މާލޭގެ ކުނި ނެގި ނެގިހެން ވަނީ ގިނައެވެ. މިއީ އަޅުގަނޑު ބުނާ އެއްޗެއް ނޫނެވެ. މިހަފްތާގައި މާލެ ސާފުކުރުމުގައި މަސައްކަތް ކޮށް ނިންމައި މީޑިއަށް ދެއްވި ބަސްދީ ގަތުމެއްގަ އެންވާރަމަންޓް މިނިސްޓްރީގެ ނައިބު ވިދާޅުވީ " ނަމަވެސް ދެތިން ދުވަހެއް ފަހުން އެ ތަން އަނެއްކާ ވެސް ހަޑިވެފައި ހުންނާތީ ސާފުކުރުމުގެ ނަތީޖާއެއް ނުފެންނަ ކަމަށެވެ." މި ޚަބަރު ޝާޢިއު ކޮށްފައިވަނީ މިހާރުގެ 21 އެޕްރީލް 2018 އަދަދުގައެވެ.

ތެދު ވާހަކައެވެ. ދޭތެރެދޭތެރެއިން މާލެތެރެ ސާފުކުރިޔަސް މާލެތެރެ އޮންނަނީ ކުނިން ފުރިފައެވެ. ކުރިންވެސް މާލެތެރެ ސާފުކުރުމުގެ މަސައްކަތް ސަރުކާރުން އައީ ކުރަމުންމެވެ. މިފަހަރު ތަފާތަކީ މާލެތެރެ ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ހަވާލުވުމެވެ. މިފަހަރު އަންނަ ތަފާތަކީ ކޮބައިބާވައެވެ. ސާފުކުރާ މުއައްސަސާ ބަދަލު ވީކަމަށް ވެދާނެއެވެ. ނަމަވެސް ކުނީގެ މައްސަލައަށް ޙައްލު އައި ބާވައެވެ.

މާލެސާފުކުރުމުގެ ޒިންމާއާ ބަޔަކާ ޙަވާލުވެފަ އޮނައިރު މާލެތެރޭ ކުނި ގިނަވެ އެހާ ހަޑީ ކީއްވެތޯއެވެ. ސާފު ކުރުމުގެ ވަސީލަތް ހުރިވަރަށް ވުރެ ގިނައިން ކުނިއަޅަނީތޯއެވެ. ނޫނީ ސާފުކުރުމަށް ހަވާލުވެފައިވާ ފަރާތުގެ ޒިންމާ އަދާ ނުކުރަނީތޯއެވެ.

ދޭތެރެދޭތެރެއިން މާލެ ސާފުކުރަން ދުވަހެއް ހަމަޖައްސައި މާލެތެރެސާފުކުރެއެވެ. މިގޮތަށް ސާފުކުރުމަކީ ފަސޭހަކަމެވެ. ސާފުކުރާނެ ދަރުމަވެރިން ހޯދުމަކީވެސް ފަސޭހަކަމެއް ކަމަށް ފެނެއެވެ. މުޖުތަމައަށް ކަމެއް ކޮށް ދިނުމުގެ ރޫހުގައި ވަރަށް ގިނަ މުއައްސަސާތަކުން ތަންތަން ސާފުކުރުމަށް ނިކުމެއެވެ. އެހެންވީމާ މި އުޞޫލުން ދޭތެރެ ދޭތެރެއިން ސާފުކުރުމަކީ ފަސޭހަކަމެކެވެ. ހަމަ އެއާއެކު ރީތިނަންވެސް ލިބެއެވެ. މިފަހަރުވެސް 4500 ދަރުމަވެރިން ނިކުމެ މިވަނީ މަދު ވަޤުތުކޮޅެއްގެ ތެރޭގައި 70 ޓަނުގެ ކުނި އެއްކޮށްފައެވެ.

ނަމަވެސް ޖެހިގެން ދެތިން ދުވަސްވާއިރު ކުރިއެކޭ އެއްވަރަށް މާލެތެރޭގައި ކުނި ގިނަވެ ސާފުނުކުރާތަނެކޭ އެއްވަރަސް ކުނި ގިނަވެއެވެ. ކުނި ގިނަވެ މާލެ ތެރެ ގޮނޑުވާތަން އަޅުގަނޑުމެނަށް ފެއެވެ. މަގުތަކުގައި ކުނި ޖަމާވެފައ ހުންނަ ތަން ފެނެއެވެ. ޕަލާސްޓިކު ފުޅިތަކާއި، ސުޕާރީ ހުސްކުރި ޕެކެޓްތަކާއި، ދަޅުތަކާއި ސިގިރެޓް ބަޓް ތަކެވެ. ގަސްގަހުން ފައިބާ ފަތްތަކާއި، ގޭގެއިން ނެރޭ ކުނި ކޮތަޅުތަކެވެ. އެހެންކަމުން، މިކަމުގެ ޙައްލަކީ ދޭތެރެ ދޭތެރެއިން އެންމެން ނުކުމެ ސާފުކުރުމެއްނޫނެވެ. މަގުމައްޗަށް ކުނި އެޅުން މަދުކޮށްގެން ނޫނީ ގޮނޑުވުމެއް ނުހުއްޓުވޭނެއެވެ.

އަޅުގަނޑުމެންގެ ސްކޫލުތައް ބައްލަވާށެވެ. ކުންޏެއް ނުހުރެއެވެ. ސަބަބަކީ ކުނި އެޅުން މަނާވެފައިއޮތުމެވެ. އަދި ސްކޫލުތައް ތާހިރުކޮށް ބަލަހައްޓާތީ، ސާފުކޮށް ހުންނަ ތަންތަނަށް ކުނި އެޅުމަކީ ތޮބީއީ ގޮތުން ކުރަން އުނދަގޫކަމެކެވެ. ސްކޫލުތަކުގައި ކުނި އެޅުމަށް ކުނި ވަށިގަނޑު ބަހައްޓާފައި ހުރެއެވެ. މިފަދަ ރިވެތި އަޚްލާގީ މިންގަޑެއްގައި ސްކޫލްތެރޭ އުޅޭ ދަރިވަރު، ބޭރަށް ނުކުންނަ އިރު މިފެންނަނީ ކުނި އަޅާފައި އޮންނަ ހިނގާ މަގެވެ. ދެން ބޯލާ ޕްކެޓާއި، ފުޅި މަގުމަޗަށް ދޫކޮށްލާކަށް ފަހެއް ނުޖެހެވެއެވެ. ތަމްސީލު ވެގެން މިދަނީ "ބްރޯކަން ވިންޑޯ ތިއަރީ" އެވެ. މިތިއަރީގައި ބުނާގޮތުން އިމާރާތެއްގެ ހަލާކުވެފައި ހުންނަ ކުޑަދޮރެއް މަރާމާތުނުކޮށް ގިނަދުވަހު ބަހައްޓައިފި ނަމަ

އަދި އެހެނިހެން ގެއްލުންވެސް ލިބެމުންދާނެކަމަށެވެ. މިބީދައިން މަގުމަތީ ދުވާރުގައި ކުނި ބަހައްޓައިފި ނަމަ ދެން އެހެން މީހުން އެތަނުގައި ކުނި ބެހެއްޓުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. އިސާހިތަކު އެތަނަށް ކުނި ޖަމާވާން ފަށާނެ އެވެ. ކުނިތައް މަގުމައްޗަށް ދޫކޮށްލުމުގެ ނޭދެވޭ އާދަ، ހަމަ އެންމެ ރަނަގަޅު ޘަގާފަތަކަށް މި ބަދަލުކުރެވެނީ އެވެ.

ބްރޯކަން ވިންޑީ ތިއަރީ ދެންގަތުމަށް މިލިންކު އަށް ފިއްތަވާލައްވާ. http://www.aleekhalid.com/653

މި ކަމުގެ އުޒުރެއްގެ ގޮތުގައި ގިނަމީހުން ދައްކަނީ މަގުމަތީގައި ކުނި ވަށިގަނޑު ނުހުންނަ ވާހަކައެވެ. ކުނި ވަށިގަނޑާއި ހަމައަށް ދެވެންދެން އަތުގައި އޮންނަ ދަޅު އެއްލާނުލާ މަޑު ނުކުރެވެން ވީސަބެބެއް އޮވެގެން ނުވާނެއެވެ. ނަމަވެސް ފެންނަ މަންޒަރު ވަރަށް ވެސް ހަޑިއެވެ. ޕާކުކޮށްފައި ހުންނަ ސައިކަލުގެ ވަށިގަނޑަކީވެސް ކުނި އަޅާ ވަށިގަނޑެކެވެ. މަގުމަތީ ހުންނަ ޕެނަލް ބޯޑުމައްޗަކީވެސް ހުސް ދަޅާއި ފުޅި ބަހައްޓާތަނެކެވެ. މަގު މަތިން ދަނިކޮށް ފައިވާނުގެ ވަދު ކެނޑުނަސް އެވެސް ދަނީ މަގުމައްޗަށް ދޫކޮށްލާފައެވެ.

ހެދި ގޮޑުދޮށުގައި 3 ނޫނީ 4 ބޮޑެތި ވަށިގަނޑު ހުރެއެވެ. ނަމަވެސް ގޮނޑު ދޮށަށް އަޅާފައި ހުންނަ ކުންޏެއް މަދެއްނޫނެވެ. ޕެކެޓް ފުޅި، ދަޅު، ޖޫސްބޯ ހޮޅި، ނެޕީ އުކާފައި ހުނަނަނީ މަދެއްކޮށް ނޫނެވެ. ކުނި އަޅާ ވަށިގަނޑު އެހެރީ 30 ސިކުންތުގެ ދުރުމިނުގައެވެ. އެހެންނަމަވެސް ވަށިގަނޑާއި ހަމަ އަށް ކުނިކޮޅު ނުފޯރައެވެ. އެހެންވީމާއ، މިމައްސަލައަކީ މުޅިއަކުން ކުނިވަށިގަނޑު ނެތުމާ ގުޅިފައިވާ މައްސަލައެއްނޫނެވެ.

ކުނީގެ ކަންތަކުގައި އަޅުގަނޑުމެންގެ ތޮބީއަތުގައި ހިފާފައި ހުރި ނުރަނގަޅު ގޮތްތަކެއް ބަދަލުކުރުމަށް އިޖްތިމާއި އިންޖިނިއަރިން ގެ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. ކުނި މަގުމައްޗަށް ނާޅާ ރާއްޖެ ސާފުކޮށް ބޭވުމަށް ހޭލުންތެރި ކުރުމުގެ މަސައްކަތެއް ކުރަން އެބަޖެހެއެވެ. ވަރަށް ވެސް ފުޅާދާއިރާ އެއްގައެވެ. ކުނި ސާފުކުރަން ހަމަޖައްސާ ދުވަހު ނުކުންނަފަދައިން އެންމެން އެއްބާރުލާފައެވެ. މާނައަކީ ގައުމުގެ ގިނަ ފަންތީގެ މުއައްސަސާތަކަކުން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ވަގުތީ މަސައްކަތެއްގެ ގޮތުގައެއްނޫނެވެ. އެއީ ކުނި ސާފުކުރަން ކުރާ މަސައްކަތް އަބަދުހެން ކުރަން ނުޖެހޭނީ ކުނި ނޭޅުމަށް ހޭލުންތެރިކުރުވައިގެންނެވެ. ކުނި މަދު ކުރުމަށް އާންމުންނަށް ބޭނުންކުރެވޭގޮތަށް ވަސީލަތްތައް ބަހައްޓައިގެންނެވެ. ގަވާޢިދުތައް ހަދައި ތަންފީޒުކުރެވިގެންނެވެ.