުޅި އޮވެއެވެ. ރަށުގެ ވާބޮޑުވެފައި ރަށުތެރޭގައިވެސް ގަސްތައް އިންތިހާއަށް ގިނައެވެ.

މީގެ ފަނަވަރަކަށް އަހަރުފަހުން އާދެ! 2030 އަންނައިރު ފުވައްމުލަކަކީ އެންމެ އުފާވެރި ސިޓީކަމުގައި ހެދުމަށް މިރަށުގެ ކައުންސިލުން ވަނީ އަޒުމު ކަނޑައަޅާފައެވެ. މިއަމާޒަށް ދަތުރުކުރާނެ މަގުތައް އެންމެ ސާފުކޮށް ފެންނަން ނެތްކަމުގައިވިޔަސް މި ހުވަފެން ފުވައްމުލަކުގެ ރަށްވެހީން ދެކޭކަން އެކި ބައްދަލުވުންތަކުން ފެނުނެވެ.

ދެބަސްވުމެއް ނެތްގޮތުގައި، ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގޭ އިޤްތިސާދީ ހަރަކާތަކީ ޓޫރިޒަމްއެވެ. ރާއްޖޭގެރަށްތަކުގެ ގޮނޑުދޮށްތަކުގެ ރީތިކަން މިރަށުން ފެންނަން ނެތްކަމުގައިވިޔަސް މިރަށުގައި އެހެންރަށްރަށާއި ވާދަކުރެވޭ ވަރުގެ ތަފާތު ރީތި ސިފަތަކެއް އެބަހުއްޓެވެ. މިރަށުގެ ވާދަވެރި ބާރަކީ ސައިޒާ ރަށުގައި ހުރި ކުޅިއާއި ވަލެވެ.ރަށުގެ ފެހިކަމެވެ.

ފުވައްމުލަކުގައި ރަށްވަށައިގެން ބައިސްކަލު ދުއްވޭނެ މަގެއް ވަރަށް ފަސޭހައިން ހަދާލެވިދާނެއެވެ. އެމަގަކީ ދުއްވުމުގައި ގޮންޖެހުންތައް ކުރިމަތިވާ މަގެއްގޮތަށް އޮތުމަކީ މި ޓްރެކަށް ޝައުގުވެރިކަން އިތުރު ކުރެވޭނޭކެމެކެވެ. މިއީ އިތުރު ބޮޑު ޚަރަދެއް ނުކޮށް ކުރެވިދާނެވެސް ކަމެކެވެ. އަދި ހަމަ މިމަގު ދުވުންތެރިންނަށްވެސް ބޭނުންކުރެވިދާނެގޮތަށް ފަރުމާކުރެވިދާނެއެވެ.

ވީމާ، ފުވައްމުލަކަކީ ރޭސް އީދުތައް ބޭއްވުމުގެ ފުރުޞަތު އޮތް ރަށެކެވެ. މިހާ ޔަޤީންކަމާއެކު މިވާހަކަ ބުނެލަން ޖެހޭކަމަކީ، މިރަށުގައި މިފަދަކަމަކަށް ބޭނުންވާ އިންފްރާސްޓަކްޗަރ ހުރީތީއެވެ. މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ތަނަވަސްވެފައި އެބައޮތެވެ. އަދި ފަތުރުވެރިންނަށް އަގުހޮޔޮކޮށް ތިބެވޭނެ ރަނގަޅު ފެންވަރުގެ ގެސްޓް ހައުސްތައް އެބަހުއްޓެވެ. ހަމަ މިއާއި އެކު ހިތްގައިމު ޖާގަބޮޑެތި ކެފޭތަށް ރަށުގެ އެކި ހިސާބުތަކުގައި ހުރެއެވެ. މިތަންތަނުގައި ގިނައިން މަސައްކަތްކުރަން ތިބެނީ ރަށުގެ ރަށްވެހީންނެވެ.

ފުވައްމުލަކަކީ ރާއްޖޭގެ ރަށްތަކުގެ ނިސްބަތުން ބޮޑު ރަށަކަށްވެފައި ވާބޮޑުރަށެއްކަމުން ރާއްޖޭގައި 'ހައިކު' ކުރުމަށް ޝައުގުވެރިކަން ހުންނަ ފަތުރުވެރިންނަށް މިއީ ރަނގަޅު މަންޒިލެވެ. ހައިކު ކުރުމުގައި ދަނޑު ބިންތަކާ އޮޅުތަކަށް ޒިޔާރަތްކުރުމާއި، ކުޅިއަށް އެރިލުމާއި މަޑު މަސާޖުކުރުމަކީ ފަތުރުވެރިން ޝައުގުވެރި ވާނެކަންކަމެވެ.

ފުވައްމުލަކުން އަޅުގަނޑަށް ފެނުނު ކަންކަމަށް ބަލާއިރު އެރަށުގެ ރަށްވެހީން ސަމާލުވާންވީ ކަންކަމަކީ މާލެ ސިޓީ ތަރައްގީވެ އުސްވެގެން އައުމުގެ ތެރެއިން ކުރެވުނު ނޭދެވެ ތަޖުރިބާތައް އެރަށުގައި ތަކުރާރުނުވާނެގޮތަށް ވިސްނުން ބެހެއްޓުމެވެ. އަދި ރަށުގެ އަމިއްލަވަންތަކަން ނުގެއްލޭގޮތަށް ފުވައްމުލަކުގެ ސިފަތައް ދަމަހައްޓައިގެން ކުރިއަރައިދިއުމެވެ.