ވޭތުވެ ދިޔަ އަހަރު ތަކުގައި ޑިމޮކްރަސީ ހީނަރުވަމުން ދާކަން ފާހަގަކުރެވެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޑިމޮކްރަސީތައްކަމުގައިވާ، އިންޑީއާ އަދި އެމެރިކާގައިވެސް ޑިމޮކްރަސީގެ ހަމަތަކާއި ރޫޙާއި ޚިލާފު ކަންކަން ކުރަމުން އެބަގެންދެއެވެ. އެހެން ކަމުން ދުނިޔޭގައި ވެސް ޑިމޮކްރަސީގެ އިންޑެކްސް މިދަނީ ދަށްވަމުންނެވެ. ފުރިހަމަ ޑިމޮކްރަސީއެއް ގައި ދިރިއުޅެމުންދަނީ ދުނިޔޭގެ އާބާދީ ގެ ތިންބައިކުޅަ އެއްބައެވެ. ސަބަބަކީ އާބާދީ އެންމެ ބޮޑު އެއް ޤައުމު އަދިވެސް އޮތީ ޑިމޮކްރަސީ ގެ ތެރޭގައި ނޫންކަމަށްވާތީ އެވެ.
ރާއްޖޭގެ ޑިމޮކްރަސީ މިހާ ޅަފަތުގައި އޮތްއިރު ޑިމޮކްރަސީ ދިރުވަން، އަދި ޑިމޮކްރަސީ ގެ ހަމަ ތަކުގެ މަތިން ނިޒާމް ގާއިމު ކުރަން ވޭތުވެ ދިޔަ ސަރުކާރުތަކުން އެދެވޭ މަސައްކަތެއްކޮށްފައެއްނުވެއެވެ. ކޮންމެ ސަރުކާރަކީވެސް ޑިމޮކްރަސީގެ ތެރޭން އުފެދޭ ސަރުކާރެކެވެ. ނަމަވެސް ކޮންމެ ސަރުކާރަކަށްވެސް މަސައްކަތް ކުރެވިފައި ހުރީ ޑޮމޮކްރަސީ އެބައެއްގެ ފައިދާއަށް ހަނިކުރާށެވެ. ޑިމޮކްރަސީގައި މިއަދު މިތިބަ ހިސާބުން ދާންވީ ހިސާބު އަދިވެސް މިވަނީ އަޅުގަނޑުމެންގެ މާޒީގައި ހެންނެވެ. މާނައަކީ ޑިމޮކްރަސީގެ ދަތުރުގައި އަޅުގަނޑުމެނަށް ކުރިއަރައިގެން ދެވިފައެއްނެތެވެ.
ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރެވުނު ދުވަސްވަރު، އާ ޤާނޫނު އަސާސީ އެކުލަވާލައި ތައްޔާރުވަމުން އައި ދުވަސްވަރު، އަދި 2008 ގެ އިންތިޚާބަށް ކަންކަން ބިނާ ކުރަމުން އައިދުވަސް ވަރު ޑިމޮކްރަސީ ގެ ހަމަތައް އޮތް ވަރަށްވެސް މިހާރު ނެތެވެ. އެދުވަސްވަރު ޕާރޓީތަކުގެ ޕްރައިމަރީ ބޭއްވުނުނެވެ. އެއީ ޕާޓީތަކުން ކުރަން ޖެހޭކަމަކަށް ވެފައި އޮތެވެ. ޕްރައިމަރީގައި ބަހުސް ބޭއްވުނެވެ. އަދި އިދިކޮޅުޕާޓީގެ ޕްރައިމަރީގެ ބަހުސް ޤައުމީ ޓީވީން ދެއްކިއެވެ.
2013ގައިވެސް ޕީޕީއެމް ގެ ޕްރައިމަރީ ބޭއްވުނެވެ. ވަރަށް ވާދަވެރި ޕްރައިމަރީއެކެވެ. ކެންޑިޑޭޓުން ކެންޕޭންގައި އަތޮޅުތެރެއަށް ދަތުރު ކުރިއެވެ.
ފެންނަން ހުރި ހެއްކަކީ، ނިމިދިޔަ ދެ ރިއާސީ އިންތިހާބުގައިވެސް ޕްރައިމަރީ ބޭއްވި ޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރިކަމެވެ. ނަމަވެސް މިހާރު ޕާޓީތަކުން ބަލަނީ ޕްރައިމަރީ ނުބާއްވާ ވޭތޯއެވެ. ޕްރައިމަރީއަށް ފަހު ޕާޓީ ދެބައިވަނީ ކަމަށް ބުނެއެވެ. ހަޤީޤަތުގައި މީ ވަރަށް ބޮޑު އޮޅުވާލުމެކެވެ.
އަޅުގަނޑު ހިތުން އިންތިޚާބަށް މީހަކަށް ޓިކެޓް ވެދުން ކުރުމަކީ ޕާޓީއަށް ތާއީދު ކުރާ އެންމެންގެ ވޯޓް އެ ކެންޑިޑޭޓްއަކަށް ނުފޫޒުން ކަށަވަރުކުރުމެވެ. ޕާޓީތެރެއިން ޕްރައިމަރީއެއްގައި ވާދަކޮށްގެން މޮޅުވެދާނެކަމަށް ލަފާކުރާ މީހާ ޖެހޭނީ ހަމަ ހުންނާށެވެ. ތާއީދުލިބިފައި އޮތަސް ޖެހޭނީ ހިންދިރުވާލައިގެން ހުންނާށެވެ. މިއީ ޕާޓީގެ އާންމު މެންބަރުންގެ މިނިވަން ވޯޓަށް ކަނޑައެޅިގެން ހުރަސް އެޅުމެވެ. ޑިމޮކްރަސީއަށް ވެވޭ ބޭވަފާއެކެވެ. މިހެން ހެދުމުން ޕާޓީ ވަރުގަދަ ވަނީކީނޫނެވެ. ޕާޓީ ވަނީ ނިކަމެއްޗެވެ. މިސާލު ވަރަށް ސާފުކޮށް އަޅުގަނޑުމެންގެ ފަސްމަގުން ފެންނަށް އެބައޮތެވެ.
ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ޑީއާރުޕީ ހަމަ އެކަނި ނަމަކަށް އޮތް ޕާޓީއަކަށް ވެގެން ދިޔައީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ޖާގަދޭން ދެކޮޅު ހެދުމުންނެވެ. ރިޔާސީ އިންތިހާބުގެ ޓިކެޓްގެ މައްސަލަ ކުރިމަތިވެ ޕްރައިމަރީ ނުބޭއްވުމަށް ފާސްވެގެން ދިޔަ ހިސާބުން ޕާޓީ ތެރޭ ހިތްހަމަނުޖެހުން އުފެދިގެން ދިޔައެވެ. 2013 ގެ އިންތިޚާބާ ހަމައަށް އާދެވުނުއިރު ޑީއާރުޕީގައި ރިއާސީ އިންތިޚާބަށް ކުރިމަތި ލާވަރުގެ ހަކަތައެއް ނެތެވެ. ޑިއާރުޕީގެ ތެރޭން އުފެދުނު ޕީޕީއެމް ޕްރައިމަރީއެއް ބާއްވައި އިންތިހާބު ކާމިޔާބު ކުރިއެވެ. ނަމަވެސް މިއަދު ޕީޕީއެމްވެސް ކުރެވެން އޮތް ހުރިހާކަމެއް މިކުރީ ޕްރައިމަރީ ނުބާއްވާށެވެ. މިއަހަރުގެ އިންތިޚާބާއި ކުރިމަތި ވީއިރު ޕާޓީ މިއޮތީ އެންމެ ވަރަގަދަކޮންނޭ ދެންނެވޭކަށް ނެތެވެ.
މީގެ މާނައަކީ ވަކި ބައެއްގެ މަސްލަޙަތައްޓަކައި ޕާޓީތަކުން ކޮންމެ މީހަކާވެސް ރިޔާސީ ޓިކެޓް ހަވާލުކުރެވިދާނެއެވެ. އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ވަކިޕާޓީއެއްގައި ތިބުމަކުން، ވަކި ކުލައަކަށް ތާއިދު ކުރުމަކުން ވަކި ފިކުރެއްގައި ހުރުމަކުން ވަފާތެރިކަން ދައްކާކަށް ނުޖެހެއެވެ. އަޅުގަނޑަކީ ވާތޭ، ކަނާތޭ ނުވަތަ މެދޭ ބުނެ އެފިކުރަށް ތަބާވެގެން ވޯޓް ދިނުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ޑިމޮކްރަސީގައި ވޯޓް ދިނުމުގައި ތިމާގެ ނަފްސުގެ މިނިވަންކަން ހޯދަންޖެހެއެވެ.
ވޭތުވެދިޔަ 5 އަހަރު ވެރިކަން ކުރީ އެންމެ އެދެވޭގޮތަށްތޯ މިނަން އެބަޖެހެއެވެ. މެނިފެސްޓޯގައި ހުރީ ކޯޗެއްތޯ، ކުރިން ވީ ވައުދުތައް ފުއްދީ ކިހާވަރަކަށްތޯ، މިކަންކަން ބަލުމަށްފަހު މިނިވަން ވޯޓް ދިނުމަކީ ޑިމޮކްރަސީ އެވެ.
ސިޔާސީ ކަންކަމުގައި ކުރެވޭ ނޭއްގާނީ ކަންކަމާއި، ސިޔާސީ ޖޯޝުގައި ކުރެވޭ ނޭދެވޭ ކަންކަމަށް ރައްޔިތުން ހޭލުން ތެރި ކުރުމަށް މިނިވަން މުއައްސަސާތަކާއި ދައުލަތު ގެ މީޑިއާ އަދި މަދަނީ ޖަމިއްޔާތައް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ނަމަވެސް މި އެމުއައްސަސާތައް އެންމެ އެދެވޭގޮތަށް ހަރަކާތްތެރި ވަމުން ދާތަނެއް ނުފެނެއެވެ. މިހާރު އެމުއައްސަސާތަކުގެ މަޤްސަދުތަކުގެ ތެރޭގައި އެކަންކަން ނެތީ ކަމަށް ވެދާނެއެވެ.
ސިޔާސީ ޕާޓީތަކުގެ އެތޭރޭގެ ޑިމޮކްރަސީ، ހާއްޞަކޮށް ވެރިކަމުގައި އޮންނަ ޕާޓީ ޑިމޮކްރެޓިކް ހަމަތަކުން ހީނަރުވެގެން ދިއުމަކީ އެކަމުގެ ދަޅަ ދައުލަތުގެ މީޑިއާއަށް އެޅޭނެ ކަމެކެވެ. ދައުލަތުގެ މީޑިއާގެ ފުށުން އަޅުގަނޑުމެނަށް ފެންނަމުން މިދަނީ މިދެންނެވި ހީނަރުވުމުގެ ނަތީޖާ އެވެ. މިހާރު އޮތް މާޙައުލުގައި ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރެވިދާނެކަމަށް ޤަބޫލު ކުރަން ދަތިވެއެވެ. ނަމަވެސް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށްފައި ހުރިތަން ތާރީޚްގެ ތެރެއިން ފެންނަން އެބަހުއްޓެވެ.
އާދެ! 2008ގެ އިންތިޚާބު ކުރިމަތިވަމުން، ޑޮމޮކްރަސީ ގެ އަޑު ޤައުމުގައި ގަދަވަމުން އައި ދުވަސްވަރު އަޅުގަނޑަށް ޓެލެވިޒަން މޯލްޑިވްސްގައި މަސައްކަތް ކުރަން ފުރުޞަތު ލިބުނެވެ. އެހެން ކަމުން އެތަޖުރިބާ ކޮންމެވެސް ވަރަކަށް ހިއްސާކޮށްލެވޭތޯ ބަލާނަމެވެ.
2006ގައި ޓީވީއެމް ގެ ޙަބަރު ގެނެސްދޭ އެޑިޓޯރިއަލް ގިއުގަޑު ބަދުލު ކުރަން ރައީސް އޮފީހުގެ އިޒުނަ ބޭނުންވިއެވެ. އެކަންވީ ދިގު މަރުހަލާއަކަށެވެ. އެދުވަސްވަރު ރައީސް ގެ ޚަބަރުތައް ފޮނުއްވާނީ ރައީސް އޮފީހުންނެވެ. އަދި ޚަބަރު ކިޔާނީ އެޚަބަރު ރައީސް އޮފީހުން ފޮނުއްވިގޮތަށެވެ. ޕްރެސް ރިލީސް ވެސް ހަމަ ގޮތަށެވެ.
އަދި އެދުވަހެއްގެ ޚަބަރުގެ ތެރޭގައި ހުންނަ ރައްޔިތުންނާއި ގުޅުންހުރި މުހިންމު ޚަބަރުތަކާއި ހޫނު ޚަބަރުތަކަށް އިސްކަންނުދީ، ރައީސް ގެ ޚަބަރެއް އޮތްނަމަ އެންމެ ކުރީ ޖާގަ އިސްވާނީ އެޚަބަރަކަށެވެ. މިވިސްނުމަށް ބަދަލުގެނެވުނީ ބަލައިގަންނަން ފަސޭހަވާ ސްޕީޑްގައި މަޑުމަޑުން މަސައްކަތް ކޮށްގެންނެވެ.
ދެޕްރޮގްރާމް ދޭތެރެ ބެއްދުމަށް ގެނެސްދެމުންދިޔަ ޤައުމީ ލަވައިގެ ނަމުގައި ސަރުކާރު ޕްރޮމޯޓްކުރަމުން ގެންދެވުނު ލަވަތަކުގެ ބަދަލުގައި އާންމުން ހޭލުންތެރިކުރަން ޖެހޭ އެކި ދާއިރާތަކުން ކުދި ކްލިޕްތައް އުފައްދައި ފޮނުވަންފެށުނެވެ. މިކަންވެސް އެހާ ފަސޭހަކަމަށް ނުވިއެވެ.
ބައެއް މުއައްސަސާ ތަކުގެ ޚަބަރުތައް ތައްޔާރުވާއިރު އެތަންތަނުގެ ނުފޫޒު އެ ޚަބަރުތަކަށް ފޯރުވަމުން ގެންދެއެވެ. ޚަބަރު ބްރޯޑްކާސްޓު ކުރުމުގެ ކުރިން އޮފީހުގެ އިސް މުއައްޒަފެއް ބައްލަވާލެއްވުން އެއީ ޢާންމުކަމެކެވެ. މިކަން ހުއްޓާލުމުން ހިތްހަމަނުޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނެވެ. ނަމަވެސް އެއީ ޚަބަރުގެ ކަންކަން ކުރެވޭނެ ގޮތެއް ނޫނެވެ. މިނިވަންކަމާއެކު ޚަބަރު ހަދަން ފެއްޓުމުން ޚަބަރުގެ ދެފަރާތް ކޮންމެވެސް ވަރަކަށް ގެނެސްދެވެން ފެއްޓުނެވެ.
މިނިވަން ނޫސްވެރިކަމުގެ ސިޔާސަތުގެ ދަށުން މަޖައްލާއާ ނޫސްތަކަށް ފުރުޞަތު ހުޅުވާލުމުން އެކި ގޮތްގޮތަށް މަޢުލޫމާތު ޢާންމުވާން ފެށިއެވެ. އެހެންކަމުން ކަންކަމުގެ ޙަގީގަތް އޮޅުން ފިލުވައިދިނުމުގެ މަޤްސަދުގައި އާޕްރޮގްރާމުތައް ތައްޔާރުކުރެވުނުވެ. އެންމެ ޚާއްޞަކޮށް ފާހަގަކުރެވުނީ 10އަކުން 11 މިނަމުގައި ގެނެވުނު ޕްރޮގްރާމެވެ. އެއީ ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ގެނެސްދެވުނު ޕްރޮގްރާމް އެކެވެ. މީގެ ޚިޔާލާއި ރޫޙް ނަކަލުކުރެވިފައިވަނީ އޮސްޓްރޭލިއާގައި އޮންނަ "މީޓް ދަ ޕްރެސް" ކިޔާ ޕްރޮގްރާމަކުންނެވެ.
މިޕްރޮގްރާމް ގެ ޚިޔާލު ގެނެސްދިނީ އޭރުގެ އިންފޮމޭޝަން މިނިސްޓަރ އެވެ. 10 އިން 11 ގައި ގެނެސް ދޭ ބައިތަކަކީ ހިނގައިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބާރަށް އާންމުތެރޭގައި ދެކެވުނު ވާހަކައިގެ މައުލޫމާތެވެ. ނޫސް މަޖައްލާތަކުގެ ސުރުޚީތަކުގައިވާ ކަންކަމުގެ މައުލޫމާތު އޮޅުން ފިލުވައިދިނުމެވެ. އެއްވެސް ފަރާތަކަށް ބުރަނުވެއެވެ. މި ޕްރޮގްރާމްގެ އެންމެ މުހިންމު އެއްބަޔަކީ ހޫނު ގޮޑިއެވެ. މިބައިގައި ޖަވާބުދާރީވަނީ ކޮންމެވެސް މިނިސްޓަރެކެވެ. ހޫނި ގޮނޑީގެބައިގައި ބައެއް މިނިސްޓަރުން 2 ފަހަރު 3 ފަހަރުވެސް ބައިވެރިވިއެވެ. ބައެއް ބޭފުޅުން ބައިވެރިވާން ބޭނުންފުޅު ވެގެންނެވެ. މިނިސްޓަރުންނާއި ކުރެވޭ ސުވާލު ތަކަކީ އަންމުނަށް ހުޅުވާލައިގެން އެކި ފަރާތްތަކުން ފޮނުވާ ސުވާލު ތަކެވެ. ހޫނު ގޮޑިން ނުފެނުނީ އޭރުގެ ދެ މިނިސްޓަރަކެވެ. އެއީ އޭރުގެ ޑިފެންސް މިނިސްޓަރާއި އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރެވެ.
މިޕްރޮގްރާމް ވަރަށް ފޯރީގައި ގޮސް ހުއްޓުމަކާއި ހަމަ އަށް ދިޔައީ މިފަދަ އެހެން ޕްރޮގްރާމްތައް ތައާރުފު ވުމާއެކުއެވެ. ޚަބަރުގެ ފަހުން ގެންނަ ޓޯކްޝޯ އަކީ އެދުވަސްވަރު ތަޢާރަފު ވެގެން ދިޔަ ޕްރޮގްރާމެކެވެ. ފަށައިގަނެވުނު ދުވަސްވަރު ވަރަށް ތަރުޙީބު ލިބުނު ޕްރޮގްރާމެކެވެ. އަދި މިހާރު ހުރިހާ ޓީވީ ޗެނަލްއެއްގައި ވެސް މިގަޑި ހުސް ކުރެވިފައިވަނީ އެދުވަހެއްގެ ޚަބަރާއި ގުޅުންހުރި ނުވަތަ އެވަގުތަކު ހިނގާ ކޮންމެވެސް މުހިންމު ކަމެއްގެ ވާހަކާ ދެއްކުމުގެ މިފަދަ ޕްރޮގްރާމްއަކަށެވެ.
މިއާއެކު އަތޮޅުތެރޭގެ ޚަބަރު ގާތުން ހޯދުމަށްޓަކައި އަތޮޅު ބިއުރޯތައް އުފެއްދުނެވެ. މާލޭ ޓީވީގެ ތާސީރު ބަދަލުކުރުމަށްޓަކައެވެ. ނިއުސްކާސްޓަރުގެ ގޮތުގައި ކުދިން ތަމްރީނު ކުރެވި މަސައްކަތަށް އަހުލުވެރިކުރެވުނެވެ. ނޫސްވެރިކަން ކުރާގޮތާއި ނޫސްވެރިކަމާއި ގުޅުންހުރި އެތައް ފޮތްތަކެއް އިންފޮމޭޝަން މިނިސްޓަރީން އެދުވަސްވަރު ޝާއިއުކުރެވުނެވެ. ތަމްރީނު ކުރެވުނު ކުދީންނަށް ކިޔަވައި ދިނީ ޓީވީގެ މުއައްޒަފުންނާއި ރާއްޖޭގެ ސީނިއަރ ނޫސްވެރިންނެވެ.
ޓެލެވިޒަން މޯލްޑިވްސްގެ މަންޒަރު ބަދަލުވެގެން ދިޔައިރު ރައްޔިތުން މަޖްލިސް ތެރެއިން ތައްޔާރުވަމުން ދިޔައީ ނިޒާމީ ވޯޓްއެއް ނެގުމަށެވެ. ރާއްޖެގައި ބައްވާނީ ރިއާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުން ދޭ ވޯޓަކަށެވެ. ވެރިކަމުން ތާއީދު ކުރީ ރިއާސީ ނިޒާމްއަކަށެވެ. އިދިކޮޅު ފަރާތްތަކުން ތާއީދު ކުރީ ބަރުލަމާނީ ނިޒާމްއަކަށެވެ. ދައުލަތުގެ މީޑިއާއިން ދެފަރާތަށްވެސް ވެސް ވަގުތު ހަމަހަމަކޮށް ދިނެވެ. އިދިކޮޅު ފަރާތްތައް ފުރުތަމަ ފަހަރަށް ޓެލެވެޒަން މޯލްޑިވްސް އިން ފެންނަން ފެށުނީ ނިޒާމީ ވޯޓްއާއި ގުޅިގެންނެވެ. ވޯޓުގެ މަސައްކަތް ނިމުނު އިރު ޓެލެވިޒަން މޯލްޑިވްސް ގެ މުއައްޒަފުން ތިބީ ވަރަށް ޖޯޝުގައެވެ. ތިލަފަތް ހަމަކޮށް މައުލޫމާތު ފޯރުކޮށްދެވުމުގެ މިސްރާބު ޖަހާފައިވާތީ އާއި މުއައްސަސާ ބާރުވެރިވަމުންދާކަމުގެ އިޙްސާސްކުރެވޭތީއެވެ.
މިދުވަސްވަރު ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާންވެސް ޖެހުނެވެ. ޓީވީއެމްގެ ވެބްސައިޓުއަށް ކޮންމެވެސް ބަޔަކުވަދެ ހަބަރުގެ ސުރުހީތައް ބަދަލުކޮށްފައި ހުއްޓާފެނުނެވެ. ހުރީ ސަރުކާރަށް އިހާނެތި ބަސްބުނެފައެވެ.
އަޅުގަނޑަށް ލަފާކުރެވެނީ މިއީ ސަރުކާރާއި ޖެއްސުމަށް ހިންގި އަަމަލެއް ކަމަށެވެ. މިކަމުގެ ހަޤީޤަތް ހޯދުމަށް އަދި ކޮންބައެއް ކުރިކަމެއް ތޯ ބެލުމަށް ކުރެވުނު މަސައްކަތުން އެނގުނީ ވެބްސައިޓަށް ވަދެބަދަލު ގެނެސްފައިވަނީ ސައިބާ ކެފޭ އަކުންނާއި ބޮޑު ކުންފުންޏެއްގެ އައި އެޑުރެހުން ކަމެވެ. ނަމަވެސް ސިދާ ކޮންބައެއް ކުރި ކަމެއްތޯ ސާފެއް ނުކުރެވުނުވެ. ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުނަސް އަޑީގައި ތިބީ ކޮން ބައެއްކަން ލަފާކޮށްލާވަރަށް ދެނެގަނެވުނެވެ.
ޓީވީއެމް ތެރޭގައި ހަމަ ނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރިއެވެ. އެއިރު ޓީވީއެމްގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުންދިޔަ މުއައްޒަފުންނަށް ފުރައްސާރަކުރުމަށް ވެބްސައިޓެއް ހަދައިގެންގެންދަން ބަޔަކު މަސައްކަތްކުރިއެވެ. ދާދި އަވަހަށް އެއީ ކޮންބައެއް ކަން ދެނެގަނެވުނުނެވެ. މީޑިއާގައި މިކަމުގެ ޚަބަރުތައް ވަރަށް ހޫނުކޮށް ލިޔެވުމުން ދިޔައެވެ. އަދި ފަހުން ކަންކަން ވެގެން ދިޔަ ގޮތުން އެމީހުން ހިންގި އަމަލަކީ ސަރުކާރުން މާއާފު ކުރަން ބެނުންވި ކަންތައްތަކެއް ކަން ދެނެގަނެވުނެވެ.
ގޮންޖެހުންތައް އިތުރުވަމުން އާދެއެވެ. ކޮންމެވެސް ފަރާތަކުން އެންޓި ކޮރަޕްޝަންއަށް ފޮނުވި ޝަކުވާ އަކާއި ގުޅިގެން މައްސަލައެއް ބަލަންޖެހުނެވެ. މައްސަލަ ސާފުވިއިރު ކޮށްފައިވަނީ ހަޤީޤަތެއް ނެތް ޝަކުވާ އެކެވެ.
މިހާހިސާބުން ކުރިމަތިވީ ރިއާސީ އިންތިޚާބެވެ. މަޖްލީހުން ކަނޑައެޅި ގަވާއިދުގައި އޮތީ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ދައުލަތުގެ މީޑިއާއިން ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ރިއާސީ އިންތިޚާބުގައި ޝާމިލުވާ ހުރިހާ ސިޔާސީ ޕާޓީއަކާއި އެކު އެއްބަސްވުމެއްގައި ސޮއެކޮށް ހަމަހަމަ ފުރުޞަތު ދިނުމަށެވެ. ޤަވާއިދާއި އެއްގޮތަށް އެންމެނަށްވެސް ހަމަމަވުމެވެ.
ރިއާސީ އިންތިހާބަށް ތައްޔާރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ރޭވުނެވެ. ޕާޓީތަކަށް ދެވޭ ވަޤުތުތައް ވަރަށް ހަމަހަމަކޮށް ލޮގް ކުރެވިގެން ގެންދެވުނެވެ. ކެންޕޭންގެ ޚަބަރުތައް އޮންނަނީ ތަރުތީބު ކުރެވިފައެވެ. އެހެންކަމުން ކޮންމެ ޕާޓިއެއްގެ ޚަބަރުވެސް އެންމެ ކުރިއަށް އެރުމުގެ ފުރުޞަތު އޮވެއެވެ. އަދި ޚަބަރުގެ ވަޤުތުވެސް އޮންނަނީ ހަމަ އެއްވަރަކަށެވެ. ކެންޕޭން ނިމުނު އިރު އެއް (1)މިނިޓްގެ ފަރަގެއް އޮތެވެ. ސަރުކާރު ނިސްބަތްވާ ޕާޓީގެ ފަރާތަށް ބުރެވެވިފައެވެ.
ރިއާސީ އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އެދަނޑިވަޅާއި ދިމާކޮށް އޮޑިޓަރ ޖެނެރަލް އޮފީހުން ކޮންމެހެން ޓީވީއެމް އޮޑިޓް ކުރަން ޖެހިއްޖެއެވެ. އޯޑިޓް ރިޕޯރޓް ތައްޔާރުކޮށް ނެރުނީ އަލަށް ހަވާލުވި ސަރުކާރުންނެވެ. ޖެހިގެން އައި އަހަރުއެވެ. އޭރު އޮޑިޓް އޮފީހުގައި ނުފޫޒުތަކެއް އެބުރެމުން ދިޔަ ކަން އެނގިގެން ދަނީ ފަހުން އޮޑިޓަރ ޖެނެރަލް އާއި މެދު ކަން ދިމާވެގެން ދިޔަ ގޮތުންނެވެ.
ރިއާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓުންގެ ބަހުސެއް އޮތެވެ. ބަހުސަށް ސަރުކާރުން އެންމެ ފުރަތަމަ އެއްބާރުލުމެއް ނުލިބުނެވެ. ފޮނުވި ދައުވަތުގެ އެންމެ ފުރތަމަ ޤަބޫލެއް ނުކުރިއެވެ. ސަރުކާރުގެ ކެންޑިޑޭޓް ބައިވެރި ނުވާ ބަހުސެއް ފުރިހަމަ ނުވާނެތީ ފުރަތަމަ ކަނޑަ އެޅި ތާރީޚް ފަސްކުރެވުނެވެ. ލޮބީ ކުރުމުގެ ވާހަކަތަކަށް ފަހު ދައުވަތު ޤަބޫލުކޮށްފިއެވެ.
މިއާއެކު ނާއިބު ރައީސުންނަށް ކުރި މަތި ލީ ފަރާތްތަކުގެ ބަހުސެއް ވެސް އޮތެވެ.
ރިއާސީ ބަހުސް އަދި ވަން އޮން ވަން ބަހުސްތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ކަން ދިޔަގޮތުގެ ޝަކުވާތަކެއް ނާދެއެވެ.
ރިއާސީ އިންތިޚާބުގެ ނަތީޖާ ވޯޓް ގުނަމުންދިޔައިރު ވަގުތުން ނަތިޖާ ގެނެސްދެމުން ގެންދިޔައެވެ. އަދި މި ޕްރޮގްރާމް ހުށަހަޅަދިނުމަށް ހަމަޖެއްސި ދެބޭފުޅުންނަކީ ސިޔާސީ ގުޅުންތަކެއް ނެތް ދެ ބޭފުޅުންނެވެ. އާންމުން އެޝޯ ބަލައިގަންނަން ފަސޭހަކުރުމަށެވެ.
އިންތިހާބުގެ ނަތިޖާ އިއްވަމުން ގެންދިޔައީ އިލެކްޝަން ކޮމިޝަންއަށްވުރެ އަވަހަށެވެ. ބައެއް ފަރާތްތަކުން ޝަކުވާވެސް ކުރިއެވެ. އެއީ އެކަން އެގޮތަށް ކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން މިއަދާ ހަމައަށް ބޭއްވުނު އިންތިޚާބުތަކުގައި ކަންކުރަމުން އައިސްފައި ވަނީ އެގޮތަށެވެ.
އިންތިހާބުގެ ކަންތައް ނިމި ދެންވީގޮތުގެ ސުރުޚީ އަޅުގަނޑުވާނީ ކުރީގެ ލިޔުމެއްގައި ފާހަގަކޮށްލާފައެވެ. 6 އޯގަސްޓް 2018 ގައި މިހާރު ގައި ޝާއިއު ކުރެވުނު "ޕަބްލިކް ބްރޯޑްކާސްޓަރަށް ފުރުޞަތެއް ނެތް" މި މަޒްމޫނުގައެވެ.
އަޅުގަނޑު ބައިވެރިވި ބައްދަލުވުމެއްގައި އެފްރިކާ ބައްރުގެ ގައުމެއްގެ އިންފޮމޭޝަން މިނިސްޓަރަކު ވިދާޅުވިއެވެ. މިޑިއާގެ ކަންކަން ގެންދާގޮތުން ސަރުކާރުވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް ހިތްހަމަ ނުޖެހޭ ކަމަށް ވަނީ ނަމަ މީޑިއާގެ ކަންކަން އެ ގެންދެވެނީ ރަނގަޅަށެވެ.
ފަސްމަގުން ލިބިދޭ ފިލާވަޅަކަށް އޮތީ "އެވެސް މަރުކަން މިވެސް މަރު" ކަމެވެ.
މިމަޒްމޫނުވަނީ 20 ސެޕްޓެމްބަރ 2018ގައި ސީއެންއެމް ގައި ޝާއިއު ކުރެވިފައެވެ.