އެއްފަހަރަކު ކޮންމެ ވެސް ކަމަކާ ތޫފާނާއި އިރު ދެބަސް ވެއްޖެ އެވެ. މި ދެބަސްވުން އަރާރުމަކަށް ވެ، ކާކު ތޯ ގަދައީ ބަލަން ބޭނުން ވެއްޖެއެވެ.

މި އަރާރުމުގައި އުޅެނިކޮށް ދެ ފަރާތުގެ ވެސް ނަޒަރު ހުއްޓުނީ، ޕާކެއް ތެރޭގައި ކޯޓެއް ލައިގެ ވަރަށް ހަމަޖެހިލައިގެން މީހަކު ހިނގާފައި ދަނިކޮށެވެ.

ތޫފާނާއި އިރު އެއްބަސް ވީ އެމީހާގެ ކޯޓު ބޭލުވޭ ފަރާތަކީ މޮޅުވާ ފަރާތް ކަމުގޮތުގައި ނިންމުމަށެވެ.

ތޫފާނު ހެދި ގޮތަކީ އުޑު މަތި ބަނަކޮށްލުމާއެކު، ޖަހާ ވައި ގަދަ ކޮށްލީއެވެ. ހަމަ އެ ވަގުތު އިރު ވިލާ ގަނޑެއްގެ ބިއްދޮށަށް ވަދެ ނިވާ ވެއްޖެއެވެ.

ތޫފާނުގެ ވައި އިތުރަށް ގަދަ ކޮށްފި އެވެ. ވައި ގަދަ ކުރިކުރި ހެން ޕާކު ތެރޭ ހިންގަމުން ދިޔަ މީހާ ކޯޓްގައި ބާރަށް ގަޔާލައި ހިފާއްޓަނީ އެވެ. އަދި ގަސްގަސްހުން ނިވައި ހޯދަނީއެވެ.

އެންމެ ފަހުން ތޫފާނަށް އެކަން ނުވި ކަމަށް ބަލާ ހުއްޓާލައިފި އެވެ.

ހަމަ އެ ވަގުތު އިރު ވިލާގަނޑު ބިއްދޮށުން ނިކުމެ ދުނިޔެ މައްޗަށް އަލިކަން ފާއްދާލައިފި އެވެ.

ޕާކު ތެރޭ ވައިގަދަ ކަމުން ނިވައި ވެގެން ހުރި މީހާ، ނިކުމެ ހިނގަން ފަށައިފިއެވެ. އަދި އިސާހިތަކު އޭނާއަށް މޫސުން ރީތި ވެއްޖެ ކަމުގެ އިހުސާސު ކުރެވެން ފަށައިފިއެވެ. އެހެން ކަމުން އޭނާ ހަމަޖެހިލައި ހިނގަން ފަށައިފިއެވެ. މޫސުން ރީތިވީ ވަގުތުގެ ބޭނުން ހިފަން ވާނޭ ހިތަށް އަރައި މަޑުމަޑުން ލައިގެން ހުރި ކޯޓް ބާލަން ފަށައިފި އެވެ. އަދި ހިނިތުން ވެ ހުރެގެން އުފަލުން އެމީހާ ހިނގައްޖެ އެވެ.

އިންސާނުންލައްވާ ގަދަކަމުން ބިރުދައްކައިގެން ކަންކަން ކުރުވުމުން އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭނެ އެވެ. ވިސްނުންތެރި ވިޔަފާރިވެރިންނާއި މުއައްޒަފުން މެނޭޖުކުރާ ވެރިން ކަންކަން ހިންގަނީ މިފަދަ ކަންކަން ދެނެގެން ތިބެއެވެ. އެމީހުން މަސައްކަތް ރާވަނީ މުއައްޒަފުން ހިތްހަމަ ޖައްސައިގެން އެމީހުންގެ ބައިވެރި ވުމާއެކު އެވެ.

މުއައްޒަފުން ފަރާތުން ހޯދަން ޖެހޭ އެންމެ މުހިންމު ކަމަކީ ވަފާތެރިކަމެވެ. ވަފާތެރިކަން އަންނަނީ އެމީހުންގެ ކިބައިން ލިބޭ އުފެންދުންތެރިކަމާއި އީޖާބީ ޚިޔާލުތަކުން ނެވެ. މިކަން ކަމަކީ މުއައްޒަފުންނަށް މަސައްކަތް ކުރެވޭފަދަ އަދި އިތުބާރު ކުރެވޭނެ މާހައުލެއް ޤާއިމު ކޮށްގެން ހޯދޭނެ ކަންކަމެވެ.

މިސާލަކަށް ޅެންވެރިއަކަށް މަޖުބޫރީ ހާލަތެއް ކުރިމަތި ކުރުވާފައި ބިރުން ހުރެ ޅެމެއް ހަދާއިރު، އެޅެމުގައި އަސަރާއި އުފާވެރިކަމާއި އިޖާބީ ޚިޔާލުތަކެއް ނުހުންނާ އެވެ.

ހަމަ މިގޮތަށް މަސައްކަތު މާހައުލުގައި ވެސް ބިރުން ތިބި މުއައްޒަފުންތަކެއްގެ ފުށުން އެންމެ އެދެވޭ އެއްބާރުލުމާއި އީޖާބީ ޚިޔާލުތަކެއް ނުނެރެވޭނެ އެވެ