މިޑިއާ ޖަންކެޓްއަކީ ހުރިހާ ހަރަދެއް ދީގެން ޖާނަލިސްޓުން ކޮންމެވެސް އިވެންޓެއް ކަވަރ ކުރުމަށް، މައްޝޫރު މީހެއްގެ އިންޓަވިއުއަކަށް ނޫނީ ކޮންމެވެސް ތަނެއް ދައްކާލުމަށް ދައުވަތު ދީގެން ގެންދިއުމެވެ.

މިފަދަ ދައުވަތުތައް އާންމުކޮށް ސިދާސާދާ މީޑިއާތަކުން ޤަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް، މުނިފޫހިފިލުވުމާ ކުޅިވަރު ޖާނަލިސްޓުން މިފަދަ ދައުވަތުތަކުގައި ބައިވެރިވެއެވެ. ސަބަބަކީ މިބީޓްގެ ޚަބަރުތައް ހުންނަނީވެސް މިފަދަ ހަރަކާތްތަކާއި ގުޅުވާފައިކަމަށްވެސްވާތީއެވެ.

މިފަދަ އިވެންޓްތަކުގައި ޖާނަލިސްޓުންނަށް މައުލޫމާތާއި، ފޮޓޯއާއި، މީޑީއާ ކިޓް އަދި ހިލޭ ބައެއް ކޯޕަރޭޓް ހަދިޔާތައް ދެވެއެވެ.

ނެސްލޭ ކުންފުނީގެ މައިލޯ ޕެކެޓްތަކެއް މައްސަލަޖެހިގެން ރާއްޖޭގެ 17 ނޫސްވެރިއަކުވަނީ 20 އޮކްޓޫބަރ 2014ގައި ވަނީ ކޮލަބޯގައި ހުންނަ ނެސްލޭ ކާރުހާނާ ދައްކާލަން ގެންގޮސްފައެވެ. މިދަތުރަކީ މިފަދަ މީޑީއާ ޖަންކެޓް އެއްކަމަށް ސިފަކުރެވިދާނެކެވެ. ނޫސްވެރިން މިދަތުރުގައި ނެސްލޭ ކުންފުނިން ބޭނުންވާ ހެޑްލައިންތައް ދެމުންގެންދިޔައެވެ. ނުވަތަ ނެސްލޭއަށް އައިބުވެދާނެފަދަ ސުރުހީތަކުން ދުރުހެލިވިއެވެ. ސަބަބަކީ ނެސްލޭގެ މައިލާ އުފެއްދުމާއި ގުޅޭގޮތުން ލިޔަންތިބި ހުރިހާ ނޫސްވެރިން އެވަޤުތުތިބީ ނެސްލޭގެ މެހްމާނުންގެ ގޮތުގައެވެ. މިއީ ޕަބްލިކް ރިލޭޝަންގޮތުން ނެސްލޭ އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އަދި މިކުރެވުނު ހަރަދުގެ ނަތީޖާވެސް ރަނގަޅުކަމަށް ލަފާކުރެވެއެވެ.

ހަރަދަށް ބަލާލަމާ ތޯއެވެ.

17 މީހުންގެ ޓީކެޓް ހަރަދު 59840 ރުފިޔާ

17 މީހުން 2 ދުވަހު ކޮލޮމްބޯގައި ހުރުމުގެ ހަރަދު 54400 ރުފިޔާ

17 މީހުންގެ އެލަވަންސް 100ޑަލަރު މަގުން 27200

17 މީހުންގެ 2 ދުވަހުގެ ކޮއްތު27200

ދަތުރު ފަތުރުގެ ހަރަދުތައް ނުލާ 168640 ރުފިޔާ ނެސްލޭއިން މިޖަންކެޓްއަށް ހަރަދު ކުރާނެކަމަށް ލަފާކުރެވެއެވެ.

ނޭސްލޭއިން ޒިންމާދާރުކޮށް މިކަންކުރަން ބޭނުންނަމަ ރާއްޖޭގެ ފުޑް އެންޑް ޑުރަގް އޮތޮރިޓީއިން ކަމާބެހޭ ބޭފުޅުން ގެންގޮސް އެބޭފުޅުންގެ ރައުޔުއެއް މިކަމުގައި ހޯދިނަމަ ނެސްލޭގެ ވާހަކަ ޤަބޫލުކުރަން ފަސޭހަވާނެއެވެ. ނަމަވެސް ނެސްލޭއިން އެފްޑީއޭ ދުރުކޮށްފައި ބެހެއްޓުމުގެ ސިއްރުތަކެއް ވާނެކަން ޔަގީނެވެ.

ހަޤީގަތަކީ ރާއްޖޭގެ ނޫސްވެރިންނަކީ ކާބޯތަކެތި އުފެއްދުމުގައި ގެންގުޅޭ މިންގަޑުތަކާއި ކޮލިޓީއާއި ސެނިޓޭޝަންއަށް އަހުލުވެރިވެފައިވާ ފަރާތްތަކެއް ނޫނެވެ. އެހެންކަމުން ނޫސްވެރިންނަށް ލިބޭނީ ނެސްލޭއިން ދޭން ބޭނުންވާ މައުލޫމާތެކެވެ. ރާއްޖޭގެ އެފްޑީއޭގެ ބޭފުޅަކު މިދަތުރުގައި ބައިވެރިވިނަމަ ނެސްލޭ ބޭނުންވާ ނަތީޖާ ފަހަރުގައި ނުނެރެވިދާނެއެވެ. އެއީ އެފްޑީއޭގެ ބޭފުޅާގެ ހިޔާލުވެސް ނޫސްވެރިންގެ ރިޕޯޓްތަކުގެ ތެރެއަށް ވަދެގެން ދާނެތީއެވެ.

މިއީ ނުސްވެރިންގެ ހައިސިއްޔަތުން ވިސްނާލަންވީކަމެކެވެ.