ޗައިނާއިން ވަނީ ވޭތުވެ ދިޔަ ސާޅީހަކަށް އަހަރުގެތެރޭގައި އެންމެން ހައިރާންކޮށްލާވަރުގެ އިޤްތިޞާދީ ކުރިއެރުމެއް ހޯދާފައެވެ. ކުރިން ދަނޑުވެރިކަމަށް ބަރޯސާވެގެން އޮތް އިޤްތިޞާދު މިވަނީ އިންޑަސްޓްރިއަލް ސިނާއަތަކަށް ބަދަލުކޮށްލާފައެވެ. ބަވަނަވަމުން އައި ދުނިޔޭގެ އިޤްތިޞާދުގެ ތެރެއަށް ޗައިނާވަނީ އެމީހުންގެ އިގްތިސާދު ދުނިޔެއަށް ހުޅުވާލުމުންނެވެ. އެހާހިސާބުން ދުނިޔޭގެ އިޤްތިޞާދުގެ ބޭނުން އެންމެ ފުރިހަމައަށް ހިފި އެއް ޤައުމަކަށް ޗައިނާ ވާނެއެވެ.
ޗައިނާގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމާއި އުފެއްދުންތެރިކަން އިތުރުކޮށްގެން ޤައުމުގެ ފަޤީރުކަން ވަނީ ނައްތާލާފައެވެ. އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ މަތިކޮށްފައެވެ.
އިޤްތިޞާދީ ރޭވުންތެރިކަމާއި ތަދުބީރާއެކު ޗައިނާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދާހަމަ އަށް ދަތުރުކޮށްފައެވެ. ބައެއް އިޤްތިޞާދީ މާހިރުން ސިފަކުރާގޮތުގައި ޗައިނާ އަކީ މިހާރުވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ.
ޗައިނާގެ މިހާރުގެ ރައީސް ޒީ ޖިންޕިންގް ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ދެވަނައިގައި އޮވެގެން ފުއްދާލެވޭކަށް ނެތެވެ. އެންމެ ބޮޑު އިޤްތިޞާދަށްވުމަށްޓަކައި ޗައިނާގެ ފައިސާ އަކީ ދުނިޔޭގައި އެންމެ ބޮޑަށް މުއާމަލާތުކުރެވޭ ފައިސާއަށް ވާންއެބަޖެހެއެވެ.
މިހިނގާ 2018 ވަނަ އަހަރު ޗައިނާގެ ފައިސާ ދުނިޔޭގެ މާރކެޓްގައި ކުރިއެރުންތަކެއް ހޯދާނެކަމަށް ބެލޭވޭ ސަބަބުތަކެއް އެބަހުއްޓެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެގިނައިން ތެޔޮ އެތެރެކުރާ ޤައުމެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ %40 އޮތީ ޗައިނާގައެވެ. އެހެން ކަމުން ޗައިނާއާ އެކު ހަދާ ތެލުގެ ކޮންޓްރެކްޓްތަކުގެ މުއާމަލާތްތައް ކުރަން ޖެހޭނީ ޔޫއާންއިން (ޗައިނާގެ ފައިސާ) ކަމަށް ހަދައިފިނަމަ ޔޫއެސް ޑޮލަރަށް ދުނިޔޭގެ ވިޔަފާރީގައި ބަރޯސާވަމުން އަންނަ އައުން ކުޑަވެގެންގޮސް ޑޮލަރުގެ ރަސްކަން ޔޫއާނާއި ހިއްސާ ކުރަން ޖެހުމަކީ ވެދާނެކަމެކެވެ.
މިހެން ދިމާވެއްޖެނަމަ ނުވަތަ މިމަގަށް ކަންކަން ތަރުތީބުވެގެން ގޮއްސިނަމަ އަޅުގަނޑުމެންގެ އިގްތިސާދު ސަމާލުވެ، ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެއެވެ. މިވަޤުތު އަޅުގަނޑުމެން ގެ އިޤްތިސާދަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދެދާއިރާއަކީ ފަތުރުވެރިކަމާއި އިމާރާތްކުރުމެވެ. މިދެ ދާއިރާގައި ޗައިނާގެ ހިއްސާ ވަރަށް ބޮޑެވެ. އެންމެ ބޮޑެތި އިމާރާތްކުރުމުގެ ޕްރޮޖެކްޓްތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އަދި ޓޫރިސްޓުން އެންމެ ގިނައިން އަންނަނީވެސް ޗައިނާއިންނެވެ. އެހެން ކަމުން ޗައިނާގެ ފައިސާ ގިނަ އަދަދަކަށް މިހާރުވެސް ރާއްޖެއަށް އެތެރެވާނެކަމަށް ޤަބޫލުކުރެވެއެވެ.
ޗައިނާ އެކު ވިޔަފާރިކުރާ ގިނަ ޤައުމުތަކުން އެގައުމުގެ ފައިސާ ހުރީ ޑޮލަރާއި ޕެގުކޮށްފައެވެ. ބޭނުމަކީ އެގައުމުތަކުގެ އެކްސްޕޯޓް ވިޔަފާރި ޗައިނާގައި ވާދަވެރިވުމެވެ. އަދި ޗައިނާގެ ޔުއާންވެސް ހުރީ ޑޮލަރާއި ޕެގްކުރެވިފައެވެ.
ޗައިނާއަކީ ދުނިޔޭގައި މިހާރު އެންމެ ގިނަ އަދަދަކަށް ރަންގަންނަ ޤައުމެވެ. ޗައިނާއިން ރަން ގަތުމުގެ ވިސްނުމަކީ ކޮންމެވެސް ދުވަހަކުން ޑޮލަރުގެ ބަދަލުގައި ޔުއާން ރަނަށް ޕެގްކުރުން ކަމުގައިވެސް ވެދާނެއެވެ.
ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކުން އެމެރިކާއާއި ކުރާ ވިޔަފާރީގައި ޑޮލަރުގެ މުއާމަލާތްތަކުން ލިބޭ ފައިދާ އިންވެސްޓްކުރަނީ އެމެރިކާގައެވެ. ބޭނުމަކީ ޑޮލަރުގެ އަގު މަތިކޮށް މި ގައުމުތަކުން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދާ އެމެރިކާގައި އަގު ހެޔޮކުރުމެވެ. އަދި އެމެރިކާއަށް ތޮޔޮ ވިއްކައިގެން އަރަބި ގައުމަތަކަށް ލިބޭ އާމްދަނީގެ ނަފާ އިތުރު ކުރުމަށްވެސް އެފައިސާ އެމެރިކާގައި އިންވެސްޓްކުރެއެވެ. އެހެންވީމާ، ބޮޑެތި އިޤްތިޞާދުތަކުން ލިބޭފައިދާ ދައުރު ކުރަނީ އެމެރިކާގެ އިޤްތިޞާދުގެ ތެރޭގައެވެ.
ޗައިނާގެ ޔުއާން، އެމެރިކާ ޑޮލަރުގެ ރަސްކަމަށް ނިމުމެއް ގެނެސްފިނަމަ މިހާރު މިއޮތް ހަމައަށް ބަދަލު އަންނާނެއެވެ. އަޅުގަނޑުމެން ޑޮލަރަށް ރުފިޔާ ޕެގްކޮށްގެން ހަމަ ތިބޭނީތޯއެވެ. ނޫނީ މިހާރުން ފެށިގެން ޤައުމަށްވަންނަ ހުރިހާ ބޭރުގެ ފައިސާއަކަށް ބަރޯސާވާނީތޯއެވެ. ހާއްޞަކޮށް ޔޫއާން އާ ދޭތެރޭ ވިސްނާލުން މުހިންމެވެ.