މީގެ ވިއްސަކަށް އަހަރު ކުރިން މިރާއްޖޭގައި ވަޒީފާގެ ފުރުޞަތު ބޭނުންވާކޮންމެ މީހަކަށް ލިބޭވަރަށް ވަޒީފާގެ ފުރުޞަތު ލިބެން އޮތެވެ. އަދި އިޤްތިސާދު ކުރިއަރަމުން އައިވަރަކަށް ވަޒީފާގެ ފުރުޞަތުތައްވެސް ވަނީއިތުރުވެފައެވެ. މިގޮތުން އުފެދުނު ވަޒީފާތަކަށްވުރެން އަޅުގަނޑުމެންތެރޭން ވަޒީފާ ހޯދުމަށް ނިކުން ކުދިންގެ އަދަދު ގިނަނުވެދާނެއެވެ. އެހެންނަމަވެސް ދިވެހިންނާއި ބޭރުމީހުން ވާދަކުރީ އެއް ވަޒީފާތަކެއް ހޯދުމަށްކަމަށްވާތީ އަޅުގަނޑުމެން ތެރޭން ބަޔަކު ބާކީވީއެވެ. އަހަރުތަކެއް ފަހުން މީގެ ނަތީޖާ ހާމަވެގެން ދިޔައީ 2011 ވަނައަހަރުގެ މިނިވަންދުވަހުގައި ރައީސް ނަޝީދު ގައުމާ މުޙާތަބްކުރައްވާ ދެއްކެވިވާހަކަފުޅުގައި ހާމަ ކުރެއްވީ ވަޒީފާ ހޯދަން އުޅެ ނުލިބި ތިބިމީހުންގެ ނިސްބަތަކީ 27% ވިދާޅުވިހިސާބުންނެވެ. މިނަތީޖާއިން މިދައްކުވައި ދިނީ އަޅުގަނޑުމެން ތެރޭން ކޮންމެ 4 މީހަކުން އެކަކީ ވަޒީފައެއް ނެތިފައި ހުރިމީހެކެވެ. މިއަހަރު އޯގަސްޓް 3ވަނަ ދުވަހުގެ "ސަން"ގެ އިންޓަނެޓް ނޫހުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ހަވާލަދީ ލިޔެފައިވަނީ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އިތުރުވަމުން ގޮސްފައިވާ މިންވަރުން އެ ނިސްބަތް 20 ޕަސެންޓަށް އިތުރުވާނަމަ 2018 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީއާ އެންހަމައެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވާނެކަމަށެވެ.

މީގެ މާނައަކީ އަޅުގަނޑުމެންގެ ވަޒީފާގެ ބާޒާރުގައި ވަޒީފާއިތުރުވާ މިންވަރަށް ވަޒީފާ އަދާކުރާނެ ބޭރު މީހުންގެ އާބާދީއެއް އިތުރުވާނެކަމެވެ. އެހެންކަމުން އަޅުގަނޑުމެނަށް ހުރިވަޒީފާގެ ދަތިކަން މީގެ ފަސް އަހަރު ފަހުންވެސް އެއްވެސް ބަދަލެއްނައިސް ހުރުމަކީ ގާތްކަމެކެވެ. ވީމައި މިޤައުމުގެ ރައްޔިތުންނަށް މިގައުމުގެ އިގްތިޟާދު ތެރޭން އުފެދޭ ވަޒީފާތައް ލިބޭނެގޮތްތަކަކީ ކޮބާތޯ އަޅުގަނޑުމެން މިއަދު އެބަ ވިސްނަންޖެހެއެވެ. އިމިގްރޭޝަން ޤާނޫނާއި ބޭރުމީހުން ވަޒީފާ އަދާކުރުމުގެ ޤާނޫނު ހަރުކަށިކޮށް ބޯޑަރ ކޮންޓްރޯލް ނިޒާމް ގެ ތެރޭން މިގާނޫނުތައް ތަންފީޒުކުރުމަށް އެހީތެރިވެދީގެން މައްސަލަ ހައްލުކުރެވިދާނެތޯއެވެ؟ ވަޒީފާގެ ޖާގަތައް ދިވެހިން ނުފުރާނަމަ ކިތަންމަ ހަރުކަށި ގަވާއިދުތަކެއް ހެދިނަމަވެސް ވަޒީފާ ދޭފަރާތަށް މަޖުބޫރުވާނީ ބޭރުމީހުންނަށް ބަރޯސާވާށެވެ.

ސުވާލަކީ ދިވެހީން ވަޒީފާއަށް ނުކުންނަން ބޭނުންނެތީތޯ ނުވަތަ ހަމަނުލިބެނީތޯއެވެ. އަޅުގަނޑުމެންގެ މާހައުލުން މިދެ ސުވާލުގެ ޖަވާބުވެސް ލިބިދާނެ ކަމަށް ދެންނެވިދާނެ އެވެ. އެހެންވީމައި ކުރަންވީ އެއްކަމަކީ އަޅުގަނޑުމެންތެރޭ ހުރި ވަޒީފާތައް ދިވެހިންނަށް ޝައުގުވެރިކުރުވޭގޮތަށް ވަޒީފާގެ މާހައުލު ބަދަލުކުރަންވީއެވެ. މިސާލެއް ދަންނަވާލާނަމެވެ. މާލޭގެ ފިހާރަތަކުގައި މިހާރު ގިނައިން ވަޒިފާއަދާކުރަނީ ބޭރުމީހުންނެވެ. މިވަޒީފާތައް ބައްޓަންކުރެވިފައިވަނީ ވަރަށް ގިނަވަޤުތު ވަޒިފާގައި ހޭދަވާގޮތަށެވެ. މީގެ އިތުރުން ހޭދަކުރާވަގުތާއި ލިބޭއެއްޗަކާ ދިމަލެއްނުވެއެވެ. އެހެން ގައުމުތަކެކޭވެސް އެއްގޮތަށް ފިހާރަތައްވެސް ގާތްގަނޑަކަށް 10 ގަޑިއިރު މަސައްކަތްކުރާގޮތަކަށް ހަމަޖެހިފައި އޮންނަނަމަ ދިވެހީން އެވަޒިފާތަކަށް ޝައުގުވެރިނުވާނޭކޭ ނުދެންނެވޭނެއެވެ. މިވަޒީފަތަށް މިގޮތަށް ފަރުމާކުރެވިއްޖެނަމަ އަޅުގަނޑުމެން ތެރޭމިވަޒީފާތަށް އަދާކުރަން ޝައުގުވެރިވާނެ ކުދިންތިބޭނެއެވެ. ހަމަ މިގޮތަށް ބޭރުމީހުން މިހާރު ކަނޑުމަތީގެ ވަޒީފާތަކަށް ވަރަށް ހަލުވި ކަމާއެކު ވަންނަމުން އެބަދެއެވެ. ކަނޑުމަތީގެ ވަޒީފާ ތަކަކީ ޒަމާނުއްސުރެ ދިވެހީން އެކަމަކަށް ފަހުރުވެރިވައި މަސައްކަތެކެވެ. ޒަމާނަށް އަންނަބަދަލާއެކު ކަނޑުމަތީގެ ވަޒީފާއަދާކުރާ ފަރާތްތަކަށްވެސް ލިބިދޭންޖެހޭ ހައްޤުތަކާއި ވަޒީފާގެ މާހައުލު އަޅުގަނޑުމެންގެ ޒުވާން ޖީލަށް އެކަށޭނެގޮތަށް ބަދަލުވާންއެބަޖެހެއެވެ. ސަރުކާރުންވިސްނަވައިގެން މިފަދަ ވަޒީފާތައް ދިވެހި ޅަޒުވާނުންނަށް ކަމުދާނެ ގޮތަށް ބައްޓަންކުރަންއެބަޖެހެއެވެ. މިފަދަބަދަލެއް ފަރުމާކުރުމަށް ވިސްނުންބަހައްޓަވާލައްވަން ޖެހޭނީ އުފެއްދުންތެރިކަމަށް އުނިކަމެއް ނާންނާނެގޮތަކަށެވެ.

ޒުވާނުން މަސައްކަތަށް ނެރުމަށް އަޅުގަނޑުމެންގެ މާހައުލާއި އެމީހުންގެ ތަބިޢަތު އެބަބަދަލުކުރަންޖެއެވެ. އަޅުގަޑުމެންގެ ޒުވާނުންގެ ހިތުގައި ވަޒީފާގެ މުހިންމުކަމާ އަދި ވަޒީފާގައި ދެމިތިބުމަށްވެސް ބާރުއަޅަން ޖެހެއެވެ. މިގޮތުން އަޅުގަނޑުމެން ފައްޓައިގަންނަން ޖެހެނީ ވަރަށް އަސާސީ ހިސާބަކުންނެވެ. ވަޒީފާގެ ހޭޑިފޭޑި ފެއްޓޭ ހިސާބަކީ އަނެއް ދުވަހު ވަޒީފާއަށް ނިކުތުމަށް ވާންޖެހޭ ތައްޔާރީތަކާ ހިސާބުންނެވެ. ވަޒީފާގައި އުޅުއްވާ ބޭފުޅުން ރޭގަނޑުގެ ހަމަނިދި ލިބިގަންނަން ޖެހޭ ހިސާބުންނެވެ. ހާއްޞަކޮށް އަޅުގަނޑުމެންގެ ޒުވާނުން ރޭގަނޑު ނިންދަންވަން އެބަޖެހެއެވެ. ޕްރޮފެޝަނަލް ކުޅުންތެރީން އަނެއް ދުވަހުގެ ޕްރެކްޓިސްއަށް ދިއުމަށް ހަމަ ނިދިބޭނުންވާފަދައިން ވަޒީފާއަދާ ކުރާ ޒުވާނުންނަށްވެސް ރޭގަނޑުގެ ނިދި ހަމައަށް އެބަލިބެންޖެހެއެވެ. މިފަދަ އަސާސީ އާދަތަށް އަޅުގަނޑުމެންގެ ތަބިޢަތުގައި އާލާކުރެވިގެންނޫނީ ވަޒީފާ ރަނގަޅަށް އަދައެއް ނުކުރެވޭނެއެވެ. މާލެއަކީ ރާއްޖޭގެ ކެޕިޓަލް އަދި އެންބޮޑު ކޮމާޝަލް ސެންޓަރެވެ. މިތަނަށް ހިޖްރަކޮށް ދިރިއުޅުން ބިނާކުރަނީ މިތަނުން ލިބޭ ފުރުޞަތުގެ ސަބަބުންނެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މިލިބޭ ފުރުޞަތުތައް ހޯދުމަށް މަގުފަހި ކުރުމަށް މާހައުލު ވެސް އެބަބައްޓަން ކުރަންޖެހެއެވެ.