މި ޒަމާނުގައި މީޑިއާއާ ނުލައި އިންތިޚާބެއް ކާމިޔާބު ކުރުމަކީ ނާދިރު ކަމެވެ. މަގުބޫލުކަން ކުޑަ މީހުން ވެސް މީޑިއާ ރަނގަޅަށް ބޭނުންކޮށްގެން އިންތިޚާބެއް ކާމިޔާބު ކުރެވިދާނެ ކަމަށް ދެކެ އެވެ. މިކަން މިހާރު ވެފައި މިވަނީ އެންމެން ގަބޫލުކުރާ ހަގީގަތަކަށެވެ.

އިންތިޚާބަކަށް މީޑިއާ އަކީ މުހިންމު ވަސީލަތެކެވެ. ޒަމާނާ އެކު މީޑިއާގެ ޒަރިއްޔާތައް ވަނީ ބަދަލުވެފަ އެވެ. އެހެންކަމުން ބޭނުން ކުރަން ޖެހެނީ ކޮންކޮން ވަސީލަތްތަކެއްތޯ އެނގެން ޖެހެ އެވެ. ވޭތުވެ ދިޔަ ދެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބުނުވި ބޭފުޅުންނަކީ މީޑިއާ އެ ބޭފުޅުންގެ އަތުގައި ނެތިގެން އިންތިޚާބު ކާމިޔާބު ނުވި ބޭފުޅުންނެއް ނޫނެވެ.

އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބު ޓްރަންޕް ކާމިޔާބު ކުރައްވާނެ ކަމަކަށް މީޑިއާތަކުން ލަފައެއް ނުކުރެ އެވެ. އަދި ވަރުގަދަ މީޑިއާތައް ބޭނުންކުރާކަށް ޓްރަމްޕަކަށް ފުރުސަތެއް ވެސް ނުލިބެ އެވެ. އެހެން ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.

ރާއްޖޭގެ 2008 ގެ ރިޔާސީ އިންތިޚާބަށް ބަލައިލާއިރު، ބޭނުން ކުރަމުން ގެންދިޔައީ މާސް މީޑިއާގައި އާންމުކޮށް ބޭނުންކުރާ ޓީވީ ރޭޑިއޯ އެވެ. މީގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ވެބްސައިޓުންތަކުން އާންމުގެ ވިސްނުމަށް ނުފޫޒު ފޯރުވަމުން ދިޔަ އެވެ. އާ މީޑިއާގެ ވަސީލަތްތައް އިންތިޚާބެއްގައި ފުރަތަމަ ފަހަރަށް ތައާރަފުވެ، ފުޅާކޮށް ބޭނުން ކުރަމުން ގެންދިޔައީ 2008 ގެ އިންތިޚާބުގަ އެވެ.

އެހެންކަމުން 2008 ގެ ރިޔާސީ އިންތިޚާބު ކުރިމަތިވިއިރު، ފަރުދާގެ ފުރަގަހުގައި ފިލައި ތިބެ ހިންގަމުން ދިޔަ ވެބްސައިޓުތައް ހުއްޓެވެ. މި ވެބްސައިޓްތަކުގައި ހަޤީޤަތާ އެއްކޮޅު އަދި އެކި ކަހަލަ ހަގީގަތާ ޚިލާފު ވާހަކަތައް ވެސް ހުއްޓެވެ. މި ސައިޓުތަކުން މައިގަނޑު ގޮތެއްގައި ކުރީ ކެމްޕޭނެވެ. މި ސައިޓުތަކުގެ ނުފޫޒު ވަރަށް ގަދަ އެވެ. އާންމު އޮންލައިން ނޫސްތަކަށް ވުރެ ބައެއް ސައިޓުތަކުގެ ކާރުބާރު ބޮޑެވެ. ވާނީ ވެސް އެހެންނެވެ. މި ސައިޓުތަކުގައި ނޫސްވެރިކަމުގެ ގަވާޢިދެއް ނުވަތަ މިންގަނޑެއް ހިފަހައްޓާކަށް ނުޖެހެ އެވެ. މިންގަނޑެއް ނޯވެ އެވެ. ކެމްޕޭންގެ މަގުސަދު ހާސިލުވާ ނަމަ ކަނޑައެޅިގެން ދޮގު ޚަބަރު ވެސް ލިޔަމުން ގެންދިޔަ އެވެ.

ދިވެހިން 2013 ގެ އިންތިޚާބާއި ކުރިމަތިލިއިރު، އާ މީޑިއާގެ ވަސީލަތްތައް ތަފާތު ވެއްޖެ އެވެ. ބަދަލުވީ ވަސީލަތެވެ. ނަމަވެސް ކެމްޕޭން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ހިކުމަތްތައް ކުރީ އިންތިޚާބާ މާ ބޮޑު ތަފާތެއް ނެތެވެ. މި އިންތިޚާބުގައި ފެނުނީ ފޭސްބުކް ޕޭޖްތަކުގެ ނުފޫޒެވެ. ބައެއް ފޭސްބުކް ގްރޫޕްތަކުގައި ލައްކައާ ގާތްކުރާ އަދަދަކަށް މެންބަރުން އުޅެ އެވެ. އަދި ޕޯސްޓެއް ކުރާ އިރަށް އެ އަށް ކޮމެންޓްތައް އޮހެން ފަށަ އެވެ. ލައިކް، ހާހުން ލިބެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ނުފޫޒު ގަދަކޮށް ފެންނަނީ އިޖުތިމާއީ މީޑިއާގައި މުވާސަލާތު ކުރަން ގެންގުޅޭ އެޕްލިކޭޝަންތަކެވެ. ވައިބާ، ވަޓްސްއެޕް، ޓެލެގްރާމެވެ. ދެން މި ފެންނަނީ ޓްވިޓާގައި މައިކްރޯ ބްލޮގް ކުރާ ތަނެވެ.

މާސް މީޑިއާ އަށް އާ މީޑިއާ ތަޢާރަފްވީ ހިސާބުން މި ފެންނަނީ އިންތިޚާބަށް ނުފޫޒު ފޯރުވާ ފަރާތްތަކުން އާ މީޑިއާ މެދުވެރިކޮށް ކެމްޕޭން ކުރަމުންދާ ތަނެވެ. އާދެ، 2008 ގައި ވެބްސައިޓް ހިންގި ފަރާތްތަކެވެ. އަދި 2013 ގައި ފޭސްބުކް ޕޭޖް ހިންގި ފަރާތްތަކެވެ. އަދި މިހާރު ޓްވިޓާ ގެންގުޅޭ ފަރާތްތަކެވެ.

މި އިންތިޚާބުގައި ކަންބޮޑުވުން ފެނިގެން މިދަނީ ދޮގު ޚަބަރު ނުވަތަ ހަދައިގެން ފަތުރާ ޚަބަރު މި ދެންނެވި ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުން ގެންދާތީ އެވެ. ފަނޑިޔާރެއްގެ ގެއިން އެތައް ޑޮލަރެއް ފެނުނު ކަމަށް ފުލުން ޚަބަރެއް ނެރުނެވެ. "މިހާރު" ނޫހުން އެއީ ދޮގެއް ކަމަށް ޚަބަރު ކުރި އެވެ. މި ޚަބަރު ޕޮލިހުން ދޮގުކުރި ތަނެއް ނުފެނުނެވެ. ޕީއެސްއެމުން މަޖްލިސް މެންބަރެއްގެ ރިސޯޓްގައި ބުދު ހުރި ކަމަށް ޚަބަރެއް ނެރުނެވެ. އެ މަޖަލިސް މެންބަރު އެކަން ދޮގުކޮށް ނޫސް ބަޔާނެއް ނެރުނެވެ. މިފަދަ ކަންކަމުގެ ތެދު ދޮގެއް ނޭނގެ އެވެ. މި ކަންކަން ޒިންމާ ކުރުވާނީ ކޮން ފަރާތަކުންތޯ އެވެ؟

މާސް މީޑިއާގައި ހިމެނޭ ޕްރައިވެޓް ޓީވީ ޗެނަލްތައް ހުރީ ވަރަށް ރަނގަޅަށް ގާނޫނުގެ ތެރޭން ތަގުޅި އަޅުވައިފަ އެވެ. އަބަދުވެސް ކޮންމެވެސް ޗެނަލްއެއް ކޮންމެވެސް ޚަބަރެއް ފޮނުވައިގެން ޖޫރިމަނާ ކޮށްގެން އުޅުމަކީ އާންމު ކަމަކަށް ވެއްޖެ އެވެ. މެލޭޝިއާގައި، ނިމިދިޔަ ނަޖީބުގެ ސަރުކާރުން ވަނީ ފޭކް ޚަބަރު ހުއްޓުވުމަށް ގާނޫނެއް ހަދައި ތަންފީޒު ކޮށްފަ އެވެ. މި ގާނޫނުގެ ދަށުން ވަނީ ބައެއް މީޑިއާތައް ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެކަމަކު ވެސް އިންތިޚާބު ގެންދިޔައީ އިދިކޮޅުންނެވެ.

ސިންގަޕޫރުގައި ޕްރައިވެޓް މީޑިއާއަކަށް ހުއްދައެއް ނޯވެ އެވެ. އެހެންކަމުން މީޑިއާ ރެގިއުލޭޓް ކުރުމުގެ މާ ބޮޑު މައްސަލަތަކެއް ނުޖެހެ އެވެ. ނަމަވެސް އިޖްތިމާއި މީޑިއާގެ ނުފޫޒު މިހާރު ވަރުގަދަ ވުމާ އެކު މި އަހަރު ތެރޭ އިޖްތިމާއީ މީޑިއާ ރެގިއުލޭޓް ކުރަން މަސައްކަތް ކުރަން އުޅޭ ކަމުގެ އިޝާރާތެއް ވަނީ ކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ރެގިއުލޭޓް ކުރަން އުޅެނީ އިޖްތިމާއި މީޑިއާ ބޭނުން ކޮށްގެން ވިޔަފާރިތައް މާކެޓް ކުރާ ކުރުމުގެ ނަމުގަ އެވެ.

މިސުރުގައި އިޖްތިމާއީ މީޑިއާއަށް ޤާނޫނީ ހައިސިއްޔަތެއް ވަނީ މިހާރު ދީފަ އެވެ. މިސާލަކަށް 5،000 އަށް ވުރެ ގިނަ މީހުން ގުޅިފައިވާ މީޑިއާއެއް ވިއްޔާ ނޫސް މީޑިއާގެ ހައިސިއްޔަތު ލިބިދެ އެވެ. އެހެންކަމުން މީޑީއާގެ ޤާނޫނު މިފަދަ ހަރުތަކަށް ހިނގަ އެވެ. މިއީ އިޖްތިމާއީ މީޑިއާ އެހެން މީޑިއާ ވަސީލަތްތަކާ އެއް ހަމައެއްގައި ބަލައިގަނެ ރެގިއުލޭޓް ކުރެވޭ ފަދަ ޤާނޫނެކެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި ލަންކާގައި ނޫސްވެރިންނަށް އޮތް ނުރައްކާ އިންތިހާ އެވެ. ލަންކާގެ ދިގުލައިގެން ދިޔަ ދާޚިލީ ހަނގުރާމަ ތެރޭގައި އެތައް ނޫސްވެރިންނެއްގެ ފުރާނަ ގެއްލިގެން ދިޔަ އެވެ. އަދި ހަނގުރާމަ ނިމުމަށް ފަހު ވެސް މިފަދަ ކަންކަން ހިނގަމުން ދެ އެވެ. ދާދި މިދާކަށް ދުވަހު ވަނީ ނޫސްވެރިއެއްގެ މަރާ ގުޅޭ ގޮތުން ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްޝައާ ސުވާލުކޮށްފަ އެވެ.

ސިއްރުތައް ހިފެހެއްޓުމުގެ ސިފަތައް އެންމެ ރަނގަޅު ކަމަށް ބުނާ އިޖްތިމާއީ މުއާސަލާތުގެ އެޕްލިކޭޝަނަކީ ވަޓްސްއެޕް ކަމަށް ޓެކްނިކަލް ގިނަ ބޭފުޅުން ވިދާޅުވާތީ އަޑު އަހަމެވެ. އިންޑިއާގައި ދާދި މިދާކަށް ދުވަހު ދިމާވި ހާދިސާއަކާ ގުޅިގެން ވަޓްސްއެޕް މެދުވެރިކޮށް ކްލިޕެއް އެހެން ފަރާތްތަކަށް ފޮނުވޭނެ އަދަދު ވަނީ ފަހަކަށް ހަދައިފަ އެވެ. މި އަންނަ އަހަރަކީ އިންޑިއާގެ އިންތިޚާބު އޮންނަ އަހަރެވެ.

ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބަށް ރާއްޖޭގައި މިހާރު ކެމްޕޭން ކުރަމުން ދާއިރު، މުވާސަލާތު ކުރަން ބޭނުންކުރާ ވަސީލަތަކަށް ވެފައި ވަނީ މިފަދަ އެޕްލިކޭޝަންތަކެވެ. ފެންނަ ފެނުމުގައި ރާއްޖޭގައި އެންމެ މަގުބޫ އެޕަކީ ވައިބާ އެވެ. ޓެލެގްރާމް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ ކަމަށް ފެނެ އެވެ. އާންމު ސަޕޯޓަރުންގެ ހަނގުރާމަ ހިންގަނީ ޓްވިޓާގަ އެވެ.

އެޑިޓަރުގެ ނޯޓު

އަލީ ހާލިދަކީ 2008 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޓީވީއެމްގެ ސީއީއޯ އެވެ. އޭރުގެ ޓީވީއެމުން ވަކި ކޮޅަކަށް ނުޖެހި އިންތިހާބުގެ ކަވަރޭޖް ކުރިއަށް ގެންދިއުމަކީ، ދައުލަތުގެ މީޑިއާ ހިންގަން އޭރު ތިބި ފަރާތްތަކަށް ގިނަ ބައެއްގެ ތައުރީފް ލިބުނު ކަމެކެވެ.

މިމަޒްމޫނު މިވަނީ މިހާރު ނޫހުގައި 27 އޯގަސްޓް 2018ގައި ޝާއިއުކޮށްފައެވެ.