ނިމިދިޔަ އިންތިޚާބު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން އިދިކޮޅު ފަރާތްތަށް ކާމިޔާބުކުރި ނަމަވެސް އެއީ އިންސާފުވެރި އިންތިޚާބެކޭ ދެންނެވޭކަށް ނެތެވެ. އިންތިޚާބު ކުރިމަތިވެގެން އައިއިރު ސަރުކާރު ހިންގާ ޕާޓީން ވަރަށް ފާޅުގައި ބުނެފައިވަނީ އިންތިޚާބުގައި ކެމްޕޭން ކުރާނީ ދައުލަތުގެ ވަސީލަތް ބޭނުންކޮށްގެން ކަމަށެވެ. ކަން ވެގެން ދިޔައީ ވެސް އެހެންނެވެ. ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތް ކުރީގެ އެއްވެސް އިންތިޚާބެއްގައި ބޭނުން ނުކުރާ ވަރަށް ވަނީ ބޭނުންކޮށްފަ އެވެ. ދައުލަތުގެ މީޑިއާގެ ތެރެއަށް ވެސް ވަނީ މި ނުފޫޒު ވައްދާފަ އެވެ.

މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕީޕީއެމުން ނުފޫޒު ބޭނުންކޮށްގެން ކުރި ޚަރަދު ކުރިއަށް އޮތް ދުވަސްތަކުގައި އަގުމަގު ކުރެވެން ވާނެ އެވެ. އަދި ފައިސާ ދައުލަތަށް ހޯދޭނެ މަގެއް ވެސް ހޯދަން ޖެހޭނެ އެވެ.

ޑިމޮކްރަސީގެ އުސޫލުން ސަރުކާރު ހިންގުމާ އަބަދުވެސް ހަވާލުވާނީ ރިއާސީ އިންތިޚާބު ކާމިޔާބުކުރާ ޕާޓީ އެވެ. ސަރުކާރު ހިންގުމާ ހަވާލު ވުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ސަރުކާރު ހިނގުމާއި ޕާޓީ ހިންގުމުގެ މަސައްކަތަކީ މުޅިން ދެ ކަމެކެވެ. ސަރުކާރާ ހަވާލު ވުމަކީ ދައުލަތުގެ ވަސީލަތްތައް ޕާޓީގެ އެކި ކަންކަމަށް ބޭނުންކުރުމަށް ލިބޭ ތަޅުދަނޑިއެއް ނޫނެވެ. ނަމަވެސް މިކަން ތަފާތު ނުކުރެވޭތީ އެކަމަށް ހައްލު ހޯދުމަށް އެހެން ގައުމުތަކުގައި ގާނޫނާއި ގަވާއިދުތައް ވެސް ވަނީ ހެދިފަ އެވެ.

އެމެރިކާގައި 1938ގެ އިންތިޚާބުގައި ދައުލަތުގެ މުވައްޒަފުން ބޭނުންކޮށްގެން ކެމްޕޭންކޮށްފައި ވާތީ އެއީ ޑިމޮކްރަސީގެ ރޫޙާ ޚިލާފު ކަމަކަށް ވާތީ ގާނޫނެއް ވަނީ ފާސްކޮށްފަ އެވެ. ހެޗް އެކްޓްގެ ނަމުން ނަންދެވިފައިވާ މި ބިލް ގާނޫނަކަށް ހެދީ 1939 ގަ އެވެ. ހެޗް އެކްޓްގެ ދަށުން އިންތިޚާބުތަކުގައި ރައީސާއި ނާއިބު ރައިސް އަދި ބައެއް މަތީ ދަރަޖައިގެ އޮފިޝަލުން ފިޔަވާ ސަރުކާރުގައި މަސައްކަތްކުރާ ޕާޓީގެ ސިޔާސީ ފަރާތްތަށް ކެމްޕޭންތަކުގައި ހަރަކާތްތެރިވުން މަނާކުރެ އެވެ.

ޕާޓީއަށް ނިސްބަތްވާ ހުރިހާ އޮފިޝަލުން ސަރުކާރުގައި މަސައްކަތްކުރި ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވާން ޖެހޭ ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ. ސަރުކާރުގެ ބައެއް އިދާރާތަކަކީ މިނިވަން މާހައުލެއްގައި ހިންގަން ޖެހޭ ތަންތަނެވެ. ސަރުކާރުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުން ސިޔާސީ ހަރަކާތުގައި ބައިވެރިވުމުން ސަރުކާރުގެ ވަސީލަތްތައް ޕާޓީގެ މަންފާއަށް ބޭނުންކުރަން ފުރުސަތު ލިބިގެންދެ އެވެ. ސިޔާސީ މުވައްޒަފުންނަކީ ވަޒީފާގެ ގޮތުން ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބައެއް ނަމަވެސް، އެމީހުންގެ ވަގުތުތައް ސިޔާސީ ހަރަކާތްތަކަށް ހޭދެވެގެން ދެ އެވެ.

މި އަހަރު ތެރޭ ވައިޓްހައުސްގެ ޑައިރެކްޓަ ފޯ ސޯޝަލް މީޑިއާ ވަނީ ޕާޓީގެ އިންތިޚާބެއްގައި ވަކި މީހަކަށް ތާއީދުކޮށް ވޯޓް ދިނުމަށް އެދި ޓްވީޓެއް ކޮށްފަ އެވެ. މިއީ ވަޒީފާގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދެކި ކޮންގްރެސްގެ ކޮމީޓީއަކުން މި މައްސަލަ ބެލި އެވެ. މިއީ ވަޒީފާއިން ދުރުކުރެވޭ ވަރުގެ ކުށަކަށް ވީ ނަމަވެސް ފުރަތަމަ ފަހަރުކަމުން އިންޒާރު ދީފައި ދޫކޮށްލި އެވެ.

އެމެރިކާގައި ހެޗް އެކްޓްގެ ގާނޫނުގެ އަލީގައި އަޅުގަނޑުމެންގެ މާހައުލަށް އަލިއަޅުވާލުމުން ދެނެގަނެވޭ ކަމަކީ، ދައުލަތުގެ ކުންފުނިތައް ސިޔާސީނުކޮށް، ހަރުދަނާކޮށް، ފައިދާވާ ގޮތަށް ހިންގޭނީ ސިޔާސީ ނުފޫޒުން ކުންފުނިތައް ސަލާމަތްކޮށް، ގާނޫނަކުން ކުންފުނިތަކަށް ރައްކާތެރިކަން ލިބިގެންކަމެވެ. މިފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މުހިންމުކަން މިއަދު ވަރަށް ބޮޑެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދައި، ކުރިޔަށް އޮތް ފަސް އަހަރަށް ސަރުކާރާ ހަވާލުވުމަށް ތައްޔާރުވަމުންދާ އިއްތިހާދުގެ ސިޔާސަތަކީ ދައުލަތުގެ ކުންފުނިތައް، އާންމު ވިޔަފާރިތަކާ ވާދަވެރިކޮށް ނުހިންގުމެވެ. އެހެންކަމަށް ވަނީ ނަމަ ކުންފުނިތައް ހިންގުމުގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ. ކުންފުނީގެ މައި ވިޔަފާރިއަށް ނަޒަރު ބަހައްޓައިގެން ކުރިއަށް ދިއުމަށެވެ. ކުންފުނީގެ ވިޔަފާރީގެ މަޤްސަދު ހަރުދަނާކޮށް، ނަފާ އިތުރުވާ ގޮތަށް ކުންފުނި ހިންގުމަށް އަމާޒު ހިފުމަށެވެ. ކުންފުނީގެ މަގުސަދު ހާސިލްކުރަން މިނިވަންކަން ދެވޭނީ ސިޔާސީ ނުފޫޒުގެ ކަސްތޮޅުން ކުންފުނިތައް މިންޖުކޮށްގެނެވެ.

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާހިތްވާ މީހުން ތިބޭ ހެން ޕްރޮފެޝަނަލް އަދި ޓެކްނިކަލް މަސައްކަތް ކުރަން ބޭނުން ދިވެހިން ވެސް ތިބޭނެ އެވެ. ހަމަ މިފަދައިން މިނިވަން މުއައްސަސާތަކުގައި ވެސް ޕްރޮފެޝަނަލް އަދި ޓެކްނިކަލް މަސައްކަތް އެކަނި ކުރާ ހިތްވާ ދިވެހިން ވެސް ތިބެ އެވެ. މިފަދަ ފަރާތްތަކަށް ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބެން ޖެހެ އެވެ.

ހުރިހާ އެންމެންނަކީ ސިޔާސީ މީހުންގެ ކިބައިން ވަޒީފާ ހޯދަން ބޭނުންވާ ބައެއް ނޫނެވެ. ޚާއްސަކޮށް މަތީ ތައުލީމް ހޯދައިގެން ޕްރޮފެޝަނަލް ނުވަތަ ޓެކްނިކަލް ފެންވަރުގައި މަސައްކަތްކުރާ ގިނަ ފަރާތްތައް ސިޔާސީ މަގާމުތައް ހޯދަން ބޭނުން ނުވެދާނެ އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންނުވެދާނެ އެވެ. ތަޢުލީމީ ގިނަ މީހުންނަކީ ޤާބިލުކަމާ އެކު ވަޒީފާ އަދާކުރެވޭނެ ފަރާތްތަކަށް ވާތީ ވެސް މެއެވެ.

ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އަދިވެސް އޮތީ ވަރަށް ހަނިކޮށެވެ. ރިސޯޓްގައި މަސައްކަތް ކުރަން ބޭނުން ނޫން ނަމަ ދެން އޮތީ ދައުލަތުގެ ކުންފުނިތައް ނޫނީ ސިވިލް ސާވިސް އެވެ. ދައުލަތުގެ ވަޒީފާތައް ގުޅިފައި ވަނީ އެވަގުތަކު އޮންނަ ސަރުކާރަކާ އެވެ. މިވީހާ ތަނަށް ފެންނަމުން މިދަނީ ސިޔާސީ ފަރާތެއްގެ ނުފޫޒުން، އޮންނަ ގުޅުމަކުން ގިނަ ބައެއްގެ ވަޒީފާ ހަމަޖެހިގެން ދިޔަ ތަނެވެ. ދައުލަތުގެ ކުންފުންޏެއްގެ އިސް ވަޒީފާއެއް ވާދަވެރި ހައިސިއްޔަތަކުން ލިބިފައިވާ ތަނެއް ފެންނާކަށް ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. މިގޮތަށް ސިޔާސީ ބޭފުޅުންގެ މުއްފަތުން ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާ ބަޔަކަށް ވެދުން ކުރުމުން، ސިޔާސީ ނުފޫޒު ސީދާ ކުންފުނިތަކުގެ ތެރެއަށް ވަދެގެން އެދިޔައީ އެވެ. ސިޔާސީ ބާރުން ވަޒީފާއަށް ވަންނަ އިރު ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ އިޖުރާތުތައް ފުރުހަމައެއް ނުވެ އެވެ. ވަޒީފާ އަދާކުރުމުގެ ފެންވަރާއި ގާބިލުކަން ނެތަސް ވަޒީފާ ހަމަޖެހިގެން ދެއެވެ.

ކުންފުނިތަކުގެ ބޯޑާއި މެނޭޖިން ޑައިރެކްޓަރުގެ ވަޒީފާ މިގޮތަށް ހަމަޖެހިގެން ދިޔުމުން ދެން ހުރި ވަޒާފާތައް ވެސް ބެހިގެން ދަނީ މި ގޮތަށެވެ. ހިންގުމުގެ ދުރު ވިސްނުމާއި ޒަމާނީ ހިންގުމުގެ ހުނަރާއި އީޖާބީ ހިޔާލުތަކުން މަހްރޫމުވެގެން ދަނީ ދައުލަތުގެ ކުންފުންޏެވެ. ރައްޔިތުންގެ ރައުސުލްމާލެވެ.

ދައުލަތުގެ ކުންފުނިތައް ހިންގުމުގެ އައު އޯޑަރެއް ފާޅުވާން އެބަ ޖެހެ އެވެ. ބިޒްނަސް ސްކޫލުތަކުން ތައުލީމް އުނގެނިގެން ވަރަށް ގާބިލް، އެހާމެ ކެރޭ އެތައް ޒުވާނުންނެއް ކޮންމެ އަހަރަކު ވަޒީފާގެ މާކެޓަށް އެބަ ނިކުމެ އެވެ. މި ޒުވާނުންގެ ހުނަރާއި ގާބިލުކަން ތަޖުރިބާ ކުރުމަށް ދައުލަތުގެ ކުންފުނިތައް މަރުހަބާ ކިޔޭނެ ގޮތަކަށް ތަރުތީބުވާން ޖެހެ އެވެ. ރާއްޖޭގެ ވިޔަފާރި ސިކުނޑިތަކުގެ ހަކަތައިގެ އެހީއާ އެކު ރާއްޖޭން ބޭރުގައި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ހަރަކާތްތެރިވެވޭނެ މަގުތައް ކޮށަން އެބަ ޖެހެ އެވެ. ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕަބްލިކް ކުންފުނިތަކަށް ބަދަލުކޮށް އާންމު ރައްޔިތުންގެ ހިއްސާވާ ތަންތަނަށް ވާން އެބަ ޖެހެ އެވެ. ކުރިމަގު އޮތީ ގިނަ މީހުންގެ ބައިވެރިވުމާއި ދުރު ވިސްނުމުންނެވެ.

އެޑިޓަރުގެ ނޯޓު

އަލީ ހާލިދަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ފުރުއްވާފައިވާ އަދި ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އާ ގާނޫނުއަސާސީގެ ދަށުން 2008 ގައި ބޭއްވި ރިޔާސީ ފުރަތަމަ އިންތިހާބުގެ ދުވަސް ވަރު، ދައުލަތުގެ މީޑިއާގެ ސީއީއޯގެ މަގާމުގައި ހުންނެވީ އޭނާ އެވެ.

މި މަޒްމޫނު ވަނީ 21 އޮކްޓޫބަރ 2018ގައި މިހާރު ނޫހުގައި ޝާއިއު ކުރެވިފައެވެ.