މި ރޯދަމަހުގެ ފެށުނުއިރު ދިރާގުން ދެމުންގެންދާ އޭޑީއެސްއެލް އިންޓަނެޓް ގެ ސްޕީޑް ލިބެމުން ދިޔައީ އިންތިހާއަށް ބަރުހެލިކޮށެވެ. ވީޑިއޯ އެއް ބަލާލުމުގެ ވާހަކައެއް ދައްކާނެކަމެއް ނެތެވެ. ބޭނުންވާ ސައިޓްއަކަށްވެސް ނުވަދެވިގެން ނެޓް ކެޑިގެން ދާވަރުން އެއްގޮތަކަށްވެސް އިންޓަނެޓް ބޭނުމެއް ނުކުރެވެއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވެނީ މިކަމުގެ ޝަކުވާ ކަސްޓަމަރުން ދިރާގަށްވެސް ކޮށްފައިވާނެކަމަށެވެ. ދިރާގުގެ ހޯމް ޔޫޒަރ (އޭޑީއެސްއެލް) ޕެކޭޖް ބުރަހެލިކަމުން އިޖްތިމާއި މީޑިއާގައި ކަސްޓަމަރުންގެ ޝަކުވާތައް ކުރަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ. އަދި ދިރާގުގެ ކަސްޓަމަރެއްގެ ހައިސިއްޔަތުން ހުދު އަޅުގަނޑުގެވެސް މިދަތި ބަރުދާސްތު ކުރަންޖެހުނެވެ.
ދިރާގުގެ އިންޓަނެޓް ޚިދުމަތަށް މިއެރި ބުރުލާއި ގުޅިގެން އަޅުގަނޑު ކަންބޮޑުވީ، މިކަމާއި ގުޅުން ހުރި ފަރާތްތައް ހައްޕުކިޔާގެން ކަމެއް ނުވާކަމަށް ދެކިގެން ތިބީތީއެވެ. ދިރާގުން މިކަމާ މަޢާފަށް އެދުނުތަނެއް ނުދެކެވެ. މުއާޞަލާތީ ކަންކަން ރެގިއުލޭޓްކުރާ ފަރާތް ކަމުގައިވާ 'ކޮމިއުނިކޭޝަން އޮތޮރިޓީ އޮފް މޯލްޑިވްސް' ގެ ފަރާތުން ބަހެއް ބުނި އަޑެއް ނީވުނެެވެ. އަދި ހަތަރުވަނަ ބާރުކަމުގައިވާ މީޑިއާއިން ރައްޔިތުންގެ ހައްޤުތަކެއް ގެއްލިގެން ދިޔަ އިރު މިކަން ޚަބަރަކަށް ނުހެދިއެވެ. މިންކަން ޚަބަރަކަށް ހެދި ހަމަ އެކަނި ފަރާތަކީ ސީއެންއެމް އެވެ. މިޚަބަރުގެ ލިންކުއަކީ
ރައްޔިތުންނަށް ކުރިމަތިވި މި ދަތި ކަމަކަށް ނުހެދުމުގެ ހަޤީޤަތް ތަކެއް އޮންނާނެކަން ކަށަވަރެވެ. ދިރާގުން މިކަން ވިކަމަކަށް ނުހެދީ ކަސްޓަމަރުންނަށް ބަދަލު ދޭންޖެހިދާނެތީއެވެ. ރައްޔިތުންނަށް ނުލިބޭ ޚިދުމަތަކަށް ދިރާގުން މިވަނީ ނުހައްޤުން ފައިސާ ނަގާފައެވެ. ކޭމްއިން އަޅުގަނޑު ހިތުން މިހާރުވެސް މިކަމުގެ ތަޙުޤީޤު ކުރާނީއެވެ. އަދި ތަޙްޤީޤުގެ ހޯދުންތައް ހިއްސާކުރާނީ ކޮންފަރާތަކާ އަދި ކޮންއިރުކުން ކަމުގެ އިންތިޒާރުގައި ތިބެމާތޯއެވެ. ކޭމްގެ މައްޗަށް ބަސްބުނާ ފަރާތަކީ ދިރާގު ކަމަށް ނުވަނީނަމަ ކޭމް އިން އެއްޗެއް ނުބުނަންވީ ސަބަަބެއް ނެތެވެ.
އިސްތިހާރުގެ ގޮތުގައި ނުހަނު ބޮޑެތި އެހީތެރިކަން ދިރާގުން މީޑިއާ ކުންފުނިތަކުން ދޭތީ ދިރާގު ނުރުހޭނެފަދަ ޚަބަރެއް ކިޔާފާނެކަމަށް ދެކުމަކީ މޮޔަކަމެއް ނޫންތޯއެވެ.
މިޑިއާގެ ޚަބަރު ފަތުރާ ކުންފުނިތަކަށް އިސްތިރާކު ދޭ ފަރާތްތަކަކީ އިސްތިހާރުކުރާ ކުންފުނިތަކެވެ. މިޑިއާ ކުންފުނިތަކުގެ ޚިދުމަތް ލިބިގަންނަ ރައްޔިތުން ފަރާތުން އެކުންފުނިތަކަށް ސިދާ ލިބޭ އާންމުދަނީއެއް ނޯވެއެވެ. އެހެންކަމުން މީޑީއާ ކުންފުނިތައް ވަރަށް ބޮޑަށް އިސްތިހާރުދޭ ކުންފުނިތަކަށް ބަރޯސާވާންޖެހެއެވެ. އެކުންފުނިތަކުގެ އިމޭޖަށް ހުތުރުވެދާނެ، އުނިކަމެއް އައިސްދާނެ ޚަބަރެއް ގެނެއުމަކީ ކާންދޭއަތުގައި ދަތްއެޅުންކަހަލަ ކަމެކެވެ. އެހެންކަމުން މިއަދު މިޑިއާ ކުންފުނިތައް މިވަނީ އިސްތިހާރުދޭ ދިރާގު ފަދު ކުންފުނިތަކުގެ ޠަހޫރު ފެނަށްވެފައެވެ. އާދެ އަމިއްލަ ޒާތުގައިވެސް އެެހެން އެއްޗެހި ތާހިރިކޮށްދޭ ފެނަށް މިޑިއާ ކުންފުނިތައް މިވަނީ ވެފައެވެ.
މިހެން މިދަންނަވަން މިޖެހެނީ މީގެ ދެއަހަރެއް ކުރިން، 2012 ވަނަ އަހަރުގެ އޭޕްރިލް މަހު، ދިރާގުގެ ސަބްމެރިން ކޭބަލަށް މައްސަލައެއްޖެހިގެން އިންޓަނެޓްގެ މައްސަލަތެކެއް ކުރިމަތިވިއެވެ. ނަމަވެސް އެއްވެސް މީޑިއަކުން ދިރާގުގެ ސަބަބުން އަހުވަ ލިބެންދިޔަ ކަސްޓަމަރުންގެ ފަރާތުން އެއްޗެއް ނުބުނެއެވެ. ހައްތާވެސް ދިޔައީ ދިރާގަށް މިޑިިއާގެ ވަޤުތުދީ، ދިރާގުން ބޭނުންވާގޮތަށް ހަމައަޅަން މަގު ފަހިކޮށްދެމުންނެވެ.
އަޅުގަނޑުމެންގެ ތެރޭގައި ހަރަކާތްތެރިވާ މީޑީއާ ކުންފުނިތަކުގެ މަޞްލަޙަތު އޮންނަކަންކަމާއި އެމީޑީއާތަކަށް އެކިފަރާތްތަކުގެ ނުފޫޒް ފޯރާފައިވާ އޮންނަލެއް ބޮޑުކަމުން ރައްޔިތުންނަށް ތުރާވާ ހުރިހާކަމަކީ މިޑިއާގެ ކަންބޮޑުވާކަން ކަމުގައި އަދަކުނުވެއެވެ.
އިސްތިހާރުދޭ ކުންފުނިތަކުގެ އަޅަކަށް މީޑިއާ ކުންފުނިތައް ވެގެން ދާއިރު، މިއަދު މީޑީއާއަކީ ހަތަރުވަނަ ބާރުކަމަށް ބުނެވިދާނެތޯއެވެ؟
މިއީ ބަހުސެއް ކުރަން އޮތްކަމެއް ނޫނެވެ. މީޑިއަކީ ހަތަރުވަނަ ބާރެވެ. ނަމަވެސް މީޑީއާގެ ކުޅުންތެރިން އިތުރުވެ ފެންވަރާއި ވާދަވެރިކަމާއި ކުޅޭ މައިދާން އިތުރުވެއްޖެއެވެ. މިއަދު މީޑިއާގެ ބާރުވަނީ ހަމައެކަނި މީޑިއާ ކުންފުނި ތަކަކު އަތް މައްޗެއްގައި އެކަންޏެއް ނޫނެވެ. މިޑީއާ ކުންފުނިތަކުގެ ނުފޫޒު މުޅި ރައްޔިތުންނަށް އޮތް ޒަމާން ފަސްދީ ހިގައްޖެއެވެ. މިއަދުގެ ދުނިޔޭގައި އެސްއެމްއެސް ގެ ވަސީލަތުން މީހުންއެއްކޮށްގެން ސަރުކާރަތައް ވެއްޓިފައި އެބަހުއްޓެވެ. އާމީޑިއާގެ ޒަރިއްޔާތައް ބޭނުންކުރާ ރައްޔިތުން މިދަނީ ގިނަވަމުންނެވެ. އާމީޑިއާގައި ރައްޔިތުންގެ އަޑު އިއްވޭނެ ކިތަންމެ ގޮތްތަކެއް މިދަނީ ތަޢާރަފްވަމުންނެވެ. ރައްޔިތުންގެ ނޫސްވެރިކަން މިދަނީ އިންތިހާއަށް ފުޅާވަމުންނެވެ. މިއަދު އެންމެ ފުރަތަމަ ޚަބަރެއް ބުރޭކްކުރަނީ އާންމު ފަރުދެއްތޯ ނުވަތަ ޚަބަރު ފަތުރާ ކުންފުންޏަކުންތޯއެވެ؟ ޝައްކެއްވެސް ނެތެވެ. އިޖްތިމާއީ މީޑީއާގައި ޚަބަރާއި، ފޮޓޯ ވީޑީއޯ އެންމެ ފުރަތަމަ ގެނެސްދެނީ ކޮންމެވެސް އާންމު ފަރުދެކެވެ. އެހެންކަމުން މިޑިއާގައި ރައްޔިތުންގެ ބާރު މިދަނީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.
މިދަންނަވާ އެއްޗެއްގެ ލާމަސީލު މިސާލަކީ މިއަހަރު ދިރާގު ރޯޑް ރޭހުގައި ކަނބަލަކަށް ދިމާވި ޖިންސީ ފުރައްސާރައެއްގެ ވާހަކަ އެނާގެ ފޭސްބުކް ޞަފްހާގައި ހިއްސާކުރުމުން، އޭނާގެ ރަހްމަތްތެރިން އެ ސްޓޭޓަސް އެހެންފަރާތްތަކާއި އެކު ހިއްސާކުރުމުގެ ނަތީޖާއަކަށްވީ މީޑީއާގެ ސަމާލުކަމަށް މިމައްސަލަ އަރާ ރަސްމީކޮށް މައްސަލަ ބަލަންފެށުމެވެ. މިނޫން ހާލަތެއްނަމަ މީޑިއާއިން ދިރާގާއި ގުޅުން ހުރި މައްސަލައެއް ސުރުހީއަށް އެރުމާމެދު ޝައްކެވެ.
ޗެނަލް ނިއުސް މޯލްޑިވްސް އަކީ ދިރާގުގެ ޚަބަރުގެނެސް ދިން ހަމަ އެކަނު މީޑީއާ ކަމުގައިވާތީ އަޅުގަނޑު ސީއެންއެމް އާއި ގުޅިގެން ދިރާގާއި ގުޅޭ މުޒްމޫނެއް ތައްޔާރުކުރުމުގެ ޝައުގުވެރިކަން ހުރިވާހަކަ ދަންނަވަމެވެ.